ތާއްޔާޖެހެމުން ދިޔަ ފޫހިކަމުގެ ތެރެއިން ކުއްލިއަކަށް ހޭލެވުނުއިރު ހިފެހެއްޓުމެއް ނެތި އަރިއަކަށް ވެއްޓެނީ އެވެ. ވެއްޓިގެން އެ ދިޔަގޮތަށް ގޮސް މޫނުގެ އެއްފަޅި ފެނުގައި ޖެހިއްޖެ އެވެ. ދެބަދޭތެރޭގައި ގޮސް އެ ފެންގަނޑަށް ގެނބިގަތެވެ. ނަމަވެސް އެއީ މީހަކު ގެނބި ޣަރަޤުވެދާނެ ވަރުގެ ފެންގަނޑެއް ނޫނެވެ.

ހޭވެރިކަންވީއިރު ފެންގަނޑުގެ ތެރޭގައި ފޮރުވިފައިވީ ކަނާތު ކަންފަތް ވަނީ ބައްވެފަ އެވެ. ލޮލުގެ ކުޑަކޮޅާހަމަ އަށް އަރާފައިވީ އެ ފެންގަނޑުގެ ފިނިކަން ކޯތާފަތުގައި ބީހެމުން ގެންދިޔައީ އޯގާވެރިކަމެއް ނެތި، އަމިއްލައެދުމުގައި ފޯވެގެންނެވެ. ތުރާލެއް ކުރުވަމުންނެވެ.

ތުންފަތުގެ ކޮޅުން ފިރުކެމުން ގޮސް ހިއްސުތަކާ އަރައި ހަމަކުރި އެ ފެންގަނޑުގައި ދެމުންދިޔަ ރަހަތަކާއި ވަސްތައް އަނގަ ތެރެއަށް ދިރިގަތުމާ އެކު ދެ ލޯ ބޮޑުވި އެ އަންހެން މީހާ ފުންމައިން ތެދުވެ އެތަނުގައި އިށީނެވެ. އޯކަކަށް ދަމަ ދަމައިގެންފައި ކަރުކަހާލި އެވެ.

ދަވައިން ގުޅަކޮށްލި ކުޅުގަނޑެއް އަރިމައްޗަކަށް ޖަހާލީ ކުއްލިއަކަށެވެ. އަދި އިސްއުފުލައި ބަލައި ވަށައިގެން ހޯދާލި އެވެ.

ހީވަނީ ބޮޑުމަހެއްގެ ބަނޑުތެރެއަށް ހޭލެވުނު ހެންނެވެ. އެތަނުގައި ދެނީ ހޮޑުވަހާއި ގޮރުވަހާއި ތަތްމުޑު ވަހެވެ. ލޮނުވެލީގައި ތަތްތެޅި ފުޅަދެމޭ ކަރުގޮހޮރުތައް ކުނިވަމުންދާ ވަހެވެ. ރާމާވެ ކަމީރުވަމުން ފިލުނދުވަމުންދާ ކާ އެއްޗެހީގެ ވަހާއި ކަނުއަނދިރީގައިވީ ނާމާންކަމުގެ ހުރިހާ އިޝާރާތެކެވެ.

ވަށައިގެންވީ ފާރުތައް ހީވަނީ ނިދީގައި އޮވެ ނޭވާލަމުން ގެންދާ ދެޔޯއެއްގެ އެތެރެހަށި ހެންނެވެ. މަތީގައި އެލުވާފައި އޮތް ބިގަރުފާނޫޒުގަނޑުގު ހީވަނީ ޖިންނި އަވަލައި ދުނިޔެއިން މޮޔަވެފައިވާހެންނެވެ. މައިތިރިވުމެއް ނެތި އެއްލެމުން ބޮއްލެމުން ދިޔަ ބައްތިގަނޑު އޭގެ ހަޔާތުގައި ވެސް އަލިކަމެއް ދެކެފައިނުވާ ކަހަލަ އެވެ.

އަލިކަމެއް ތޮރުފަމުން ދަނީ ފާރުތަކުގައި ހެދިފައިވާ ހަނި ދޭތެރެތަކުންނެވެ. ކުދިކުދި ލޯވަޅުތަކުންނެވެ. ލަކުޑީގެ އެ ހަނި ދޭތެރެތަކުން އަލި ދޯދިތަކާ އެކު ލޮނުގެ ފޮދުވަރުތައް ފޭދެމުންދެ އެވެ.

ފިލާގެ އެ ފާރުތަކުގައި ކަންފަތް ޖައްސާލުމުން އިވެނީ ރާޅުތައް ދުވާއަޑާއި ބިންދަމުންދާ އަޑެވެ. ލަކުޑީގައި އޮޅައި ވާންކޮށްފައިވާ ރޯނުގަނޑުތައް ކޭއްތެމުން ގޭނެމުންދާ އަޑެވެ. ލަކުޑީގެ ކުރަކިވެފައިވާ ކަށި ނޭވާގެ އަޑެވެ. ބޯމަތިން މީހުން ހިނގާ އަޑެވެ. ދުވެ، ފުމެ ހަޅޭފަޅޭޖަހާ އަޑާއި ޒުވާބުގެ ކިޔެވެލީގައި ފެލި ރިތޭ އަޑެވެ. ކިރުދޫންޏާއި ގާދޫނީގެ ހުނުމާއި ހޭރުމާއި ރުއިމެވެ.

އޭނާ މިހާރު އެ އިނީ އެ މުޑުދާރު ފެންގަނޑު ތެރޭގައި ފިނދުޖައްސައިގެން ދެ ފައި ކުރިމައްޗަށް ދަމާލައިގެންނެވެ. އަނދެފައި ހުރި ކަނޑިކިގަނޑާއި ލިބާސްގަނޑު ވަނީ ދެބައިން ބައުވެ އެތަންމިތަނުން ވީދިފަ އެވެ. ކުޅީގެ ކިސަޑާއި ހަށިގަނޑުގައި ދެމެމުން ދިޔަ ދަލާއި އިށީނދެ އިންތަނުގައި ހެދިފައި އޮތް ކިސަނޑު ފެންގަނޑުން ތަތްތެޅި ފޯވެފަ އެވެ.

ދެ ފަރާތަށް ވައްޓާލާފައި އޮތް ދެ އަތުގެ އަތްތިލަ ވަނީ ދަބަރުމިލައިގެ އެ ފެންގަނޑުގެ ތެރޭގައި ފޮރުވިފަ އެވެ. ބައްވެފައިވީ ކަންފަތުން ދެމެމުންދާ ފެންތައް ކަންފަތުފޫޅާ ދިމާލުން މަޑުމަޑުން އޮހޮރެމުން ފެންގަނޑުގެ ތެރެއަށް ތިކިޖަހަމުންދެ އެވެ.

އެ ފެންގަނޑުގެ ދަށުގައި ހީވަނީ މުސްކުޅިޔަކު ނިދާފައި އޮތްހެންނެވެ. ލަސްލަހުން ފުންކޮށް ލަމުން ދިޔަ ކުރަކި ނޭވާއަކުން އެ ފެންގަނޑު ހޫނުކޮށް ރޫރޫލައްވަނީ އެވެ. ގުޑުން އަރަމުން ދިޔަ ފެންގަނޑުގެ ތެރޭގައި އޮތް ދެ އަތް އޭނާ ކުއްލިއަކަށް ދަމައިގަތެވެ. ނަމަވެސް އުނގު ތެރޭގައި އައިސް ޖެހުނީ ކަނާއަތް އެކަންޏެވެ.

ދަމައިގަތް އަނެއް އަތުގެ ކުރީގައި ހިފައި ބާރުކޮށްގަތީ ދަބަރުހިލާފައިވީ ޗޭނުގަނޑެކެވެ.

"އަހަރެން މި އޮތީ ބޮޑު މަހެއްގެ ބަނޑުތެރެޔަކު ނޫނެވެ"

"މިއީ ނަރަކައިގެ ކޮން ވަތްގަނޑެއް ހެއްޔެވެ؟"

ވާންވެގެން ދިޔަ ޗޭނުގަޑުގައި ކުރުކުއްލި ޖަހައި އޭނާ ތަޅުވައިގަތެވެ. ނަމަވެސް އެ ޗޭނުގަނޑު އޭގެ ޒިންމާ އަދާކުރުމުގައި ތަންފުކެއް ވެސް ދުލެއް ނުކުރި އެވެ. ހިތަށް ވެރިވި ތުރާލުގައި އެ އަންހެން މީހާ ހަޅޭލައި ހޭރިގަތެވެ. އެއަށް ވުރެ ބާރަށް އޭނާއާ ދިމާލަށް ހޭރެމުން ވަތްވަތްޖަހަމުން އައީ މި ވަތްގަނޑުގެ ފާރުތަކުގައި ގޮސް ޖެހުނު އޭނާގެ ހުތުރު އަޑެވެ.

އެ ވަތްގަނޑު އަރިއަޅައި ކޮޅުކޮޅަށް ކިރިގަތެވެ. ޖައްސަން ފެށި ވައްތަރާ އެކު އޭނާ ނަގައި ކިސަޑު ފެންގަނޑުގެ ތެރެއަށް ޖަހާލި އެވެ. އަނެއްކާވެސް އޭނާގެ ހޭވެރިކަން އެ ކަނު ވަތްގަނޑުގެ ތެރެއަށް ދޫވެ ފިލައިފި އެވެ.

ހީރާ ގުރާބުގެ އެންމެ އަޑީގައި ގާއިމުކޮށްފައިވާ ހިލިހިލާގެ މި ވަތްގަނޑަކީ އޭނާ ފަދަ އެތައް ބަޔަކު ގޮވައިގެން ދަތުރުކުރުމުގެ ތަޖުރިބާ ލިބިފައިވާ އެކަމަކު އެއްވެސް ރަހުމެއް ހަމްދަރުދެއް އެތަނުގައި ނުވާ ކޮޓަރިއެކެވެ. ކަނޑުމަތިން ހޮވައިގެން ނެގޭ މީހުންނާއި ބޮޑެތި ކުށްވެރިންނާއި ދުނިޔެއިން މޮޔަވާ ފަޅުވެރިންނާއި ގަބުރުތައް ވެސް ޗޭނުޖަހާފައި ތިބޭ ވަތަކީ މި އެވެ.

މި އަންހެން މީހާ އަކީ ވެސް ކަނޑުމަތިން ހޮވައި ހިލިހިލާގައި ޖަހާފައިވާ ގޮތްނޭނގޭ މީހެކެވެ. އޭނާ ފެނުނީ ބަނބުކެޔޮއާރުގަނޑެއްގެ މަތީގައި ބެހެމުން ދަނިކޮށެވެ. އަނދަމުން ދިޔަ މުލަކުގެ ރަށްބޭރުންނެވެ. ބޮއްކުރާއެއްގައި ބެހެމުން ދިޔަ ބާޖިސްކަލޯ މި ގުރާބަކަށް ނެގިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ނަމަވެސް މި އަންހެން މީހާ ޗޭނުޖަހައި ހައްޔަރުކޮށްފައި އެ އޮތީ ގޮތްނޭނގޭ ކުށްވެރިއެއްގެ ގޮތުގަ އެވެ. އަދި އެތަނުގައި ދުވާ ވަހާއި އެ ޗޭނުތަކުން އޮހޮރެމުންދާ ދިޔައިގައި އެ ވަނީ އޭނާ ފަދައިން މީގެ ކުރިން އެތަނުގައި ހައްޔަރުކޮށްފައި ތިބި  އެންމެންގެ ފުރާނަ އެތަނަށް ދޫކޮށްފައިވާ ހަނދާނުގެ ދޮހާއި ލެޔާއި ހަޔާތުގެ ތުރާލެވެ. ދިގު ދަތުރުތައް ނިމޭއިރު އެ ހިލިހިލާތަކާ އެކުގައި ތިބެނީ ފުރާނަ އެޅި އިންސާނުންނެއް ނޫނެވެ. ފުރާނަ ނުކުމެފައިވާ މުޅަ މަސްތަކެވެ.

ނަމަވެސް މި އަންހެން މީހާގެ އެތެރެހަށީގައި ވަނީ އާދަޔާހިލާފު ބާރެކެވެ. މުލަކުގެ އަނދިރި ބިންގަރާހުގެ ދުނިޔެއެއްގައި ސަތޭކަ އެތައް ރެޔަކާއި ދުވާލެއް ހޭދަކޮށްފައިވާ މީހަކަށް ވަލީއަހުދެއްގެ ގުރާބުކޮޅެއްގައިވީ ވަތްގަނޑެއް ވާނީ ގަނޑުވަރެއްގެ ކޮޓަރިކޮޅަކަށް ނޫންތާ އެވެ.

ހޭވެރިކަން އެނބުރިއައިސް އަނެއްކާވެސް އޭނާގެ މަގާމުގައި ޖައްސާލި އެވެ. އަތުކުރީގައި ޖަހާފައިވީ ހިލިހިލާގަނޑަށް ބަލަހައްޓައިގެންނެވެ. އޭރު ކަޅުކަނޑުގެ ސިންގާ ބާނިތަކުން ސޮއްސާލައިގެން ގޮސް ހީރާ ގުރާބު ނަގިލިލަމުން ދިޔައީ އިސްމިޑޫގެ ބޮޑުފަޅުގަ އެވެ.

ހިލިހިލާގެ ވަތަށް ފޭބި ކަލާސީންގެ މީހަކު ގޮސް އޭނާ އަށް ގޮވާލުމާ އެކު ބޮލަށް މަހާލީ ސުތުލީގެ ތެތްގޯނިގަނޑެކެވެ. ވިޔެފައިވާ ސުތުލީގެ ތެރެއިން ލޮލަށް އަލިކަމެއް ފެންނަވަރުވީ ހިލިހިލާގަނޑުން ނައްޓުވާލައިގެން އެ ކަލާސީމީހާގެ ކޮނޑަށް އޭނާ ލައިގެން ގޮސް ބޮއްކުރާއަކަށް ބޭލި ވަގުތެވެ.

އެއީ ރަތްވިލާގެ އަލިކަމެކެވެ. ނަމަވެސް އެ އުޑުމަތީގައިވީ ހިތްގައިމުކަން ސާފުކޮށް ނުފެނި އުޅެނިކޮށް ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެ އެވެ. ނަމަވެސް ފަލިޖަހަމުން ދިޔަ ބޮއްކުރާ ގޮސް ހިރިގަލުގެ ފާލަމަކަށް ގާތްކުރަމުން ދިޔައިރު ޖެހެމުން ދިޔަ ފިނި ރޯޅިތަކުން އެ އަންހެން މީހާގެ ހިތަށް މިހާރު އެ ވަނީ ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިފަ އެވެ.

ނަމަވެސް އެއަށް ވުރެ ފިނިވީ އައްޑޫގައި އޮތް އިސްލާމީ ކިއްލާ އިން އޭނާ އަށް ކީ މަރުހަބާ އެވެ. ގަދަރުއުފުލިގެންވީ ކެލިދުރުގޭ ބާޖިސްކަލޯ ފަދައިން ކަނޑުމަތިން ހޮވައިގެން އިސްމިޑޫ އަށް ގެންދެވުނަސް މި އަންހެން މީހާ އަކީ ކާކުކަން އެނގޭ ހަމަ އެކަކު ވެސް ނެތެވެ.   

ބާޖިސްކަލޯ އެފަކީރުގެ ހާންދާނުގެ ޔަގީންކަން ސިއްކަ ކެނޑި އަގޮނޓިކޮޅަކުން ދިނަސް ކަނޑުމަތިން ހޮވައިގެން ގެނެވުނު އަންހެން މީހާ އަކީ ކާކުކަން ބުނެދޭކަށް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެހެންކަމުން ބާޖިސްކަލޯ ގަނޑުވަރުގެ ކޮޓަރިކޮޅަކަށް ގެންދެވުނުއިރު ތަތްކިލާގަނޑެއްހެން ހިކި ހަރުވެ ބަސްހުއްޓިފައި ހުރި އަންހެން މީހާ ގޮސް ވެއްދީ ކުދިބޭކަލުންގެ ބެލުމުގެ ދަށުގައިވީ އަށިގޭގެ ބިންގަރާހަކަށެވެ.

ނަމަވެސް އޭނާ އަށިގޭގައި އަނދަގޮނޑިޖަހައި ބަންދުކުރީކީއެއް ނޫނެވެ. ކަނޑުމަތިން ހޮވައިގެން ގެނެވޭ ކާކުކަން ނޭނގޭ އެންމެނާ މެދުގައި ވެސް އަމަލުކުރެވޭ އާންމުއުސޫލަކީ އެއީ އެވެ. ކާކުކަން އެނގި ކަށަވަރުވަން ދެން އެކަހެރިކޮށްލެވުނީ އެވެ. ނަމަވެސް އޭނާ އަނގައިން ނުބުނާހާ ހިނދަކު އޭނާގެ ހާލަތު ބަދަލުވާނެ ގޮތެއް ނެތެވެ.

އެ އަންހެން މީހާއާ މެދުގައި އެފަދަ ފިޔަވަޅެއް ނާޅަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ސުވާދީޕާގެ އިސްލާމީ ކިއްލާ އަށް ނިސްބަތްވާ މުހިންމު ރަށެއް އަނދައި ހުލިވިއިރު އެ ރަށުގެ ބިންގަރާސްތަކުގެ ތެރެއިން ފެނުނު ކަމަށް ބާޖިސްކަލޯ ހެކިބަސްދީފައިވާ މި އަންހެން މީހާއާ މެދު ނުރައްކަލުގެ ނަޒަރަކުން ނުބެލޭނެ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އެ ބިންގަރާސް ތެރޭގައި އެ އަންހެން މީހާގެ ފަރާތުން ބާޖިސްކަލޯގެ ހިތަށް ވެއްދި ބިރުވެރިކަމުގެ ވާހަކަ އޭނާ އެގޮތަށް ކިޔައިނުދޭންވީ ސަބަބެއް ވެސް ނެތެވެ.

ބިންގަރާހުގެ އެ ހާއްޔަކީ ކެލިދުރު އާއިލާ ތެރޭގައި ވެސް އޮތް ސިއްރެކެވެ. އެކަން އެހެން އޮތްވައި ރަށުގެ އާދައިގެ މީހަކު އޭނާގެ ފުރާނަ އަތަށް ލައިގެން ގޮސް ވެސް އެތަނަށް ވަންނާނެ ގޮތެއް ޚުދު ބާޖިސްކަލޯ އަކަށް ވެސް ނުވިސްނެ އެވެ. އަނެއްކޮޅުން އެ އަންހެން މީހާގެ މުޑުދާރު އެ މޫނަކީ ބާޖިސްކަލޯގެ ހަޔާތުގައި ވެސް އޭނާ ދެކެފައިވާ ސިފައެއް ނޫނެވެ.

އަނދައި އަޅިއަށް ވަމުން ދިޔަ އެ ރަށުން ސަލާމަތްކޮށްދިނުމަށް އެދި އޭނާގެ ދެފައިގައި ހިފައި ރޮއިގަތުމުން ކޮޅުފައިން ޖަހައި ބުރުވާލި އެ އަންހެން މީހާ އެ ރަށުން ސަލާމަތްވީ ގޮތަކާ މެދުގައި އުފެދިފައިވީ ސުވާލުތައް ވެސް ބާޖިސްކަލޯގެ ހިތުގައި އެހާމެ ގިނަ އެވެ. އަދި އޭނާގެ ނަން އެހާ ސާފުކޮށް އެ އަންހެން މީހާ އަށް ދިމާކުރަން އެނގުނު ގޮތް ހޯދަން ވެސް ބާޖިސްކަލޯ ބޭނުމެވެ.

ނަމަވެސް އޭނާއާ މެދުގައި މިހާރު ކުރެވެމުންދާ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް ބާޖިސްކަލޯ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

އެ ހުރިހާ ބާރެއްވީ އެ އަންހެން މީހާގެ އަތުގަ އެވެ. އެކަމަކު ހަޔާތުގެ ވާހަކަ ފަށަންވީ އެ ހަޔާތުނާމާގެ ކޮން ގަނޑަކުން ނުވަތަ ކޮން ހިސާބަކުން ކަމެއް އޭނާއަކަށް ނޭނގެ އެވެ.

އެހެންކަމުން ދެން ތިބި މީހުން ވިސްނަމުން ޝައްކުތައް އުފައްދަމުން ގެންދިޔައީ އެމީހަކަށް ވިސްނުނު އެންމެ މޮޅަކަށެވެ. ނުވަތަ އެންމެ ނުބައިކޮށެވެ.

ނުބައިވެގެންވީ ބޮޑު ސިހުރުވެރިޔަކަށް ވެސް އޭނާ ވެދާނެ އެވެ. މުލައް ހަފުސްކޮށްލި ބިރުވެރިކަމުގެ އަސްލުކަމުގައި ވެސް އޭނާ ވެދާނެ އެވެ. ތަހުތަށް ގެއްލުންދޭން ރާވަމުން އަންނަ ރަސްމާލޭގެ ނުރައްކާތެރި ޖާސޫސަކަށް ވެސް އޭނާ ވެދާނެ އެވެ.

ޖިންނި އަވަލައި ދުނިޔެއިން މޮޔަވެފައިވީ މީހަކަށް ވެސް ވެދާނެ އެވެ. ބަލިމަޑުކަމާއި ތަދުމަޑުކަން ގެންނަ ކަމަށް ބުނެވޭ ބޯދާ ދެޔޯއަކަށް ވެސް ވެދާނެ ނޫން ހެއްޔެވެ؟

ބަޒާންގެ ހީރާ އޮޑިން އެ އަންހެން މީހާ ބާލައިގެން ކުދިބޭކަލުންގެ ބިންގަރާހަށް އޭނާ ގެންދިޔަ ކަލާސީން ފަތުބިޑީގައި ދުންއަރުވަމުން އެމީހުންގެ އޮޑިއަށް އެނބުރިދިޔަ މަގުމަތީގައި ދައްކަމުން ގެންދިޔަ ވާހަކަ އަކީ ވެސް އެއީ އެވެ.

އަށިގޭގެ ދޮރުވާނުވެރިޔާ އަންހެން މީހާއާ ދިމާލަށް ބަލަމުން ގެންދިޔައީ ވިހަގަދަ ހަރުފަޔަކާ ދިމާލަށް ހުސިޔާރުވެ އޮތް ކަޅުބުޅަލެއް ފަދައިންނެވެ. އޭނާ ދެމުން ދިޔަ އިރުޝާދުތައް ކަނުލައި އަހައި ކިޔަމަންވެ ހުރެގެން އެ އަންހެން މީހާ އެންމެފަހުން ހިނގައިގަތީ އޭނާގެ ފަހަތުންނެވެ.

އެއީ އިސްކޮޅުން ދިގުކޮށް ބޮޑުކޮށް ހެދިފައިވާ މީހެކެވެ. ނަމަވެސް މޮޓަވުމުގެ ސަބަބުން ހެލިފެލިވެ އުޅުމުގައި މުރާލިކަމެއް އޭނާގެ ހިނގުމުގައި ނެތެވެ. އެ ފިޔަވަޅުތަކުގައި ވަނީ ބަރުހެލިކަމާއި ފޫހިކަމެވެ.

ބޮލުގައި ގޯނި އަޅާފައިވާ އަންހެން މީހާ އަށް އޭނާ ފެންނަނީ ސުތުލީގެ ގޯނިގަނޑުގައި ހެދިފައިވާ ހަތަރެސްކަން ކުދި، ވަރަށް ކުދި ގޮޅިތަކެއްގެ ތެރެއިންނެވެ. ސުތުލީގެ ފުސްކަމުގެ ތެރެއިންނެވެ. ނޭވާގެ ހާސްކަމުގެ ތެރެއިންނެވެ.

އިސްދަށަށް ޖަހާލުމުން ފެންނަނީ އަލިފާނުގެ ދަންމަރުތަކުން ރަންކުލައިގެ ދިރޭ ދޫލައެއް ލެވިފައިވާ ހިރިގަލުގެ ހަނި ދިގު މަގެކެވެ. ތަތްކިލާވެފައިވީ ލިބާހާއި ކަނޑިކީގެ ފަސްބަޔެވެ. ހިޔަންޏާ ފައިހަމަކުރަމުން ގެންދިޔަ ހުސް ދެ ފަޔެވެ. އަޅަމުން ގެންދިޔަ ކޮންމެ ފިޔަވަޅަކަށް ކަށިޖަހަމުން ދަނީ ކުރަކިވެފައިވީ ތަޅުންގަނޑުގައި ހެދިފައިވާ ކުދި އުންތަކެވެ. އެ ތަޅުންގަނޑަށް ވެރިވެފައިވީ ހޫނު ކަމެވެ.

އެތެރެއަށް ވަންނަމުން ދިޔަވަރަކަށް ހީވަނީ އެ މަގު ހަނިވަމުންދާހެންނެވެ. އަދި ދަންމަރުތަކުގެ އަލި ފައިދަށުން ދެމެމުންދާހެނެވެ. ދުރުގައި އޮތް އަނދިރިކަން އައިސް އަރައި ހަމަކުރަމުން ގެންދާހެންނެވެ. ވަކި ހިސާބަކަށް ދެވުމުން ފާރަވެރިޔާގެ ބަރު އަޑުން އޭނާ އަށް އެންގީ ހުރި ހިސާބުގައި މަޑުކުރުމަށެވެ. އަދި އެނބުރިގެން ދެކޮޅަށް ކިރެމުން އައިސް އަރައި ހަމަކޮށްލި ގޮތަށް އޭނާގެ ބޮލުން ގޯނިގަނޑު ޖަހައި ދަމައިގަތެވެ.

ލެވުނު ހަމަ ނޭވާއާ އެކުގައި އަންހެން މީހާ ލޯ ހުޅުވާލި އެވެ. އަވަސް އަވަހަށް ހޯދައި ބަލައިލި އެވެ. ގޯޅިގަނޑުގެ އެހިސާބުގައި ދަންމަރުގެ މާ ބޮޑު އަލިކަމެއް ނުވެ އެވެ. ކުރިމަތީގައި އޮތް ގޯޅިގަނޑަށް ވެރިވެފައި ވަނީ އަނދިރިކަމެވެ.

ދޮރުވާނުވެރިޔާ ޖެހިލީ ފަހަތަށެވެ. ނަމަވެސް ފަހަތަށް އެނބުރި ބަލައިލާކަށް އެ އަންހެން މީހާ އަށް ނުކެރުނެވެ.

ކުރިމަތީގައި އޮތް އަނދިރިގަނޑާ ދިމާލަށް ބަލަމުންދިޔަ ވަރަކަށް ހީވަނީ އެތަނުގެ ދެ ފަރާތުގައި ލެވިފައިވީ ފާރު ދެކޮޅަށް ދުވާހެންނެވެ. އެ އަނދިރިގަނޑުގެ ތެރޭގައި މަޑުކޮށްލައިގެން ހުރި މީހަކު މަޑުމަޑުން ހަރަކާތްކުރާހެން ވެސް ހީވެ އެވެ. އެ މީހާގެ އިސްކޮޅު ހީވަނީ ގޮސް ފަންގިފިލާގައި ޖެހި ގުދުވެފައިވާހެންނެވެ.

ހިތަށް ވެރިވަމުން ދިޔަ ބިރުވެރިކަމާ އެކު އެ އަނދިރިގަނޑުގެ ތެރެއިން އިވެން ފެށީ ކުރަކީގެ އަޑުފަތްގަނޑެކެވެ. އެއާ އެކު އެ ދިމާލުގައި އޮތް އަނދިރިގަނޑުގެ ފަރުދާ މަޑުމަޑުން ދެ ފަރާތަށް ކެހެން ފަށައިފި އެވެ. އުށްބައްތީގެ ފަނޑުއަލިކަމެއް އެ ދިމާލުން ފައުޅުވާން ފަށައިފި އެވެ. މާކަނޑުގެ މެދުތެރެއިން އަރައިގެން އަންނަ ކަހަލަ ފިނި ރޯޅިތަކެއް އެނބުރެން ފަށައިފި އެވެ.

ދެ ފަރާތަށް ކެހެމުން ގޮސް ހުޅުވެމުން ދިޔަ ދޮރާއެކު ކުރިމަތިން ފައުޅުވަމުން ދިޔަ މާހައުލުން އެތެރެއަށް ވަންނަމުން ދިޔަ ހިމޭން ރޯޅިތަކާ އެކު އައި މެހެމާނަކީ އުށްބައްތީގެ ރަންކުލައިން ދިއްލި ދިރުން އެޅި ނޭވާލަމުން ދިޔަ ދުންފިނީގެ އަތްތަކާއި ފައިތަކެވެ. އެ ދުންފިނިގަނޑު އައިސް އަންހެން މީހާއާ އަރައި ހަމަކޮށްލިވަގުތު އޭނާގެ ބުރަކަށީގައި އަތް އަޅައި ފަހަތުގައި ހުރި ދޮރުވާނަވެރިޔާ މަޑުމަޑުން އޭނާ ކޮށްޕާލި އެވެ.

ކުރިއަށް ހިނގައިގަތުމުން ގޮސް ނުކުމެވުނީ އުޑުހާމަވެފައިވީ މައިދާނަކަށެވެ. އެއީ ތެތްކަމެއް އޭގައިވީ ވެލީގެ މަޑު ބިންގަނޑެކެވެ. ނަމަވެސް އެ ބިންގަނޑު ސާފުކޮށް ފެންނަ ވަރެއް ނުވެ އެވެ. އެ ހަމަބިމުގައި ހިމޭންވަމުން ދިޔަ ދުންފިނީގެ އަސަރު ހީވަނީ އުޑުން އެތަނަށް ފައިބައި ދިރެމުން ދިޔަ ވިލާތަކެއްހެންނެވެ.

ކަޝްފުވެފައިވީ އުޑުމައްޗަށް ހީވަނީ ހިމުން ދޮންވެލީގެ އަލިމަސްތަކެއް ބުރުވާލެވިފައިވާހެނެވެ. ޖާދޫގެ ކުރަހާ ފިހިގަނޑަކުން ބުރުވާލެވިފައިވާ ތަރިތައް އެ އުޑުގައި ވިދައި ބަބުޅަމުން ދަނީ އެވެ. މަޑިކިލަނބުތަކާ ދިމާލުން ދުންތަރިތައް ގޮވަނީ އެވެ. ހިނގާތަރިތައް ހަމަ އެއްވެސް އަޑެއް ބަޑެއް ގޮއްވުމަކާ ނުލައި، ވަރުބަލިވުމެއް ނެތި އެ ކާއިނާތުގެ ކޮޅުކޮޅަށް ދުވަމުން ގެންދަނީ އެވެ.  

އެއީ ހަނދުގެ އަލިކަން މި ދުނިޔެ މައްޗަށް ފައުޅުނުވާ ޝަރަވަނަ މަހުގެ ގަދަފަނަރަވިލޭ ރެއެއްގެ އުޑު މައްޗެވެ. ސުވާދީޕާގެ ބުރުޖު ކަލަންޑަރުގައި ބޮޅު އެޅިފައިވާ ޝަރަވަނައިގެ ރޭ ތަކަކީ ހަތް އުޑުމަތިން އިފުރީތުން މި ދުނިޔެ އަށް ފައިބައި ދިރުން ލެއްވިގެންވީ ހުރިހާ އެއްޗަކާ އަވަލަމުން އަޅުވެތިކުރަމުން ގެންދާ ކަމަށް ބުނެވޭ ތިރީސް ދުވަހުގެ ފުސް ރޭގަނޑެކެވެ. އަދި ޒަބާނިއްޔަމަލާއިކަތުންނާއި މި އިފުރީތުންގެ ކުރިމަތިލުންތަކުން އުޑުގައިވީ ނަރަކައިގެ ދޮރުކޮޅުތަކުގެ ބޭރުގައި ހިނގަމުންދާ ކަމަށް ބުނެވޭ ރޭތަކުގެ ތެރެއިން ރެއެކެވެ.

ޖިންނީންނާއި ސިހުރުވެރިން ބަލިކޮށް އަންދައި އަޅިއަށް ހަދަލޭވޭ ވަގުތަކީ ދެނަމާދުދޭތެރޭގެ މި ހިމޭންވެފައިވާ ވަގުތެވެ. ކިލަނބުވެފައިވީ ހިތްތައް ފިތުނަވެރިންގެ ވަކިތަކުން ސާފުކޮށް ފިތުރަތުގެ ހިނިތުންވުމާއި އަލިން ދިއްލައިދޭނެ ކަމަށް ސުވާދީޕާގައި ތަބާވާ ރޭގަނޑުތަކުގެ ތެރެއިން ރެއެކެވެ.

އަނގުރުހެން އަނދަމުން ކުނޑިކުނޑިވަމުންދިޔަ ދުންތަރީގެ އަޖާއިބުތަކަށް އެ އަންހެން މީހާ ގެއްލިފައި ވަނިކޮށް ދުންފިނީގެ ތެރެއިން ފާޅުވާން ފެށީ ހުދުކޯރީގައި ނިވައުވެފައިވީ އަންހެނުންގެ ޖަމާއަތެވެ. އޭގެ ތެރެއިން ބައެއް މީހުން އުށްބައްތިތަކުގައި ރޯކޮށް ދިއްލަން ފަށައިފި އެވެ. އަނެއް ބަޔަކު އައިސް އޭނާގެ ލިބާހާއި ކަނޑިކީގެ ރޮނދިތައް ކޮށައި އޭނާގެ ފަތިހަށިކަން ކާއިނާތަށް ހާމަކޮށް ހިމޭންކަމުގެ އެ ރޭގަނޑަށް ދައުވަތު ދީފި އެވެ.

ރޯކުރަމުން ގެންދިޔަ އުށްބައްތިތައް ވަށްބުރެއްގެ ސިފައަށް އަތުރަމުން ގެންދާއިރު އެ ދިމާލުން ފައުޅުވަމުން ދަނީ އަނގަމަތި ފުޅާ ބޮޑު ވެވެކެވެ. އުށްބައްތީގެ އެތުރުން ވަނީ ވެވު ވަށައިގެން ލެވިފައިވީ ހިރިގަލުގެ ހަނި ކައިރިފަށް މަތީގަ އެވެ. ވިރެމުން ދިޔަ ބައްތިތަކުން އޮހޮރެމުން ދެމެމުން ދިޔަ އުށުގެ ދިޔަ ފޮދުވަރުތައް ދުވެފައި ގޮސް ފައިބަމުން ދިޔައީ ފެންގަނޑު ތެރެއަށެވެ.

ރަން އައްޔަކުން ދިއްލައި ދަޅައަޅުވަމުން ގެންދާ ވެވު ތެރޭގައި އޮތް އެ ފެންގަނޑުގައި ވަނީ އުދާސް އުފެދިފަ އެވެ. ކޯރި ހެދުންތަކުގައި ތިބި އަންހެނުންގެ ހަތަރު މީހަކު އެ އަންހެން މީހާގެ ހަތަރެސްފައިގައި ހިފައި އޭނާ އުފުއްލާލައިގެން ވެވާ ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ.

ތާރަބެރެއްގެ އަޑާއި އަރުތެރެއިން ކިޔެވެލިތައް ކިޔަވަމުންދާ ކުރަކީގެ ހުތުރު އަޑެއް އެ މާހައުލުން އޭރު އިވެން ފަށައިފި އެވެ. ދުންތައް އޭގެ ލަސް ލުއި ހަރަކާތުގައި ނަށަމުން ގެންދިޔަ ފެންގަނޑު ކެކި ބޮކިޖަހަން ފަށައިފި އެވެ. އެ ފެންގަނޑުގައި ނަގަމުން ތެޅެމުން ދިޔަ ބޮކިތަކާ ގާތްވަމުން ދިޔަ ވަރަކަށް އަންހެން މީހާގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. ހިތުގެ އެ ތެޅުމާއި ފެންގަނޑުގައި ގޮވަމުން ދިޔަ ބޮކިތަކުގެ އަޑު އެ ހިމޭންކަން ތޮރުފަނީ އެވެ. ނަމަވެސް އޭނާގެ އަރު ތެރެއިން ހަމަ އެއްވެސް އަޑެއް ނުނިކުމެ އެވެ.

ކެކެމުންދިޔަ ފެންގަނޑުގެ ތެރޭގައި ފުރަތަމަ ވެސް ގޮސް ޖެހުނީ އޭނާގެ މޫނެވެ. ހިފަހައްޓާލި ނޭވާ ހުސްވެ، ނޭވާ ހާސްވެގަތުމާ އެކު އޭނާގެ މުޅި ހަށިގަނޑާއި ހަތަރެސްފައި ރޯ މަހެއް ފަދައިން ތެޅިގަތެވެ. ނަމަވެސް ފަށުއީގެ ކޯރި ލިބާހުގައި ތިބި މީހުން ތިބީ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ބަކަތަޅަމުން މުޅި ގަޔަށް ވަރުވަރު އަރުވަމުން ގެންދިޔަ އަންހެން މީހާގެ ހަށިގަނޑުން އެމީހުން ދޫކޮށްލީ އޭނާގެ ދެ ފައިތިލަ އެ ފެންގަނޑުގެ ތެރެއަށް ވަދެ ގެއްލުމުންނެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ ބޮކިޖަހަމުން ދިޔަ ފެންގަނޑުގެ ތެރޭގައި ހިމޭންވެފަ އެވެ.

އުށްބައްތީގެ އަލިކަމުގައިވީ އަސަރު ފޯރަނީ އެ ފެންގަނޑުގެ މަތީ ފަށަލައިން ފެށިގެން މެދަކާ ހިސާބަކަށެވެ. ރީނދޫކުލައިގެ ފަނޑު ފުސްކަމުގެ ތެރެއަށް ގެނބެމުންދިޔައިރު އަންހެން މީހާގެ އަނގަ އާއި ނޭފަތާއި ކަންފަތުން ނުކުމެ އުފެދެމުން ދިޔަ ބޮކިތައް ސަފުސަފުން މައްޗަށް އަރަމުންދިޔައިރު ހީވަނީ ވިދާ މުތްތަކެއްގެ ސިފައިގައި އޭނާގެ ފުރާނަ އެ ހަށިގަނޑުން ނުކުމެ ހާރަކުން ގެތެމުން ދިޔަ ހެންނެވެ.

ފުސްއަލިކަމުގެ އެ ފަށަލަ ފަހަނަޅައި ދެވުނުތަނުން އޭނާގެ ދެ ކަންފަތް ބައްވެއްޖެ އެވެ. މެރިފައިވީ ދެ ލޯ އޭނާ ހުޅުވާލީ ގަދަކަމުންނެވެ. އަޑީގައި އޮތް އަނދިރިގަނޑު ހީވަނީ އެ ވެވުގެ އެންމެ އަޑީގައި ހެލެމުން ގެންދިޔަ ބޯ ފަން އިސްތަށިގަނޑެއް ހެންނެވެ.

އެއީ ހަމަ އަސްލަށް ވެސް އެތަނުގައި މަޑުކޮށްލައިގެން އޮތް މީހެއްގެ ބޮލުގައިވީ ދިގު އިސްތަށިގަނޑުކަން އޭނާ އަށް ޔަގީންވީ މޫދު ވިނަތަކެއްހެން ބަނޑިލައި ނަށަމުން ދިޔަ އެ އިސްތަށިގަނޑުގެ ތެރެއިން ނުކުމެގެން އައި އެ ފިރިހެން މީހާ އޭނާގެ އަތުގައި ހިފައި ބާރުކޮށްލުމުންނެވެ.

އޭނާގެ ދެ ލޯ ވަނީ ރީނދޫކުލައިން ދިއްލިފަ އެވެ. އަލިމަސް ފަދައިން ވިދައިގަތް އޭނާގެ ހިނިތުންވުމާ އެކު އަންހެން މީހާ ހާސްވެ ތެޅިގަތެވެ. ހަޅޭލަވައިގަތުމާއެކު އަނގައިން ނުކުމެގަތް ބޮކިތަކުގެ ތެރޭގައި އެމީހާގެ މޫނު ގެއްލިއްޖެ އެވެ.

އެވަގުތު އޭނާގެ ދެފައިގައި ހިފައި މައްޗަށް ދަމައިގަތީ ވެވުދޮށުގައި ތިބި ހުދުކޯރީގެ އަންހެންވެރިންނެވެ. ފެންގަނޑު ތެރެއިން ދަމައިގެން ގޮސް މައްޗަށް އެރުމާ އެކު އޭނާގެ މުޅި ހަށިގަނޑުގައި ބައްދައިގަތީ މާހައުލަށް ވެރިވެފައިވީ ތެތްފިނިކަމެވެ. އޭނާ ތުރުތުރުއަޅައި ކެއްސައި ކޮށި އަރައިގެން ގޮސް އެމީހުންގެ އަތް މައްޗަށް ވެއްޓި ޚަބަރު ހުސްވީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

ހޭލެވުނުއިރު އޮތީ ސުތުލީގެ ފުސްކަމުގެ ތެރެއިން އޭނާ އަށް ފެނުނު އަށީގެ ވަތްގަނޑަކު ނޫނެވެ. ބޮކިޖަހަމުން ފުރިގެން ބަންޑުންވަމުން ދިޔަ އެ ފެންގަނޑާއި ވެވާއި ހުދު ކޯރީގެ ލިބާހުގައިވީ އަންހެނުންތަކެއް ވެސް އެތަނުގައި ނެތެވެ. އެކަމަކު އެއީ ހުވަފެނެއް ނޫންކަން އޭނާ އަށް ޔަގީނެވެ. ގެނބިގެން ދިޔަ ފެންގަނޑު ވަނީ އޭނާގެ ހަށިގަނޑަށް އަރޯކަމާއި ޒުވާންކަމެއް ގެނެސްދީފަ އެވެ. އެ ވެވު ތެރޭގައި އެ ހަށިގަނޑާއި ހަންގަނޑު އަލުން ވިޔެ، ލިޔެ، ލާޖައި އޮމާންކޮށްފައިވާ ފަދަ އެވެ.

އޭނާ މިހާރު އެ އޮތީ ހުދުކުލައިގެ ދާނެއްގެ މަތީގައި އުނުއޮރިޔާމުންނެވެ. އެ ކުޑަ ކޮޓަރި ތެރޭގައި ދެނީ ހުވަނދު މަލާއި ފިނިފެންމަލުގައި މީރުކޮށްފައިވާ ކާށިތެލުގެ އަރާމު ވަހެކެވެ. ނުވަތަ އެއީ އޭނާގެ މުޅި ހަށިގަނޑުން އަރަމުން ގެންދާ ވަހެކެވެ.

ކޮޓަރީގެ ކުޑަދޮރު ވަނީ ހުޅުވިފަ އެވެ. ހުއްދައަކާ ނުލައި އެ ކޮޓަރި ތެރެއަށް ވަދެ އެނބުރެމުން ދިޔަ ރޯޅިތަކުން ވަނީ އުށްބައްތިތައް ނިންވާލައިފަ އެވެ. ނަމަވެސް ހަނދެއް ނެތް ކައުނުގައި ވިދައި ބަބުޅަމުންދާ އަލިގަދަ ތަރިތަކުން ކޮޓަރިތެރެ އޮތީ ހިތްފުރޭ ވަރަށް ފަޅުފިލައިފަ އެވެ.

ދަންވަރުގެ ހިމޭން އެ ދާނުގައި އޮތް އެ އަންހެން މީހާ ތެދުވީ ފިނީގެ އަސަރުގަދަވެގެންނެވެ.

އޭރު އެތަނުގައި ދަމާފައި އޮތް ބޮނބިނަރުގެ ރޯނެއްގައި އަޅުވާފައި އޮތް އަންނައުނު ދެގަނޑެތި ވަޔާ ތެޅެމުން ދަނީ އެވެ. ހީވަނީ އެ ދެގަނޑެއްޗަށް ލިބެން އުޅޭ މޮޅު ރިވެތި ހަށިގަނޑަށް ވެރިވެގަތުމަށް ކެތްމަދުވެފައިވާހެނެވެ.

ހަސްނެތި ރޫޖެހިފައި އޮތް ތުވާލިގަނޑެއް ވެސް އެތަނުގައި ދުނިޔެއިން ފޫހިވެފައި އޮތެވެ. ނުވަތަ މި އަންހެން މީހާގެ ޒުވާންކަމަށް ހަސަދަވެރިވެފަ އެވެ.

ކުޑަދޮރުގެ އެއް ފަރާތަކަށް ކަހާލާފައި އޮތް ތުނި ފަރުދާ ވެސް އޮތީ އާދަޔާހިލާފަށް ހިމޭނުންނެވެ. އެ ފަރުދާގެ ފަހަތަށް ވެރިވެފައިވީ ހިޔަނީގެ ތެރޭގައި މީހަކު މަޑުކޮށްލައިގެން ހުރިކަން އޭނާ އަށް ޔަގީންވީ ރޯނުން ދަމައިގަތް ލިބާސް ބޮލުން މަހާލައި ގަޔަށް ހެޔޮވަރުކޮށް ބޮލުގައި އޮތް އިސްތަށިގަނޑު ފަހަތަށް ނަގައި ހުޅިއަކަށް ޖަހާލިތަނުންނެވެ.

މެންދަމުގެ ފިނި ހިމޭންކަމުގައި އޭނާގެ މޭގަނޑު ހީވީ އަނގަޔަށް އައިހެންނެވެ. ނަމަވެސް އޭނާ ހިރި ވެސް ނުލި އެވެ. މުޅި ގައިން ހީބިހި ނަގައި ނޭވާހިފަހައްޓާލިޔަސް އޭގެ އެއްވެސް އަސަރެއް އޭނާގެ ދޮން މޫނު މައްޗަށް ފާޅުވިޔަކަ ނުދިނެވެ.

ކުޑަދޮރާ ދިމާލުގައި ހިމޭންވެފައިވީ ތުނިފޮތިގަނޑުގެ ނިވަލުގައި މަޑުކޮށްލައިގެން އެހެރަ މީހަކީ ވެވުގެ ފެންގަނޑު ތެރެއިން އޭނާ އަށް ފެނުނު މޫނުކަމާ މެދަކު އޭނާގެ ހިތުގައި ހަމަ އެއްވެސް ޝައްކެއް ނެތެވެ. އެ މީހާގެ ހިނިތުންވުމުގައިވީ އަލިމަހުގެ ވިދުންގަނޑު އެ ހިޔަނީގެ ތެރެއިން ވެސް ދަޅައަރުވަމުންދާ ކަހަލަ އެވެ. ކަޅިޖަހާ ނުލައި، ހިރި ވެސް ނުލައި އެ މީހާ ބަލަހައްޓައިގެން އެހެރީ ހަމަ އެގޮތަށް އެ ކޮޓަރި ތެރޭގައި ހުއްޓިހުރި އަންހެން މީހާގެ މޫނަށެވެ.

އެ ފިރިހެން މީހާގެ ބޮލުގައި އޮތް ދިގު އިސްތަށިގަނޑު ގޮސް ވަނީ ބިމުގައި ޖެހިފަ އެވެ. ކަޅު ދެލިގަނޑެއްހެން އެތަނަށް ފެތުރިފަ އެވެ. އޭނާގެ ދެ ފައި ވެސް ވަނީ އެ ފަން އިސްތަށިގަނޑުގެ ތެރޭގައި ފޮރުވިފަ އެވެ. އޭނަގެ މާނަ ފޮރުވިފައިވީ ހިނިތުންވުން ވަނީ ދެ ކަންފަތާ ހަމަ އަށް ދެމި ވާންވެފަ އެވެ.

ޖެހިލި ވައިރޯޅިއަކާ އެކު ރޭނދާގެ އެ ތުނި ފަރުދާ ހެލިލި ވަގުތު އޭގެ ފަހަތުގައި ހުރި އެ މީހާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އަޅާލި އެވެ. ދެ ވަނަ ފިޔަވަޅާ އެކު ފަށުއީގެ އެ ފޮތިގަނޑު ތެރެއިން އޭނާ ނުކުމެ ރީއްޗަށް ފައުޅުވެއްޖެ އެވެ. އެ މަންޒަރު ބަލަން ހުރި އަންހެން މީހާގެ މައިބަދައިން ފަށައިގެން ކަނދުރާއާ ހަމަ އަށް އަނެއްކާވެސް އިސްތަށީގެ ބުޑުތައް އުފުލި ހަރުވެއްޖެ އެވެ.

އޭނާއާ ފިޔަވަޅެއް ގާތުގައި އައިސް މަޑުކޮށްލި އެ މީހަކީ އިތުރު ދެ ވަނަ މީހެއް ނޫނެވެ. އެއީ އޭނާގެ ގެއްލިފައިވީ ބައްޕަ އެވެ. (ނުނިމޭ)