ބައްޕަންކަކާ އަށް ހީވީ އަނގުރު އަލިފާނުގެ ތެރެއިން ސުވަރުގެއަކަށް އުފަންވިހެންނެވެ. ސައްދުންމަތި އަނދައި އަޅިއަށް ހަދައިލި އިސްލާމީ އިންގިލާބަށް ފަހު އޮޔާއި ވަޔާއެކުގައި ދެކުނަށް ބެހެމުން ގޮސް ލެއްގި ބިން އޭނާ ސިފަކުރަނީ ސުވަރުގެއެއް ކަމަށެވެ. ބައްޕަންކަކާ މިފަދައިން މޮޔަނުވާންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އަށް މާތް ރަސްކަލާނގެ މިންވަރުކުރެއްވި ބޮޑު ރަށަކީ އަޖާއިބުން ފުރިގެންވީ މުއްސަނދިކަމެކެވެ. ސައްދުންމަތީގައި އޭނާ ދިރިއުޅުނު ހަތްތެލި ފައްޅި އަކީ އިންސާނުންގެ ނުބައި ހިޔާލީ ދުނިޔެއަށް ނިސްބަތްވީ ތިއްކެކެވެ. ކުރިމަތީގައި ހުރި ގުދުރަތީ އަޖާއިބުތައް ފެނި މޮޔަވެފައިވީ ހާލުގައި ބައްޕަންކަކާގެ ހިތަށް އެރީ މިހެންނެވެ.

އޭނާ އަކީ އަބަދުވެސް ގުދުރަތުގެ އަޖާއިބާއި ހިތްގައިމުކަމަށް ދަހިވެތިވި ނަފުސެކެވެ. ހާމުދުރަކަށްވުމުގެ ހިޔާލެއް ވެސް އޭނާގެ އެންމެ ފުރަތަމަ ނެތެވެ. އެކަމަކު އާއިލާއެއް ނެތް ނެތުން އެންމެފަހުން އޭނާ ހާމުދުރަކަށް ބަދަލުވާން މަޖުބޫރުކުރީ އެވެ. ބައްޕަންކަކާގެ އޮތީ ސާފުތެދުވެރި ހިތެއް ނޫނެވެ. ހަގީގީ ހާމުދުރަކަށް ދުވަހަކު ވެސް އޭނާ ބަދަލުނުވީ ފަހަރެއްގައި އެހެންވެގެންނެވެ. އޭނާ ޖެހުނީ، އަބަދުވެސް ދުނިޔެ ދެއްކި މާއްދީ ޖާދޫގަ އެވެ.

އުމުރުން 21 އަހަރުގައި ފައްޅީގެ ހަގީގީ ޒިންމާތަކާ ހަވާލުވާން ޖެހުނުއިރު އެންމެނަށް ވަގަށް އޭނާ އުޅެނީ އަނޮންގް ދިޔޯއޭ ކިޔުނު އޭނާ އަށް ވުރެން ވެސް ދޮށީ އަންހެނަކާ ހިތާވެގެންނެވެ. އެކަމަކު ފެންނަ ފެނުމަށް ދިޔޯ ހީވަނީ އޭރު ވެސް ސޯޅަ އަހަރުގެ އަންހެން ކުއްޖެއް ހެންނެވެ. އެންމެ ސާފު، އެންމެ ތެދުވެރި ނުވަތަ އެންމެ ރަނގަޅު ބޮލަކާއި ހިތެއް ނެތީމައި ބައްޕަންކަކާ ނިކަން ފަސޭހައިން ދިޔޯގެ ލޯބީގައި ޖެހި އެ ފުންކަނޑަށް ގެނބިގެން ދިޔައީއޭ ވެސް ބުނެވިދާނެ އެވެ.

އެއަށް ފަހު އޭނާގެ ހިތް ދެން ބަންޑުންވީ ގެނބެން ދިޔަ ފުންކަނޑުން ސަލާމަތްކޮށްދިން ބިޔަ ރާޅުތަކާއެކު ގޮސް އެއްލައިލި ފެހިކަމާއި ފޮނިކަމުގެ މުލަކޭ ކިޔުނު މި ބިޔަ ޖަންގައްޔަށެވެ. އެއީ ނާރިނގާއި އަނބާއި ޖަންބުފޮނިކަމުގެ ސުވަރުގެއެކެވެ. ކަނޑޫފައު ކުޅިތަކާއި އެތަނުގައިވީ ފެންމީރުކަމާއި ބޭނގު މަހުގެ މީރުކަމެވެ. ކަށިކޭލާއި ފަތްކޭލުގެ ރަތްފެހި ރީނދުލުގެ ހިތްގައިމުކަމާއި ކަނޑޫވަކާއި ދަންވަކާއި އޮޅުއަލައިގެ ހުދު ސާފުކަމެކެވެ.

މި ހުރިހާ މުއްސަނދިކަމަކާއެކު ބައްޕަންކަކާ އަށް ދެ ވަނަ އިންސިއެއްގެ ތުރާލެއް ނުޖެހި އެއޮތް ބޮޑު ރަށް ހިތަކަށް ލިބުމުން އަނޮންގް ދިޔޯ އުރާލައިގެން ގޮސް އޭނާ ގަނޑުވަރެއް ބިނާކޮށްދިނީ އެތަނުގައި އޮށޯވެލައިގެން އޮވެ އަނބާއި ނާރިނގާއި ޖަންބު ބިނދެވޭހާ ފަސޭހަކޮށް، ކުޅިއާ އެންމެ ކައިރި ހިސާބުގަ އެވެ. ލޯބިން މި ގެއަކަށް ބައްޕަންކަކާ ގަނޑުވަރެކޭ ކިޔަސް އެއީ ހަމަ އާދައިގެ ފަން ޖިފުޓިގަނޑެކެވެ. އެކަމަކު ނިދާ އަށިމަތީގައި އޮށޯވެލައިގެން އޮވެ އަތްއެއްލައި މޭވާ ބިނދެލެވޭ ވަރުވެ އެވެ.

ނާރިނގު ބިނދެލައިގެން ނޮޅައި އެއިން ފަހަރަކު ފިތެއް ނައްޓުވާލައިގެން ކަމުން ގޮސް ކުޅިއަށް ފައިބައި ފެންވަރާލައިގެން އެނބުރި ގެއަށް ގޮސް ގަނޑުވަރުގެ ހުވަފެނުގައި ނިދައި ދުނިޔޭގެ އަރާމާއި ލައްޒަތުގެ ތެރެއަށް ގެނބިގަންނަނީ އެވެ. ބައްޕަންކަކާ އާއި ދިޔޯގެ މި ދިރިއުޅުމަށް އުނދަގޫކުރަން އައި ކާޅެއް، މެއްސެއް މަދިރިއެއް ވެސް އެ ރަށުގައި ނެތެވެ.

ރަށުގައި ތިބީ އެދެމަފިރިން އެކަންޏެވެ. އެކަމަކު ދިޔޯގެ ބަނޑު މަޑުމަޑުން ބޮޑުވަމުން ގޮސް އޭގެ ގާތްގަނޑަކަށް އަށް މަސް ފަހުން އެމީހުންގެ މި ދިރިއުޅުމަށް އަންހެން ކުއްޖަކު އުފަންވެއްޖެ އެވެ. ފަން ޖިފުޓިއަކަށް އުފަންވިޔަސް އެ ކުއްޖާ އަށް ބައްޕަންކަކާ ނަންކީ ރަސްމަތިފުށުން ވަޑައިގަންނަވާ އަންހެން ބޭކަނބަލަކަށް ނަން ކިޔާ ގޮތަށެވެ. – އެ ނަމަކީ ދަލޭކާގޮމާ އެވެ.

ރަށެއްގެ ސިފައިގައި މާތް ރަސްކަލާނގެ ބައްޕަންކަކާ އަށް މިންވަރުކުރެއްވީ ސުވަރުގެއެއް ކަމަށް ބަލައިގެން ތިއްބާ މިތަން މަޑުމަޑުން މިދެމަފިރިންނަށް މުސީބާތަކަށް ބަދަލުވާން ފެށީ ތުއްތު ތުއްތު ދަލޭކާގޮމާ އެ މީހުންގެ މި ދުނިޔެއަށް ނޭވާލައި ލޯ ހުޅުވައިލި ހިސާބުންނެވެ. ސައްދުންމަތިން ފުރައިގެން އައިސް މި ސުވަރުގެއަކަށް އުފަންކުރުވި އަންހެން ދަރީގެ ހަރާންހަލާލުކަން ކަނޑައަޅަން ނޭނގުނަސް ބައްޕަންކަކާ އާއި ދިޔޯގެ ހިތަށް ވަނީ އޭރު އިސްލާމީ އެންމެ އަލިގަދަ ނޫރު ވަދެ ނިމިފަ އެވެ. ބައްޕަންކަކާ އަށް އެނގޭ ހަގީގަތަކީ މިއެވެ. އެހެންކަމުން އަންހެން ދަރިއާއެކު ދިރިއުޅުން ތެޅިގަތްގޮތުން ދެން ގަބޫލުކުރެވުނީ ހަލާލު ކައިވެންޏެއް ނުކޮށް ނަހަލާލަށް ބަލިވެއިނދެ ވިހެއި ދަރިއަކަށްވީމައި، ސުންޕާވެރިކަމެއް މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ފާކުރެއްވީކަމަށެވެ.

އެންމެ ހާލު ބޮޑުވީ އަނޮންގް ދިޔޯގެ އެވެ. ދަލޭކާގޮމާ ވިހެއި ދުވަހުން ފެށިގެން އެ މައިމީހާ ގަދައެއް ނުވި އެވެ. ބޭރަށްހިންގުމާއި ހޮޑުލެވުން އާންމުކަމަކަށްވެ އަރުތެރެއިން އެއްޗެއް ދިރުވުން ފުރާނަގެންދިއުން ކަހަލަ ކަމަކަށްވިއިރު ކިރެއް ނާރާތީ ތުއްތު ދަލޭކާގޮމާ އަށް ގާތުންދެވޭނެ ގޮތެއް ވެސް ނެތެވެ. އެކަމަކު ބައްޕަންކަކާ ހީކުރީ މުލަކުގެ ފެހި ބިމުން އޭނާ އަށް މިހުރިހާ ބަލިމަޑުކަމަކާއި މުސީބާތަކަށް ފަރުވާ ހޯދޭނެ ކަމަށެވެ.

ނަމަވެސް ވާރެއާ ނުލައި ދެން އައި އެއް ހާސް އެއް ސަކޭތަ ދުވަހަށް ފަހު ހުރިހާ ކަމެއް މާތްރަސްކަލާނގެއާ ވަކީލުކޮށް ބައްޕަންކަކާ ވެސް ބަލިއެނދަށް ވެއްޓިއްޖެ އެވެ. އޭރަކު ރުކުގައި ކާއްޓެއް، ބޯލާނެ ކުރުނބަލެއް ނުވަތަ ހަފައި ކާލާނޭ ގޮނބޮޅިގަނޑެއް ވެސް ނާޅާތާ ޒަމާންގަނޑެކެވެ. ރަށުގައި އޮތް ފެންމީރު ބޮޑު ދެ ކުޅި ހިކިގެން މަސްތައް މަރުވެ ކުންޏަށްވެ ފަލަމަޑީގެ މުއްސަނދިކަން ވެސް ވިހައަށް ގޮސް ހަލާކުވެ އެކުގައި ނެތިއްޖެ އެވެ. މޭވާގެ ފޮނިކަމާއި މީރުކަމާއި މީރުވަސް ގެނެސްދިން ގަސްތައް ވެސް މަރުވެ ފަތްތައް ހުސްވެ ހިޔަނި ވެސް ބައްޕަންކަކާގެ ކުޑަކުޑަ މި އާއިލާ އަށް ކެހިދީފައި މުސީބާތުގެ ތާޅަފިއްޔަށް ބިރުން ފިލައިފި އެވެ.

ބައްޕަންކަކާ ބަލިއެނދަށް ވެއްޓުނީ ދިޔޯ އާއި ދަލޭކާގޮމާ އަށް ދޭނޭ އެއްޗެއް ހޯދަން ވަލުތެރޭގައި ހިނގަމުން ދަނިކޮށް ފެނުނު ބޮޑު ޒައްގޫމު ގަހެއްގެ ކުރިގަނޑުން ވަކިތައް ބިނދެގެން އަނގައިން ޗިސްކުރަނިކޮށް ވިހަވެގެންނެވެ. މުޅި ރަށުގައި ހިނގައިގެން ވެސް އެ ދުވަހު ބައްޕަންކަކާ އަށް ލިބުނު މޭވާއަކީ އެއީ އެވެ. އަދި ފެހިކަމާއި އޭގެ ގަދަކަމުގައި ހުރި ހަމައެކަނި ގަހަކީ ވެސް ނަރަކައިގެ އަހުލުވެރިންގެ މޭވާއޭކިޔުނު ކަށި ގިނަ މި ސިފަހުތުރު ގަހެވެ.

ޒައްގޫމުގެ ކަށިތަކަށް ފަރުވާލެއް ނެތި އަނގައަށް ލައި ހަފައިލުމުން އޭގެ ވިހަގަނޑު ބޮލަށް އަރައިގެން ދިޔަވަގުތު ބައްޕަންކަކާ އަށް ހީވީ ކުރިމަތިން ފާޅުވި ހިޔަންޏެއް ފަދައިންވީ ބާރަކުން އޭނާގެ މެއަށް އަތް ގަންނަވައި ހިތާއި ފުރާނަ ޖަހައިގެން ދިޔަ ހެންނެވެ. އެ ބިރުވެރިކަމުގެ ތެރެއިން ގަޔަށް އެރި ވަރުގަނޑަކާއެކު ބައްޕަންކަކާ އަށް ދުނިޔެމަތި އަނދިރިވެ، ޒައްގޫމުގަސް ދޮށަށް ހެއިކެނޑިއްޖެ އެވެ.

އޭގެ އެތައް ގަޑިއިރުތަކެއް ފަހުން އޭނާ އަށް ހޭލެވެނީ ކުޑަ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑަށެވެ. ސިއްސައިގެން ގޮސް ހޭލެވުނުއިރު ކައިރީގައި އުޑަފައިން އިށީނދެލައިގެން އިނދެ ރޮއި ހޭރެމުން ދަނީ އޭނާގެ ތިން އަހަރުގެ ކުޑަކުޑަ ދަލޭކާގޮމާއެވެ. އޭރު ދުނިޔެ މައްޗަށް ވެރިވެފައިވަނީ ފުސް އަނދިރިކަމެކެވެ.

ފުންމައިގެން ތެދުވެ ވަށައިގެން ހޯދާލާފައި ދަލޭކާގޮމާ އުރާލައިގެން ބައްޕަންކަކާ ދުއްވައިގަތްއިރު ޒައްގޫމުގަހެއް އެ ދިމާލުގައި ނެތަސް އޭގެ ވިހަ އާއި ކަށީގެ އަސަރު އޭނާގެ ލޭގައި ދެމެމުން ކައްކަމުން ގެންދަނީ އެވެ.

** ** **

އަނޮންގް ދިޔޯ އަށް ހޭލެވުނީ ނިކަން ބާރަށް ވެއްޓިގެން އައި އެއްޗެއް ޖިފުޓީގެ ތޮށަލީގެ ފުރާޅުގައި ޖެހުނު އަޑަށެވެ. އޮއްސުނު އިރާއެކު ރަށު ތެރެއަށް ވެރިވެފައިވާ އަނދިރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދިޔޯގެ ހިތް ގެނބި ގެއްލިފައި ވަނިކޮށް ކުއްލިއަކަށް އިވުނު މި އަޑާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ.

ބަލި އެނދުގައި އޮންނަތާ އަހަރަކާއި ދެ ބައިވީއެވެ. ބުރުސޫރަ ރިވެތި ކަމަށް އެއް އިރެއްގައި މަޝްހޫރުވިޔަސް އަނޮންގް ދިޔޯ އަކީ މިހާރު މުޅިން އެހެން ފުރާނައެކެވެ. އެ ރީތިކަމުގެ ތެރެއަށް މުސްކުޅިބަލީގެ ސުންޕާކަން ވަދެ އެއްކޮށް އަވަދިކޮށްލާފައިވާ ކަހަލަ އެވެ.

އެކަމަކު ތަނުއެޅި ކުނަލެއްހެން ހީވިޔަސް ގެންފައިވާ ބިރާއެކު ދިޔޯއަކަށް އޭނާގެ ތަންމައްޗަކު މަޑަކުން ނޯވެވުނެވެ.

އަށި މަތިން ފުންމައިގެން ތެދުވެ، އެ ދިމާލުގައި އެލުވާފައިވީ ފުޅިބައްތިއެއް ނަގައި ޖިފުޓިތެރެއަށް އެކުގައި އަލިވާނޭހެން އެނބުރި ދުރަށް ދިއްކޮށްލައިފި އެވެ. ކަމީނާވެގެން ގޮސް ގަޔަށް ދޫވެފައިވީ ލިބާސްގަނޑު އަނެއް އަތުން ހެޔޮވަރުކުރަމުން ފަރުވާތެރިކަމާ އެކު ކުރިއަށް ޖެހި އަނޮންގް ދިޔޯ އެންމެފަހުން ބިރާ ކުރިމަތިލައިފި އެވެ.

އޭރު ފުރާޅުގައިވީ ތޮށަލިގަނޑެއް ފަޅައިގެން ގޮސް ހެދިފައިވާ ބާގަނޑެއް ފުޅިބައްތީގެ އަލީގައި އޭނާ އަށް ފެނެ އެވެ. ބާގަނޑާ ދިމާލަށް ބަލަން ހުރެފައި ވާނުވާ ރޭކާލުމުން ފުޅިބައްތި ތިރިކޮށް ބޭއިހްތިޔާރުގައި އޭނާ އަށް ބަލައިލެވުނީ އުވައިގެ ތަޅުމަށެވެ. އެވަގުތު ފަައިދޮށުން ތެޅިގަތް ސިފަހުތުރު އަނގަބޮޑު ސޫތްޕެއް ފެނިގެން ހުރެވުނުތަން ވެސް ދިޔޯއަކަށް ނޭނގުނެވެ.

އެކަމަކު ފުންމައިގެން ދުރަށް ޖެހި ފުޅިބައްތީގައި ރަނގަޅަށް ހިފަހައްޓައި އެއަށް އަލިކޮށްލުމުން ބޮކެއްގެ ސިފައިގައި ފާޅުވެގެން އައި އެ ސޫތްޕަކަށް ހުށިޔާރުވެ ދިޔޯ ހަމަޖެހިއްޖެ އެވެ. އެއީ ރަށު ތެރެއިން ފެންނަ ބޮއްތަކަށް ވުރެން ބޮޑުވެފައި އޭގެ ސިފަ ހުތުރު ސޫތްޕެކެވެ. ތޮށަލިގަނޑުގައި ޖެހުނު ބާރު މިނުގައި އޭތީގެ ބޯ ފަޅައިގެން ގޮސްފައިވީ ނަމަވެސް އަދިވެސް މަރެއްނުވެ އެވެ.

މަރަށް ތެޅިލަތެޅިލަ އޮތް ބޮއް އޭގެ ލެއާ ތަތްތެޅެމުން ދިޔަ ނިކަމެތި އަދި އެވަރަށް ފަކުރުހީވާ މަންޒަރަށް ބަލަން ދިޔޯ ހުއްޓައި ޖިފުޓި ތެރެއަށް ވަން ރޯޅިއަކާ އެކު ފުޅިބައްތި ނިވިއްޖެ އެވެ. އޭރު ވަރުބަލިކަމުގައި ދުވެފައި އަންނަ މީހެއްގެ ފިޔަވަޅާއި މާނޭވާގެ އަޑު ބޭރުން އިވެ އެވެ. އެވަގުތު އަނެއްކާވެސް ކުއްލިއަކަށް އިވުނީ ނިކަން ބާރަށް މަތިން ވެއްޓިގެން އައި އެއްޗެއް ތޮށަލި ފުރާޅުގައި ޖެހުނު އަޑެވެ.

ފުޅިބައްތި އަލުން ރޯކޮށްގެން ޖިފުޓިން ބޭރަށް ދިޔޯ ނުކުތްއިރު އަތްދަނޑިމައްޗަށް ދަލޭކާގޮމާ ލައިގެން ވަލުތެރެއިން ނުކުމެގެން ބަރު ފިޔަވަޅުތަކެއްގައި ދުވަމުން އައިސް ގޯތިތެރެއަށް އޭރު ބައްޕަންކަކާ ވަންނަނީ އެވެ. ނަމަވެސް އިތުރު ފިޔަވަޅެއް ކުރިއަށް ނޭޅިގެން އުޅެނިކޮށް ވަރު ދޫވެގެން ކަށިވެލިގަނޑު މައްޗަށް އޭނާ އަނގަވަތަށް ވެއްޓިއްޖެ އެވެ. އޭނާއާ އެކު ވެއްޓުނު ދަލޭކާގޮމާ އަނެއްކާވެސް ނިކަން ބާރަށް ރޮއިގަތުމުން ފުޅިބައްތި ދޮރުކައިރީގައި އަޅުވާލާފައި ދުވެފައި ގޮސް ދިޔޯ އޭނާގެ އަންހެން ދަރި އުރާލައިގެން އެތެރެއަށް ވަދެ ނިދާއަށީގައި އޭނާ ބޭއްވުމަށް ފަހު އަނެއްކާވެސް ކުރުފިޔަވަޅުތަކެއް ޖަހާފައި ތެޅިފޮޅެމުން ބޭރަށް ނުކުމެ ބައްޕަންކަކާ އެތެރެއަށް ވައްދަން ހިފާލައިފި އެވެ.

ނަމަވެސް އެ ނިކަމެތިކަމާއި ބަލިކަށިކަމުގައި އެކަންވީ އަނޮންގް ދިޔޯ އަށް ކުޅަދާނަވެގެންވާ ވަރުގެ ކަމަކަށްނޫނެވެ. އެކަމަކު ވެސް އޭނާ ދޫކޮށެއް ނުލި އެވެ. ކުރިމަތިވާން އުޅޭ މުސީބާތުގެ ބިރުވެރިކަން ކިތަންމެ ބޮޑަށް ހިތަށް ވަދެފައިވީ ނަމަވެސް ބައްޕަންކަކާ ދޫކޮށްލާފައި ޖިފުޓިއަށް ވަދެ ފިލަން ދިޔޯގެ ހިތް ބޭނުމެއް ނުވި އެވެ.

ބަނަކޮށްލާފައި އޮތް އުޑުމަތިން ގަދަކޮށްލި ވައި ރޯޅިއާ އެކު ލެވުނު ބާރެއް ލާފައި ބައްޕަންކަކާގެ މުލައްދަނޑީގައި ހިފައި އުފުއްލުނު ވަރަކަށް އުފުއްލާލައިގެން ދަމައި ކޫއްތަމުން ގެންގޮސް އެންމެފަހުން އޭނާ ޖިފުޓިގަނޑަށް ވައްދައި ދިޔޯ ދޮރު ލައްޕައިފި އެވެ. އެވަގުތު ހީވީ ރުޅިއަރައިގަނެފައިވާ ރޯޅިގަނޑެއް އައިސް ދޮރުފަތް ލުހެލައި އުވަ ފާރުތައް ތަޅައި ބުރުވައިލިހެންނެވެ.

ދެން ކުއްލިއަކަށް އޮއްސާލި ބޯ ވާރެއާ އެކު ހީވީ ހިލައިގެ ވާރެއިން ޖިފުޓި އާއި އެމީހުންގެ ކުޑަކުޑަ ދުނިޔެ ސުންނާފަތިކޮށްލިހެންނެވެ. ތޮށަލީގެ ފުރާޅު ފޫވައްޓާލަފާނެހެން ހީވި ހިނދު ދަލޭކާގޮމާ ފުންމައިގެން ގޮސް އޭނާގެ އަމާގެ އުނގަށް އަރައި ލިބާސް ތެރެއަށް ވަދެ ފިލައިފި އެވެ.

އެ ކުޑަކުޑަ މައުސޫމް ފުރާނަ އަށް، ވެގެން މި އުޅެނީ ކީއްކަން ނޭނގުނަސް ދިޔޯ އަށް މިހާރު ހުރިހާ ކަމެއް ވެސް ޔަގީންވެ ނިމިއްޖެ އެވެ. ނަމަވެސް ފިލަން ދުވާނޭ ތަނެއް ނެތްކަން އެނގޭ ހާލުގައި ބަލި ގަބޫލުކޮށް ދިޔޯ އޭނާގެ އަންހެން ދަރީގެ ގައިގައި ބައްދައިގަނެ ލޯ މަރާލި އެވެ.

ނުބައިވެގެންވީ ބާރެއް އެމީހުންގެ އިމަށް ހާޒިރުވެ ނިކަމެތިވި މި ނަފުސުތަކަށް ވެރިވެގަތުމަށް ދެން މާގިނަ އިރެއް ނެތްކަން އޭނާ އަށް އެނގޭތީ އެވެ. (ނުނިމޭ)