އޭނާއާ ފިޔަވަޅެއް ގާތުގައި އައިސް މަޑުކޮށްލި އެ މީހަކީ އިތުރު ދެ ވަނަ މީހެއް ނޫނެވެ. އެއީ އޭނާގެ ގެއްލިފައިވީ ބައްޕަ އެވެ. ނަމަވެސް ހިތަށް ވެރިވީ ދެން ވެސް އިތުރު ބިރުވެރިކަމެވެ. ކުރިމަތީގައި ހުއްޓި ހުރި މީހާގެ ކިބައިގައި ހަމަ އެއްވެސް އަސްލެއް ނުވާކަން އެނގޭތީ އެވެ.
އޭނާ ކުރިއަށް ނެގި ފިޔަވަޅު ހުއްޓުނީ ކޮޓަރީގެ ބޭރުން އިވެން ފެށި ހޭލަމޭލައިގެ އަޑަށެވެ. މީހަކު އައިސް ފަހަތުގައި ހުއްޓުނު އަޑަށް އަންހެން މީހާ އެނބުރި ބަލާލީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. އެވަގުތު އެތެރެއަށް ވަދެގެން އައީ ޚާދިމުންގެ ޒުވާން ދެ އަންހެން ކުދިންނެވެ.
ކޮޓަރި ތެރޭގައި ގަބުވެފައި ހުރި އަންހެން މީހާ އަލުން ކުޑަދޮރާ ދިމާލަށް އެނބުރުނުއިރު އެތަނުގައި މިހާރު މީހެއްގެ ހިލަމެއް ވެސް ނެތެވެ. އެތެރެއަށް ވަދެގެން ދިޔަ އަންހެން ކުއްޖާ އެ ދޮރުފޮތިގަނޑު ކަހައި ނިވައުކޮށްލި އެވެ. އަނެއް ކުއްޖާ އޭރު އުށްބައްތިތަކުގައި ރޯކުރަނީ އެވެ.
ކޮޓަރި ތެރެއަށް ވެރިވެގަތް އަލިކަމާ އެކު އަންހެން މީހާ އަށް ލިބުނު ޚަބަރަކީ ވަލީއަހުދު ބަޒާން އޭނާއާ ބައްދަލުކުރަން ތައްޔާރުވެފައިވީ ޚަބަރެވެ. ނަމަވެސް އެއަށް ވުރެ ބޮޑު ސަމާލުކަމެއް ދެވުނީ ކަނާތުގެ އަތުކުރީގައި ނޫފައިގެން ހެދިފައިވާ ނިޝާންތަކަށެވެ. އެއީ ވެވުގެ ފެންގަނޑު ތެރެއިން ފެނުނު މީހާ ހިފައި ބާރުކޮށްލި އަތެވެ.
ފަޖުރުލީއިރު ވެސް އަންހެން މީހާ އޮތީ އެ އަތާ ދިމާލަށް ބަލަހައްޓައިގެންނެވެ.
** ** **
އަރަން ފެށި އިރުން އުކަން ފެށި ތޫނު ދޯދިތައް ރަށުގެ ހުޅަނގު ބިތުގެ އުދަރެސް ފަޅާލާފައި ނުކުތުމާ އެކު އާ ދުވަހަކަށް އަމާން ދެމުން ފަތިސްތަރި ފަނޑުވެ ފިލައިފި އެވެ. އެ ދޯދިތައް ތީރުތަކެއް ފަދައިން އިސްމިޑޫގެ ރަށުތެރެ ތޮރުފަމުން ގޮސް ފަޅުތެރެއިން ދަޅައަޅުވަން ފެށިއިރު އެ ދިމާލަށް ގާތްކޮށް ނަގިލި ލަމުން ދާ ފަސް ވަރަކަށް އޮޑި ފެނެ އެވެ.
އެ އޮޑިތަކުގައި ކަހަމުން ދިޔަ ހުދުކުލައިގެ ބޮޑެތި ހަތަރެސްކަން ރިޔާތަކާ ދޯޅުވަމުން ދިޔަ ދޮންދީނި ބައިގަނޑެއް އެ ދިމާލުގައި ބުރުޖަހައި ފޫހިވެގެން ރަށާ ދިމާލަށް އެނބުރިގަތްއިރު ކަލާސީންގެ ފަލިބޮއްކުރާތައް ވަނީ އެ އޮޑިތަކާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ.
ފޫކޮޅު ފުޅާ އެ އޮޑިތަކުގައި ވަނީ ހަނޑުލާއި ހަކުރެވެ. ފުށާއި ފަށުއި އާއި ކަފަ އެވެ. އެއީ ސުވާދީޕާގެ ތަހުތާ ވިޔަފާރީގެ ގުޅުން ބަދަހިކޮށްފައިވާ ގައުޑާ ތަހުތުގެ ސެނާ ޚާންދާނަށް ވަފާތެރި ބަންގާޅުގެ ލާނގާ ވިޔަފާރިވެރިންގެ ގުރާބުތަކެވެ. ކާޑުގެ ބާވަތްތަކާއި އަންނައުނަށް ބޭނުންކުރާ މުދާތަކުން ބަރުކޮށްގެން ކޮންމެ އަހަރަކުވެސް މި ގުރާބުތައް އިސްމިޑޫ އަށް އަންނަ ދުވަސްވަރު ފެށުނީ އެވެ.
ސުވާދީޕާގެ ކަނޑު ފަޅުތަކާއި ވިލުތަކާއި ފަރުތަކުގައި ފޮރުވިފައިވާ ހަޒާނާގެ ޗާޓުތައް ކުރަހައިގެން ސަމުގާއިން ލޯ އަޅަމުން އެ ޖަޒީރާ ރަށްތަކަށް މި ދުވަސްވަރު ދަތުރުކުރާ ބަޔަކީ ހަމައެކަނި ބަންގާޅުގެ މި ވިޔަފާރިވެރިން އެކަންޏެއް ނޫނެވެ. އަސޭކަރަ އާއި ސީނުކަރައިގެ އޮޑިތައް ވެސް އާދެ އެވެ. މަލާބާރާއި އަރަބިކަރައިގެ ސައުދާގަރުންގެ އޮޑިތަކާއި ބަބުރުކަރައިގެ ބޮޑެތި މަހުޖަނުންގެ އޮޑިތަކަށް ވެސް އިސްމިޑޫވެފައި ވަނީ އެކުވެރި އަދި އަރާމު، އަގުބޮޑު ހާއްޔަކަށެވެ.
އެމީހުން ދަހިވެތިވެ ދެވިހިފާފައި ވަނީ ސުވާދީޕާގެ ފަރުތަކުން ފެންނަ ރަނާއި ރިހީގެ ކުދި ބޮއްޔަށެވެ. މި ކުދިބޮއްޔަކީ ދުނިޔޭގެ އެހެން އެއްވެސް ހިސާބަކުން ފެންނަ ހަޒާނާއެއް ނޫނެވެ. މި ބޮއްޔަށް އެންމެ ބޮޑަށް ބަރޯސާވެ ދެވިހިފާފައި އޮތީ ބަންގާޅުގެ ގައުޑާ ތަހުތެވެ. އެމީހުންގެ އެންމެ އާދައިގެ މުއާމަލާތްތަކުން ފެށިގެން ގޮސް އެންމެ އަގުބޮޑެތި ބާޒާރުތަކުގައި ވެސް ފައިސާގެ ގޮތުގައި ދައުރުކުރަމުންދާ އަގުބޮޑު ރައުސްމާލަކީ މި ރަންރިހީގެ ކުދި ބޮއްޔެވެ.
އެހެންކަމުން ބަންގާޅުން ސާގީސާގެ ތަހުތަށް ފޮނުވާ ކާޑާއި މުދާތައް އެހެން އެންމެނަށް ވުރެ އަބަދުވެސް ގިނަ އެވެ.
ލާނގާ ވިޔަފާރިވެރިންގެ މި ގުރާބުތައް ބަންގާޅަށް އެނބުރި ދާނީ ސުވާދީޕާގެ ރަށްތަކުގެ ފަރުފަރުތަކުން ހިލައިގެން އިސްމިޑޫގެ ތަހުތަށް ޖަމާކޮށްފައިވާ ކުދިބޮލީގެ ގޯނިތަކުން އެމީހުންގެ އޮޑިތަކުގެ ވަތްތައް ފުރާލައިގެންނެވެ. އެރި އިރާއެކު ކަލާސީންގެ ބޮއްކުރާތައް ފުލުފުލުގައި އެ ގުރާބުތަކަށް ގާތްކުރަމުން އެ ދަނީ އެހެންވެގެންނެވެ.
ނަމަވެސް ދެބައިލަޝްކަރުގެ ފާލަންތަކުގައި ވެސް ކަލާސީންގެ ކާރޫބާރު އޮތީ ބޮޑުވެފަ އެވެ. އެ ދިމާލުން ފެންނަނީ ހަތިޔާރުއަޅައިގެން ހަރަކާތެރިވަމުންދާ ކަލާސީންނެވެ. އެއީ ދެބައިލަޝްކަރީންގެ އިސް ގާއިދު އަދި ވަލީއަހުދު ބަޒާންގެ އަމުރަށް މުލަކުގެ ހާލަތު ދެނެގަތުމަށް ފުރަން ތައްޔާރުވަމުންދާ ސިފައިންގެ ފައުޖެކެވެ.
އެ އަރުމާދުގައި ހަނގުރާމައިގެ ރިޔާނަގައި ފުރަން ތައްޔާރުވަމުން ދިޔަ މަންޒަރު ބަލަން ބަޒާން މަޑުކޮށްލައިގެން ހުރީ އޭނާގެ އުސްގެކޮޅުގަ އެވެ. ބައްޕާފުޅުގެ މަރާއި މުލަކުގައި ހިނގައިގެން އުޅޭ ހާދިސާގެ ފިކުރުތަކާ އެކު އޭނާގެ ބޮލަށް ވަނީ ބަރުވެފަ އެވެ. ގަނޑުވަރު ތެރޭގައި ކެކެމުން ހޫނުވަމުންދާ ވާދަވެރިންގެ ޒުވާބުތަކާ އެކު ކޮނޑުގައި އެޅިފައިވާ ޒިންމާތައް އަދި ވަކިން ބަރެވެ.
ބޮމުން ގެންދިޔަ ގަހުވައިގެ ހޫނުކަން ކެނޑުމުން ސިލްވަރުގެ އެ ތަށި ދޫކޮށްލާފައި އޭނާ ހިނގައިގަތީ ކަނޑުމަތިން ހޮވައިގެން ގެނެސް ހުދުކޯރި އެޅި އަންހެން ކަންވެރިންނާ ހަވާލުކުރެވުނު މީހާގެ ޚަބަރެއް ހޯދުމަށެވެ. ކަންވެރިންގެ ކިޔެވެލިތަކަށް ފަހު ބޮޑުބަނޑޭރިގޭގެ އަށިގެއިން ނެރެގެން ވަލީއަހުދުގެ އަމުރަށް ގަނޑުވަރުގެ ކުޑަކޮޓަރިއަކަށް އޭނާ ބަދަލުކުރިތާ މިއީ ތިން ވަނަ ދުވަހެވެ. ނަމަވެސް އެ އަންހެން މީހާ އަކީ ކާކުކަން އެނގޭ ހަމަ އެކަކު ވެސް މި ކިއްލާ ތެރެޔަކު އަދިވެސް ނެތެވެ.
އޭނާއާ ވާހަކަ ދައްކައިގެން ވެސް މިހާތަނަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ.
ނަމަވެސް ލިބުނު ހަމައެކަނި ކުރިއެރުމަކީ މިއެ އެވެ. އެ އަންހެން މީހާގެ ކިބައިގައި އެއްވެސް ނުރައްކަލެއް ނެތުމެވެ. މީހަކަށް ގެއްލުމެއް އަނިޔާއެއް ދިނުމުގެ ވިސްނުމެއް އަދި އެދުމެއް ވެސް އޭނާގެ ނެތްކަން އެނގުމެވެ. އޭނާ އަކީ ސިހުރުވެރިއެއް ނޫންކަން ޔަގީންވުމެވެ. ކަނޑުމަތީ ދެޔޯއެއް އަވަލާފައިވީ މީހެއް ވެސް ނޫންކަމެވެ. އެހެންކަމުން އޭނާއާ އެކުގައި ގިނަ އިރު ހޭދަކުރަން ފާރަވެރިންނާއި ނޯކަރުން ވެސް މިހާރު ޖެހިލުމެއް ނުވެ އެވެ.
އޭނާ ކިޔަމަންތެރި އެވެ. ބަސް އަހަ އެވެ. ކާން ދިނީމަ ކަ އެވެ. ވެވަށް އެރި އަމިއްލަ އަށް ފެންވަރައި ރީތިވެ އެވެ. ނަމަވެސް އެ މޫނުމަތިން ހިނިތުންވުމެއްގެ ޒައްރެއް ވެސް ފައުޅެއް ނުވެ އެވެ. ދެ ލޮލުގައި ވަނީ ބުނެދޭން ނޭނގޭ ކަހަލަ ފުންކަމެކެވެ.
ބަނޑޭރިގޭގެ އިސް ބޭފުޅުން ވެސް ގޮސް އޭނާގެ ހާލު ބަލައި ހަދަމުން ގެންދެ އެވެ. އަދި އެންމެފަހުން ގަނޑުވަރަކަށް ދުވަހަކު ނިސްބަތްނުވިޔަސް ގަނޑުވަރެއްގެ ފިނިހިޔަލުން އޭނާ އަށް ކޮޓަރިކޮޅެއް ވެސް ހަމަޖެހި ނިމިއްޖެ އެވެ. ރަސްމަތިފުށަށް ނިސްބަތް ނުވެ ރަސްމަތިފުށުގެ އެންމެ އެތެރެ ކޮއިލަށް މަޑުމަޑުން ވަދެވެން ފަށައިފި އެވެ.
ނަމަވެސް ގަނޑުވަރެއްގެ ތެރޭގައި އޭނާ އަށް ގަދަރާއި ލޯތްބާއި އަޅާލުން ދެމުން ގެންދާ އެއިން ހަމަ އެއްވެސް މީހަކަށް އޭނާގެ ހިތުގައި އެއްވެސް އިތުބާރެއް ނެތެވެ.
އެންމެފަހުން އޭނާގެ ހާލު ބަލަން އަނެއްކާވެސް އެ ވަޑައިގަތީ ތަހުތުގައި ރެނދަލިކުރަން ތައްޔާރުވެފައިވާ ޒުވާން ވަލީއަހުދެވެ. މިއީ އެ އަންހެން މީހާ މި ކޮޓަރި އަށް ބަދަލުކުރި ރެ އަށް ފަހު ބަޒާން އޭނާގެ ގާތަށް ކުރާ ފުރަތަމަ ޒިޔާރަތެވެ. އެކަމަކު ފެންނަ ފެނުމަށް، ތަހުތަށް ނެތް ޝައުގުވެރިކަން އޭނާގެ ހިތުގައި އެ ވަނީ މި އަންހެން މީހާއާ މެދުގައި އުފެދިފަ އެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް ބަޒާން އެ ކޮޓަރީގެ ދޮރާ އަރައި ހަމަވިއިރު އެތަނުގެ ތެރެއިން ދެމެމުން ދިޔައީ ވިރި ހުސްވެ ނިވިފައިވީ އުށްބައްތީގެ ދުމާއި އޭގެ ވަހެވެ.
އެ ކޮޓަރިކޮޅަކީ ބަޒާންގެ މަންމާފުޅު ނަމާދުގެއެއްގެ ގޮތުގައި ކުރިން ބޭނުންކުރެއްވި ކުޑަ ކުޑަ ކޮޓަރި އެކެވެ. ފަހުން ނިދާ ކޮޓަރިއަކަށް ބަދަލުކޮށް އޭގެ ފަހުން މަންމާފުޅުގެ ހާއްސަ ހާދިމުން ވެސް އެ ކޮޓަރީގައި ނިދައި އުޅުނެވެ. މި ކޮޓަރި ނިސްބަތްވަނީ ގަނޑުވަރުގެ އިރުމަތީ ބިތަށެވެ. އެ ބިތުގެ ރަސްމީ ނަމަކީ ރެހެންދިވިލާ އެވެ. އެއީ ގަނޑުވަރުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ހިސާބެކެވެ. ވަކިން ހާއްސަކޮށް ބަޒާންގެ މަންމާފުޅު ރެހެންބާރަށް ހާއްސަވެފައިވީ ގެކޮޅުތައް ގާއިމުކޮށްފައިވާ ތަރަހައްދެކެވެ.
އެ ކޮޓަރީގައި މިހާރު ދޮރުފަތެއް ނެތެވެ. އެތަނުގައި ކުރިން ހަރުކޮށްފައި ހުރި ހުދުހައިވަކަރުގެ ދޮރުފަތް ނަގައި ހިރިގަލުގެ ދޮރުކަނީގައި މިހާރު ހަރުކޮށްފައި ވަނީ ހުދު ރޭނދާގެ ތުނި ފަރުދާ އެކެވެ. ކޮޓަރީގައި ހުރި ހަމައެކަނި ކުޑަދޮރުން ވަދެފައިވާ އަލިން ދިއްލިފައި އޮތް އެ ކޮޓަރިތެރޭގެ މާހައުލު ވަރަށް ރީއްޗަށް އެ ފަރުދާގެ ތެރެއިން ފެނެ އެވެ.
އެންމެ އެތެރެއިން ފެންނަނީ ކަޅުވަކަރުގެ އެނދެކެވެ. ބާލީސް ދަށަށް ނުވަދެވިފައި އޮތް ރިހިކުލައިގެ އުނަގަނޑު ފައްޓަރަކާ މައްލަވަކުރަމުން ދިޔަ އިރުގެ ލާނެތް ދޯދިތައް އެ އެނދުމަތިން ދަޅަ އަރުވަމުން ގެންދެ އެވެ. އެނދުގެ މަތީގައި ހަރުކޮށްފައި އޮތް ވަށް މަދިރިގޭގެ ފޮތިގަނޑު އޮތީ އޮޅައި ގޮށެއް ޖަހައި އައްސައިފަ އެވެ. ހީވަނީ އެނދުގެ މެދަށްވާ ގޮތަށް އެތަނުގައި އެލުވާފައި އޮތް މަންދީލަ ބައްތިއެއްހެންނެވެ.
އެނދު ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހަރުފާރޮށީގެ ހަތަރު ކިބަ އޮތެވެ. އަތް ނުލައި ފިނިވެ ހިމޭންވެފައި ހުރި ސައި ތައްޓެއް ވެސް އެތަނުގައި ހުއްޓެވެ. ހެނދުނުގެ ސަޔަށް ފޫހިވެ ފުރަގަސްދީގެން ހުރި އަންހެން މީހާ މަޑުކޮށްލައިގެން އިނީ ކުޑަދޮރު ކައިރީގަ އެވެ. އެދިމާލުން ތޮރުފަމުން ދިޔަ އިރުގެ ދޯދިތަކުން އަރާމު ލިބޭ ހިސާބުގައި ކަޅުވަކަރު ގޮނޑިއެއް އަޅައިގެންނެވެ. ހުދުހައިވަކަރުގެ ކުޑަދޮރުގެ ތިރީ ކަނީގައި ކުރުއަތްމައްޗަށް އޮށޯވެލައިގެންނެވެ.
ގޮނޑީގައި އިށީނދެ އިންގޮތުން އޭނާގެ ލިބާސް ވަނީ އެ ފަތިހަށީގައި ތަތްލައިފަ އެވެ. އޭގެ ފަސްބައި ވަނީ ދެ ފަރާތުން ވެސް ކަކުލާ ހަމަ އަށް ހިއްލިފަ އެވެ. ދޮންވެ ފައްކާވެފައިވީ ހެޔޮވަރު އަނބެއްހެން ހީވާ ދެ ކުޑަކަޅުވާ އާއި އޮމާން ކަށިމަތި ވަނީ ހެނދުނުގެ ދޯދިތަކާ އެކު ރަންކުލަހެން ދިއްލިފަ އެވެ.
އެއް ފައި މަތިން އަނެއް ފައި ވައްޓައި ދޫކޮށްލާފައި އޮތްއިރު ދޮންވެފައިވީ ފަލަމަސްގަނޑު ކިރިޔާ ފެންނަނީ އެވެ.
އޭނާގެ ދެ އަތް ވެސް ވަނީ އަވީގެ އަސަރުގައި ދިއްލިފަ އެވެ. އެ ހަށިގަނޑުގައި ދެމެމުންދާ ލޭގެ ކުލަ ހީވަނީ ދޮންވެގެން ފޭދެމުންދާހެންނެވެ. ބުރުސޫރަ ރިވެތި ސަމައްތަރު ހެޔޮ އެ ހަށިގަނޑުން ދުވާލުގެ އިރު ފަދައިން ނިސްވާނީކަން އަނދަމުން ވިރެމުން އެ ކޮޓަރި ތެރެއަށް އެހެރަގެން ފައިބަނީ އެވެ.
އޮހޮރެމުން އައިސް އަރައި ހަމަކުރަމުން ގެންދިޔަ އެ މަންޒަރު ބަލަން އެތެރެއަށް ނުވަދެ ބަޒާން މަޑުކޮށްލީ ކޮޓަރީގެ ބޭރުގަ އެވެ. އެކަމަކު އެއީ ދުރުގައި ބަލަން ހުރެގެން ހިތްފުރޭ ކަހަލަ ރީތި ކަމެއް ނޫނެވެ.
ކުރިމަތީގައި މަޑުމަޑުން ހެލިލަހެލިލަ އޮތް ފަރުދާއާ ބޮސްދެވޭހާ ގާތަށް އޭނާ ދަމައިގަތީ ކޮޓަރި ތެރެއިން ފެނުނު އަންހެން މީހާގެ އެ ރީތިކަމެވެ. އެކަމަކު ދެން ވެސް އެ އަށް ވުރެ އެތެރެއަށް ވަންނާކަށް ބަޒާނަކަށް ނުކެރުނެވެ. ހިތުގައި އުތުރިއަރަމުން ދިޔަ އެ ޖަޒުބާތުތަކުގައި މަތިޖަހައި ނޭވާ ދޫކޮށްލިތަނުން އިށީނދެ އިން ގޮނޑިން ތެދުވެ އެ އަންހެން މީހާ އެނބުރިގަތެވެ.
އޭނާ އެ އެނބުރުނީ އެއްގޮތަކަށް ވެސް ބަޒާންގެ ހިލަން ވެގެނެއް ނޫނެވެ. ނަމަވެސް ދެ މީހުންގެ ހަތަރުކަޅި އަނެއްކާވެސް ގޮސް ބައްދަލުވީ އެވެ. ތަފާތަކީ ބަޒާން ފޮރުވަން މަސައްކަތްކުރަމުން ގެންދިޔަ ހުރިހާ އިހުސާސެއް ރޯމާ ދުވާލުގެ އެ އަލިކަމުގައި އެ އަންހެން މީހާގެ ކުރިމައްޗަށް ރީއްޗަށް ހާމަވެފައިވާ ކަމެވެ. އަދި އޭނާގެ އެ ޖިސްމުގައިވީ ރީތިކަން ހަމަ ރަނގަޅަށް ވެސް ބަޒާންގެ ހިތް މެދުން ފަޅިކޮށްލައިފި ކަމެވެ.
ފުރަތަމަ ބައްދަލުވުމުގައި އަންހެން މީހާގެ އެ ރީތިކަން ބަޒާންގެ ލޮލަށް ކަޝްފުކުރި ބާރަކީ ކޮޓަރި ތެރެއަށް ވެރިވެފައި އޮތް އަނދިރީގެ ފުސްކަމެވެ. އެހެން ނޫނަސް އެއީ ވަރަށް ކުރު ބައްދަލުވުމެކެވެ. ހަތަރު ކަޅި ހަމަވިޔަސް ދެ މީހުންގެ ސިފަ ވެސް ދެ މީހުންނަކަށް ރަނގަޅަށް ވަކިނުވެ ނިމުނު ބައްދަލުވުމެއްކަން ޔަގީނެވެ.
ރޭނދާގެ ފޮތިގަނޑު ދެ އަތުން ދެ ފަރާތަށް ކަހައިލުމާ އެކު ބަޒާން މަޑުމަޑުން އެ ކޮޓަރި ތެރެއަށް ވަދެއްޖެ އެވެ. އޭނާގެ ދެ ލޮލުގެ ނަޒަރުން ހީވަނީ އެ އަންހެން މީހާ އަޅުވެތިކޮށް މައިތިރިކޮށްފައިވާހެންނެވެ. އޭނާ ހުރި ތަނުގައި ހުއްޓި އަދަބުވެރިކާ އެކުގައި އިސްދަށަށް ޖަހާލި އެވެ. ލައިގެން ހުރި ލިބާސް ގަޔަށް ހެޔޮވަރުކޮށް ބޮލުގައި ގަތާފައި އޮތް ދިގު އިސްތަށިގަނޑު ކޮނޑުމަތިން ފަހަތަށް ވައްޓާލި އެވެ.
ބަޒާން ގޮސް އަންހެން މީހާގެ ކުރިމަތީގައި މަޑުކޮށްލުމުން އޭނާގެ ދިގު އިސްކޮޅާއި ބާމަތީގެ ފުޅާކަމުގެ ދަށަށް ވަދެ އެ އަންހެން މީހާ ކުރިއަށް ވުރެ ބޮޑަށް ލަދުގަނެ ބިރު ވެސް ގަނެއްޖެ އެވެ. އެކަމަކު ޒުވާން ވަލީއަހުދުގެ ހިތް އަދިވެސް މައިތިރިއެއް ނުވެ އެވެ.
އޭނާ އަށް އަނގައިން ބުނެވޭ ވަރުވީ އެ އަންހެން މީހާގެ އިސްދަށަށް ޖެހި މޫނަށް ބަލަން ހުރެ އިރުގަނޑެއްވީ ފަހުންނެވެ.
"އަނގައިން ނުބުނުމަކީ ރަސްކަލެއްގެ ދަރުބާރުގައި ކުށްވެރިވެދާނެ އަމަލެއްކަން ތިބާ އަށް ނޭނގެނީތޯއެވެ؟"
"މި ގަނޑުވަރުގައި އަދި މި ތަހުތުގައި މި ވަގުތު ރަސްކަލެއް ނެތް ކަމީ ތިބާގެ ކޮން ފަދަ ބޮޑު ނަސީބެއްތޯއެވެ؟"
އިސްދަށަށް ޖަހައިގެން ހުރި އަންހެން މީހާއާ ދިމާލުން އެނބުރިގެން ގޮސް އުތުރިއަރަމުން ދިޔަ ހުރިހާ ޖަޒުބާތެއް ބަޒާން ބަންޑުންކޮށްލީ ކޮޓަރީގެ ކުޑަދޮރުން ބޭރަށެވެ. އެކަމަކު ދެން ވެސް އެ އަހްނެން މީހާ އަނގައިންނެއް ނުބުންޏެވެ.
"އަހުރެން މި ވަނީ ތިބާއާ ވާހަކަ ދެއްކުމަށް ނުހަނު ބޭނުންވެފައެވެ."
"އިންސާނާ ހައިވާނަކަށް ވުރެން ރަނގަޅުވަނީ ވާހަކަ އިންނެވެ."
"އޭނާ އަށް ލިބިފައިވީ ވާހަކަ ދައްކަން ދަތުމުގެ ގާބިލުކަމުންނެވެ."
"މިތަނުގައި އަހުރެން އެކުވެރިއެއް ކަމަށް ދެކޭށެވެ."
މިހެން ބުނެފައި ބަޒާން އެނބުރި އަންހެން މީހާ އަށް ބަލާލި އެވެ. އޭނާ މިހާރު އެހެރީ ސީދާ ބަޒާނާ ހަތަރު ކަޅި ހަމަވެފަ އެވެ. އަދި އެންމެފަހުން އަނގައިން ބުނަން މަޑުމަޑުން ހިންދިރުވާލި އެވެ. ބަޒާންގެ މޫނުމަތީގައި ވަނީ އިރުގެ އަލިކަމަށް ވުރެ އަލިގަދަ ހިނިތުންވުމެކެވެ.
"އެންމެ ފުރަތަމަ ވިސްނާނީއެއް ނޫންތޯއެވެ."
"ވާހަކަ ދައްކަން ވާނީ އެއަށް ފަހުގައެވެ."
"ލަސްވުމުން ލިބޭ ގެއްލުމަކީ ފަހެ ކޮބައިތޯއެވެ."
އަންހެން މީހާގެ ބުނުމުގައިވީ މާނަ އަށް ވުރެ ބޮޑަށް ބަޒާނަށް ދޭހަވީ އޭނާގެ އަޑުގައިވީ ތުނިކަމާއި ނާޒުކު ކަމެވެ. ކަންފަތުގައި ކުޅެލި ހިތްގައިމު ރާގެވެ.
"ތި ހަތަރެސްފައިގައި ކުށްވެރިއެއްގެ އެއްވެސް ސިފައެއް ނުވެއެވެ."
"ތި އަޑުގައި އަމުދަކުން އޭގެ ހަމަ އެންމެ ކީލިއެއް ވެސް ނުވެއެވެ"
ބަޒާންގެ ވާހަކައިން އަންހެން މީހާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ތެޅިލި އެވެ. އަދި އެ މާހައުލު ހާސްކޮށްލައިގެން އުޅުނު އަބުއިކަން މިހާރު އެ އޮތީ ކުއްލިއަކަށް ފިލައިފަ އެވެ.
"ބުއްދިވެރިޔަކު ބުނެތެވެ. މަތިވެރިކަން ތިބާ އަށް ރަނގަޅަށް ލިބިފައި ނުވާ ނަމަ، އެންމެ ރަނގަޅު ގޮތަކީ އަނގައިގައި ހަމަހިމޭނުން ދޫ ބޭއްވުމެވެ. ދުލުގެ ސަބަބުން މީހަކަށް މަލާމާތް އައުދެ އެވެ."
"ކުށެއް ނެތް މީހާ ކުށްވެރި ވެ ނިމިދެ އެވެ."
މިހެން ބުނެފައި އަންހެން މީހާ އޭނާގެ ކުރިމަތީގައި ހުރި ވަލީއަހުދާ ފިޔަވަޅަކަށް ގާތަށް ޖެހި އިސް އުފުލައި އޭނާގެ މުށި ކުލައިގެ ދެ ލޮލުގައިވީ ފުންކަން ރަނގަޅަށް މިނާލި އެވެ.
"ރައްޓެހިންނަކީ ހަރުގޭގައި ހުންނަން ޖެހުމުން، ކާން ގެނެސްދޭ މީހުންނެވެ."
"ގަނޑުވަރެއްގެ ކޮޓަރިކޮޅެއްގައި، އެންމެ ގާތުގައި ހުންނަ މީހާ ވެސް ވާނީ އަދާވާތްތެރިޔަކަށެވެ."
ފަލްސަފާވެރި ފޮތަކުން ހިތުދަސްކޮށްފައި ވިޔަސް އަންހެން މީހާގެ އެ ބުނުމަކީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އަދި އެންމެފަހުން އެ ވަލީއަހުދު ކަނޑުމަތިން ހޮވައިގެން ގެނައި ނިކަމެތި އެ އަންހެން މީހާއާ އެއްގަލަކަށް އަރައި ރައްޓެހިކަން ވެސް އަރައި ހަމަކުރި ދަރުބާރެއްގައި ދެ މީހުން އެކަނިވެ ހަމަހަމަވެއްޖެ އެވެ.
ފުރަން ތައްޔާރުވެފައި އޮތް އަރުމާޒުން ފުމެގަތް ދުންމާރީގެ އަޑު އައިސް ކޮޓަރީގެ ކުޑަދޮރުން ވަދެގަތީ އެވަގުތު އެވެ. ގޮތްނޭނގޭ އަންހެން މީހާގެ ދެ ލޮލަށް ގެއްލެމުން ދިޔަ ޒުވާން ވަލީއަހުދަށް ދިން އިންޒާރެއް ފަދައިންނެވެ.
ދުންމާރީގެ އަޑާ އެކު ބަޒާން އެތަން ދޫކޮށް ހިނގައިގަތެވެ. ރޭނދާ ދެމި ދޮރުން ގޮސް ނުކުތްތަނުން އަނެއްކާވެސް ކަންފަތުގައި އައިސް ޖެހުނީ އެ އަންހެން މީހާގެ ތުނި އަޑެވެ.
"މަސާހިބާއެވެ"
އޭނާގެ އާދޭސް ކަންފަތުގައި ޖެހުމާ އެކު ބަޒާން އެނބުރި ބަލައިލި އެވެ. އަންހެން މީހާ ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. ބަޒާނަށް އޭނާ މިހާރު އެ ފެންނަނީ ރޭނދާގެ ތެރެއިންނެވެ.
"އަޅުގަނޑަށް ރައްކާތެރިކަމާއި މިފަދަ އަރާމު ހިޔަލެއް ދެއްވީތީ އިންތިހާ އަށް ޝުކުރުވެރިވަމެވެ."
"އަޅުގަނޑުގެ ސޭކު ވާހަކަތަކުން ކޯފާވެ ވަޑައިނުގަންނަވައްޗެވެ."
އެވަގުތު ބަޒާނަށް ހިނިފުޅުނުވެޑުވުނީ ހަމަ ކިރިޔާ އެވެ. އެ އަންހެން މީހާގެ ސޭކު ކަމަށްވުރެން އޭނާގެ ކިބައިން ފައުޅުވަމުން ދިޔަ މައުސޫމުކަމާއި އައުކަމުންނެވެ. ނަމަވެސް އޭނާގެ ކިބައިގައިވީ ބަލާޣާތްތެރިކަމުން ވެސްމެ އެވެ. އެކަމަކު ވެސް އެއީ ރަސްމަތިފުށުގެ ހަމަ އެއްވެސް ސިފައެއް ޖެހިފައިވާ އަންހެނެއް ނޫންކަން ބަޒާނަށް ޔަގީނެވެ. ފަލްސަފާވެރިއެއްގެ ޗާލާކު ދުލުން މޮށުނަސް އެއީ އޭނާގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް ބަޒާނަށް ޔަގީނެވެ.
"މި އަޅާގެ ދަރަޖަ އަކީ ރަށެއްގެ ވަލުން ނެގޭ ވެލީގެ ޒައްރެކެވެ."
"މި އަޅާ މިއީ ނިކަމެތި މަށިގަނޑަކީމެވެ،" އެ އަންހެން މީހާ ބުންޏެވެ.
"އެހެންކަމުގައި ވަނީ ނަމަ ތިޔަ ނިކަމެތި މަށިގަނޑުގެ ނަން އަދިވެސް ހިފަހައްޓަނީތޯ އެވެ،" ބަޒާން އޭނާގެ ވާހަކަ މެދުކަނޑާލި އެވެ.
"އިސް އުފުލާށެވެ."
"ކަލޭގެ ނަން ނުބުނެ އިތުރަށް ތިޔަ ދޫ ހަލުވައިގެން ނުވާނެއެވެ،" ބަޒާންގެ އަޑުގައި އަމުރުވެރި ފާޑާއި ބަނޑި ލައްވާލި އެވެ.
އެވަގުތު އެ އަންހެން މަޑުމަޑުން އިސްއުފުލައި ބަޒާނަށް ބަލައިލި އެވެ. އަދި އޭނާ ބުންޏެވެ.
"މި އަޅާގެ ނަމަކީ ދަލޭކަ އެވެ".
އެ ނަމުގައިވީ އަސްލެއް، ހަގީގަތެއް އަދި މާނައެއް ނޭނގުނަސް އެ އަޑު އައިސް ކަންފަތުގައި ޖެހުމުން އިތުރު ސުވާލެއް ނުކޮށް ބަޒާން އެތަނުން ނުކުމެގެން ދިޔައީއެވެ. ހިނިތުންވުމަކުން ފަރިވެފައިވީ މޫނަކާއިގެންނެވެ. އޭނާގެ ހިތް ހީވަނީ ފުރިފައި އޮތް ހެންނެވެ.
ދެ މީހުން އަލުން ބައްދަލުވީ އޭގެ އެއް ދުވަސް ފަހުންނެވެ. އަނެއްކާވެސް އަބުރުވެރި ހެނދުނެއްގެ ބާއްޖަވެރި އަލިކަމުގެ ތެރޭގަ އެވެ. ނަމަވެސް ދަލޭކައާ އެކުގައި ހޭދަކުރަމުން ގެންދިޔަ ވަގުތު އިތުރުވަމުން ދިޔަވަރަކަށް ބަޒާންގެ ހިތުގައި އެ އަންހެން މީހާ އަށް ހުޅުވެމުން ދިޔަ ދޮރުތައް ވެސް ދިޔައީ ގިނަ ވަމުންނެވެ. ފޮރުވަން މަސައްކަތްކުރަމުން ގެންދިޔަ ޖަޒުބާތުތައް ދިޔައީ ދެ މީހުންގެ ދެމެދަށް މަޑުމަޑުން ފޭދެމުންނެވެ.
އެކަމަކު ދަލޭކަގެ ހިތާއި ބޮލަށް އޭރު ސަވާރުވަމުން ގެންދިޔައީ އެހެން ބާރެކެވެ. އިރުއޮއްސުމާ އެކު ވެރިވެގެން އަންނަ އަނދިރިކަމުގެ ތެރޭގައި އޭނާގެ އިމަށް ފައުޅުވަމުން ދިޔަ އޭނާގެ ބައްޕަގެ ސިފައިގައިވީ ފިރިހެން މީހާ އެވެ. އެކަމަކު އެއީ ބައްޕަންކަކާ ނޫންކަން ޔަގީންވިޔަސް އޭނާގެ ކިބައިން ކުރިމަތިވާން އުޅޭ ނުރައްކަލެއް ނެތްކަން ވެސް ދަލޭކައަށް ޔަގީނެވެ.
މެންދަމުގެ ފިނި ހިމޭންކަމުގެ ތެރެއިން އެ މީހާ އަނެއްކާވެސް ފައުޅުވި އެވެ. ހިރިގަލުގެ ފާރުތަކުގެ ތެރެއިން ނުކުމެގެން އައިސް ބައްޕަންކަކާގެ ސިފައަށް ބަދަލުވީ ދަލޭކަ ބަލަން އިންދަ އެވެ. ބޮލުގައި އޮތް ދިގު އިސްތަށިގަނޑު ބިމުގައި ދަމަމުން އައިސް އެ މީހާ ހުއްޓުނީ އެނދުގެ ފައިލާކޮޅަށެވެ. އަދި ބުނެތެވެ.
"ފާފަތަކަށް ތިބާ އަރައިގަންނަނީ ހެއްޔެވެ؟"
"މި ގަނޑުވަރުން ނުކުމެ ދިއުމުގެ ވަގުތު ޖެހިއްޖެއެވެ."
އޭނާގެ އަޑުގައި ވަނީ އޯގާވެރިކަމެކެވެ. ނަމަވެސް މަރު ހިއްޕަވާ މަލާއިކަތެއްގެ އަޑު ފަދަ އެވެ.
"އެންމެން އެތިބީ ގަދަ ނިންޖަކުން ބަނދެވިފައެވެ."
"ސުވާދީޕާގެ އެންމެ ދެކުނު ބިތުގައި އޮތް ރަށަށް ދިއުމަށް އަވަސްވެގަންނާށެވެ."
"ފީރޯޒު ޖެހި އަނގޮޓިކޮޅު އެޅި ފޫޅުމާމަ އެ ރަށުން ހޯދާށެވެ."
"ތިބާގެ ޅިނދުގައިވީ ކޮކާލަފު އެ ފޫޅުމާމަ އަށް ދައްކާށެވެ."
"ފަތިސްތަރި އެރުމުގެ ކުރިން މި ގަނޑުވަރުން ނުކުންނާށެވެ."
މިހެން ބުނެފައި އެ މީހާ މަޑުމަޑުން ކޮޓަރި ތެރެއަށް އުފުލެން ފެށި އެވެ. ދެ ފައި ބިމުން ކަޓައިގެން މައްޗަށް އުފުލި، އޭނާގެ ބޮލުގައި އޮތް ދިގު އިސްތަށިގަނޑު މުޅި ކޮޓަރި ތެރެއަށް ވިހުރިއްޖެ އެވެ. ދިރޭ ހަރުފަތަކެއް ފަދައިން ވައިގެ ތެރޭގައި ދެމެން ފަށައިފި އެވެ. އަދި ވައިގެ ތެރެއިން ދެމެމުން ގޮސް ކުޑަދޮރުން ބޭރަށް ނުކުމެ އޭނާގެ ހަށިގަނޑު ވިއްސިވިހާލިވަމުން ގޮސް އަލިމަހުގެ ކުނޑި އަށް ބަދަލުވެ އެނބުރިގަތް ވައިރޯޅިއަކާ އެކުގައި ލޮލަށް ގެއްލިއްޖެ އެވެ.
އެނދުމަތީގައި ހުއްޓުން އަރާފައި އިން ދަލޭކަ ތެޅިގަތީ ކުއްލިއަކަށެވެ. ލައިގެން ހުރި ގަޔަށް ދޫ ލިބާސްގަނޑުގެ ފަސްބައިގައި ހިފައި ދަމައި ޅިނދު ފެންނަ ވަރަށް ހާމަކޮށް ބަލައިލެވުނީ އެބުނި ލަފެއް އޭނާގެ ގައިގައި ހުރިތޯ ބެލުމަށެވެ. (ނުނިމޭ)



