”އަޅާނުލާ! ދެން ދިޔައްޔޭ! ފަހުން ގުޅާނަން.“ އަފްޒަލް ދަމުން ބުންޏެވެ.

”އާނ! ތޭންކްސް.“ އާދަކާދައިގެ މަތިން ފަޒްލީ ބުންޏެވެ.

ޝުކުރު އަދާކުރާކަށް ފަޒްލީ ބޭނުމެއް ނޫނެވެ. ފަހުން ގުޅާނެ ކަމެއް ނެތޭ ވެސް ފަޒްލީ ބުނަން ބޭނުންވެއެވެ. އަފްޒަލަށް އަރައިފައިވާ އޮޅުން ފިލުވާލަން ފަޒްލީ ކިތަންމެހާ ވެސް ބޭނުމެވެ. އެ ކަން ނުކުރެވުނީ ފިނޑިކަމަކުން ނޫނެވެ. ވަގުތުގެ ގޮތުން ފަހަށް ލަސްކޮށްލީ އެވެ. އަލުން މަސައްކަތަށް އެނބުރި ގޮސް ހަމަޖެހިލިތަނާ ރިޝްފާ އައެވެ.

”ޖަމީލު ނެއްޓީ ދޯ؟“ ރިޝްފާ ވައިއަޑުން އެހިއެވެ.

”ނުޖެހޭނެ އޭނަ ރޭސްވާކަށް. މުސާރަ ދެނީ މަސައްކަތް ކުރީމަ. ދުވަހަކު ވެސް ހިލޭ މި ތަނުން މުދަލެއް ނުގެންދަން. އޭނަ ވަރަށް ބޭނުންވާނެ އަހަންނާ ދިމާލަށް އެއްޗެހި ކިޔަން. އަހަރެންނާ އަޅައިގެންފަ ހުންނާނީ.“ ފަޒްލީގެ ޖަވާބު ވެސް ހަމަ އެހާ މަޑެވެ.

”އަޅައިގެންފައޭ ބުނީމަ މި ހަނދާންވީ. އެ އަފްޒަލް ވެސް ވަކި ދެރަތަ؟ އިރުކޮޅަކުން އަންނާށޭ ޖަމީލު ބުނީމަ ވެސް އަންގާލަނީ ހަމަ މި ވަގުތު ބައްދަލުކޮށްފަޔޯ ދެވޭނީ. ހީވަނީ ފަޒީގެ ފިރިމީހާހެން.“ ރިޝްފާ ބުންޏެވެ.

”އެހެންވާނެއެއްނު. އަހަރެން އޭނަޔާ އިނދެއްޖެއްޔާ ހުޅަނގު ފަރާތުން އިރު ވެސް އަރާނެ.“ ފަޒްލީ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

”އަހަންނަށް ވެސް ޔަގީނޭ ފަޒްލީ އޭނަޔަކާ ނީންނާނެކަން. އެކަމަކު އޭނަ އެހެރީ ރަންބިމުގައި. ފަޒްލީ ތަންކޮޅެއް ސީރިޔަސްކޮށް އޭނައަށް ވިސްނައިދީ. އެހެން ނޫނީ އޭނައަށް ހައްތަހާ މަގު އޮޅޭނީ. ފަހުން ވަރަށް އުނދަގޫވާނެ ސަލާމަތްވާން.“

ރިޝްފާ ވާހަކަ ދައްކަމުން ގެންދިޔައިރު ފަޒްލީ ފޮޓޯތައް ބަލަމުން ގެންދިޔައެވެ. އެހެން މީހެއްގެ އަތުގައި އޮތުމަށް ހިތްހަމަނުޖެހޭވަރުގެ ރީތި ފޮޓޯތައް އެ އުރައިގައި ހުއްޓެވެ. އެކަމަކު ނެގެޓިވެއް ނެތެވެ.

”ސަލާމަތްވާން ފަހުން އުނދަގޫވިޔަސް އަދި ނެތް ސަލާމަތްވެވޭކަށް. ނެގެޓިވެއް ނެތޭ! ދޫކޮށްލެވޭ ވަރަށް ވުރެ މުހިންމު އެ ނެގެޓިވްތައް. ފުރަތަމަ އޮތީ އެ މަސައްކަތް.“

”ދުވަހަކު ވެސް ތި މަސައްކަތެއް ކާމިޔާބެއް ނުވާނެ. މިހާރު ކިހާ ދުވަހެއް ވެއްޖެ!“ ނަޖްމާ ބުންޏެވެ.

އާދައިގެ މަތިން ނަޖްމާ އިނީ އަފްޒަލަށް ބަތް މޮޑެދޭށެވެ. އަފްޒަލަކީ މަންމަގެ ބަސްއަހާ ދަރިފުޅެވެ.

”މަންމާ! ޓަސްލާފަ ކިހިނެއް މީހަކާ އިންނާނީ؟ މަންމަ ބޭނުންވަނީ މާލޭގަ ގެދޮރުހުރި ކުއްޖެއް. ރީތިވާންޖެހޭ! ވަޒީފާއެއްގަ އުޅެންޖެހޭ! ދީންވެރިވާންޖެހޭ! އާ ކުއްޖަކަށްވާންޖެހޭ! ގެވެހިވާންޖެހޭ! ހުރިހާ މޮޅެއް ނުލިބޭނެ.“

އެ ވަގުތު އެ ތަނަށް ފިރާޤު އައެވެ. ދޮންބައްޕަ ފެނުމުން އަފްޒަލްގެ ހިތަށް ބިރުވެރިކަން ވަދެއެވެ. މާޒީގެ ނާމާން ހަނދާންތަކުން އަފްޒަލްގެ ނޭވާ ފުންވެއެވެ. ފިރާޤު އައިސް ނަޖްމާއާ މުހާތަބު ކުރިއެވެ.

”ބޯފެންފޮދެއް އަޅާލަބަލަ! މާ ފިނިއްޔާ ފިނި މަޑުކޮށްލާތި!“

ފިރާޤު އިށީނީ މޭޒުދޮށުގައެވެ. ފެންތަށި ތައްޔާރު ކުރުމަށް ޓަކައި ނަޖްމާ އަވަސްއަވަހަށް ބަތްތަށި މޮޑެ ނިންމައިލިއެވެ. އެކަމަކު ވަގުތު ނެގިއެވެ. އަފްޒަލް އިނީ ފިރާޤާ ހަތަރުކަޅި ހަމަނުކުރެވިފައެވެ.

”ހާދަ މަދުން ކާ ފަހަރެއް.“ ފިރާޤު އަހައިލިއެވެ.

އަތް ދޮވުމަށް ޓަކައި ނަޖްމާ ހިނގައިގަތެވެ. ދަމުން ދަމުން ބުންޏެވެ.

”ފިރާޤު އުޅޭނެ އަބަދު ވެސް އަފްޒަލަށް ކާން ނުދެވިގެން. މި ޒަމާނުގެ ކުދިންނަކީ ކައިގެން ބޮޑެތިވާ ބައެއް ނޫނޭ. ބަނޑަށް ހުންނަން ޖެހުނަސް އެމީހުން ބަލާނެ ހަށިގަނޑު ރީތިކޮށް ބެހެއްޓޭތޯ. ދޯ ދަރިފުޅާ!“

”އެހެނެއް ކަމަކުނުދާނެ. ގެއިން ރަނގަޅަށް ނުކެވިއްޖެއްޔާ ދެން ދެވޭނީ ހޮޓާ ހޮޓަލަށް. އަފްޒަލަކީ އަހަރެންގެ ދަރިއެއް ކަމަށް އަހަރެން ދެކެނީ. އަބަދު ހޮޓަލަށް ދަންޏާ ހީވާނީ ގެއިން ކާން ނުލިބެނީޔޭ. އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް އަފްޒަލަށް އުނިވާކަށް.“ ފިރާޤުގެ ހިތުގައިވާ މަގާމު، އަފްޒަލަށް އަބަދު ވެސް އަންގައިދެއެވެ.

އަފްޒަލް ކާން ފެށިއެވެ. މަދުމަދުން ލަސްލަހުންނެވެ. ނަޖްމާ ފެންތަށި ގެނެސްދިނެވެ.

”އަހަނ! އެހެރީ އެއްކަލަ މާމުއި ފުޅި ނުވެސް ކަނޑާ.“ ތުނބުން ތަށި ނައްޓައިލަމުން ފިރާޤު ބުންޏެވެ.

”މީނަޔަށް މާ ނުބައި އެއްޗެކޯ..“ ނަޖްމާއަށް ބުނެވުނީ އެ ހިސާބަށެވެ.

”ނޫނޭ މަންމާ! އަހަރެން އެ ބޯނަން.“ މަންމަގެ ޖުމުލަ ހުއްޓުވުމަށް ފަހު، އަފްޒަލް ބުނެލިއެވެ.

ފިރާޤު ދިޔުމުން ވަރަށް މިނިވަންކަމާއެކު ނަޖްމާ ވާހަކަ ދެއްކިއެވެ.

”ދަރިފުޅާ! ބައްޕަ ފެނުނީމަ ދަރިފުޅަށް ތި ވާގޮތެއް މަންމައަކަށް ނުވިސްނުން.“

”އަހަރެން އެ ބައްޕައަށް ވެސް ވަރަށް ގަދަރުކުރަން. އިހުތިރާމު ކުރަން.“ އަފްޒަލް އިނީ އިސްޖަހައިގެންނެވެ.

ފިރާޤާ ހަތަރުކަޅި ހަމަކުރަން އަފްޒަލް ޖެހިލުންވާން ޖެހުނީ ސަބަބެއް ނެތިއެއް ނޫންކަން ނަޖްމާއަށް ވިސްނުނެވެ. ސަބަބު ވެސް ނަޖްމާއަށް އެނގޭ ކަހަލައެވެ.

”ދަރިފުޅު ބިރުގަންނަނީ ދޯ؟“ ނަޖްމާ އެހިއެވެ.

ހަގީގަތް ކިޔައިދޭކަށް ދުވަހަކު ވެސް އަފްޒަލް ބޭނުމެއް ނުވާނެއެވެ. އެއީ ހިތުން ފުހެލަން ބޭނުންވެފައިވާ ސަފުހާއެކެވެ. ބިރުވެރި ހާދިސާއެކެވެ. ލަދުވެތި މަންޒަރެއް ވެސް މެއެވެ. މިހާރު އަފްޒަލް ވެސް ޚުދު އަފްޒަލްގެ ހިތާ ސުވާލު ކުރެއެވެ. އެއީ ކީއްވެގެންވީ ކަމެއްބާއެވެ؟ ކިހިނެއް ރޭވުނު އިއްތިފާގެއްބާއެވެ؟ އަފްޒަލަށް ލިބުނު ހިތްހަމަޖެހުމަކީ މިއަދާ ހަމަޔަށް ވެސް މަންމައަށް އެ މާޒީގެ އެއްވެސް ޚަބަރެއް ލިބިފައި ނުވުމެވެ. އެއީ ވެސް ހަމަ ނަސީބެކެވެ.

”އެހެން ވާހަކައެއް ދައްކަބަލަ! އަހަރެން ބުނަން އުޅުނީ މަންމައަށް އަތްގާތްކޮށްލަދޭނެ މީހަކު މި ގެޔަށް އަންނާކަށް ދެން މާ ގިނަ ދުވަހެއް ނެތޭ.“ އަފްޒަލް މައުލޫ ބަދަލުކުރިއެވެ.

އެއީ އަފްޒަލް ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ގޮނޑިން ތެދުވެވުނުއިރު ވެސް ނަޖްމާއަކަށް ނޭނގުނެވެ.

”ހަމަޖެހިބަލަ ހަމަޖެހިބަލަ! އިށީނދެބަލަ!“ ނޫމާ ބުންޏެވެ.

ފަޒްލީ އަނެއްކާ ވެސް އިށީނެވެ. އެ ވަގުތު ދެތިން މީހަކު ފިހާރައަށް އައުމުން ނޫމާ އެ ދިމާއަށް ދިޔައެވެ. ފަޒްލީ އިނީ ފައިސާ ބަލައިގަންނަ ކައުންޓަރުގައެވެ. ފިހާރަޔަށް ވަން މީހުން ނުކުމެގެން ދިޔައީ އެއްޗެއް ނުގަނެއެވެ.

”އޭސީ ކޮށްފަ ހުރީމަ ފިނިކޮށްލާށޭ އެ ވަންނަނީ!“ ނޫމާ ހުރީ ހިތްހަމަނުޖެހިފައެވެ.

”ދެން ބުނެބަލަ! މި ރޭތަ ހަމަ ސަންޖޭއަށް އަހަރު ފުރެނީ؟ ކިހިނެއް ނޫމާއަށް އެނގުނީ؟“ ފަޒްލީ ގަޔާވެލައިފައި އެހިއެވެ.

”ރިޝްފާ ވެސް މިރޭ ނާދޭ ދޯ؟“ މަޖަލަކަށް ނަމަވެސް ފަޒްލީ ތަޅުވާލަން ނޫމާ ބޭނުންވިއެވެ.

ފަޒްލީއަށް އެ ކަން އިހުސާސްވެގެން އިތުރަށް އެއްޗެއް ނާހަން ވަރަށް ހިތްވަރު ކުރިއެވެ. އެންމެފަހުން ފަޒްލީ ބުންޏެވެ.

”އަޅެ އަޅެ! ހެޔޮނުވާނެ ތިހެން ހަދަން. އަހަރެން ވަނީ ވަރަށް ސަޅި ޕްރެޒެންޓެއް ފޮނުވާހިތް. ލޯބި ހޯދަން މިއަށް ވުރެ ރަނގަޅު ޗާންސެއް ނުލިބޭނެ.“

”އަހަރެން ފަޒީ ގާތުގަ ސަންޖޭގެ އުފަން ދުވަސް ބުނާނަން. އެންމެ ބޭނުމަކަށްޓަކާ. ފަޒީ ޖެހޭނެ އަފްޒަލް މަތިން ހަނދާންނައްތާލަން. އޭނަޔާ ވާހަކަ ވެސް ދައްކައިގެން ނުވާނެ.“ ނޫމާގެ ރާގުގައި ވަނީ ސީރިއަސްކަމެވެ.

ފަޒްލީ ވެސް ހަމަ އެހާ ސީރިޔަސް ވިއެވެ. ހައިރާން ވެސް ވިއެވެ.

”އަހަރެން އެ މީހާ ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވާނަން. އެ ނެގެޓިވްތައް އަތުލާފަ ދަންނަ ކަމަށް ވެސް ނުހަދާނަން. އެކަމަކު ބޭނުން އަހާލަން ކީއްވެގެންތޯ ނޫމާ ތިހާ ސީރިޔަސްވީ؟ ކީއްވެގެންތޯ ތިހެން ތިބުނީ.“

ނޫމާއަކަށް ޖަވާބެއް ނުދެވުނެވެ. އަނެއްކާ ވެސް ފިހާރައަށް ބަޔަކު ވަނެވެ. ދެތިން މިނެޓަށް ފަހު، އަނެއްކާ ވެސް ނޫމާ އައެވެ.

”ބުނެބަލަ!“ ފަޒްލީ އެދުނެވެ.

”ވަރަށް މުހިންމުތަ؟“ ނޫމާ އެހިއެވެ.

”ނުސީދާކޮށް ވަރަށް މުހިންމު. ހިތަށްއަރަނީ ސަބަބު ހޯދާލާނަމޭ.“ ފަޒްލީ ބުންޏެވެ.

ނޫމާ ޗޮކެއް ކަނޑައިލިއެވެ. ފަޒްލީ އަޖައިބުވަނީ ނޫމާ ފަސްޖެހެމުންދާތީއެވެ.

”ފަޒީއަކާ ނުވެސް ގުޅޭ އޭނައެއް. ވަރަށް ސަކަރާތް މީހެއް އެއީ.“ ނޫމާ ކުރުކޮށް ބުނެލިއެވެ.

”ބުނަން ތި އުޅޭ އެއްޗެއް އަދިވެސް ނޭނގުނު.“ ފަޒްލީ ކުރެއް ނުކުރިއެވެ.

ވަރަށް ހިތްވަރުކޮށްފައި ނޫމާ އެއް ޖުމްލައިން ބުނެލިއެވެ. ފަޒްލީ ދިޔައީ ސިއްސައިގެންނެވެ.

”އައްޗި! ހަމަ ތެދެއް؟“ ފަޒްލީއަށް އެހުނެވެ.

”ހަމަ ރަނގަޅަށް. ތަފުސީލު ބޭނުންތަ؟“ ނޫމާ އަތުގައި ހެކި ވެސް ހުއްޓެވެ.

”ދެން ހެޔޮ! އެހެން ނޫނަސް މަށަށް ކަމުދާ އެއްވެސް ސިފައެއް ހުރި މީހެއް ނޫން އެއީ. މިހާރު މާ ބޮޑަށް ފޫހިވެއްޖެ! ދެން އެ ވާހަކަ ނުދައްކާ. ސަންޖޭގެ ވާހަކަ ދައްކަބަލަ!“

”ބަލަ މިރެޔޭ، އޭނަޔަށް ޓުވެންޓީ ޓޫ ފުރެނީ.“ ނޫމާ ބުނެދިނެވެ.

”އަވަހަށް ބުނޭ ”ރިގާޑްސް“ގެ ނަންބަރު. ސަޅި މާބޮނޑިއެއް ހަދާލަންވާނެ.“ އޭރު ފޯނުގެ ރިސީވަރު އޮތީ ފަޒްލީގެ އަތުގައެވެ.

”ބޮކޭއެއް އެކަނިތަ ފޮނުވާނީ؟“ ނޫމާ އެހިއެވެ.

ވަރަށް ރީތި ރަތް ފިނިފެންމަލުގެ މާބޮނޑިއެއް އެ ވަގުތު ފަޒްލީއާ ދިމާއަށް މީހަކު ދިއްކޮށްލިއެވެ. ނޫމާއަށާއި ފަޒްލީއަށް ވެސް ފުރަތަމަ ލިބުނީ ޝޮކެކެވެ. ކުރިމަތީގައި ހުރީ ފަޒްލީ ދަންނަ މީހެއް ނޫނެވެ.

”ހިފާ!“ ނޫމާޔަށް ކަމަށް ހީކޮށް ފަޒްލީ ބުންޏެވެ.

”ކީއްކުރަން މަ ހިފަނީ؟ އެއީ މަށަކަށް ނޫނޭ.“ ނޫމާ ހެވިފައި ބުންޏެވެ.

”މަށަކަށް ވެސް ނޫނޭ.“ ފަޒްލީ އޭގައި ހިފަން އިންކާރުކުރިއެވެ.

”ކާކަށް ގެނައި އެއްޗެއް؟“ ދެ މީހުންނަށް އެއްފަހަރާ އަހައިލެވުނެވެ. އެކަކަށް ވެސް ހިފާކަށް ނުކެރުނެވެ.

”ފަޒީ ނުވަތަ ފަޒްލީއަކީ ކާކު؟ އެ މީހަކަށް ފޮނުވި އެއްޗެއް މީ.“ ނުދަންނަ މީހާ ބުންޏެވެ.

”ކީއްކުރަން މަށަށް ފޮނުވި އެއްޗެއް ތީ؟“ މާބޮނޑީގައި އަތްނުލައި ހުރެ ފަޒްލީ އެހިއެވެ.

”އަޅުގަނޑެއް ނޫނޭ ފޮނުވީ! އަޅުގަނޑު މީ ޕިޔޯނު. ފޮނުވި މީހާ އިރުކޮޅަކުން ގުޅާނެ.“

މާބޮނޑި ބޭއްވުމަށް ފަހު ވަރަށް ހަލުވިކޮށް ހިނގައިފައި އެ މީހާ ނުކުތެވެ. ދެ މީހުން އެކަކުއަނެކަކަށް ބަލައިލިއެވެ. ފަޒްލީ މާބޮނޑި ނެގިއެވެ. ބިއްލޫރި ދޮރުތަކުން ބޭރު ބަލައިލިއެވެ. މާބޮނޑިއެއް ފޮނުވި ފާޑުޖަހާ އެކަކު ވެސް ނެތެވެ.

”ސަޅި ބޮކޭއެއް. އެކަމަކު، ކާކު ކީއްވެގެން އަހަންނަށް ފޮނުވި އެއްޗެއްބާ މިއީ؟“ ފަޒްލީ ވަރަށް އަވަހަށް ކަލަންޑަރު ބަލައިލިއެވެ.

”ގައިމު ވެސް މަށަކަށް ނޯޅޭ. މީ މަގޭ ބާތުޑޭއެއް ނޫން.“ ފަޒްލީ ބުންޏެވެ.

އެ ވަގުތު ފޯނު ރަނގަބީލުވިއެވެ. ނޫމާގެ އިޝާރާތުން ފޯނު ނެގުމަށް އެންގިއެވެ. ފަޒްލީ ވިސްނައިލިއެވެ. ފޯނު ނުނަގާ ގިނައިރުވުމުން ފިހާރައިގައި ތިބި އަނެއް ދެ ކުދިން ވެސް އައެވެ. އެކަކު ވެސް ފޯނު ނުނެގުމަށް ނޫމާ އެންގިއެވެ.

”ކީއްތަ ތި ކުރަނީ؟“ އަނބުރާ ދަމުން އެއް ކުއްޖަކު ބުންޏެވެ.

ފަޒްލީ ފޯނު ނެގިއެވެ. ވަރަށް ފަރުވާތެރިކަމާ އެކުގައެވެ.

”ހަލޯ!“ ފަޒްލީ ވާހަކަ ދެއްކިއެވެ.

”ހަލޯ! ހެޕީ ބާތުޑޭ.“ ފިރިހެން އަޑަކުން ޖަވާބުދިނެވެ.

”ތީ ކާކު؟“ ފަޒްލީއަކަށް ނޭނގުނެވެ.

އޭރު ނޫމާ އަތުން އަހަމުން ގެންދިޔައީ ކާކުތޯއެވެ. ފަޒްލީ ވެސް އަތުގެ އިޝާރާތުން ޖަވާބުދިނީ ނޭނގޭ ކަމަށެވެ.

”ކިހާ ދެރަ! މަ ވެސް ނޭނގުނު؟“ އެ މީހަކުގެ ހިތް މަރުވިއެވެ.

”މަށަށް މާ ދެރަ ތި މީހަކަށް އަހަރެންގެ އުފަން ދުވަސް ނޭނގުނީތީ. އަހަންނަށް ދެރަވަނީ އަތުން ފައިން ގޯސް ހެދޭއިރު ވެސް އަހާނުލާތީ!“ ފަޒްލީ ސަމާސަކޮށްލިއެވެ.

”އޭ މީ މަށޭ! ނޭނގުނުތަ؟ އަފްޒަލް!“ އަފްޒަލް ބުންޏެވެ.

އެހެން ބުނީމާ ފަޒްލީއަށް ވެސް އަޑު ވައްތަރު ވެއްޖެއެވެ. އެކަމަކު ހާހެއް ނުވިއެވެ.

”އަސްލު ވެސް ފަޒީގެ ބާތުޑޭއެއް ނޫންތަ މާދަމައަކީ؟“ އަފްޒަލް އެހިއެވެ.

ފަޒްލީ ހުރީ އަފްޒަލް މަތިން ވަރަށް ފޫހިވެފައެވެ. ތެދަށް ބުނެފައި ބާއްވަން ވެސް ފަޒްލީ ހިތަށްއެރިއެވެ. މައްސަލައަކީ ފަޒްލީ ބޭނުންވެފައިވާ ނެގެޓިވްތަކެވެ. އަފްޒަލް އަތުގައި އެންމެ މިނެޓަކު ވެސް އެ ބަހައްޓާކަށް ފަޒްލީ ބޭނުމެއް ނުވެއެވެ.

”އެއީ ދޮގެއް. މާދަމައަކީ ހަމަ މަގޭ ބާތުޑޭ. ކިހިނެއް އަފޫއަށް އެނގުނީ؟“ ފަޒްލީ ރާގު ބަދަލުކޮށްލިއެވެ.

”ހުރިހާ މައުލޫމާތެއް ހޯދިގޮތަށް އެ ވެސް ހޯދޭނެއެއްނު.“ އަފްޒަލް ހުރީ ރަނގަޅަށް ވާވަދެފައެވެ.

”އަޅެ! ހާދަ ގަދައޭ! އަފޫގެ ތި ކެއާ ކުރުން އަހަރެން ވަރަށް ފާހަގަކުރަން. ކިހާ ލޯބި ގޮތްގޮތަށް ތި ވިޝް ކުރަނީ. އަހަންނަށް ލިބުނީ ސަޕްރައިޒެއް. އެންމެން އުޅޭ މާބޮނޑި ރީތިވެގެން. ދެރަވީ އޭރު އަހަންނަކަށް ވެސް އެނގިފައެއް ނެތް އެއީ އަފޫ ފޮނުވި އެއްޗެއް ކަމެއް.“ ފަޒްލީ ބޭނުންވީ އަފްޒަލް ހައްދައިލާށެވެ.

”މިހާރު އެނގިއްޖެއެއްނު! ދެން ކިހިނެއް ހަދާނީ؟“ އަފްޒަލް ހުރީ ހެއްދިފައެވެ.

”އެންމެން ގާތުގަ ބުނާނީ އަފޫއޭ ފޮނުވީ.“ ފަޒްލީގެ ބޭނުމަކީ އަފްޒަލް ހެއްދުމެވެ.

”އޭރުން؟ މީހުން މަލާމާތްކުރާނެ.“ އަފްޒަލް ވަރަށް ސީރިޔަސްއެވެ.

”ކީއްވެ؟“ ފަޒްލީ އެހިއެވެ.

”އަހަންނާ ފަޒީއާ ނުގުޅޭތީ.“ އަފްޒަލް ވަރަށް ޖަޒްބާތީ ވިއެވެ.

ފަޒްލީ ވަރަށް ހުސިޔާރުކަމާއެކު މަޅިފަތި ޖެހިއެވެ. ރޮދި ނުފެނި ހަމައެކަނި ކާއެތިކޮޅު ފެންނާނެ ގޮތަށެވެ. ފިރިހެނުންގެ ހިތް ފަސޭހަކަމާއެކު ފަތަހަކުރަން ފަޒްލީ ދަނެއެވެ. (ނުނިމޭ)