އެ އަންހެން މީހާ އޮތީ ރޯބަރަހަނާކަން މަތީގަ އެވެ. ހީވަނީ ފަށުއީގެ އެ ފޮތިގަނޑުން ފެންނަ މައުތަކުގެ ތެރޭގައި އޮށޯވެލައިގެން އޮތް ހެންނެވެ. ޖެހެމުން ދިޔަ ރޯޅިތަކުގެ ތެރޭގައި އެ ތުނި ފޮތިގަނޑު ނަށައިގަންނައިރު ބާޖިސްކަލޯ އަށް އެ އަންހެން މީހާ ފެންނަނީ ހަމަ އެއްވެސް ނިވަލެއް ނެތި އެވެ.
އެއީ ކާކީކުލައިގެ ދިގު ދެ އަތާއި ދެ ފަޔެވެ. ނުހަނު ހަންއޮމާންވެފައި މޭމަތި އުސް ފަތިހަށިގަނޑެކެވެ. ބުމަގަދަވެފައި ބޮލުގެ އިސްތަށިގަނޑު ދިގު އަންހެނެކެވެ. ޤުދުރަތްޕުޅުން އަންހެނަކަށް ލިބޭނެ ނިސްވާނީ ހުރިހާ އިނާމުތަކެއް އޭނާގެ ރޫހަށާއި ޖިސްމަށް އޭގެ އެންމެ މަތިފަޑީގައި ލިބި ހުރިހާ މާނައެއްގައި ފުރިހަމަވެ ފައްކާވެފައިވާ ޖިންސުއްލަތީފެކެވެ.
އައިބެއް ފެންނަން ނެތް ޅަނދޮޅުކަމުގެ ފުރިހަމަ މިސާލެކެވެ. އެހެންކަމުން ބާޖިސްކަލޯ އަށް އެންމެ ފުރަތަމަ ހީވީ އެނދުމަތީގައި ބާއްވާލާފައި އޮތް ބުދެއް ފެންނަމުން ދިޔަހެންނެވެ. ހުދުފަރުގެ ހިރިގަލުގައި ރެދިން ކޮށްފައިވާ ފުރިހަމަ އަތްތެރި މަސައްކަތެއްގެ ކުޅަދާނަ ކަމެއް ކަމަށެވެ.
ހިތުގައި އުފެދި ބޮކިޖަހަމުން ދިޔަ އިހުސާސުގެ އަސަރު ބާޖިސްކަލޯގެ ސިކުނޑިއާ އަރައި ހަމަކުރަން ވަގުތުކޮޅެއް ނެގީ އެ ޖާދޫގައި ޖެހި ގެއްލިގެންދިޔަ ވަރު ބޮޑުކަމުންނެވެ. ނަމަވެސް ހަމަ ހިއްސަށް ރުޖޫއަވުމާ އެކު އަރައިގަނެވުނު އެ ފާފައިން މިންޖުވުމަށް އޭނާ ތެޅިގަތެވެ.
އެނދުގައި އޮތް އެ އަންހެން މީހާ އެންމެ ފުރަތަމަ ހެލިލީ މަޑުމަޑުންނެވެ. ހަރުފައެއްގެ ބަނޑިތައް އެ ދިގު ދެ ފަޔަށް އަރުވަމުން ކޮށްލި ހަރަކާތަކާ އެކު ހީވީ ކުއްލިއަކަށް ދިރިގެން ތެދުވިހެންނެވެ. އެވަގުތު ކިޑިކީގެ އެއް ފަރާތަކަށް ޖެހި ބާޖިސްކަލޯ ފިލައިފި އެވެ.
އެ ކިޑިކީގެ ކުރިމަތިން ފެންނަން ހުރި ކޮޓަރިކޮޅުގެ ދާންކޮޅުމަތީގައި ބަރަހަނާ ހާލުގައި އޮތް އަންހެން މީހާ އަށް ބާޖިސްކަލޯ އަށް ފެނުނުކަން ޔަގީނެއް ނޫނެވެ. ނުފެނެ އެވެ. މޭގަނޑު އަނގަޔަށް އައިސް ތެޅެމުން ދިޔަ ހިތް ބުނަމުން ގެންދިޔައީ މިހެންނެވެ.
ދުނިޔެ އަށް ފާޅުކުރެއްވި ގޮތަށް، އެ ކޮޓަރިކޮޅުގެ ދާންކޮޅުމަތީގައި އެ އޮންނެވި އަންހެނަކީ އަވަހާރަވި ރަދުންގެ ހުވަފަތް އަނބިކަނބަލުން ނަރުގިސް އެވެ. އެއީ ކާކުކަން އަދި ނޭނގުނަސް އަރައިގަނެވުނު ފާފަމަތީގައި ބާޖިސްކަލޯ ހުރީ ހަރުވެ ގައުވެފަ އެވެ. އަދި ދެ ވަނަ ފަހަރަށް ކިޑިކީ އިން ބޯދިއްކޮށް އެ ކޮޓަރިކޮޅާ ދިމާލަށް ބަލައިލަން ވެސް ނުކެރުނެވެ.
އެކަމަކުވާ މި ބާޖިސްކަލޯގެ އަތުގައި އޮތީ ހަމަ ރަނގަޅަށް ވެސް ނަސީބު ހިފައިފަ އެވެ. ކިތަންމެ ބޮޑު ފާފައަކަށް އަރައިގަނެވުނަސް އޭނާގެ ކަރުބުރިކޮށްލުމަށް އަމުރުކުރާނޭ ރަސްކަލަކު ވެސް ތަހުތުގައި މިހާރު ނެތެވެ.
*** ** ***
އުތުރި އަރަމުން ދިޔަ ހިތާމަތަކާ އެކުގައި ނަރުގިސްގެ ދެ ލޯ ވަނީ ވާޅުވެފަ އެވެ. ނިދި ނުލިބި ކުލަ ބަދަލުވެފަ އެވެ. ހަތަރެސްފައިގައި އަދިވެސް ވަރެއް ނެތެވެ. ނަމަވެސް މިއީ އެކަމަނާ އެންމެ ގަދަ އަށް ހުސިޔާރުވެ ހުންނަވަން ޖެހޭ ވަގުތެވެ. ތަހުތުގެ ހުސްކަން ކުރިމަތިކުރުވި ހިތާމައިން ހިތްކުދިކުދިވެ ރޯން އޮވެވޭކަށް ނެތެވެ.
ފިރިކަލުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި ރަސްކަމުގެ މި ހުސްކަން ފަޅުފިލުވާނެ ގާއިމުމަގާމެއް ކަނޑައެޅުމާއި ރަސްކަމުގެ ވާރިސު ކަނޑައަޅައި ހިމާޔަތްކުރުމުގެ އެންމެ މުހިންމު ވަގުތަކީ މިއީ އެވެ. ތަހުތުގައި އިންނަވާ ރަސްކަލަކު އަވަހާރަވެ ވަޑައިގަތުމުން އުފެދޭ މި ނާޒުކު ވަގުތުކޮޅަކީ ކޮންމެ ފަދަ ލޭ އޮހޮރުވުމެއް ވެސް ހިނގައިފާނެ ހައްސާސީ ވަގުތުކޮޅެކެވެ.
އަނެއްކޮޅުން، ސާގީސާ ރަދުންގެ އަޖަލު ގެނައި ސުންޕާ އާލާސްކަންފުޅުގެ ފަހަތުގައިވީ މަކަރާއި ހީލަތް ވެސް އެ އޮތީ ކަނު އަނދިރީގަ އެވެ. ތަހުތުގެ މައި ކިއްލާއާ އެންމެ ގާތުގައިވީ ރަށް އެ ވަނީ އަނދައި ހުލިވެފަ އެވެ.
ފަންސަފުރަދާނައިންގެ ކުއްލި މަޖިލީހުގައި ނަރުގިސް އިންނަވަން ޖެހެނީ މި ހުރިހާ ސަބަބާ ހެދި އެވެ. އެހެން ނޫނަސް އެއީ ރަސްކަމުގެ އޮނިގަނޑުގައި އެކަމަނާ އަށް ލިބިވަޑައިގަންނަވާ ހައްގެކެވެ. ގަނޑުވަރަކަށް އުފަންވެ ވަޑައިނުގެންނެވިޔަސް އަދި ކަނބާފުޅަކަށް ނުވަތަ ކަނބައިދިކިލަގެ އަކަށް ނަސަބުން ވެވަޑައިނުގަތަސް ނަރުގިސް އަކީ ސުވާދީޕާގެ ރަނިކިލަގެ އެވެ.
އަވަހާރަވި ރަދުން ސާގީސާ ރަސްގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ހިތުގައި އެންމެ ވަރުގަދަ ލޯތްބެއް އެމީހަކަށް އުފެދުނީ ނަރުގިސް އަށެވެ. އަދި އެ ލޯބި އެ ކަމަނާ އަށް ކަށަވަރުކޮށްދިން އެންމެ އަގުބޮޑު ހަދިޔާ އަކީ ރަނިކިލަގެއެއްގެ އިއްޒަތުގައި ކޮލިލެވިގެން ދިޔަ ދިއުމެވެ.
އެހެންކަމުން އެއް ޒަމާނެއްގައި ޖާރިޔާއެއްގެ ގޮތުގައި މި ގަނޑުވަރަށް ގެނެވުނު އަންހެނަކަށް ލިބިފައިވީ މި ކުރިއެރުމާއި ބާރާއި ނުފޫޒަށް ހަސަދަވެރިނުވާ ހަމަ އެކަކު ވެސް ތަހުތުގެ ފަންސަ ފުރަދާނައިންގެ ތެރޭގައި ނެތެވެ. ވަކިން ހާއްސަކޮށް ކަޅައިބާރުތަކުރަކީ ނަރުގިސް ކަނބާއާ އިދިކީލިވެ ވަޑައިގަތުމުގައި ލާމަސީލު ބޭކަލެކެވެ.
ކަޅައިބާރު ވަތަބަނޑޭރި ތަކުރަކީ ތަހުތުގެ މި ހުސްކަން ފުރުމަށް ފަންސަ ފުރަދާނައިން ގާއިމުމަގާމަށް އައްޔަނުކުރަން ހިތުލާފައިވާ ނަމެވެ. އަދި އެމީހުންގެ ތެރޭގައި ވާރިސަކާ މެދު އުފެދިފައި އޮތް ހުރިހާ ޝައްކާއި ވަހުމެއް އުފަންކޮށްގެން އުޅޭ ފަންޏަކީ އެ ކަޅައިބާރެވެ. ނަމަވެސް ނަރުގިސްކަނބާގެ ނޭވާ ލެވޭހާ ދުވަހަކު އެކަން ހަމަހިލާ އެގޮތަށް ވިޔަކަ ނުދޭނެކަން ޔަގީނެވެ.
ހާސާވެފައިވީ އުނުއޮރިޔާމާ ގޮސް ނަރުގިސްކަނބާ ވެވަށް ފޭބިއިރު އެ މަންޒަރު ބަލަން ބާޖިސްކަލޯ އޮތީ ފިރިހެނުންނަށް ހާއްސަކޮށްފައީ ހިސާބުގެ ވެވެއްގަ އެވެ. ވެވުގެ ފެންގަނޑު އޮތީ އިރުގެ ހޫނުގައި އަޅުވެތިކޮށްފަ އެވެ. ނަމަވެސް ރަނިކިލަގެ ހިތާއި ހަތަރެސްފައިވީ ހިތާމަ އެ ހަށިގަނޑާ ފެޔަށް ޖައްސާލަދޭ ކަހަލަ އަރާމު ހޫނެކެވެ.
ނަރުގިސް އާއި ބާޖިސްކަލޯ އެރި ތިބި ދެ ވެވުގެ މެދުގައި ވަނީ ފަށުއީގެ ހުދު ކުލައިގެ ފަރުދާތަކެއް ދަމައިފަ އެވެ. ވެވަށް އެރި ތިބޭއިރު އެކަކު އަނެކަކަށް ނުފެނުނު ނަމަވެސް ނަރުގިސްގެ އެ ރީތިކަން ހިފަހައްޓާނެ ބާރެއް އޭގައި ނެތްކަން ޔަގީނެވެ.
ނަމަވެސް ނަރުގިސް އަކީ ކާކުކަން އެނގޭ ހާލުގައި ބާޖިސްކަލޯ މިހާރު އެ އޮތީ އޭނާގެ އަސްލު މަގާމަށް ތިރިވެ ވެވުގެ ފެންގަނޑު ތެރޭގައި ބިރުން ފިނިވެފަ އެވެ. ކެލަޔާއި ބޮކަރު ތެލާއި ނާރިގު ތޮށީގެ ޒަވިކަމުގެ ތެރޭގައި ދުންއަޅާފައި އޮތް ވެވު ތެރެއިން އަރައިގެން ކުދިކަނބަލުންގެ އެހީތެރިކަމާ އެކު ނަރުގިސްކަނބާ ކޮޓަރިކޮޅަށް އެނބުރި ވަޑައިގެންނެވިއިރު ވެސް ބާޖިސްކަލޯ އޮތީ އޭނާ އެރިއޮތް ވެވު ތެރޭގަ އެވެ. ނޭވާހިފަހައްޓާލައިގެންނެވެ.
ފަންސަފުރަދާއިންގެ މަޖިލީހަށް ދާން ނަރުގިސް އަށް ހާއްސަކޮށްގެން ކުދިކަނބަލުން ތައްޔާރުކޮށްފައި އޮތީ ކަޅުކުލައިގެ ހެދުމެކެވެ. ނަމަވެސް ހިތާމައިގެ އެ ކުލަ ތުރުކުރައްވައިގެން ހަތުރުންގެ ކުރި މައްޗަށް ދާކަށް އެކަމަނާ ބޭނުންފުޅެއް ނުވި އެވެ.
"ކާބޮލިއަންނާރު ކުލައިގެ ހެދުން ގެނެސް ދޭށެވެ،" ހެދުންކޮޅު ތައްޔާރުކުރަމުން ގެންދިޔަ ކުދިކަނބަލަށް ނަރުގިސްކަނބާ އެންގެވި އެވެ.
ކާބޮލިއަންނާރަކީ އަންނާރު މޭވާގެ ވައްތަރުތަކުގެ ތެރޭގައިވީ އެންމެ ބޮޑެތި އަންނާރެވެ. އަދި އޭގެ އޮށްތައް ބޮޑުވެފައި، އޭގައިވީ ރަތްކުލަ އަންނާރުގެ އެހެން ހުރިހާ ވައްތަރަކަށް ވުރެން ގަދަ އަންނާރެކެވެ.
"މަށަކީ ފިރި މަރުވެ ބަލިކަށިވެފައިވާ އަންހެނެކޭ ބުނާތަން ބަލަން ބޭނުމެއް ނޫނެވެ. މަށަކީ އަދިވެސް މި ތަހުތުގައި ރަނިކިލަގެ އެކެވެ."
ފަންސަފުރަދާނައިންގެ މަޖިލީހަށް ނަރުގިސްކަނބާ ދޭން ބޭނުންވާ މެސެޖު ވަރަށް ވެސް ސާފެވެ.
އެކަމަނާ ގޮސް މަޖިލީހަށް ވަދެވަޑައިގެންނެވިއިރު ބަޒާން މަޑުމަޑުން ފައިބަމުން ގެންދިޔައީ ގަނޑުވަރުގެ ބިސްގަރާސް ކޮޓަރިތަކާ ދިމާލަށެވެ. ތަހުތުގެ ވާދަވެރި އަރައިރުމުގައި ބައިވެރިވުމުގެ ހަމަ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. އޭނާގެ ހިތާއި ރޫހު އެދެމުން ދަނީ ބައްޕާފުޅާ ވީ އެންމެ ގާތުގައި ވުމަށެވެ.
އިސްފިރޭނިގެން ތިރިއަށް ދާ ގޮތަށް ފަރުމާކޮށްފައިވާ ހިރިގަލުގެ ސިޑިން، ފާރުގައި އެއް އަތް ކާއްތަމުން މަޑުމަޑުން ތިރިއަށް ފައިބަމުން ދިޔަ ވަރަކަށް އޭނާއާ އަރައި ހަމަކުރަމުން ދިޔައީ ބިމުގެ އަޑީގައި ގާއިމުކޮށްފައިވީ ގަނޑުވަރުގެ ބަރުޒަވީ އާލަމެވެ. އުށްބައްތީގެ އަލިން ދިއްލާފައި އޮތް އެ މައިދާނަކީ އަވަހާރަވުމަށް ފަހު ފަސްދާނުލެއްވުމާ ހަމަ އަށް މި ޝާހީ ހާންދާނުގެ ބޭފުޅުންގެ ގަބުރުތައް ވަގުތީގޮތުން އަރާމުކުރުމަށް ހާއްސަކޮށްފައިވާ ބިންގަރާހުގެ ކޮޓަރިކޮޅެކެވެ.
ސިޑިން ތިރިއަށް ފައިބަމުން ގެންދިޔައިރު އުށްބައްތީގެ އަލިކަމުގައި ބަޒާންގެ ފަހަތުން އޭނާގެ ހިޔަނި ދިޔައީ ބޮޑުވެ އެކި ސިފަތަކަށް ބަދަލުވަމުން ފާރުތަކުގައި ދުވަމުންނެވެ. މުޅި ތަނަށް ފެތުރިފައިވާ ގޮމަކަސްތޫރީގެ ވަހުގައި ވަނީ ބަރު މީރުކަމެކެވެ. ސިޑިއާ އިންވެގެންވީ ފާރުގައި ހަރުކޮށްފައިވާ ދުންދަނޑިތަކުން ފަތުރަމުން ދަނީ ކެލާއަތަރުގެ މީރު ވަހެވެ. އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު ގަދަވަމުން ދިޔައީ ބަނޑިބަނޑިލައްވަމުން ވިރުވައިއަޅަމުން ދިޔަ ގުރުއާނުގެ ހިތްގައިމު އަޑެވެ.
އެ ކޮޓަރީގެ އެންމެ އަޑީގައި ގާއިމުކޮށްފައިވާ މަރުގެ ދާންކޮޅު މަތީގައި ބާއްވާލާފައި އޮންނެވި ސާގީސާގެ ހަށިކޮޅަށް އެޅިފައި ވަނީ ފަންގިފިލާގައި އެލުވައިގެން ގޮސް ދާންކޮޅު މައްޗަށް ތިރިކޮށްފައިވާ މަންދީލަ ބައްތީގެ ރަން އައްޔެވެ. ދެ ލޯ މަތީގައި ބާއްވާލާފައި އޮތް ދެ ރަންފޮތިން ވިދައި ބަބުޅަމުންދާތަން ފެންނަނީ ބިއްލޫރީގެ ގޮފިތަކެއްގެ ސިފައިގައި ފެތުރިގެންފައިވާ އެ ބައްތީގެ އަތްފައިތަކުގައި ރޯކޮށްފައިވާ އުށްބައްތީގެ ހުޅުކޮޅުތަކެވެ. ހީވަނީ ބަރުޒަހުގެ އާލަމަކަށް މަޑުމަޑުން ފޭބެމުން ދިޔަހެންނެވެ.
މިއީ މަރުގެ މި ބިންގަރާހަށް ބަޒާން ފޭބި ފުރަތަމަ ފަހަރެވެ.
ސިޑިން ފައިބައިގެން މަޑުމަޑުން ހިނގާލާފައި ގޮސް އޭނާ މަޑުކޮށްލީ ބައްޕާފުޅުގެ ހަށިކޮޅު ކައިރީގަ އެވެ. އަވަހާރަފުޅު ލައްޕަވާފައި ވަނިކޮށް އެހާ ގާތުން ބައްޕާފުޅުގެ މޫނާއި ހަށިކޮޅު މީގެ ކުރިން ބަޒާން ނުދެކެ އެވެ. އެހާ މަޑުން، އެހާ ހިމޭންވެފައި ވަނިކޮށް ބައްޕާފުޅަކާ ކުރިއަކުން ދިމާވެފައި ނެތެވެ. ނަމަވެސް މި ހާއްސަ ވަގުތުކޮޅަކީ ހުވަފެނެއްގައިވީ މަންޒަރެއް ނޫންކަމާއި ބައްޕާފުޅުގެ މި އަވަހާރަލެއްޕެވުމަކީ ދާއިމީ އަލްވަދާއެއްކަން އެނގޭ ހާލުގައި ބަޒާންގެ ލޮލުން ފެން ހިލިގަތެވެ.
ސާގީސާގެ ބޯ ވަނީ އޮމާންކޮށް ރީތިކޮށްފަ އެވެ. އާދައިގެ ވަރަކަށް ދިގުވެފައިވާ އެ އިސްތަށިގަނޑަށް ވުރެ ނުރަ ގިނައީ އޭނާގެ ތުނބުޅީގަ އެވެ. ބަޒާން ހުއްޓި އެހެރީ ބައްޕަގެ މޫނުގައި ޖެހިފައިވާ ރޫތަކާއި ލޯ މަތީގައި ބާއްވާލާފައިވާ ދެ ރަންފޮތީގައި ބިންވަޅުނަގައި ލިޔެފައިވާ ވަދާއީ ލަފުޒުތައް ގުނާލެވޭހާ ގާތުގަ އެވެ.
އުމުރުފުޅުން 85 އަހަރުފުޅުގައި ވަކިވެ އެ ދިޔައީ ބަޒާންގެ ހަޔާތުގައި އޭނާ އަށް ފެނުނު އެންމެ ކީރިތި މޫރިތި ޝަހުސިއްޔަތެވެ. އެންމެ ގަދަފަދަ އެންމެ މޮޅު އިތުރު ބުއްދިވެރިޔާ އެވެ. އެންމެ ކުޅަދާނަ ގާއިދެވެ. ނަމަވެސް ފަށުއީގެ ތުނި ފޭރާމެއްގެ ތެރޭގައި މިއަދު އެ އޮންނެވީ ހިމޭންވެ އެކަނިމާއެކަންޏެވެ. ބުއްދިވެރި ވާހަކަތަކާއި ނަސޭހަތް އަބަދުމެ ދެއްވި ދޫ އެ އޮތީ އަބަދަށް ހިމޭންވެފަ އެވެ. ތުންފަތް ހިކި ހަރުވެފަ އެވެ.
ބައްޕާފުޅުގެ އެ ހިމޭންވެފައި އޮތް ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން ބަޒާނަށް ވެސް ހުރެވުނީ ހިމޭންވެ ގަބުވެފަ އެވެ. އެތައް އިރެއް ވަންދެން އެތަނުގައި އެގޮތަށް ހުއްޓި ހުރުމަށް ފަހު ބަރުޒަވީ އެ އާލަމުން ނުކުމެގެން ގޮސް އޭނާ ދެން ވަނީ ބައްޕާފުޅުގެ ހަޔާތުގެ ވަރަށް ގިނަ ވަގުތު ހޭދަކުރެއްވި ކުތުބުހާނާ އަށެވެ. ފޮތްކިޔުއްވުމުގަ އާއި ބޮޑު އަކުރު އެޅުއްވުމުގަ އެވެ. ނުވަތަ ތުއްޕުޅު ބަޒާނަށް ވާހަކަ ފޮތެއް ކިޔައި ދެއްވުމުގަ އެވެ.
ސާގީސާ އަށް ބަޒާން ލިބިވަޑައިގަތީ އެ ރަސްގެފާނުގެ އުމުރުފުޅުން 62 އަހަރު ފުރިވަޑައިގެންނެވި ފަހުންނެވެ. އެހެންކަމުން އައުލާދެއް ލިބިވަޑައިނުގެން ލޯބޯކޮށިވެފައި ވަނިކޮށް ލިބިވަޑައިގެންނެވި ދަރިކަލުން ބެލީ ލޮލުގެ ކޮއިހެންނެވެ.
ބާއްޕާފުޅުގެ މޭޒުކޮޅު މަތީގައި އޮތް ސިޓީލިޔާ ފޮތުން ގަނޑެއް ކަނޑައިގެން އޮނުގަލަމެއް ނަގައިގެން ފަރިތަކަމާ އެކު ވާތުން ކަނާއަތަށް ދިވެސްއަކުރުގެ ޖުމްލަތަކަކުން އެ ގަނޑު ފުރާލި އެވެ. އެ ސިޓީ ބަންދުކޮށް އޭގައި ސިއްކަޖެހީ ބަޒާންގެ އަތުގައި އޮތް އޭނާގެ އަމިއްލަ ސިލުއަނގޮޓިންނެވެ. އޭރު މި ކުތުބުހާނާގެ ބެލްކަނީގެ ފާރުމަތީގައި ބަޒާނާ ދިމާލަށް ބަލަހައްޓައިގެން އިނީ ރަދުންގެ ރަސްމީ ސިޓީތައް އުފުލާ އެހަނޑަ ބާޒެވެ.
ބެލްކަންޏަށް ނުކުމެ، އެ ދޫނީގެ ޖަސްތުކޮޅުގައި އެ ސިޓީ ފޮރުވައި ބޮލުގައި ފިރުމާލުމާ އެކު ތޫލިއަޑުފަތްގަނޑަކާ އެކުގައި އެ ބާޒު އުދުހިގަތެވެ. (ނުނިމޭ)



