ކެތި ރޯނާއި މިޔަހެލީގެ ދުވަސްތަކެއް ބުރުޖު ކަލަންޑަރުން ނުދެއްކިޔަސް ހުޅަނގު މޫސުމުގެ އެންމެ ފުނަށް މުލައް ވެއްޓިފައިވާ ކަހަލަ އެވެ. ހުއްޓުމެއް ނެތި ވެހެމުންދިޔަ ބޯ ވާރެއާ އެކު ކުޅިތައް ބަންޑުންވެ ރަށުގައި އެއްކޮށް ފެންބޮޑުކޮށްލާފައި އޮތްއިރު ވަށައިގެން އުފެދި ހަ ފަރާތަށް އައިސް ބިންދަމުން ދިޔަ ސިންގާ ބިޔަ ރާޅުތަކާ އެކު ހީވަނީ ރަށް ޖަހައިގަނެގެން ގެންދަން އުޅޭހެންނެވެ. ނުވަތަ ކަޅުކޮށްލާފައި އޮތް އެ ގަދަ ކަނޑުގެ ރާޅުތައް އަރައި މި ރަށް ޣަރަގުކޮށްލަފާނެހެންނެވެ.
އައްޑޫ އިން ފުރައިގެން އައި މަޝްހޫރު ފަންޑިތަވެރިޔާ ބަވަންދީ އާއި އޭނާގެ އެހީތެރިން ދަތުރުކުރި މާވަހަރު އޮޑި މި ތޫފާނެއްގައި ޖަހައިގެން ގެންގޮސް އެއްލައިލީ ރަށުގެ ދެކުނު ބިތުގައި އޮތް ހުދުފަރަށެވެ. އެއީ ސަލާމަތްކުރަން ބަޔަކަށް އާދެވޭނޭ ހިސާބެއް ނޫންކަން އެނގޭ ހާލުގައި އެމީހުންނަށް މަޖުބޫރުވީ، ރުޅިއަރައިގަނެގެން ކެކެމުންދިޔަ އެ ބިޔަ ރާޅުތަކުގެ ތެރެއަށް ފުންމާލާށެވެ. ބޮކިޖަހާފައި ގެނބިގެން ދިޔަ އެ އަނދިރިކަމުން ދެމިގަނެ އެންމެފަހުން ފަތާފައި ގޮސް ރަށުގެ ދެކުނު ބިތުން މާކަނޑާ ގުޅިގެން އުފެދިފައި އޮތް ކޯރަކުން އެތެރެވެ، މީރުފެންކުޅިން ފަތާފައި ގޮސް ރަށަށް އެރީ އެވެ. ބަވަންދީއާ އެކު އެހީތެރިންގެ ހަ މީހަކު މި ދަތުރުގައި ބައިވެރިވި އެވެ. ނަމަވެސް ގަދަކަނޑަށް އޭގެ ތެރެއިން ހަތަރު މީހަކު ގެއްލުނީ އެވެ.
އެއްގަމަށް އަރައި ބަލަން ތިއްބައި މާވަހަރު އޮޑި ވެސް ރާޅުތަކުގެ ތެރެއަށް ސުންނާފަތިވެ، ގެނބި ގެއްލިގެންދިޔައީ އެވެ. ވެހެމުންދިޔަ ބޯވާރޭގެ ތެރޭގައި، ހިތަށް ތުރާކުރުވި އެ މަންޒަރަށް ބަލަން ތިބެފައި އެނބުރިގެން ގޮސް ބަވަންދީ އާއި އޭނާގެ ދެ އެހީތެރިން ދެން ވަނީ ކުރިމަތިން ފެންނަން އޮތް ބޮޑު ކުއްޅަވައްފަލަށެވެ. އެ ޗަސްކަމުގެ ތެރެއިން ތަތްތެޅި ނިކަވަލުގެ އުސްބިންތަކަށް ފޯރިއިރު ރަށް އޮތީ ކުރިއަށް ވުރެ ބޮޑަށް އަނދިރިކޮށްލައިފަ އެވެ. ހީވާގޮތުން ނަމަ އިރުއޮއްސި އަނދިރިވީ އެވެ. އެކަމަކު ހުއްޓުމެއް ނެތި ވެހެމުންދިޔަ ވާރެއާ އެކު ރަށްވަށައިގެން ފެތުރިފައި އޮތް މި އަނދިރިކަމުގައި ފާއިތުވަމުންދާ ވަގުތެއް ބުނެދޭން ނޭނގޭއިރު މި ކަޅުބޯވިލާގަނޑުގެ ހަގީގަތަކީ ކޮބައިކަން ބުނެދޭން އެނގޭ ހަމައެކަކު ވެސް އެތަނުގައި ނުވެ އެވެ. މިވާރެއާއި އަނދިރިކަމުގެ މުސީބާތަކަށް މިހާރު މަސް ދުވަސްވަނީ އެވެ.
ނިކަވަލަށް ވެރިވެފައި އޮތް ތެތްކަމާއި އަނދިރިކަމުގެ ތެރެއިން ބަވަންދީ އާއި ދެ އެހީތެރިން ހިނގަމުންދިޔައިރު ވާރޭގެ ތިކިތައް މި ގަސްތަކުގެ ފަތްތަކަށް ތެޅި އިއްވަމުން ދިޔަ އަޑާއި ޗަސްބިމަށް ވަދެ ނެއްޓެމުން ދިޔަ އެމީހުންގެ އަވަސް ފިޔަވަޅާއި ލަމުންދިޔަ މާނޭވާގެ އަޑު ފިޔަވައި އެހެން އިތުރު އަޑެއް އެ ވަލަކުން ނީވެ އެވެ. މި އަޑުތަކުން އެތަނުގައިވީ ފަޅުކަން އެއްކޮށް ފިލައިގޮސްފައިވާ ކަހަލަ އެވެ.
ނަމަވެސް ހިސާބަކަށް ދެވުނުތަނުން އެމީހުންގެ ފަހަތުން އިތުރު ފިޔަވަޅުތަކެއްގެ ހިލަންވުމާއެކު ފަޅުކަމާއި އެ ވަލުގެ ނާމާންކަން ހީވީ އައިސް އެމީހުން ވަށާލިހެންނެވެ. އެވަގުތު ލޮލާއި ބޮލުން ބަވަންދީ ކޮށްލި އިޝާރާތަކަށް އެންމެން އެކުގައި ކުއްލިއަކަށް ހުއްޓި އެމީހުންގެ ނޭވާ ވެސް ހިފަހައްޓައިގަތެވެ. އަދި ތިން މީހުން ބުރަކަށިޖެހޭނޭހެން އެއްތަންވެ ވަށައިގެންވީ އަނދިރިކަމަށް ހުށިޔާރުވެގަތެވެ. އެ މާހައުލަށް ވެރިވެގެން އޮތް ފުސް އަނދިރިކަމުގެ ތެރެއިން ނިކަގަހާއި އެ ގަސްތަކުގެ ގޮފިތަކުން ބިމާހަމަށް އެލިފައިވާ އަޅޯމޫތައް އޭރު ހިޔަނިތަކެއް ފަދައިން ފެންނަމުންދެ އެވެ. ނަމަވެސް އެ މޫތަކާއި ގަސްތަކާއި ވަށައިގެންވީ މާހައުލުގައި އެއްވެސް ދިރުމެއް ނުވާ ކަހަލަ އެވެ.
ކޮނޑާކޮނޑު ޖެހޭހާ ގާތުގައި ތިނެސްކަނަކަށް އެތުރި މި އަނދިރިކަމަށް ބަލަން ތިބޭތާ އިރުގަނޑެއްވީ ފަހުން ބަވަންދީ އަނެއްކާވެސް އަތުގެ އިޝާރާތެއްކޮށްލި އެވެ. އެއަށް ފަހު އޭނާގެ ދެ އެހީތެރިން ފަސްއެނބުރި ބެލުމެއް ނެތި ބަރު ފިޔަވަޅުތަކެއްގައި ރަށާ ދިމާލަށް ހިނގައިގަތެވެ. ދުރަށް ގޮސް އެމީހުންގެ ފިޔަވަޅުތަކުގެ އަޑު ކެނޑުނުއިރު ވެސް ބަވަންދީ ހުރީ ހިރިވެސްނުލައި އޭނާ މަޑުކޮށްލައިގެން ހުރި ގޮތަށް، ކަޅި ޖަހާނުލައި އަނދިރިގަނޑަށް ބަލަހައްޓައިގެންނެވެ. އޭރު އޭނާއާ ދޮޅަހަކަށް ފޫޓު ދުރުން ފެންނަން ހުރި ނިކަގަހެއްގެ ދަށުގައި ލޯ ދިއްލިފައިވާ ހައިވާނެއް މަޑުކޮށްލައިގެން އޮތެވެ. އޭތީގެ ލޮލުގައިވީ ބާރަކުން ބަވަންދީގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް ގެނެސްފައިވާ ކަހަލަ އެވެ. މި ހާލެއްގައި މަޑުމަޑުން އަމިއްލަ ނަފުސުގެ ބާރުތައް ކެނޑެމުން އެ އަނދިރިކަމަށް ގެއްލެމުންދިޔައިރު ބޯމަތިން ފެންނަންހުރި ނިކަގޮފިތަކުން ފައިބައިފައިވީ އަޅޯމޫތައް ހަރުފަތަކެއް ފަދައިން ދިރިގެން އައިސް ބަވަންދީގެ ކަރަށް އޮޅެމުންދެ އެވެ.
އެއަށް ފަހު ދެން ފެނުނީ އޭނާގެ ކަރަށް ވާންކޮށްލި އެ މޫތަކުގެ ބާރުގައި ބަވަންދީ ހުރިތަނުން ލުއްސުވާލައިގެން މައްޗަށް ނަގައި ގަސްބުޑަށް ހޫރާލި މަންޒަރެވެ. ފަނޑުވަމުން ގެއްލެމުން ދިޔަ ހިއްސުތައް ރޯޅިއެއް ފަދައިން އެނބުރި އައިސް އޭނާއާ ބަދައްލުކުރީ އެހިސާބުންނެވެ. ދިރެމުން އެނބުރެމުން އައި އަޅޯމޫތައް އޭރު އޭނާގެ ދެ ފަޔަށް އޮޅައި އަނެއް ހަމަލާއަށް ވާންކޮށްލަނީ އެވެ. ނަމަވެސް އޭގެ ކުރިން ފުންމައިގެން ގޮސް، އުނަގަނޑުގައި ހަރުކޮށްފައިވީ ރިހިވަޅި ނަގައި މޫތައް ބުރިކޮށް ބަވަންދީ އަލުން އޭނާގެ ދެފައި މައްޗަށް ތެދުވިއްޖެ އެވެ. ރިހިވަޅިން ޖަހައި ބުރިކޮށްލި މޫގަނޑު އޭރު ކައިރިއަށް ވެއްޓިފައި އޮތެވެ. އަދި ބަލަންހުއްޓައި އެ މޫގަނޑު އަނގުރުއަލިފާންހެން ދިއްލި އަޅިއަށް ވެގެން ޗަސްބިމުގެ ތެރެއަށް ވިރި ގިރިގެން ހިގައްޖެ އެވެ.
ވަށައިގެން ބަލައި ހޯދާލިއިރު ދުރުން ކުރިން ފެނުނު ހައިވާނުގެ އެއްވެސް ހިލަމެއް އެތަނުގައި ނުވެ އެވެ. އުނަގަނޑުގައި ހަރުކޮށްފައި ހުރި ބަކަރިހަމުގެ އުރައަށް ރިހިވަޅި ޖަހާލައިގެން ބަވަންދީ ދެން އެނބުރިގަތީ ރަށާ ދިމާލަށެވެ. އޭރު ވެސް ބޯކޮށް ވާރޭވެހެމުންދެ އެވެ.
ހަރުކޮށް ހިނގަމުން ގޮސް ނިކަވަލުން ނުކުމެވި ރަށުތެރެއަށް ވަދެވުމާއެކު ފުޅިބައްތީގެ އަލިކަމުގައިވީ ޖިފުޓިތަކެއް އެކި ހިސާބުތަކުން ފެންނަން ފަށައިފި އެވެ. ނަމަވެސް ބަވަންދީ ހިނގަމުން އެ ދަނީ ރަށުގެ މިސްކިތްމަގު ގޮސް ނިމުނު ހިސާބުގައި އަޅާފައިވީ ކުޑަ ޖިފުޓިއަކަށެވެ. އެހިސާބުން ފެންނަންހުރި ހަމައެކަނި މި ގެއަކީ އަނޮންގްދިޔޯ އާއި ރާބެގެ ގޮވައްޗެވެ. ދެ ފަރާތުން ހުއިހެދިގެން ހަނިވެފައި އޮތް މަގުން ހިނގާލާފައި ގޮސް ބަވަންދީ ގޯތިތެރެއަށް ވަންއިރު ވޭނުގައިވީ އަންހެނެއްގެ ހޭރުމުގެ އަޑު އެހިސާބަށް އިވެއެވެ.
ކަށިވެލިލައި ނަލަކޮށްލާފައި އޮތް ގޯތިތެރޭގައި އެ ރީތިކަން ކިލަނބުކޮށް ފިޔަވަޅު ފޮރުވޭވަރަށް، ތަނބިކަށްޓާ ހަމަ އަށް ފެންގަނޑު ހެދިފައި އޮތްއިރު މައިގެއާ ވަކިން ދުރުގައި ހަދާފައިވާ ފަންގީގެ ގިފިއްޔަކާއި ކައްކަން ބޭނުންކުރާ ތިރިތިރި ބަދިގެގަނޑެއް ދުރުން ފެނެ އެވެ. އެ ބަދިގޭގެ ދޮރުކަންޏާ ދިމާލު ބޭރުގައި އެލުވާފައިވާ ތިންއުނބާއި ދެއުނބުލީ ރާބަނދިތައް ވާރޭފެނުން ފުރިގެން ބަންޑުންވަމުންދެ އެވެ. އޭރު އެތަނުގެ ބޭރުގައި ބަހައްޓާފައި ހުރި ތިރި މޭޒުގަނޑެއްގެ ދަށަށް ވަދެ ހިކިފަހުގައި ހިޔާހޯދައިގެން އޮތް ކަޅުކުކުޅެއް އޭތީގެ ދަރިންކޮޅު ބަނޑުދަށަށް ލައިގެން ހޫނުކޮށް އެސޮރުމެންނަށް ހިމާޔަތްދީގެން އޮތް މަންޒަރު ވެސް ފެނެއެވެ.
ވަށައިގެން ބަލައި ރަނގަޅަށް ހޯދާލުމަށް ފަހު ބަވަންދީ ގޮސް ތަޅައިގަތީ ޖިފުޓީގެ ދޮރުގަ އެވެ. އޭރު ވެސް ހޭރެމުން ދިޔަ އަންހެން މީހާގެ އަޑު އެވަރުގައި އިވެ އެވެ. ވެހެމުންދިޔަ ބޯވާރެއާ އެކު ބަވަންދީ އަނެއްކާވެސް ދޮރުގައި ތަޅައިގަތެވެ. އެވަގުތު ކުއްލިއަކަށް ދޮރު ހުޅުވައި ބޯދިއްކޮށްލީ ދެބައިއުމުރަށް ގޮސް ބޯހުދުވެފައިވާ ފިރިހެނެކެވެ. އެއީ ރާބެ އެވެ.
ދޮރު ހުޅުވާލުމާ އެކު އިތުރު ވާހަކައެއް ނުދައްކައި ބަވަންދީ އެތެރެއަށް ވަދެއްޖެ އެވެ. އޭރު އޭނާ އަށް ވުރެ ކުރިން މިގެއަށް އައިސް ތިބި ދެ އެހީތެރިން އަނޮންގްދިޔޯގެ ހަތަރެސްފައިގައި ހިފައި އެނދުމައްޗަށް އޭނާ އޮބައިގަނެގެން ތިއްބެވެ. އެކަމަކު ކަރު ތެރެއިން ހުތުރު އަޑު ލައްވަމުން މުޅި ގަޔަށް ވަރުއަރުވަމުން ނާރުތައް ފުއްޕަމުންދިޔަ ދިޔޯ އޭރު ވެސް އެމީހުންނަކަށް މައިތިރިއެއް ނުކުރެވެ އެވެ. ވަކިން ހާއްސަކޮށް ބަވަންދީ އެތެރެއަށް ވަދެގެން އައި މަންޒަރު ފެނި އަނޮންގްދިޔޯ ޖައްސަން ފެށި ވައްތަރު ވަކިން ހުތުރެވެ.
ނަމަވެސް ބަވަންދީގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުވަތަ ހައިރާންކަމެއް ވެސް ނުފެނެ އެވެ. ރާބެ ގެނެސްދިން ތުވާއްޔަކުން ބޮލާއި މޫނު ފޮހެލުމަށް ފަހު އޭނާ ދެން އެދުނީ ފެން ބާލިދީއެއް ގެނެސްދިނުމަށެވެ. އެވަގުތު ޖިފުޓީގެ ކަނެއްގައި ބޮނދައިއިން ކުޑަ އަންހެން ކުއްޖަކު ދުވެފައި ގޮސް ބޭރަށް ނުކުމެއްޖެ އެވެ. އެއީ ނުބައި ބާރަކުން އަޅުވެތިކޮށްފައި އެ އޮތް އަނޮންގްދިޔޯގެ އަންހެން ދަރި ދަލޭކާގޮމާ އެވެ. އެ ކުއްޖާ އަށް މިހާރު ހަ އަހަރެވެ.
ހިސާބަކަށް ބަނޑިވެގެން ސިފަގެއްލިފައިވީ ދަނގަނޑު ބާލިދީގަނޑެއް ފުރައި ފެން އަޅައިގެން ގައިގަ ހުރި ހުރިހާ ބާރެއް އެއަށް ލައިގެން ދަލޭކާގޮމަ އެނބުރި އައިއިރު ވާރެއިން ތެމިފޯވެގެން އެ ކުއްޖާ ފަކީރު ތުރުތުރުއަޅަނީ އެވެ. އޭރު އެނދު ކައިރީގައި ގޮނޑިއެއް އަޅައިގެން ބަވަންދީ އޭގައި އިށީނދެއިނދެ ކިޔެވެލިތައް ފަށައިފި އެވެ. ރާބެ ވެސް އޮތީ އެނދުކައިރީގައި ކަކޫޖަހައިގެން އަންހެނުންގެ ދެ ފައިގައި ހިފަހައްޓައި ލެވުނު ބާރެއް ލައިގެންނެވެ. ދެ އެހީތެރިން ތިބީ ވައްތަރު ޖައްސަމުންދިޔަ އެ އަންހެން މީހާގެ އަތުގައި ހިފަހައްޓައިގެންނެވެ.
ފެންބާލިދީގަނޑު އުފުއްލާލައިގެން ގެންގޮސް ބަވަންދީއާ ވީހާވެސް ކައިރީގައި ބެހެއްޓުމަށް ފަހު ދަލޭކާގޮމާ އަނެއްކާވެސް ކަނަކަށް ވަދެ އެތަނަށް ތިރިވެ ފުޅިބައްތީގެ ފަނޑު އައްޔަށް ފިލައި ދެ ކަންފަތުގައި އަތް އަޅައިގަތެވެ. އޭރު ޖިފުޓިތެރެއިން އިވެމުންދަނީ ބަވަންދީގެ ކިޔެވެލީގެ އަޑާއި އަނޮންގްދިޔޯގެ ރޯ އަވަގުރާނަ އެވެ. ބޯކުރަމުން ދިޔަ ވާރެއާއެކު ހީވަނީ ތޮށަލީގެ ފުރާޅުގަނޑު ވެސް ބޮލަށް ވެއްޓިދާނެހެންނެވެ.
ކިޔެވެލިކިޔަވައި ފެން ޖަހަން ފެށުމުން ހީވީ އަނޮންގްދިޔޯގެ ހާލު އިތުރަށް ގޯސްވިހެންނެވެ. އޭރު އޭނާގެ ހަތަރެސްފައިގައި އާދަޔާހިލާފަށް ބާރު ޖެހި ރާބެ އާއި ދެ އެހީތެރިން ހީވަނީ ނަގައި ހޫރާލަފާނެ ހެންނެވެ. ނަމަވެސް ބަވަންދީ އިރުޝާދުދީފައި އޮތްގޮތަށް އެމީހުންވެސް ހަމަ އެންމެ ތަންފުކެއް ވެސް ދޫނުކުރެ އެވެ. އެކަމަކު ތިން ފިރިހެނުންނަށް އެގޮތުގައި ހިފަހައްޓައިލެވުނީ އިރުގަނޑަކަށެވެ.
ފުރާޅާއި ގެގަނޑު ތަޅުވަމުން އެތެރެއަށް ވަދެ އެނބުރިގަތް ވައި ރޯޅިއެއްގައި ފުޅިބައްތި ނިވި އަނދިރިކޮށްލި ވަގުތު ދެން ފެނުނީ އެނދުމަތީގައި އޮތް ދިޔޯގެ ލޯ އަލިފާންހެން ދިއްލި ހަތަރެސްފައި އަނގުރުއަލިފާނަށް ބަދަލުވެ އެތަން އެއްކޮށް ދިއްލައިލި މަންޒަރެވެ. އޭގެ ހޫނުން ރާބެ އާއި ދެ އެހީތެރިންގެ އަތްތައް ފިއްސައި ވިރިގެން ހިނގައިދާނެހެން ހީވި ހިނދު ގަންނާކުރެއްވި ބިރަށް އެމީހުން ދިޔޯ ދޫކޮށް ދުރަށް ޖެހިގަތެވެ. އޭރު ވެސް ބަވަންދީގެ ކިޔެވެލި އެންމެ ހަރުއަޑުން ކުރިއަށް ގެންދަނީ އެވެ. އޭނާ އިނީ ކައިރީގައި ބަހައްޓާފައި ހުރި ފެންބާލިދީގެ ތެރެއަށް ދެ ފައި ލައިގެން ލޯ މަރައި މުށް ބާރުކޮށްލައިގެންނެވެ.
އަނގުރުހެން ހީވާ ހަތަރެސްފައި ޖަހާފައި އަނޮންގްދިޔޯ ފުންމައިގެން އެރިގޮތުން ހީވީ ބަވަންދީގެ ބޯ އޭނާގެ ހަށިގަނޑުން ލުއްސުވައި އިރާލައިގެން ގެންދަފާނެހެންނެވެ. ނަމަވެސް އެ ބާރު މިނުގައި ގޮސް އެނދުގެ ފައިލާކޮޅުން ފަޑި މައްޗަށް އަރައި މިނިކާވަގެއް ފަދައިން ފުންމައިގެން ގޮސް ތޮށަލީގެ ދޮރުފަތް ފޫއަޅުވާލައިގެން ގޮސް ދިޔޯ ޖެހުނީ ބޭރުގަ އެވެ.
ދޮރުފަތުގައި ހެދުނު ބައުގަނޑު އަލިފާނުން ދޮންވެ ބިސްބުރެއްގެ ސިފައަށް ވަށައިގެން ދިއްލިފައި ހުއްޓެވެ. އޭރު މުޅި ގަޔަށް ވަރުގަނޑެއް އަރައި ތުރުތުރުލަމުންދިޔަ ބަވަންދީ އަށް ހޭވެރިކަންވެ ގޮނޑިން ވެއްޓުނީ އޭނާ ފައިކޮށްޕާލައިގެން ހުރި ފެން ބާލިދީ ދަމައިގެންގޮސް ރާބެ އެ ފެން އެތި ދޮރަށް ޖަހާލުމުންނެވެ. އެއަށް ފަހު ބައުގަނޑުން ދެމިގެން ރާބެ ވެސް ބޭރަށް ނުކުމެއްޖެ އެވެ. އޭނާ ފަހަތުން ދޮރު ހުޅުވާލާފައި ދެ އެހީތެރިން ވެސް ނުކުތީ ބޭރަށެވެ. އެމީހުން ފަހަތުން ދަލޭކާގޮމާ ވެސް ދުއްވައިގަތެވެ. އޭރު ވެސް ވެއްޓިގެން ގޮސް ޖެހުނު ތަނުގައި ބަވަންދީ އޮތެވެ.
ގައިގައި ވަރުޖެހި އޭނާ އަށް އެތަނުން ތެދުވެވުނީ އިރުކޮޅެއްވީފަހުންނެވެ. އަދިވެސް، ވެހެމުންދިޔަ ވާރޭގެ އަޑަށް އެއްވެސް ބަދަލެއް ނާދެ އެވެ. އިތުރު އަޑަކަށް އިވެމުންދިޔައީ ޖިފުޓީގެ ބޭރުން އިވެމުންދިޔަ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެއީ ދަލޭކާގޮމާ އެވެ. ބަވަންދީ އަށް ބޭރަށް ނުކުމެވުނުއިރު އަނޮންގްދިޔޯ އޮތީ ގޯތިތެރޭގައި ކަށިވެލިގަނޑު މައްޗަށް ދެމިފަ އެވެ. އޭނާގެ އަންހެން ދަރި އެ އަމާ ކައިރިއަށް ވެއްޓި އޮވެގެން އޭރު ރޮއި ހޭރެނީ އެވެ. ރާބެ އާއި ދެ އެހީތެރިން ތިބީ ވެއްޓިފައި އޮތް މި އަންހެން މީހާއާ ކައިރިވާން ނުކެރިފަ އެވެ. އެ ބިރުވެރިކަމާއި ވާރޭގެ ފިނީގައި އެމީހުން ތުރުތުރުއަޅަމުން ގެންދާ މަންޒަރު ފެނެއެވެ.
ބަލަން ނުހުރެ ފުންމައިގެންދިޔަގޮތަށް ދެއަތްދަނޑިމައްޗަށް އަނޮންގްދިޔޯ ނަގައިގެން ގޮސް ބަވަންދީ ޖިފުޓިއަށް ވަދެ އެނދުގައި އޭނާ ބާއްވާލައިފި އެވެ. އެއަށް ފަހު ފުޅި ބައްތިއެއް ރޯކޮށް ޖިފުޓިތެރެ އަލިކޮށްލިއިރު ދިޔޯ އޮތް ގޮތް ފެނުމުން އެތަނުގައި ނުބައި އެހެން ބާރެއް ނެތްކަން ބަވަންދީ އަށް ކަށަވަރުވި އެވެ. އެކަމަކު ހޭނެތިފައި އެ އޮތް އަންހެން މީހާގެ ޖިސްމަށާއި ހިތަށް އެ ބާރެއް އެނބުރި އައުމުގެ ކުރިން ދެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކިޔަވަން ޖެހޭ ކިޔެވެލީގެ މަރުހަލާ ވެސް ފަސޭހަނުވާނޭކަން އޭނާ އަށް ޔަގީނެވެ.
އެތެރެއަށް ވަދެގެން އައި ރާބެ އާއި ދެ އެހީތެރިން ގޮވައިގެން ބަވަންދީ އަވަސްވެގަތީ މި ކުރިމަތިލުމުގެ އެންމެ މުހިންމު މަރުހަލާ އަށް ތައްޔާރުވުމަށެވެ. ފިނިން ތުރުތުރުއަޅަމުން ދިޔަ އަނޮންގްދިޔޯގެ ގައިގައި ރަޖާގަނޑެއް އަޅައިގެން ކައިރީގައި މަޑުކޮށްލައިގެން ދަލޭކާގޮމާ އޭރު އިނެވެ.
*** ** ***
ބަވަންދީ އަކީ އޭނާގެ ސިހުރާއި ފަންޑިތައިގެ އަނދިރި ދުނިޔޭގައި އެއްވެސް މީހަކަށް ނުވަތަ ނުބައިވެގެންވީ އެއްވެސް ބާރަކަށް ޖެހިލުންވެ ބިރުގަތް މީހެއް ނޫނެވެ. އޭނާ ބޭނުންވި ކަމެއް ބޭނުން ގޮތަކަށް ކާމިޔާބުކޮށް އެހެން އެންމެނަށް ވުރެން ކުރީގައި އަބަދުވެސް އުޅުނު ބާރުގަދަ ފަންޑިތަވެރިއެކެވެ. ނަމަވެސް އޭނާގެ ބައިގަރުނުވީ މި ހަޔާތުގައި މިވަަރުގެ ކަމަކާ ދިމާމިވީ ހަމަ އަލަށެވެ.
އެކަމަކު މިކަހަލަ އަޖާއިބަކުން ކިތަންމެ ބޮޑު ހައިރާންކަމެއް ގެނުވިޔަސް އެ ހައިރާންކަމުގައި ޖެހި ބެހި ގެއްލިގެންދާ މީހަކަށް ބަވަންދީ ދުވަހަކުވެސް ނުވެ އެވެ. ބަދަލުގައި އޭނާ އަކީ އަބަދުވެސް ކުރިމަތިވި ގޮންޖެހުންތަކަށް ދަހިވެތިވެ އެއަށް ވުރެ ކުރިއަށް އަރަން ޝައުގުވެރިވި ފަންޑިތަވެރިއެކެވެ.
އަނޮންގްދިޔޯގެ މި ޖިފުޓިއާ ހަމަ އަށް ވެސް އޭނާ ގެނުވީ އެ ޝައުގުވެރިކަމާއި ކާމިޔާބީގެ ދަހިވެތިކަމެވެ. އަމިއްލަ އޮޑީގައި އައްޑޫ އަތޮޅުން ފުރައިގެން އައިސް އެއްވެސް ޖެހިލުމެއް ނެތި މި ތޫފާނެއްގެ ތެރެއަށް އޭނާ ފުންމާލީ މި ނޫން ހަމަ އެއްވެސް ސަބަބެއް އޭގައި އޮވެގެނެއް ނޫނެވެ. އަދި މި ދަތުރަކަށް ނުފުރުމަށާއި އޭގެ ބިރުވެރިކަމުގެ އިންޒާރު އެތައް ބަޔަކު ދެމުންގެންދަނިކޮށެވެ. އެ އިންޒާރުތަކަކީ ހަގީގަތެކެވެ.
ނަމަވެސް އެކަން ގަބޫލުކުރަން ބަވަންދީ ބޭނުމެއް ނުވެ އެވެ. ގޮތްހުސްވެފައިވީ ރާބެ ފޮނުވި ސިޓީއެއް އަތަށް އެރި ދުވަހަކީ މި ހަގީގަތް ބަދަލުކުރަން އޭނާ އަޒުމުކަނޑައެޅި ދުވަހެވެ. އެކަމަކު އަނޮންގްދިޔޯއާ އަވަލާފައިވީ އިފްރީންގެ ބަލާވެރިކަން މިވަރުގެ މުސީބާތަކަށް ވެދާނެ ކަމަށް އޭނާ އަށް އެއްގޮތަށް ވެސް ވިސްނިފައެއް ނެތެވެ.
ދިޔޯގެ ހަޔާތަށް އިފްރިންފިރާ އެނބުރިއައީ ރާބެއާ އެކު ގޮސް އޭނާގެ ހިޔަލަށް ވަން ހިސާބުންނެވެ. އެއަށް ފަހު އޭތީގެ ޖެއްސުމާއި އަވަލުމާއި އަނިޔާގައި އެއްހާސް އެތައް ދުވަހެއްވީ ފަހުން ހަޔާތުގެ މި ހުރިހާ ސިއްރަކާއި މުސީބާތަކާއެކު އޭނާ ގޮސް ވެއްޓިގަތީ އެންމެގާތުގައިވީ ރާބެގެ އުނގަށެވެ. އިސްލާމީ ދަރުބާރަށް ހާޒިރުކުރެވުނު ދުވަހު ކިޔައިނުދިން ހުރިހާ ވާހަކައެއް ވެސް ރާބެއަށް ކިޔައިދީ ދުނިޔޭގެ ކުރިމަތީގައި އަނޮންގްދިޔޯ އެއްކޮށް އަމާންދިނީ މުސީބާތުގެ މި އަނދިރި ދިރިއުޅުން ފިޔަވައި އެހެން ހަޔާތެއް އޭނާ އަށް ނެތްކަން އަމިއްލަ އަށް ގަބޫލުކުރެވިފައިވީ ހާލެއްގައި ހުރިހާކަމެއް ވެސް ވަރިހަމަވެގެންނެވެ.
އެކަމަކު ހީކުރިގޮތާ ހިލާފަށް ރާބެ އޭނާ ނަގައި ކުރިއަށް ވުރެން ބާރަށް ބައްދައިގަތީ އެވެ. އެއަށް ފަހު އެކި ދުވަސްވަރުގައި އެކި ހިސާބުތަކުން ހޯދައިގެން ގެނައި ފަންޑިތަވެރިންގެ ކިޔެވެލިތަކާއި މެތުރުމުގެ ބާރުގައި ދިޔޯގެ ދިރިއުޅުމަށް ރާބެ އަށްވީވަރަކުން އޭނާ އައީ ފިނިކަމެއް ހޯދައިދެމުންނެވެ. ނަމަވެސް އިފްރިންފިރާ ރޯކުރަމުންދިޔަ އަލިފާނުގެ ހުޅުގަނޑު އޭރު ވަނީ އެއްކޮށް ނިއްވާލެވޭ ވަރަށް ވުރެން ބޮޑުވެފައެވެ. އެ މަންޒަރުން ހިތްމަރުވެ އެ ހޫނުގައި އަނދައި ދިޔޯއާ އެކު އެ އަނދިރިކަމަށް ގެއްލެމުން ދަނިކޮށް ބަވަންދީގެ ޚަބަރު ލިބުނު ހިސާބުން މި ދެމަފިރިންގެ ހަޔާތުގައި އަނެއްކާވެސް އުއްމީދުގެ ހުޅުކޮޅެއް ރޯވެގެންދިޔައީ އެވެ.
*** ** ***
އަރައިގެން އައިއިރާ އެކު ބަވަންދީގެ އިރުޝާދާ އެއްގޮތަށް އޭނާގެ ދެ އެހީތެރިން ގޮވައިގެން ރާބެ ދުއްވައިގަތީ ކުދިބޮއްޔާއި ސަންގާއި ހިރިގަލާއި ޖަންބުމައު ހޯދައި އެއްތަންކުރުމަށެވެ. އެކަމަކު ބޯވެހޭ މި ވާރެ އާއި މުޅި ރަށުގައި ދެމެމުން އެދާ ކިސަޑުގެ ކޯރުތަކާއި އޭގެ އޮއިވަރުން ސަލާމަތްނުވެވިގެން އުޅެންޖެހޭއިރު ބަވަންދީ އަންގަވާފައިއެވާ އަދަދުން ކުދިބޮއްޔާއި ސަންގާއި ހިރިގައު ހޯދައި އެއްކުރާނީ ވެސް ކިހިނަކުންހެއްޔެވެ؟
ރަށު ތެރޭގައި ހެދިފައިވީ ފެންގަނޑުތަކުން ވެނާއި ފޫޓުމަހާއި ބޭނގުމަސް ހިފުނަސް މި ވިއްސާރަ އާއި ކަޅުބޯވިލާގަނޑުގެ ތެރެއިން ރަންރީނދޫހެން ވިދާ ކުދި ބޮއްޔާއި އިރުގެ ދަޅައެޅިފައިވާ ސަންގާއި ކަފަހާ ސާފު ހިރިގަލާއި ހިމަނާރު ހެންހީވާ ޖަންބުމައު ހޯދާން އަރާނޭ ގަހެއް، ފީނާނޭ ފަރެއް ނުވަތަ އެރޭނެ ކަނޑެއް ވެސް ރާބެއަކަށް ނޭނގެ އެވެ. މިހާލެއްގައި ތެޅިފޮޅޭތާ ސާދަ ދުވަސް ފަހުން އެއްގޮތެއް ވެސް ނެތްކަމަށް ވިސްނައި އޭނާ ނިންމީ ބަވަންދީގެ އިރުޝާދާ ހިލާފުވިޔަސް ލޯބިވާ ދިޔޯގެ ފުރާނަ ސަލާމަތްކުރެވެން އޮތްގޮތަކަށް އެކަން ކުރުމަށެވެ. އެ ނޭވާގައި ރަށުގެ އުތުރު ވަލަށް ވަދެގެން ގޮސް އެތަނުގައިވީ ހަވިއްތާއެއް ތަޅައި ބިމާހަމަކޮށް ރިހިފޮށިގަނޑެއް ފުރެންދެން ބޮއްޔާއި ސަންގާއި ތަޅައިކުދިކޮށްފައިވީ ހިރިގައު ކޮނެގެން ނެގީ އެވެ.
މި ފޮށިގަނޑެއް ކޮނޑަށް ލައިގެން ޗަކަވަލާއި ފެންގަނޑު ތެރެއިން ގޮސް ރަށަށް އަރައި ޖިފުޓިއަށް ބޯދިއްކޮށްލެވުނުއިރު ފުޅި ބައްތިއެއްގެ އަލިކަމުގައި ބަވަންދީ ބަކަރިހަންބޮޑިތަކެއްގައި ލިޔެ ފުރަމުން ގެންދެ އެވެ. ފުޅި ބައްތި ހިފަހައްޓައިގެން އެނދު ކައިރީގައި ދަލޭކާގޮމާ ހުރިއިރު އެނދުގައި ހަތަރެސްފައި އައްސައި މައިތިރިކޮށްފައިވާ އަނޮންގްދިޔޯގެ ކަނާތުން ލޭ އޮހޮރުވާލައިގެން ކުދި ތަށިތަކެއް ފުރެން ދެން ބަވަންދީގެ ދެ އެހީތެރިން ލޭ ނަގަމުން ގެންދަނީ އެވެ.
ބަކަރީގެ ހަންބޮނޑިވަރުތަކުގައި އަރަބިތާނައިގެ އެވޭލާ އަކުރުތައް ބަވަންދީ ލިޔެމުންދިޔައީ ދެލީގެ ގޮތުގައި އޭނާގެ ދެ އެހީތެރިން ފޯރުކޮށްދެމުން ދިޔަ މި ލެއިންނެވެ. އެ މަންޒަށް ބަލަން ހުރެފައި، ކޮނޑަށްލައިގެން ގެނައި ރިހިފޮށިގަނޑާއެކު ރާބެ ދޮރުމެދަށް ތިރިވެ ދެ ކަކޫޖަހައި ވަރުބަލިކަން ފޮޅައި ބޭރުކޮށްލި އެވެ. އެއަޑަށް ބަވަންދީ އެނބުރުނުއިރު ދޮރުމެދުގައި ބަހައްޓާފައިހުރި ފޮށިގަނޑު ފެނި އޭނާގެ ލޭކެކިގަތް ނަމަވެސް އެ އިހްސާސްތައް އެއްވެސް ވަރަކަށް ބޭރުނުކޮށް ކުރަމުންދިޔަ މަސައްކަތަށް އޭނާ އެނބުރިގަތީ އެވެ. އޭރު ލެއިން ފުރާލެވިފައިވީ ކުދިތަށިތަކެއް ގެނެސް އެނދުކައިރީގައި ހުރި ތިރި މޭޒެއްގެ މަތީގައި އެހީތެރިޔަކު އަތުރަމުންގެންދެ އެވެ. އަނެކަކު ދިޔޯގެ އަތުގައި ބޭސްއަޅައި ފޮތިއޮޅައި ލޭ މަނާކުރަނީ އެވެ.
ވާން އުޅޭ ގޮތް ބަވަންދީ އާއި އޭނާގެ ދެ އެހީތެރިންނާއި ރާބެ އަށް އެނގުނަސް އަނޮންގްދިޔޯވީ ފުންވެގެންވީ ނިންޖަކަށް ގެނބި ހިމޭންވެފަ އެވެ. ކިޔެވެލިން މައިތިރިކޮށް މި ނިންޖެއްގެ ތެރޭގައި އޭނާ އޮންނަތާ މިހާރު ސާދަ ދުވަސްވީ އެވެ. ހުއްޓުމެއް ނެތި ވެހެމުން މިދާ ވާރެއަށް ސާޅީސް ދުވަސްވީ އެވެ.
އެރިއިރާއެކު މުޅި ގޯތި ވަށައިގެން ހިރިގަލުން އިން ކުރަހައި ގޮވައްޗަށް ވަންނަ ދިމާލުގައި ވަޅުގަނޑެއް ކޮނެ ތިން ފޫޓް ދެ ފޫޓުގެ ރިހިފޮށިގަނޑު އެ ވަޅުގަނޑަށް ބާލައިގެން އެތަން ހިޔައުކޮށް ފަހު މަރުހަލާގެ ކިޔެވެލިތައް ބަވަންދީ އާއި އޭނާގެ އެހީތެރިން ފަށައިފި އެވެ. އެއަށް ފަހު ކަނޑައިނަގައި ކިޔެވެލި ލިޔެފައިވާ ހިރިގަލާއި ކުދިބޮއްޔާއި ސަންގުން އެ ފޮށިގަނޑު ފުރަމުން އޭގެ ތެރޭގައި ބަކަރީގެ ހަންބޮޑިވަރު ފޮރުވުމަށް ފަހު އެންމެ މަތީގައި ރަތްތަގައްލާ ފޮތިގަނޑެއް ފަތުރައިލުމަށް ފަހު އެ ފޮތިގަނޑު ފުރެންދެން ޖަންބުމާއަޅައި ހަތަރުކަން އެއްކޮށް ގޮށްޖަހައި ބޯޅައެއްގެ ސިފައިގައި ބަންދުކޮށްލީ އެވެ.
މާގިނައިރެއް ނުވެ ތުނިކޮށްލި ވާރޭ އެހެންއޮވެފައި ހަމަ ކުއްލިއަކަށް ހުއްޓާލީ އެވެ. ބަވަންދީގެ ކުޅިވަރު އޭނާ ކާމިޔާބުކުރާނެ ކަމުގެ ފުރަތަމަ ނިޝާނަކީ އެއީއެވެ. ނަމަވެސް ޝައްކު އުފެދިފައި ވަނީ ހަވިއްތާއިން ނަގައިގެން ރާބެ ގެނައި ރިހިފޮށިގަނޑާއި އޭގައިވީ ސަންގާއި ބޮއްޔާއި ގަލާމެދުގަ އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ވިލާތައް ފަޅާލާފައި އިރު ނުކުމެގެން އައި މަންޒަރު ފެނި، ރާބެ އެ ހޭވި، އަމިއްލަ އެދުމުން ފުރިގެންވީ ހަޑީގެ މަތިން އެމީހުން ހަނދާން ނެތިގެންދިޔައީ އެވެ. ނުވަތަ ހިއްސުތަކުގައި ވަރުޖެހި ހަމަ ދުނިޔެއަކަށް އެންމެފަހުން ހޭލި އަނޮންގްދިޔޯއާ އެކު ރާބެގެ އެ ކުޑަކުޑަ އާއިލާ އަށް ބަންޑުންވި އުފާވެރިކަން ފެނި އެ ހިތްހަމަޖެހުމަށް ފަސްއަޅަން ބަވަންދީ ބޭނުންނުވީ އެވެ. އެހެންވެ، ހިތުގައި އުފެއްދި ހުރިހާ ސުވާލެއް ވަޅުގަނޑަށްލުމަށް ފަހު ރިހިފޮށިގަނޑާއެކު އެތަނުގައި ވަޅުލީ އެވެ. އަދި އެތަން ފާހަގަކުރުމަށް ކަމަށް ބުނެ ރާބެ ލައްވައި އިސްކޮޅުހާ ބޮޑު ޖަންބުގަހެއް އެދިމާލުގައި އިންދުމަށް ފަހު ބަވަންދީ އެދުނީ ހަމަ އެންމެ ކަމަކަށެވެ.
އެ ގަސް ފޯދި އޭގެ މާތައް މޭވާ އަށް ބަދަލުވެއްޖެ ނަމަ ގަހުގައި ރޯކޮށް އަޅިއަށް ހެދުމަށެވެ. އަދި އެ މާތައް މޭވާ އަށް ބަދަލުނުވެއްޖެ ނަމަ އެ ގަސް އެގޮތުގައި ދޫކޮށް އެ ގޯތިން އުމުރަށް ނުކުމެގެންދިއުމަށެވެ. މި އިންޒާރާއި އިރުޝާދަށް ފަހު ބަވަންދީ އާއި އޭނާގެ ދެ އެހީތެރިން ފުރައިގެން ދިޔައީ އެވެ.
ރާބެގެ ގޯތީގައި އިންދި އެ ޖަންބުގަސް ފޯދި އޭގައި ފުރަތަމަ ބޯށިގަނޑު ނުކުތީ އޭގެ ބަރާބަރު ހަ ސަތޭހަ ފަސްދޮޅަސް ހަ ދުވަސް ފަހުންނެވެ. އޭރު ގޯތި ވަށައިގެން ކުރެހި އިމުގައި އުވަފާރު ރާނައި ޖިފުޓީގައި އީޓުޖަހައި މި ގޮވައްޗަކަށް ދީފައިވާ ނަމަކީ ޖަންބުމާވިލާއެވެ.
ނަމަވެސް އެތަނަށް ފުރިހަމަކަން ގެނެސްދިން ޖަންބުގަސް ފޯދި، ފިޔާތޮށިކުލައިގެ މަލުން ފަރިވެ، ފަތަށް ވުރެ ގިނައިން މައު އެޅި ނަމަވެސް، އެއިން ހަމަ އެންމެ މަލެއް ވެސް މޭވާއަކަށް ބަދަލުވާގޮތެއް ނުވި އެވެ. އެކަން ފާހަގަވި ބަޔަކު އެ ވާހަކައެއް ދެއްކި ނަމަވެސް އެ ގޯތީގައި ފަރިވެ ފޮޅެމުންދިޔަ ދަލޭކާގޮމާގެ ރީތިކަން އޭރު ވެފައި އޮތީ އަދި މިއަށްވުރެން ބޮޑު ވާހަކައަކަށެވެ. ވަކިން ހާއްސަކޮށް އެ ސަހަރައްދުގައި އަލަށް އާބާދުވި މަޝްހޫރު ސައުދާގަރެއް ކަމުގައިވީ ކެލިދުރު ކަލޭފާނުގެ ސަމާލުކަން ދަލޭކާގޮމާ އަށް ލިބުނު ހިސާބުން ޖަންބުގަހާއި އެ ޖަންބުގަހާ ގުޅުވައިގެން ބަވަންދީ ދީފައިވީ އިންޒާރުތައް މަތިން ރާބެ އެކުގައި ހަނދާންނައްތާލައިފި އެވެ. (ނުނިމޭ)



