ފަތިހުގެ ފިނީގައި ބަޒާންގެ ހީރާ ގުރާބު ނަގިލިލައިގެން އެ އޮތީ ވާޑޫގެ ފުއްޓަރާވީ ފަރާތު ބޭރު ކަނޑުގަ އެވެ. އެއީ ރެދިންގެ ކަޅުވަކަރުގެ އާދަޔާހިލާފު، އުމުރުދިގު ކިއްސަރެވެ. މީގެ ފަންސަތިރީސް އަހަރު ކުރިން ސާގީސާގެ އަމުރަށް ރެދިން ބަނދެފައިވާ އޮޑި އަދިވެސް ހީވަނީ އިހަށްދުވަހު ބޭލި ގުރާބެއް ހެންނެވެ. ނަމަވެސް ކަނޑުމަތީ ދެޔޯއިންގެ ތުރާލުން ސަލާމަތްވުމަކީ ކިތަންމެ މޮޅު ކިއްސަރުވަޑާމަކަސް، ވަރަށް ނާދިރު ނަސީބެކެވެ.
ކަނޑުމަތިން ދިމާކޮށްލި ދެޔޯމާރިދުންގެ ބައިގަނޑުގެ ކިބައިން ސަލާމަތްވީ ކަމަށް ހިތާ އައިސް ނަގިލީއިރު އެ ދުންފިނިގަނޑު އޮތީ ވާދޫ ހީސޯރުކޮށްފަ އެވެ.
ހީރާ ގުރާބުގެ ފަޅުވެރިން ހުސިޔާރުވެގެން އެ ތިބީ ރަށުގެ ފުއްޓަރާ ދިމާލުން ފެށިގެން ގޮސް ހޭޅިފަށާ ހަމަ އަށް ފެތުރިފައި އޮތް ދުންފިނީގެ ތެރޭގައި ފިލައި ތިބި ދެޔޯމާރިދުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށެވެ. އެ ސޮރުމެންގެ މުސީބާތުން މިންޖުވާނެ އިރަކަށް ކުމުންޒާނިން ދުންއަޅައި ކިޔެވެލި ކިޔަވަނީ އެވެ. ދަރުބޮނޑިތަކުގައި ރޯކޮށްފައިވާ އޮޑިއަކަށް އަރަން އެ ސޮރުމެންނަކަށް ނުކެރޭނެ އެވެ. އަދި ދެޔޯމާރިދުންގެ ދުންފިނިގަނޑެއްގެ ތެރެއަށް ބޮއްކުރާގައި ފައިބާނީ ކަނޑުކޮސް މޮޔަ އެކެވެ.
އެހެންކަމުން، ސިފަ ބަދަލުކުރަމުން ގެންދިޔަ އެ ދުންފިނިގަނޑުގެ ތެރޭގައިވީ ޖިންނިތައް ކަނޑުމައްޗަށް އެނބުރިގޮސް ވާޑޫގެ އެ މާހައުލު އަމަންވަންދެން ބަޒާންގެ ކަލާސީންނަށް މަޖުބޫރުވީ ފުއްޓަރުގެ ބޭރުގައި މަޑުކުރާށެވެ.
އިރުގެ ނަލަ ދޯދިތައް އުދަރެސް ފަޅާލާފައި ނުކުތުމާއެކު ދުންފިނީގެ އަސަރު މަޑުމަޑުން ފިލަމުން ގޮސް ވާޑޫގެ ހޭޅިފަށް ފެންނަވަރަށް އެންމެފަހުން ސާފުވެއްޖެ އެވެ. ރަންކުލައިގެ ދަޅަތަކުން ގޮސް ނޫކުލައަށް ބަދަލުވަމުން ދިޔަ އުޑުމަތިން ދޫނިތައް އުދުހި ގޮވަން ފަށައިގަތުމާ އެކު ބޮއްކުރާއެއް ބާލައިގެން ދެ ތިން ފަލިވެރިންނާ އެކު ބަޒާން ރަށާ ދިމާލަށް ނައްޓާލައިފި އެވެ.
ފަލިޖަހަމުން ރަށާ ގާތްވަމުން ދިޔަ ވަރަކަށް އެމީހުންގެ ލޮލުގައި އަޅައިގަތީ ރާޅުތަކާ އެކުގައި ގޮސް ގޮނޑުދޮށަށް ލައްގަމުން ދިޔަ ކުލަކުލައިގެ ފިރުއައުނުމުދާތަކެވެ. ހަލުވިދާގަނޑެއް ހެން ހީވާ އެ ދިރުމަކީ ބޮޑެތި ހަންޑިކުޑައިގެ ސިފައިގައި ކަޅުކަނޑުގެ އެންމެ އަޑީގައި ދަތުރުކޮށް އުޅޭ ފައިދިގު ރޫހުތަކެކެވެ. ބޮނބިނަރުހެން ހީވާ އެ ފައިތަކުން މީހެއްގެ ގަޔަށް ކައްޓެއް ހެރިއްޖެ ނަމަ ވިހަކޮށް ވައުކޮށްލާނެ އެވެ.
ފިރުއައުނުމުދާ ރަށެއްގެ ގޮނޑުދޮށަށް ލެއްގުމަކީ ކަނޑުގައިވީ ހިމޭންކަމާއި އަމާންކަން ގެއްލިފައިވާ ކަމުގެ ނިޝާނެކެވެ. ހަނގުރާމައެއް ބޯމަތިވަމުން އަންނަ ކަމުގެ އިންޒާރެކެވެ. ނުބައިވެގެންވީ ސުންޕާވެރިކަމެއްގެ އަލާމާތެކެވެ.
ބޮއްކުރާ ގޮސް ގާތްކޮށްލީ ރާޅުތައް އަރުވަމުން ދިޔަ ހިރިގަލުގެ ފާލަމަށެވެ. ގޮނޑުދޮށަށް ލައްގަމުން ދިޔަ ފިރުއައުނުމުދާތަކާ ދިމާލަށް ބަލަންހުރެފައި ބަޒާން ފާލަމަށް އަރައި ހަރުކޮށް ހެލެމުން ގޮސް ރަށު ތެރެއަށް ވަދެ ދުއްވައިގަތެވެ. ކޮރޮލީރަހާގެ ޖިފުޓިގަނޑާ އަރައި ހަމަވުމާ އެކު އޭނާގެ ލޮލުގައި އަޅައިގަތީ ފެންޑާގެ އަކިރިތަކުގެ މައްޗަށް ވެއްޓި ތަޅައިގެން ގޮސްފައި އޮތް ފުޅިބައްތި އެވެ. އެއާއެކު އުނަގަނޑުމަތިން ހަންޖަރެއް ދަމައި ހުރިތަނަށް ހުއްޓި ހުސިޔާރުވެގަތެވެ.
ވަށައިގެން ބަލައި ހޯދާލުމަށް ފަހު ވަގު ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ގޮސް ހަންޖަރުގެ ކޮޅުން ޖައްސައި ގޭގެ ދޮރުފަތް އެތެރެއަށް ކޮށްޕާލި އެވެ.
ގޭތެރޭގައި އޮތީ އޮލަދުންގަނޑެކެވެ. އަދި ކުރިއަށް ނެގި ފިޔަވަޅާ އެކު އެތަނުގައިވީ ވަޅުގަނޑެއްގެ ތެރެއަށް ބަޒާން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ. އޭނާ ހުޅުވާލި ދޮރުފަތް ވެސް ލުއްސުވައި އިރާލައިގެން ގޮސް ވަޅުގަނޑުގެ ތެރެއަށް ކުއްލިއަކަށް ދަމައިގަތެވެ. ކަޅުވަކަރުގެ ދޮރުކަނީގައި އެވަގުތު އޭނާ އެލިގަތެވެ.
ގޭތެރޭގައި ހެދިފައިވާ ވަޅުގަނޑު ވަށައިގެން ވަނީ އަނގުރުން ދިއްލިފަ އެވެ. ދުންއަރަމުން ދިޔަ އެ ވަޅުގަނޑުގައިވީ ފުންކަމެއް ބުނެދޭކަށް ނޭނގެ އެވެ. ނަމަވެސް ޖިފުޓި ތެރޭގައިވީ ހުރިހާ އެއްޗެއް އެ ވަޅުގަނޑުގެ ތެރެއަށް ދަމައިގެން ގޮސްފައިވާ ކަހަލަ އެވެ. ވަށައިގެންވީ ތޮށަލީގެ ފާރުތަކާއި ފުރާޅުގަނޑު ވެސް ހީވަނީ އެތަނުގައި އުފެދިފައިވީ ދަމާބާރުގައި އިރައިގެން ގޮސްދާނެހެންނެވެ.
ވަޅުގަނޑުގައިވީ ދަމާބާރުން ސަލާމަތްވެ ޖިފުޓިގަނޑުން ބޭރަށް ނުކުމެ އެ ހިސާބުގަނޑުގައި ހެދިފައި އޮތް ބޯ ޖަންގައްޔާ ދިމާލަށް ގޮސް ހުއްޓި ވަށައިގެން ބަލައި އަނެއްކާވެސް ހޯދާލި އެވެ. ގަސްތަކުގެ ތެރޭގައި އަދިވެސް ދުންފިނީގެ އަސަރު ގަދަ އެވެ. އެ ދުންފިނިގަނޑުގެ ތެރޭގައި ހީވަނީ ހިޔަނިތައް ފިލައި ތިބިހެންނެވެ. ނުވަތަ އެއީ މުޅި ރަށަށް ވެރިވެފައިވާ ނާމާންކަމުގެ އަސަރު ހިތަށް ފޯރުމުން އޭނާ އަށް ހީވާ ގޮތެކެވެ.
ހިތަށް ވަން ބިރުވެރިކަމާ އެކު ބަޒާން އެ ދިމާލުން ނުކުމެ ދުވެފައި ގޮސް ފުންމާލީ އޭނާގެ ބޮއްކުރާ އަށެވެ. ތަހުތުގެ ސިއްކަ ޖެހި ސިޓީތައް އުފުލާ އެހަނޑަ ބާޒެއް ހޯރައަޅަމުން އަންނަތަން އޭރު ފެނެ އެވެ. ބޮއްކުރާގައި ގޮސް ހީރާ ގުރާބަށް އެރުމާ އެކު ލިބުނު ޚަބަރުން ބަޒާންގެ ދެ ލޯ ފެންކަޅިކޮށްލި އެވެ.
އެއާ އެކު ޖެހިގަތް ގަދަ ރޯޅިއަށް ރިޔައު ކޮށިކުރަމުން ހީރާ ގުރާބު ރާޅުތައް ކަފައި ލޮނުގަނޑު ފަޅަމުން ދުއްވައިގަތެވެ. ޝާހީ ނިޝާނުން ޖަރީކުރި ޖަސްތުކޮޅުތައް ދެފައިގައި ލައިފައިވީ އެހަނޑަ ވެސް ފަރިބަލައިލުމަކާ އެކު އުދުއްސައިގަތެވެ.
ކަނޑާއި ވައިގެ ތެރޭގައި އޮޑި ހަމަޖެހިލުމުން ފަޅުވެރި ނައިބުގެ އަތަށް ހުންގާނު ދީފައި ގޮސް ބަޒާން އެރީ ދިރުނބާކޮޅަށެވެ. ތަތްފަތާއި ސިނަފަތް އެއްކޮށްފައިވާ ކަށިގަނޑު ރޯކޮށް ފުއްޕާމެޔަށް އެނގޭވަރުގެ ދެ ތިން ވަރުގަދަ އެތިފަހަރު ދަމާލުމަށް ފަހު އަރުވަން ފެށި ދުންތަކާ އެކު އޭނާގެ ނަޒަރު ގޮސް ގެއްލިފައި ހުރީ އުޑާއި ކަނޑު ގޮސް ފައްތަރުވެފައިވާ ހިސާބަށެވެ. ނަމަވެސް އަރުގައި ދޭހެން ހީވަނީ ކަޅުކަނޑުގެ ގަދަ ލޮރު ރަހަ އެކެވެ.
ދުރުން، މާ ދުރުން އެ ފެންނަ އުޑާއި ކަނޑުގެ އެ ރޮނގު ހީވަނީ ފަތިކޮށް ބާއްވާލާފައި އޮތް މާ ސިންގާ ކަނޑިއެއްގެ ތޫނު މިޔަހެންނެވެ. އެ ކަނޑިން ޖަހައި އުޑާއި ކަނޑު ވަކިކޮށްފައިވާހެނެވެ. ނަމަވެސް އެއީ އޭގައި އެއްވެސް އަސްލެއް ނެތް ރޮނގެކެވެ. ދުވަހަކުވެސް އަތުނުވާނެ ހިތްގައިމު މަންޒިލެކެވެ. ގުދުރަތުގެ ތޫނުފިލި އޮޅުވާލުމެކެވެ.
ނަމަވެސް ބަޒާންގެ ދެ އަތުން ހިފަހައްޓަން ޖެހޭ ކަނޑިކޮޅަކީ އޭނާގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ހަގީގަތެވެ. އޭނާ އަކީ ސާގީސާގެ ހަމައެކަނި ފިރިހެން އައުލާދެވެ. އަމީރުލް ބަހުރެއްގެ ޔުނިފޯމު އަޅުއްވައިގެން ދިރުނބާކޮޅުގައި އަމަލު ފަތުން ދުންބޮމުން ގެންދިޔަޔަސް އޭނާގެ ސިކުނޑި ދޫކޮށް ނުދާނެ ހަގީގަތަކީ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާތަކެވެ.
ސާގީސާގެ ތަހުތުގައި އޭނާ އަށް އިންތިޒާރުކުރަމުންދާ ޒިންމާތައް، ދުރުން އެ ފެންނަ އުދަރެސް ރޮނގަށް ވުރެ ތޫނުވެފައި މާ ބޮޑެވެ.
ނަމަވެސް ރަސްކަމުގެ އެ ތަހުތާއި ދަރުބާރަށް ވުރެ ބޮޑު ޝައުގަކާއި ލޯތްބެއް މި ޒުވާން އަމީރުގެ ހިތުގައި އުފެދިފައި އޮތީ އަބަދުވެސް މި ކަނޑާއި ފަޅާއި އުދަރެހުގައިވީ އަޖާއިބުތަކަށެވެ.
ގިނަ ކެރިޔާ ވާރޭގައި، ގުގުރާ ވިދާ ތޫފާނުތަކުގައި، ހޮނުހެން ކެކި އަރައިގެން އައި ދުޝްމަނުންގެ ސަފުތައް ވެސް މި ހީރާ އޮޑީގައި އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން ފޫއަޅުވައި ކާމިޔާބު ހޯދައިފަ އެވެ. ދުޝްމަނުންގެ ކަނޑި ލޮންސިން ޖަހައި އަތް ފައި ބުރިކޮށް ގޮހޮރު ފޫވައްޓާލާފައިވީ އެތައް ބަޔަކު ކޮނޑަށްލައިގެން އަމާންކަމުގެ ތެރެއަށް ގެންގޮސްދީފަ އެވެ. ނަމަވެސް ބޯމަތިވަމުން އަންނަ ތަހުތުގެ ޒިންމާތައް ދެކެ އޭނާގެ ހިތުގައި އުފެދިފައި ވަނީ ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެކެވެ.
ތަހުތަކީ ދުރުން އެ ފެންނަ އުދަރެސް ރޮނގު ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ. މިހެން ހިތަށް އަރުވައި ކަށިގަނޑަށް ދަމައި ދުންބޯލިތަނުން އޭނާގެ ލޮލުގައި އަޅައިގަތީ އޮޑިއާ ދިމާލުން ފައުޅުވާން ފެށި ފިރުއައުނުމުދާ ބައިގަނޑެކެވެ. ނޫނެކެވެ. އެއީ ހީވި ގޮތެކެވެ. އޮޔާ އެކުގައި ބެހެމުން އެ ދަނީ އިންސާނުންގެ ގަބުރުތަކެކެވެ. އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އުދަރެހާ ދިމާލުން ފެތުރެމުން އެ ދަނީ އޮލަ ދުންގަނޑެކެވެ.
ރިޔައުކޮށިކޮށް އޮޑީގެ ދުވެލި މަޑުކުރަމުން ގޮސް ކަޅުކަނޑުގެ ހުދުފަރާ ގާތްވަމުންދިޔައިރު ހުޅަނގު ބިތުން ފެންނަނީ އަނދައި އަޅިއަށް ވަމުން ދިޔަ މުލަކެވެ. އިސްލާމީ އިންގިލާބުގައި ސަތުދުންމަތި އަނދަމުންދިޔަ ތަން މިއަށް ވުރެ މާ ގާތުން ބަޒާން ދުށްޓެވެ. ނަމަވެސް މުލަކުގައި ރޯވެފައިވާ އެ އަލިފާންގަނޑު ވަރުގެ ހޫނެއް އޭނާ މީގެ ކުރިން އިހުސާސުކޮށްފައެއް ނުވެ އެވެ.
މުލަކަކީ ހުވަފެނުގައި ބަޒާނަށް ފެންނަ ގުދުރަތީ އަޖާއިބުގެ ރަށެވެ. އެ ހުވަފެނުގައި އޭނާ އަށް ފެންނަނީ ސުވަރުގެއެއްހެން އޮތް ފަޅިއަކާއި ނަރަކަވަލެއްގެ ގޮތުގައި އަނދައި ހުލިވެފައި އޮތް ފަޅިއެކެވެ. ލޯ ކުރިމަތިން މިހާރު އެ ފެންނަ މުލައް އެ އޮތީ އަނދައި ހުލިވެފައިވީ ނަރަކަ ފަޅި ހެންނެވެ.
ރަށުގެ ފާލަންތައް ވެސް ވަނީ އަނދައި އަޅިއަށް ވެފަ އެވެ. ގޮނޑުދޮށުން ވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. އަދި ރަށާ ގާތްކުރެވޭނެ ގޮތެއް ވެސް ނެތެވެ. ހަދާނެ ގޮތަކާ މެދު ފިކުރުހުސްވެފައި ވަނިކޮށް ހީރާ އޮޑީގެ ފަޅުވެރިންގެ ކަންފަތުގައި އައިސް ޖެހުނީ އެހަނޑަ ބާޒުގެ ތޫލި އަޑެވެ.
މުލައް މަތިން ފެތުރެމުން ދިޔަ އޮލަ ދުންގަނޑުގެ ތެރެއިން އުދުހިގެން މާ ސިންގާ އެ ބާޒު ދެން މިސްރާބުޖެހީ ސުވާދީޕާގެ ދެކުނު ބިތަށެވެ. އައްޑޫއާވީ ފަޅިއަށެވެ. ފަލިތައް ބާލުވައި އަސަރުގަދަ އަންބާގެ ލަވަތަކުން ބަނޑިއަރުވަމުން ފަލިވެރިން އެހިސާބުން ފަލި ޖަހައިގަތެވެ.
މާ ގިނަ އިރެއް ނުވެ މުލަކުގެ މަލަމަތި ގެއްލިއްޖެ އެވެ. ރަށުން އަރަމުން ދިޔަ ދުންގަނޑު ވެސް އުދަރެސް ރޮނގަށް ވަދެ ގެއްލިއްޖެ އެވެ. އެއާ އެކު އަނެއްކާވެސް އެހަނޑައިގެ ތޫލި އަޑުފަތްގަނޑު އިވިއްޖެ އެވެ. ދިރުނބާކޮޅުގައި ހުރި ބަޒާން އޭނާގެ އުނަގަނޑުގައި އޮތް ދުރުމީނަގައި ހުޅުވާލުމަށް ފަހު ކަނާތު ލޮލުގައި ޖައްސާލާއި އޭގެ ކޮޅުގައިވީ ބަރިބަރިތައް އަނބުރަމުން ވަށައިގެން ހޯދަން ފަށައިފި އެވެ.
އެމީހުން ތިބި ހިސާބަކީ ކަޅުކަނޑުގެ ގޮށްރާޅު ތެރެއިން ކަނޑުޕަރީން ފުމޭ ކަމަށް ބުނެވޭ ހިސާބެކެވެ. ކަނޑުޕަރީންނަކީ ޗާލާކު އަދި އެހާމެ މަކަރުވެރި ވެސް ނަސްލެކެވެ. އެހެންކަމުން ހީރާ ގުރާބުގެ ފަޅުވެރިން ހީކުރީ އެހަނޑަ ދެމުން ދިޔަ އިންޒާރަކީ އެއީ ކަމަށެވެ.
ނަމަވެސް ބަޒާން އަނބުރަމުން ދިޔަ ދުރުމީގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ބޮއްކުރާއެކެވެ. އެއް ބޮއްކުރާގައި މީހަކު އިނެވެ. އޭނާއާ ކުރިމަތިލައިގެން އިނީ ސިފަބަދަލުކޮށްގެން އެއަށް އަރައި އިން ކަނޑުޕަރީންގެ އިފްރީތެކެވެ. އަނެއްކާވެސް އެހަނޑައިގެ ތޫލި އަޑުން ކަންފަތްތައް ތޮރުފައިގަތެވެ. ބޮއްކުރާގައި އިން ކަނޑުޕަރީ ބިރުން ފުންމާލި އެވެ.
ރިހިކުލައިގެ ދަޅަތަކެއް ބޮއްކުރާގެ ތެރެއިން އަރަމުންދާތަން ފެނެ އެވެ. އެއާ އެކު ރިޔާތައް ކޮށިކޮށް ހީރާ އޮޑީގެ މިސްރާބު ބަދަލުކޮށްލީ ވަގުތުން އެ ބޮއްކުރާ އޮތް ދިމާލަށެވެ.
ގުރާބުގެ ރިޔާތައް ފަރުމާނަށް ކޮށިކޮށް ދުވެލި މަޑުކުރަމުން ފަލިޖަހަމުން ގޮސް ބޮއްކުރާއާ ގާތްކޮށްލިއިރު އެހަނޑަ ބާޒު އިނީ އޭގެ ދިރުނބާކޮޅުގަ އެވެ. ގާތްވަމުން ދިޔަ ބޮޑު އޮޑިއާ އެކު އުފެދިފައި އޮތް ގޮށްރާޅުގަނޑުން އަރުވަން ފެށި ލޮޅުންތަކާ އެކު ދެ ފިޔަގަނޑު ރޫޅާލުމާ އެކު އެ ދޫނި އުދުއްސައިގަތެވެ. ދޮޅަސް ފޫޓަށް ފެތުރިފައިވީ ވަރުގަދަ ވަރައިން އަރުވާލި ރޯޅިގަނޑާ އެކު ގުރާބުގެ ފަޅުވެރިޔަކު ބޮއްކުރާގެ ދިރުނބާކޮޅަށް ފުއްމާލި އެވެ. އަދި އޭނާ ދިއްކޮށްލި ހަންޖަރުގެ ތޫނުގައިވީ އިންޒާރާ އެކު ބޮއްކުރާގައި އިން ޒުވާނާ ވަގުތުން އަމާންދީފި އެވެ. އެއީ އަނދައިހުލިވި މުލަކުގެ މުސީބާތުން ސަލާމަތްވެ އަމާންއައްސޭރި އަކަށް ފަލިޖަހަމުން ދިޔަ ބާޖިސްކަލޯ އެވެ.
ނަމަވެސް ހީރާ އޮޑީގައި ތިބި ފަޅުވެރިން އެންމެ ފުރަތަމަ ހީކުރީ ބޮއްކުރާއިން ނެގި އެ ޒުވާނާ އަކީ ކަނޑުފޭރޭ ވަގެއް ކަމަށެވެ. މުލަކުގެ އިސްލާމީ އާބާދުގައި ރޯކޮށްލުމަށް ފަހު އެމީހުންގެ ހަޒާނާތައް ފޭރި ފިލަން ދިޔަ މީހެއް ކަމަށެވެ. ނަމަވެސް ކަނޑުފޭރޭ މީހުންގެ ސިފަތައް ސުވާދީޕާގެ ސިފައިން ހިތު ދަހެވެ. އަދި އޭގެ އެއްވެސް ސިފައެއް އޭނާގެ ކިބައިގައި ނެތެވެ.
އެ ޒުވާނާ އަކީ ކާކުކަން އެމީހުންނަށް ބުނެދިނީ އޭނާގެ އަތުގައި އޮތް ރިހި އަނގޮޓި އެކެވެ. އޭގައި ކަނޑައި ނަގާފައިވާ ނިޝާނަކީ މުލަކުގައި ގަދަރުއުފުލިގެންވީ ކެލިދުރު އާއިލާގެ ސިއްކަ އެވެ.
އައްޑޫ އަތޮޅުން މުލަކަށް ހިޖުރަކޮށް އެ ރަށުގެ އިސްލާމީ އާބާދަށް ތަހުޒީބާއި ތަމައްދުނުކަން ގެނެސްދެއްވި ކެލިދުރުކަލޭގެ ފާނަކީ ސާގީސާގެ ދަރުބާރުގައި ވެސް ގަދަރު އުފުލިގެންވީ ސައުދާގަރެކެވެ. ބާޖިސްކަލޯ އަކީ ކެލިދުރުކަލޭފާނުގެ އައުލާދެއްކަން އެނގުމާ އެކު ހީރާ ގުރާބުގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން އޭނާ އަށް ވަގުތުން ކަށަވަރުވެއްޖެ އެވެ. އަދި ބޮއްކުރާގައި އޮތް ރިހިފޮށިގަނޑު ނުހުޅުވުމަށް އޭނާ ދިން އިންޒާރު ގަބޫލުކޮށް އެމީހުންގެ މިސްރާބުޖެހީ އައްޑޫ އަތޮޅަށެވެ.
"ބަވަންދީގެ ހާޒިރުގައި ނޫން ގޮތަކަށް މި ފޮށި ހުޅުވަންނަކަ އަފުންނެއް ނުބުނަންނޭވެ."
އައްޑޫ އަތޮޅުގެ އެތެރެވަރިއަށް ގޮސް ވަދެވުނުއިރު އިރުއޮއްސިއްޖެ އެވެ. ބަޒާން އަވަސްވެގަތީ ގަނޑުވަރުގެ އުސްގޭގައި އޮންނެވި ބައްޕާފުޅުގެ އަރިހަށް ދިއުމަށެވެ. އޭނާގެ އަތުގައިވީ ޚަބަރާއި އޭނާގެ އަތަށް އެހަނޑައިގެ ޖަސްތުކޮޅުގައި ގެނެސްދިން ޚަބަރުން ނުތަނަވަސްވެފައިވީ ހިތް ހަމަޖައްސަން ހަދާނެ ހަމަ އެއްވެސް ގޮތެއް އޭނާ އަކަށް ނުވިސްނެ އެވެ.
ސަމޭދާން ބައްތީގެ ރަން އަލިން ކިއްލާގެ ސަރައްކާލިތައް ދިއްލެމުން ދިޔައިރު، ގަނޑުވަރު ތެރެއަށް ފެތުރެމުން ދިޔަ އެ އަލިކަމަށް ވުރެ ބާރަށް ދަތުރުކުރަމުން ދިޔައީ ބަޒާނެވެ. ކަނޑުމަތިން ހޮވައިގެން ގެނައި ބާޖިސްކަލޯ އާއި އޭނާގެ އަތުގައިވީ ރިހިފޮށިގަނޑު މަތިން ބަޒާން މިހާރު ހަނދާނެއް ވެސް ނެތް ކަހަލަ އެވެ.
ޒުވާން އަމީރު ދުވެފައި ގޮސް ބައްޕާފުޅުގެ ކޮޓަރިކޮޅާ އަރައި ހަމަވައިރު ގަނޑުވަރުގެ އިސްބޭކަލުންނާއި ހަކީމުންނާއި ފަންޑިތަވެރިން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. އެ އެންމެންގެ މޫނުމަތީގައި ވެސް ވަނީ މޮޅިވެރިކަމާއި ހިތާމައިގެ ސާއްޔެވެ. ކޮޓަރިކޮޅު ތެރެއިން އިވެނީ ގުރުއާން ކިޔަވާ އަޑެވެ. ދުންއަޅަމުން ދިޔަ ލުބާންގެ ހުތްފޮނިކަމުން މުޅި މާހައުލު އޮތީ އެއްވަސްކޮށްލައިފަ އެވެ.
އަރަބި ބޮޑު އަކުރުތައް ކަނޑައި ނަގައި ގުރުއާނުގެ ކަލިމަތަކުން ޖަރީކޮށްފައިވާ ހައިވަކަރު ދެ ދޮފުރަތް ހުޅުވާލާފައި ބަޒާން އެތެރެއަށް ވަންއިރު ސާގީސާ އޮންނެވި އެނދުދާންކޮޅު ކައިރީގައި ބޯއަޅައިގެން އޮވެ މަންމާފުޅު ގިސްލަނީ އެވެ. ބަޒާންގެ ދެ ލޯ ވަގުތުން ފެންކަޅިވެ ކަރުނަ ދެމިގަތެވެ. އެވަގުތު ފުންމައިގެން އައިސް އޭނާގެ ގައިގައި ބައްދައިގަތީ އޭނާގެ ކޮއްކޮ ބަލްގިސް އެވެ. އެއީ އުމުރުގައި އިރުކޮޅެއްގެ ތަފާތުހުރި އޭނާގެ ނިބޫ އެކެވެ.
ކޮއްކޮގެ އަތުގައި ހިފައި ބާރުކޮށްލައިގެން ގޮސް ބަޒާން ބައްޕާފުޅުގެ ދާންކޮޅު ކައިރީގައި މަޑުކޮށްލި އެވެ. މަންމާފުޅު ނަރުގިސް އިސްފުލައި ބަލައިލި އެވެ. ނަމަވެސް ބައްޕާފުޅު ސާގީސާގެ އެއްވެސް ހަރަކާތެއް ނެތެވެ. ރަސްގެފާނުގެ ދެ ލޮލުގައި އޮތީ މަރުގެ ދެ ރަން ފޮއްޗެވެ. އޭގެ އެއް ފޮތީގައި ލިޔެފައި އޮތީ އަރަބީގެ ކުރު ޖުމުލަ އެކެވެ. އަނެއް ފޮތީގައި ކަނޑައި ނަގާފައި ވަނީ ދިވެސްއަކުރެވެ.
"އަހަރެމެން އެންމެންނަކީ ވެސް މި ވަގުތީ ދުނިޔޭގައިވީ މުސާފިރުންނެވެ."
"މަތިވެރިވި ރަސްކަލާނގެ ހަޟުރަތަށް ކުރާ ދަތުރަކީ އެންމެ އުފާވެރި ދަތުރެވެ."
ނަމަވެސް ގުނަމުން އެދާ ވަގުތުގައި ބަޒާން އާއި އޭނާގެ އާއިލާއަށް ހަމަ އެއްވެސް އުފާވެރިކަމެއް ނެތެވެ. އާލާސްކަންފުޅާ ވަޑައިގެން މަރުގެ ތަންމަތިކޮޅުގައި އޮންނަވާތާ ހަނދުމަހެއް ހަމަކޮށްފައި ވަކިވެ އެ ދިޔައީ އެ އާލާސްކަންފުޅާއި މަރުގެ ފަހަތުގައިވީ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެނީހެވެ.
ބަޒާންގެ ހިތަށް އެންމެ ތަދުވަނީ އެހެންވެގެންނެވެ. އެ މަރުގެ ހަގީގަތް ހޯދުމުގައި އޭނާ ނުކުޅެދިފައިވީ ހަގީގަތާ މެދުގަ އެވެ.
ސާގީސާ ރަސްގެފާނު ދެމިއޮތުމުގެ އާލަމަކަށް ދަތުރުކުރެއްވި ޚަބަރު ރަސްމީކޮށް އިއުލާނުކުރިއިރު މެންދަމުން އަލިވެ އެކެއް ޖަހަނީ އެވެ. ނަމަވެސް އޮއްސުނު އިރާއެކު އެ ޚަބަރު ދިޔައީ ތުންތުންމަތިން ހޮޅުއަށިތަކުން މައިޒާންތަކުން ގޮސް ސަހަރުގެ ހުރިހާ ބިތަކަށް މަޑުމަޑުން ފެތުރެމުންނެވެ. ނަމަވެސް ނިދި ނަގާލައިގެން އެ އެންމެން އިންތިޒާރުކުރަމުން ދިޔަ ވަގުތަކީ ގަނޑުވަރުގެ އުސްގެކޮޅުގައިވީ ދުންހޮޅީގެ ކިޑިކީތަކުން ހުދުކުލައިގެ ދުމާ އެކު ގޮމަކަސްތޫރީގެ ވަސްގަނޑު ނުކުމެގެން އަންނާނެ އިރަކަށެވެ.
އުސްގެކޮޅުގެ އެންމެ މަތީގައި ގާއިމުކޮށްފައިވާ ރަންކުލައިގެ އެ ދުންހޮޅި އަކީ ތަހުތުގައި އިންނަވާ ރަސްކަލަކު އަވަހާރަވެދާ ހިނދު އެ ޚަބަރު އެބޭކަލެއްގެ ރައްޔިތުންނަށް އަންގާ ރަސްމީ އާދަކާދަ އެވެ. އެ ދުންހޮޅީގެ ކިޑިކީތަކުން ނުކުންނަ ހުދު ކަފަހެން ހީވާ ދުމަށް ސުވާދީޕާގައި ކިޔައި އުޅެނީ މަރޮދުމާ އެވެ. ނުވަތަ "ގަނޑޮވަރޮ މަރޮދުމާ" އެޅުމެވެ.
އެންމެފަހުން މަރޮދުމާ އެޅީ މީގެ ފަސްދޮޅަސް ހަތަރު އަހަރު ކުރިންނެވެ. އެހެންކަމުން ސުވަދީޕާ ތަހުތުގެ މި ތާރީޚީ އިއުލާނުކުރުމަކީ އިސްމިޑޫގެ ޒުވާން އާބާދީ އަށް މުޅިން އައު ތަޖުރިބާއެކެވެ.
ދުންހޮޅީގެ ކިޑިކީތަކުން ހުދުކުލައިގެ ދުންތައް ނުކުމެ ގޮމަކަސްތޫރީގެ ވަހުން އިސްމިޑޫ އެއްވަސްވަމުން ދިޔައިރު އަތޮޅުގެ އެހެން ރަށްތަކަށް ވެސް އެ ދުމުގެ އަސަރު ރީއްޗަށް ފެނެ އެވެ. އެއީ ބޯކިރު ކުލައިވީ ވަރަށް އޮލަ ދުމެކެވެ.
އެ މަންޒަރު ބެލުމަށް ރަށުގެ އެތަންމިތަނަށް މީހުން ޖަމާވެފައި ތިބިއިރު ބާޖިސްކަލޯ ބުރަކަށިދަމާލައިގެން އެ އޮތީ ހީރާ އޮޑީގެ ފަޅުވެރިންގެ ވަތުގަ އެވެ. ސުވާދީޕާގެ ތަހުތުގައި އިންނެވި މަހާރަދުން އަވަހާރަވެގެން އުޅޭ ކަމުގެ ހިލަމެއް ވެސް އޭނާ އަކަށް ނުވެ އެވެ. އެއަށް ވުރެ މާ އެކަނިވެރި އަނދިރި ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފަ އެވެ.
ރާޅުތައް އެ އޮޑީގެ ކަޅުވަކަރުތަކުގެ ބަނޑުފުށުގައި ބީހޭ އަޑު ނޫން އަޑެއް އެތަނަކުން ނީވެ އެވެ. އެތަނުގައި ދެކޮޅަށް ދަމައި އައްސާފައިވާ ރޯނުން ގެތި ޖޯލިތަކުގައި ގުގުރިދަމާނެ ފަޅުވެރިޔަކު ވެސް ނިދާފައި ނެތެވެ. އަނދަމުން ދިޔަ އުށްބައްތިގަނޑު ވެސް އެ ފޫހިކަމުގައި އަނދިރިކަމަށް އަމާންދޭން މަޑުމަޑުން ވިރި ހުލިވަނީ އެވެ.
އޮށޯވެ އޮތް ޖޯލިގަނޑު މަޑުމަޑުން ދެކޮޅަށް އެއްލަމުން ގެންދާއިރު، އުށްބައްތީގެ އަލީގައި ބާޖިސްކަލޯގެ ހިޔަނި ދެކޮޅުން ދެކޮޅަށް ކިރެމުން ފުންމަމުން ގެންދެ އެވެ. އެ ފަޅުވެރިންގެ ވަތުގައި ވަނީ ތަތްމުޑުވަހާއި ދާ ވަހާއި ހޮޑު ވަހެވެ. ކަޅުކަނޑުގެ ލޮނު ވަހާއި އިންސާނުންގެ ގޮރު ވަހެވެ. ނޯށްދަމާލަން ކެތްނުވިޔަސް ބާޖިސްކަލޯ އެތަނުގައި އެ އޮތީ އެ އޮޑީގެ ވަތާއި ކަޅުކަނޑުގެ ފުންކަމަށް ވުރެ ވެސް ފުން ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފަ އެވެ.
މަޑުމަޑުން ލަމުން ދިޔަ ކޮންމެ ނޭވާއަކާ އެކު އަދިވެސް އޭނާގެ ހިނދުރި ތެރެއިން ދެމެމުން ދަނީ މިނި އަނދާ ވަހެވެ. އުފަންވެ އުޅެބޮޑުވި ރަށުގެ ފަސްގަނޑަށް އޮހޮރެމުން ދިޔަ ލޭގައިވީ ތޫނު ކަމާއި ވެހެމުން ދިޔަ ލޭގެ ވާރޭގައިވީ ހޫނުކަމެވެ. ބިންގަނޑު ފަޅާލާފައި ނުކުތް އަލިފާގަނޑުން އަނދަމުން އަޅިއަށް ވަމުން ދިޔަ ޖިފުޓިތަކާއި ދިރުމުގައިވީ ފަހު ނޭވާގެ އަޑެވެ. މަރުގެ އާދޭހާއި އަޑާއި ވަހެވެ. އަދި ޒައިނަބުކާނލޯގެ ހަނދާންތަކެވެ.
އެ ފިކުރުތައް އުފައްދަމުން ދިޔަ ތުރާލާއި ހިތުގައި އަޅަމުން ދިޔަ ވޭނާއި ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފިޔަވައި ބާޖިސްކަލޯގެ އަތުގައި މިހާރަކު ހަމަ އެކައްޗެއް ވެސް ނެތެވެ. އޭނާގެ ހާންދާން އެކުގައި އެ ވަނީ ނެތި ގޮސްފަ އެވެ. އަންހެނުންނާއި ދަރި އާއި ކޮއްކޮމެންނާއި ރަށުގެ އެންމެންގެ ކުރިމަތީގައި ހިތްވަރު ދައްކަންވީ ވަގުތު އޭނާ އޮތީ ބިންގަނޑުގައިވީ ހޮރަކަށް ވަދެ ފިލައިފަ އެވެ. ކަންކަމާ މެދު ޖެހިލުން ނުވާ ކަމަށް މުޅި އުމުރު ދުވަހު ހެދިގެން އުޅުނު ބާރުގަދަ ބާޖިސްކަލޯ ވަރުގެ ބޮޑު ފިނޑިޔަކު ވެސް އެންމެ ފަހުވަގުތު ނެތެވެ.
ކުރަން ނުކެރުނު ކަންކަމާއި ނުކުރެވުނު ކަންކަމާ މެދުގައި ހިންގަމުން ދިޔަ ފިކުރުތަކުން އަމިއްލަ ނަފުސު ކުށްވެރިކޮށް ފެންކަޅިވެފައި ވަނިކޮށް އުށްބައްތި ނިވި އޮޑިވަތަށް މެންދަމުގެ ކަނު އަނދިރިކަން ވެރިވެއްޖެ އެވެ. އެހެން އޮތްވައި ނިދި ޖެހުނުއިރެއް ބާޖިސްކަލޯ އަކަށް ނޭނގެ އެވެ. އޭނާ އަށް ހޭލެވުނީ ރަށު ތެރެއިން ނުކުމެގެން އައި ދުންމާރީގެ ހިތާމަވެރި ރާގުތަކެއް އޮޑި ތެރޭގައި ހޭލަމޭލިވެ ދެމޭ އަޑަށެވެ.
ހޭލެވުނުއިރު މުޅި މީހާ އޮތީ ދާހިއްލާ ފޯވެފަ އެވެ. ހަންގަނޑުގައި ވަނީ ވެށިރޯނާއި ގެތި ޖޯލީގެ ކުރެހުން ބިންވަޅުނެގިފަ އެވެ. އެ ޖޯލިގަނޑުން ތެދުވެ ދެ ލޯ އުނގުޅަމުން ގޮސް ފެން ބާލިދީގަނޑެއްގެ ތެރެއަށް ދެ އަތްތިލަ ގަންނަވާލުމާ އެކު މޫނުގައިވީ ކަރުނައިގެ ލޮނާއި އަޅީގެ އަސަރު ދޮވެލައިގެން ބޭރަށް ބޯދިއްކޮށްލުމުން އޭނާގެ ލޯ ކުރިމަތިން ފައުޅުވެގެން އައީ އަޖާއިބެއް ފަދަ މަންޒަރުތަކެކެވެ.
ވިލާކޮޅެއް ނެތް ނޫކުލައިގެ ސާފު އުޑުދަށުގައި ރުއްގަސް މަތިން އަރައި ފަހަނަޅައި ގޮސްފައިވާ އިސްމިޑޫގެ ތަމައްދުނެވެ.
އޮޑިން ފުންމާލިތަނުން ބާޖިސްކަލޯގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ދޮންރުކެއްގެ ހިޔަލުގައި ތުނޑުކުނާ އަޅައިގެން ތިބި މޫސީގާރުންގެ ބައެކެވެ. ތާރަ ބެރު ޖަހަމުން ރިބާބުގެ ނަރުތައް ކޮށްޓަމުން ދުންމާރި ފުމެމުން ސޫފީންގެ ގަޒަލްގެ ހިތާމަވެރި ލަވަތަކެއް ކުޅެމުން ގެންދިޔަ ޔުނީފޯމު އެޅި މޫސީގާރުންގެ ބައެކެވެ. މުގުރިބުރި ހިފައިގެން ޔުނިފޯމު އަޅައިގެން އޮޑި ދޯނި ފަހަރުތައް އަރައި ފައިބަމުން ގެންދާ ބަނދަރުކަލާސީން ވެސް އެތަންމިތަނުގައި ހެލިފެލިވެ އުޅޭތަން އޭރު ފެނެ އެވެ.
ފުރަން ތައްޔާރުވެފައިވާ އޮޑިއެއް ނެތެވެ. މަހުން އައިސް ލަފައިގެން އުޅޭ މަސްދޯންޏެއް ވެސް ނެތެވެ. ބަނދަރުމަތީގައި ފިހާރަ ގޮޅިތަކެއް ނެތެވެ. ދައު ބަންނަން ތިބި މަސްވެރިންގެ ބަޔަކު ވެސް ފެންނާކަށް ނެތެވެ. އާންމުންގެ މީހަކު ހެން ހީވާ ހަމަ އެކަކު ވެސް އެތަނުގައި ނެތީ ތޯއްޗެވެ. މުޅިން ވެސް ފެންނަމުން ދަނީ މުގުރުބުރި ހިފައިގެން ހަރަކާތްތެރިވަމުންދާ ފާޑުފާޑުގެ ކަލާސީންނެވެ.
ހިރިގަލުގެ ދިގު ފާލަންތަކުގެ ބޭރުގައި އަޅާފައިވަނީ މުޅިން ވެސް ހީރާ ގުރާބު ކަހަލަ ހަނގުރާމަމަތީ ބޮޑެތި އޮޑިތަކެވެ. ފާލަމާ ގުޅިފައިވީ ބަނދަރުމަތިން ފެންނަނީ ކޯއްޓޭ ބުރުޒުތަކުގައި ވިހުރެމުން ދިޔަ ދިދަތަކާއި ފޯރިމަރަން ތިބި ސިފައިންނެވެ.
ރަށާ ދިމާލަށް ބަލައިލުމުން ފެންނަނީ ބަނދަރާ ގުޅިފައިވީ މަގުތަކުގައި ހުދުކުލައިގެ ދިދަފޮތި ދަމައި ދުންއަޅަމުން އަންނަ ތަނެވެ.
ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭކަން ބާޖިސްކަލޯ އަށް އެ ހިސާބުން ރޭކާލައިފި އެވެ.
އެކަމަކު އޭރު ވެސް، ފޭބިގެން މި އުޅެނީ ހަނގުބޭކަލުންގެ ހާއްސަ ބަނދަރަކަށް ކަމެއް އޭނާ އަށް އިހުސާސެއް ނުވެ އެވެ. ހުރެވުނުތަން ޔަގީންވީ ރަށު ތެރެއަށް ދިއުމަށް ހިނގައިގަތް ވަގުތު ކަލާސީންގެ ދެ މީހަކު ފަހަތުން އައިސް އޭނާ ހިފެހެއްޓުމުންނެވެ.
ބާޖިސްކަލޯ ހުރީ ހުސްފައިގަ އެވެ. ހުސްގަޔާ އެވެ. އަނދެގެން ހުރި މުންޑުގަނޑު ވަނީ ކިލާވެފަ އެވެ. ރަށެއްގައި ގަދަރުއުފުލިގެންވީ ތަނަވަސް އާއިލާއެއްގެ ދޮށީ ފިރިހެން ދަރިއެއްހެން ވެސް އޭނާ ހީނުވެ އެވެ. އޭނާ މިހާރު އެންމެ ވައްތަރީ އިސްމިޑޫގެ މަގުމަތިން ފެންނަ އާދައިގެ ފަގީރަކާ އެވެ. ނުވަތަ ރަދުންގެ ލަޝްކަރުން ވައްކަން ކުރަން ވަދެ އުޅޭ ވަގަކާ އެވެ.
ރުޅިގަދަވެ ދެ ލޯ ބޮޑުކޮށްލައިގެން ސުވާލުކުރަމުން ގެންދިޔަ ދެ ކަލާސީންގެ ކިބައިން ބާޖިސްކަލޯ ސަލާމަތްވީ އޭނާގެ ނަސީބު ގަދަކަމުންނެވެ. އިފްރިންފިރާ ހަފުސްކޮށްލި މުލަކުން ވެސް އޭނާ ސަލާމަތްވީ އޭނާގެ ނަސީބު ރަނގަޅުކަމުންނެވެ. ކަޅުކަނޑުގެ ގޮށްރާޅުގަނޑެއްގެ ތެރެއިން ފައުޅުވި ދެޔޯމާރިދެއްގެ ކިބައިން ވެސް ސަލާމަތްވި ގޮތަށެވެ. ވަގުތާއި ހާލަތު އަބަދުވެސް ބުރަވެފައި އޮތީ ބާޖިސްކަލޯގެ ކޮޅަށެވެ.
ކަލާސީންގެ އޮފިސަރު ބާޖިސްކަލޯގެ ލަފުގައި ހިފާލި ވަގުތަކީ އޭނާ ހޯދަން ސީދާ ފުރަދާނަ ބޭފުޅަކު ވަޑައިގެންނެވި ވަގުތެވެ. އޭނާ ބަލާ ވަޑައިގަތީ ފުރަދާނަ ބޭކަލުންގެ ތެރެއިން ވެސް އަރައި ހުންނެވި ބޭކަލެކެވެ.
އެއީ އެ ބޭކަލެއްގެ ނުފޫޒު ގަނޑުވަރާއި ގަނޑުވަރުން ބޭރުގައިވީ ހުރިހާ ހިސާބެއްގައި ވައި ހެން ދައުރުވާ ކަޅައިބާރު ވަތަބަނޑޭރި ތަކުރެވެ. އޭނާ އަކީ ރަންޖެހި އުސްގަނޑުވަރުގައި ރަސްކަމުގެ ކަންތައް ހިންގެވުމަށް ހާއްސަވެފައިވާ ފަންސަފުރަދާނަ މަޖިލީހުގެ ސާސްކަ ފުރަދާނަ އެވެ. އެންމެންގެ އަނގަތައް އެމީހާ މެދު ބެދިފައިވާ، އެންމެން ކުރެން އަރައި ހުންނެވި އިސް ވަޒީރެވެ.
ކަޅައިބާރުތަކުރުގެ ބަރު އަޑުފުޅު ގޮސް ކަންފަތުގައި ޖެހުމާ އެކު ކަލާސީންގެ ދެ މީހުން ވަގުތުން އިސްދަށަށް ޖަހައިފި އެވެ. އަދި ބާޖިސްކަލޯ ހުރި ތަނަށް ދޫކޮށްލާފައި އެނބުރި އެމީހުންގެ މަގާމުތަކަށް ރުޖޫއަވެއްޖެ އެވެ.
"ކެލިދުރުކަލޭފާނަކީ އަޅުގަނޑުގެ ނުހަނު ގާތް ބޭކަލެކެވެ. ކަލޯމެންގެ ރަށަށް ކުރިމަތިވެފައިވާ ހާލަތު ތަހުތުގެ ވެރިން ގެންދަވަނީ ގާތުން ބައްލަވަމުންނެވެ. އެއީ ވެސް ހަމަ މި ތަހުތުގެ ކިއްލާއެކެވެ. ކަލޯގެ ހިތުގައި އަޅަމުން ތިދާ ވޭން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ،" މިހެން ވިދާޅުވެ ކަޅައިބާރުތަކުރު ނުހަނު އިހުތިރާމާ އެކު ބާޖިސްކަލޯ އަށް ތައާރަފްވެލުމަށް ފަހު ދެން ދެއްވީ ތަހުތަށް ކުރިމަތިވެ ވަޑައިގެންފައިވާ ހިތާމަވެރި ހާލަތެވެ.
ސާގީސާ ރަސްގެފާނުގެ މަރުގެ ޚަބަރު ލިބުމުން ބުނާނެ އެއްޗެއް ބާޖިސްކަލޯއަކަށް ނޭނގުނެވެ. ނަމަވެސް ގަނޑުވަރަށް ދިއުމަށް ރަށު ތެރެއަށް ވަދެ ހިނގަތުމާ އެކު ކަޅައިބާރުގެ ހައްސާސްކަން ގާތުން ފެނި ބާޖިސްކަލޯގެ ހިތުގައި އުތުރިއަރަމުން ދިޔަ ވާހަކަތައް ވެސް ހިއްސާކުރަން ނުހަނު ފަސޭހަވެއްޖެ އެވެ.
ރަށުގައި މުސީބާތްތައް ފެށިގެން އައިގޮތުން ފެށިގެން ރިހިފޮށިގަނޑުގެ ވާހަކަ ވެސް އިސް ވަޒީރަށް އިސާހިތަކު ކިޔައިދީފި އެވެ. އަދި ރަށުން ސަލާމަތްވި ހަމައެކަނި މީހަކީ އޭނާ ނޫން ކަމަށާއި ގޮތްނޭނގޭ އަންހެނަކު ވެސް ހީރާ ގުރާބުގެ ފަޅުވެރިންގެ ބެލުމުގެ ދަށުގައިވެއްޖެ ކަމަށް ދަންނަވައިފި އެވެ.
ކަޅައިބާރުތަކުރަށް ބާޖިސްކަލޯގެ އިތުބާރު ލިބުނީ ހީކުރިވަރަށް ވުރެން ވެސް މާ ފަސޭހައިންނެވެ.
ކޮންމެއަކަސް ގަނޑުވަރާ ގާތްވަމުން ދިޔަ ވަރަކަށް ބޯ މައްޗަށް އަރަމުން ދިޔައިރާ އެކު ހިރިގަލުގެ ހުދުކުލައިގެ އިމާރާތްތައް ދިޔައީ ދޮންވަމުން އޭގައިވީ އަޖާއިބުތަކުން ބާޖިސްކަލޯ އަށް ހަނާ އަޅަމުންނެވެ. އޭނާގެ ސާޅީސް އަހަރުވީ ހަޔާތުގައި ދުވަހަކުވެސް އެވަރުގެ ތަހުޒީބަކާއި ތަމައްދަނެއް ދެކެފައި ނެތެވެ. ބާޖިސްކަލޯގެ މޫނުމަތިން ފައުޅުވަމުން ދިޔަ އާޝޯހުކަން ފެނުމުން އިސްމިޑޫގެ ތަހުޒީބީ ބިނާތަކުގައިވީ އުފާވެރިކަން އޭނާގެ ހިތާއި ނަފުސަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފަހިކޮށް ދިނުމަށް އިސްވަޒީރު ނިންމެވީ ގަނޑުވަރަށް ވަޑައިގަތުމުގެ ކުރިން ސަހަރުގެ މުހިންމު ބިނާތަކާއި މައިޒާންތަކަށް އެ ޒުވާނާ ތައާރަފްކޮށް ދިނުމަށެވެ.
"މުޅި މި ސަހަރަކީ ހަތް ހަފުތާ އިން ރެދިން ފަރުމާކޮށް ބިނާކޮށްފައިވާ ރަށެކެވެ."
"މި ފެންނަ ހުރިހާ ހިރިގަލަކީ ހުދު ފަރުން ކަނޑައިގެން ރެދިންގެ އޮޑިތަކުގައި އުފުލި ގާތަކެވެ."
"މި ފަރުމާކުރުންތަކާއި ބޮޑުއަކުރުތައް ގާތަކުގައި ކަނޑާނަގާފައި ވަނީ ރެދިންގެ ތޫނު ނިޔަފަތިތަކުންނެވެ."
ބާޖިސްކަލޯ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފަ އެވެ. ރުއްގަސް މައްޗަށް އަރައިގެންގޮސްފައިވާ އެންމެ އުސްބިނާއަކަށް އޭނާ އަށް މީގެ ކުރިން ފެނިފައި ވަނީ ހަވިއްތާ އާއި ބުދުފައްޅިތައް އެކަންޏެވެ. އެކަމަކު އިސްމިޑޫގައި އާންމުން ދިރިއުޅޭ ގިނަ ގެތައް ވެސް ވަނީ ތިން ހަތަރު ބުރިއަށް ރާނައި އުސްކޮށްފަ އެވެ. ފުރާޅުތަކުގައި ޖަހާފައި ވަނީ ގަދަ ރަތްކުލައިގެ އީޓެވެ.
އެއީ ޔަގީނަށް ވެސް މި ސަހަރުގެ އިސް ބޭކަލުންނާއި މުއްސަނދިންގެ ގެތަކެވެ. އެންމެ އާދައިގެ ގެތައް ވެސް ހުރީ ރާނައި ހިޔައުކޮށްފަ އެވެ. ތެޅިގަލާއި އުވައިން ރާނައި ތޮށަލިން ހިޔައުކޮށްފަ އެވެ. ފަން ޖިފުޓިތަކެއް ރަށުގައި ނެތޭ ބުންޏަސް އެންމެ ރަނގަޅުވާނެ އެވެ.
އިސްމިޑޫއަކީ މުޅި އައްޑޫ އަތޮޅާއި ސުވަދީޕާގައި ވެސް އޮތް އެންމެ މުއްސަނދި ތަހުޒީބެވެ. އެންމެ އާބާދީ ބޮޑު ރަށެވެ. އަދި އިސްލާމީ އިންގިލާބުގެ އެންމެ މުހިންމު ކިއްލާ ވެސްމެ އެވެ.
އެއް އިރެއްގައި މި ރަށުގައި ވެސް ވީ އެންމެ އުސް ބިނާތަކަކީ ހަވިއްތާ އާއި ބުދުފައްޅިތަކެވެ. ނަމަވެސް އިސްލާމްދީނުގެ ހިދާޔަތުގެ ދަންމަރާ އެކު ރަށުގެ އެންމެ ހާއްސަ ބިނާތަކަށް ވެފައި ވަނީ މިސްކިތްތަކާއި މުންނާރުތަކެވެ. އެ މިސްކިތްތަކުން މިއަދު ހުއްޓުމެއް ނެތި އެ އިވެނީ ގުރުއާން ކިޔަވާ އަޑެވެ. މައިޒާންތަކާއި ހޮޅުއަށިތަކުން އިވެމުން ދަނީ މާލޫދާއި ގަޒަލްގެ އަސަރުގަދަ އަޑުތަކެވެ.
ބާޒާރުކުރުމާއި އުފާކުރުމާއި ކުޅިވަރުކުޅުމެއް މިއަދަކު ނެތެވެ. މުޅި ރަށަށް ފެތުރިފައި ވަނީ އެމީހުންގެ ރަސްގެފާނު ދެމިއޮތުމުގެ އާލަމަށް ވަޑައިގަތުމުގެ ހިތާމަ އެވެ.
ގަނޑުވަރުގެ ފުރަދާނަ ބޭކަލުންނަށް ހާއްސަކޮށްފައިވާ ދޮރުކޮޅަކުން އެތެރެއަށް ވަދެވަޑައިގެން ގޮސް ކަޅައިބާރުތަކުރު އެންމެފަހުން ބާޖިސްކަލޯއާ ވަކިވުމުގެ ވަގުތު ޖެހުނީ އެވެ. އެހިސާބުން ބާޖިސްކަލޯއާ ހަވާލުވީ ގަނޑުވަރުގެ ކުދިބޭކަލުންގެ ތެރެއިން ބޭކަލެކެވެ.
ބާޖިސްކަލޯވީ ގަނޑުވަރުގެ ހާއްސަ މެހުމާނަކަށެވެ. އޭނާ ގޮވައިގެން ގެންދެވުނީ އޭނާ އަށް ހާއްސަކުރެވިފައިވާ ކޮޓަރިކޮޅަކަށެވެ. އެއީ ގަނޑުވަރުގެ އުސްގެކޮޅުގައި ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ހާއްސަކޮށްފައިވާ ފެންވަރުގެ ކޮޓަރިކޮޅެކެވެ.
ކުރެހުން އެޅި ހިރިގަލާއި ކަޅުވަކަރުގެ އެ ކޮޓަރި އަށް ގޮސް ވަދެވުނު ވަގުތު ބާޖިސްކަލޯ އަށް ހީވީ އެހެން ޒަމާނަކަށް ގޮސް ވަދެވުނުހެންނެވެ.
އެ ކޮޓަރި އަކީ އޭނާ މީގެ ކުރިން ދުވަހަކުވެސް ނިދައި ހޭލި ފެންވަރަކާ އަޅާ ކިޔޭނެ ދާނެއް ނޫނެވެ. ވަށައިގެންވީ ފާރުތަކާއި ބޯމަތިން ވެސް ފެންނަނީ ހިރިގަލުގެ ބޯކިރުކުލަ އެވެ. ރެދިންގެ ނިޔަފަތިތަކުން ބިންވަޅު ނަގައި ކުރަހާފައިވާ ކުރެހުންތަކުގައިވީ މާނައެއް ނޭނގުނަސް އޭގައިވީ ހިތްގައިމުކަމާއި އާދަޔާހިލާފު ބާރުތައް ހީވަނީ ނަފުސު އެހެން ޒަމާނަށް ދަމައިގެން ގޮސްދާނެހެންނެވެ.
ބާޖިސްކަލޯ އަށް ހާއްސަކޮށްފައިވީ އަންނައުނު ގެނެސް ގަނޑުވަރުތެރޭގެ އިރުޝާދުތައް ކިޔައި ދިނުމަށް ފަހު ޚާދިމުކަލޭގެ ކޮޓަރިން ނުކުމެގެން ހިނގައްޖެ އެވެ. ދޫލައެއްހެން ފަތުރާލާފައި އޮތް ކަޅުވަކަރުގެ ފިލާތަޅުންގަނޑު މަތިން މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ބާޖިސްކަލޯ މަޑުކޮށްލީ ކިޑިކީ ކައިރީގަ އެވެ.
އެނބުރެމުން އައި ފިނި ރޯޅިތައް އޭނާގެ ހުސްގައިގައި އޮޅުލައިގަތެވެ. އޭގައި ވަނީ ގޮމަކަސްތޫރީގެ އަރާމެކެވެ. އުސްގެކޮޅުގެ ދުންހޮޅިން އަރަމުންދާ މަރޮދުމާ އެކު މުޅި ގަނޑުވަރުތެރެ އަށް ފެތުރިފައިވާ ހިތްގައިމު ވަހެވެ.
ވަށައިގެން ބަލައިގެން ހޯދާލުމުން ފެންނަނީ ރެދިންގެ އާދަޔާހިލާފު ހިރިގަލުގެ މަސައްކަތްތަކެވެ. ގަނޑުވަރުގެ ބޮޑު ގޯތި ތެރެއަށް ފެތުރިފައިވީ ފެހިކަމުގެ ތެރެއިން ފެންނަނީ ބަބުކެޔޮ ގަހާއި އަނބު ގަސްތަކެވެ. ނާރިނގާއި ޒުވާރި އާއި ބިންބި އެވެ.
އެއްތެދަށް ހެދި ފޯދިފައިވާ ފެންފޯއް ރުއްތަކުގެ ކުރިއާ ހަމަ އަށް އަރާފައިވާ ކުޅިރަހަ ގަދަ ދިވެހި ބިލެތުގެ ގަދަ ފެހި ކަމެވެ. އަދި ޖަންބުގަހެއް ދޮށަށް ފައިބައިފައިވާ ގަދަފިޔާތޮށިކުލައިގެ މާތަކާއި އޭގެ ހިމަ ނަރުތަކެވެ.
އެ ޖަންބުގަސް ފެނުމުން ބާޖިސްކަލޯގެ ހަނދާނުގައި އަނެއްކާވެސް އާވެގަތީ ރަށުގެ ފަޅުގޯތި ތެރޭގައި ހެދި ފެތުރިގެންފައިވީ ޖަންބުގަހެވެ. ކިތަންމެ ގިނަ މަލެއް އެޅިޔަސް އެ މައު، މޭވާ އަށް ބަދަލުނުވި ސުންޕާވެރިކަން އޭނާގެ ރަށަށް ކުރިމަތިކުރި މުސީބާތް މަތިންނެވެ.
ނަމަވެސް ގަނޑުވަރު ތެރޭގައި ޖަންބުމަލުގެ ދޫލައެއް ލެވިފައިވީ ހިސާބުން ފެންނަން ހުރި ގަހުގެ ގޮފިތަކުން އެ ވަނީ މިހާރު ވެސް ކުދި ޖަންބުތައް ފައުޅުވެ ހަރުވާން ފަށައިފަ އެވެ. ބަނބުކޭލާއި ދޮންއަނބާއި ނާރިނގު ދޮންވެގެން ގަސްދޮށަށް ވެއްޓޭ މަންޒަރު ފެނި ފޫހިވެފައިވިޔަސް ޖަންބުގަހެއްގައި އެގޮތަށް މޭވާ އަޅައި ފުރާލާފައި ވަނިކޮށް ބާޖިސްކަލޯ އަށް މި ފެނުނީ އަލަށެވެ.
ހަނދާންހުންނަން ފެށީއްސުރެ އޭނާގެ އަމިއްލަ ރަށުން ފެންނަ ހަމައެކަނި ޖަންބުގަހަކީ ފަޅުގޯތީގައި އެކަނިވެފައިވީ މުސްކުޅި ޖަންބުގަހެވެ. އެ ގަހުގައި ދުވަހަކުވެސް މޭވާއެއް ހަރެއް ނުވެ އެވެ.
ނަމަވެސް އިސްމިޑޫގެ ކުޅިތަކާއި ފާތަކާއި ހެދިފޯދިފައިވާ މޭވާ އާއި ފަލަމަޑީގެ ތެރޭގައި އެ ވަނީ މުޅިން ވެސް ބާޖިސްކަލޯގެ ކުޑައިރުގެ ހަނދާންތަކެވެ. ދޮންވެ ފައްކާވެގެން ގަސްދޮށަށް ވެއްޓިފައިވީ އަނބުތަކާއި ނާރިނގުތައް ފެނުމުން ބާޖިސްކަލޯ ޖަހައިގެން ދަމައިގެން ގެންދިޔައީ ކުޑައިރުގެ އެންމެ ފޮނި ހަނދާންތަކުގެ ތެރެއަށެވެ.
ކޮޓަރިއާ ދިމާލަށް ފެތުރެމުން އައި ގޮމަކަސްތޫރީގެ ވަސްގަނޑުގެ ތެރޭގައި އޭނާ މަޑުމަޑުން ދެ ލޯ މަރާލި އެވެ. އެއާ އެކު ހީވީ އުދުއްސައިގަނެވުނު ހެންނެވެ. ކުޑައިރުގެ ހަޔާތުގައިވީ ހަނދާނަކަށް ފަހު ހަނދާނެއް ކުލަވަމުން ލޯ ކުރިމަތީގައި ދިރެމުން ގެންދިޔަހެންނެވެ.
ބައްޕަގެ ގޯތީގައި ހެދިފައިވީ އަނބު ގަސްތަކަށް އަރައި ޖެހި ސަކަރާތުގެ އަޑާއި ކުލަތަކުގެ ތެރެޔަށެވެ. މަންމަމެންނާ އެކު ދަރުހޮވަން ވަލަށް ގޮސް ފީކޮއިކުޅެ މަޖާކުރި ދުވަސް ތަކުގެ ތެރެއަށެވެ. ބޭނގާއި ފޫޓާއި ފެންފިލަ ހިފަން ކުޅީ ފެންގަނޑުގެ ތެރޭގައި ހޭދަކުރިހާ ވަގުތުގައިވީ އުފާވެރި ފިނިކަމުގެ ތެރެއަށެވެ. އަނބުޅައިގެ ހުތްފޮނި ރަހަގަނޑުގެ ތެރެއަށެވެ. އަދި ދުވަހަކުވެސް އަނބުރާ ނުލިބޭނެ ހިތިފޮނި ދުވަސްތަކެއްގެ ތެރެއަށެވެ.
އެ ހަގީގަތާ އަރައި ހަމަވުމުން ބާޖިސްކަލޯ އޭނާގެ ދެ ލޯ މަޑުމަޑުން ހުޅުވާލި އެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ގަނޑުވަރުގެ އުސްގެކޮޅެއްގެ ކިޑިކީއަކުން ފެންނަމުން ދިޔަ މަންޒަރެކެވެ. އިރުގެ ގަދަ ދޯދިތައް ހުއްޓުވުމަށް ކުޑަދޮރާ ދިމާލުގައި ލާފައިވާ ފަށުވީގެ ތުނި ފޮތިގަނޑެއްގެ ތެރެއިންނެވެ. ހުވަނދުމަލުގެ ސިފަތައް ފައުޅުވެގެން އަންނަ ފަރުމާއަކަށް ރަތް ފަށުއިން ގަތާފައިވާ އެ ފޮތިގަނޑުގެ ތެރެއިން އެ ފެންނަނީ އެނދުމަތީގައި ހުއްޓި އޮތް އަންހެނެކެވެ.
އެ އަންހެން މީހާ އޮތީ ރޯބަރަހަނާކަން މަތީގަ އެވެ. (ނުނިމޭ)



