ސާގީސާގެ ހަތަރެސްފައި ތުރުތުރުލައިގަތުމާ އެކު އޭނާގެ ނަފުސު ޖަހައިގެން ގެންދިޔައީ ގަދަ ނިންޖެއްގެ ތެރެއަށެވެ. އިރުކޮޅެއް ނުވެ އޭނާގެ ފޫޅާ ދިމާލުން މަސްގަނޑު ފުފެން ފަށައިފިއެވެ.

ފޫޅުން ނުކުންނަން ފެށި ކަޅު ލޭގެ ތެރެއިން ދެން ފާޅުވީ ހަރުފައެއްގެ ރަތް ދެ ލޮލެވެ. ފޫޅުތެރެއިން ނުކުންނަމުން ދިޔަ ވަރަކަށް އެ ހަރުފައިގެ ބޮލާއި ހަށިގަނޑު ދިޔައީ ފުފެމުން ބޮޑުވަމުންނެވެ.

އެއީ ސާގީސާގެ އިސްކޮޅުހާ ދިގު ކަޅުކުލައިގެ ނާގު ހަރުފަ އެކެވެ. ފޫޅުތެރެއިން ދެމިގެން ނުކުމެ ކޮޅުކޮޅަށް ބޯ ހަލުވަމުން ގެންދިޔަ ހަރުފަ އޭގެ އަނގަ ހުޅުވަމުން ސަލްސަބީލާ ދިމާލަށް ބަލަމުން ގެންދިޔައެވެ. އެ ސޫފީގެ އަނގަޔާ ދިމާލަށް ސަލްސަބީލުގެ އަތެއް މަޑުމަޑުން ދިއްކޮށްލުމުން އޭނާގެ އަތަށް ޅިއްވާލީ ސާގީސާގެ އަނގަޔަށް ލެއްވި ކަޅުކުލައިގެ އިތާމުތެވެ. އަދި އިރުކޮޅެއް ނުވެ އެ ހަރުފައިގެ ކަރު ބިނދިގެން ބިންމައްޗަށް ވެއްޓި އުށްބައްތިއަކުން އުށްތައް ވިރިގެންދާފަދައިން މުޅި އެތަނަށް ވިރި ފެތުރެން ފަށައިފި އެވެ. އޭގެތެރެއިން ފާޅުވަމުން ދިޔައީ އިސްތައްޓާއި ނިޔަފައްޗެވެ. އެއީ ސާގީސާގެ ބޮލުގައިވީ އިސްތައްޓާއި ނިޔަފަތި ނޫން ދެން ކޯއްޗެއް ހެއްޔެވެ.

ސާގީސާ އަށް ހޭލެވުނީ މަރުވަޅީގެ އަޑަށެވެ. ހޭލެވުނުއިރު އޭނާ އޮތީ އަދިވެސް ސަލްސަބީލުގެ ހޮހޮޅައިގައެވެ.

ފުންމައިގެން ތެދުވިއިރު މަރުވަޅިއަކަށް އަރައި އޭނާގެ ދާންކޮޅު ވަށައިގެން މަޑުމަޑުން ހިނގަމުން ގެންދިޔައީ ހުދުކުލައިގެ ފަށުވި ހެދުމެއްގެ ތެރޭގައި ފޮރުވިގެން ހުރި ސަލްސަބީލެވެ. ސާގީސާ އަށް ބަލައިލެވުނީ އޭނާގެ ދެ އަތުގެ އިނގިލިތަކަށެވެ. އެ އިނގިލިތަކުގެ ކުރީގައި ހެދިފައިވީ ފާރުތައް ވަނީ އެއްކޮށް ރަނގަޅުވެފައެވެ.

ދާންކޮޅުން ތެދުވެ ވަޑައިގެން ހެދުންކޮޅު ތުރުކުރައްވަމުން ގެންދަނިކޮށް އޭނާގެ ލޮލުގައި ދެން އަޅައިގަތީ ދާންކޮޅު ކައިރީގައި ހިކި ހަރުވެފައިވީ އުށުގެ ތެރޭގައި ތަތްތަލާފައި ހުރި އިސްތަށީގެ ބޮނޑިބޮނޑިތަކާއި ނިޔަފަތީގެ އެތިކޮޅުތަކެވެ.

"ތިބާގެ ގަނޑުވަރުގައިވީ ނޯކަރަކު ވަނީ ތިބާގެ އަދާވާތްތެރިންނަށް ބައިއަތު ހިފައިފައެވެ"

ސަލްސަބީލްގެ އަންހެން އަޑާއި ފިރިހެން އަޑު ގެތިގެން އުފެއްދި އެ ޖުމްލަ ކަންފަތުގައި ޖެހުމާއެކު ސާގީސާގެ ހިޔާލުގައި ތަސްވީރުވެގަތީ އޭނާގެ އިސްތަށިފުޅު ކޮށައިދޭ މީހާ އާއި ނިޔަފަތި ކަނޑައި ސާފުކޮށްދޭ ނޯކަރުގެ ބަބުރު މޫނެވެ. އަދި ހަށިގަނޑުގައިވީ ލޭ ހޫނުވެ ކެކިގަތެވެ.

"މީހެއްގެ ކިބައިން އޭނާގެ ފުރާނަ ޖަހައިގަތުމަކީ ނުހަނު ފަސޭހަކަމެކެވެ"

"އެކަމަކު އަތުން ދޫވެގެންދާ ތީރަކީ އަލުން އަތުލެވޭނެ އެއްޗެއް ނޫނެވެ."

ލޭ ކެކެމުން ދިޔަ ސާގީސާގެ ނަފުސު މައިތިރިކުރަން ސަލްސަބީލު ދިނީ ފުންވެގެންވީ ނަސޭހަތެކެވެ. އެ ސަލްސަބީލުގެ އަގު ރަދުން އަދާކުރެއްވީ ނަގޫސޭސަރުގެ ރަންފޮތިންނެވެ. އޭގެ ސަތޭކަ ފޮތި އޭނާ އަށް ހަދިޔާކުރެއްވުމަށް ފަހު ރަސްގެފާނު ގަސްދުކުރެއްވީ ހަފުތާއެއްގެ އަރާމު މި ފޫޅުމާމައިގެ ރަށުގައި އޭނާގެ ހިމާޔަތުގައި ހޭދަކޮށްފައި ނޫން ގޮތަކަށް އިސްމިޑޫ އަށް އެނބުރި ނުދާށެވެ.

ނިދީގައި ފެނިވަޑައިގަތް ހުވަފެން ފާކުރި ސުންޕާވެރިކަމާއި މަރުގެ ތުންފަތްމަތިން ސަލާމަތްވެ އަރާމާއި ލައްޒަތުގެ ދާނެއްގައި އަލުން ގޮސް ބުރަކަށި ޖެހުމާއެކު މަރުމަތިން ހަމަ އެއްކޮށް އަނެއްކާވެސް ހަނދާންނެތިއްޖެއެވެ.

ތެދުވިގެން ހޮހޮޅައިން ނުކުތުމަށް ހިނގައިގަތް ރަދުންގެ ކަންފަތުގައި ޖެހުނީ އަނެއްކާވެސް ސަލްސަބީލްގެ އަޑެވެ. އަންހެން ފިރިހެން ވަޒަންތަކުން ލަފުޒުތައް ގަތަމުންނެވެ.

"ވީރާނާވެ ވިނަހެދި، ފަޅުވެފައިވާ ގެއެއް ލޯތްބާއެކު އަލުން މަރާމާތުކޮށްފި ނަމަ އެންމެންގެ ލޯތްބާއި ގަދަރުލިބޭ ޝާހީ ގަނޑުވަރަކަށް ވެސް ބަދަލުކޮށްލެވިދާނެ އެވެ."

"އެކަމަކު ނިކަމެތިވެ ބަލިކަށިވެފައިވީ ހިތެއް އުފަލާއި އަރާމާއި ލައްޒަތުން އޮމާންކުރަމުން ގެންދާ ވަރަކަށް އެ ހިތެއް ބަދަލުވަނީ އަނދިރި ހަރު ހިލަގަނޑަކަށެވެ."

ސާގީސާ އެނބުރި ބަލައިލީ އެ އަޑު އައި ދިމާލަށެވެ. ނަމަވެސް އެ ހޮހޮޅައިގެ ތެރޭގައި އޭނާ ފިޔަވައި އިތުރު އެހެން މީހެއްގެ ހިލަމެއް އޭރަކު ނުވެ އެވެ. އަނެއްކާވެސް އެނބުރިގެން ހިނގަތުމަށް އޭނާގެ ވަރުބަލިވެފައިވީ ހަށިގަނޑު ބޭނުންވެއްޖެ އެވެ. އެއާއެކު ހޭފުޅުނެތިގެން ހުރި ތަނަށް ވެއްޓިއްޖެއެވެ.

ހޭވެރިކަންޖެހި އަލުން ހޭލެވުނުއިރު އިވެމުން ދަނީ ހިމޭންވެފައިވީ ފެންގަނޑެއްގައި ގޮސް ފެންތިއްކެއް ޖެހޭ އަޑެވެ. ސާގީސާ އެ އޮތީ އަދިވެސް ސަލްސަބީލުގެ ހޮހޮޅައިގަ އެވެ. އެ ހޮހޮޅައިގައި އޭނާ އަށް ހާއްސަކޮށްފައިވާ ކޮޓަރިކޮޅެއްގެ އަރާމު ދާނެއްގައެވެ.

ލޯ ހުޅުވާލުމާ އެކު އަނެއްކާވެސް ފިނިފެންމަލާއި ފޮނިމަލުގެ ގަސްތައް ހުއްދަ ހޯދުމެއް ނެތި އޭނާގެ މުޅި ޖިސްމަށް ވެރިވާން ފަށައިފި އެވެ. ފާރުތަކުގައި ހަރުކޮށްފައިވާ ފަލަ އުށްބައްތިތަކުގައިވީ ހުޅުތައް ނަށަމުން ދަނީ އެތަނަށް ވެރިވެފައި އޮތް ހިމޭންކަމުގަ އެވެ. ވިރެމުންދާ އުށުން ހޮހޮޅައިގެ އެ ފާރުގައި ކަރުނައިގެ ކުރެހުންތައް ކުރަހަމުންނެވެ.

އުށްބައްތިތަކާ ދިމާލަށް ބަލަމުން ހޮހޮޅައިގެ މައްޗަށް ނަޒަރުހިންގަމުން ދަނިކޮށް ސާގީސާގެ ލޮލުގައި އަޅައިގަތީ ފެންތިކި އޮހޮރެމުން ދިޔަ މަޑު ނޫކުލައިގެ ގަނޑު ފަށަލައެކެވެ. އޭރު ފެންތިއްކެއް އެ ވަނީ ވިރެމުންދިޔަ އެ ދުނިޔެ ދޫކޮށްލަން އަނެއްކާވެސް ތައްޔާރުވެފައެވެ.

ވެއްޓިގެން ދިޔަ ފެންތިކި ގޮސް ޖެހުނީ ދާންކޮޅު ކައިރީގައި ބަހައްޓާފައި ހުރި އަނގަބޮޑު ކަންވާރެއްގެ ތެރެއަށެވެ. އޭގެ ތެރޭގައިވީ ފެންތަކުގެ ތެރެއަށް ގެއްލި ކުޅެލި ރާގާއެކު އުފެއްދި ބާނިތަކުގެ ތެރެއިން ފާޅުވެ ނަށައިގަތީ ރީނދޫ ކުލައިގެ ނަރުގިސް ދެ މަލެވެ. އެ މަލުގެ ރަންކުލައިގެ ކަރުގަނޑު ވަނީ ދެފެން ދޭތެރޭގައި ހިފެހެއްޓިފައެވެ.

ނަރުގިސް މަލަކީ ގަބުރުސްތާނުގައި ކަށްބިމަށް އިސްޖަހައިގެން ހެދޭ މަލެކެވެ. ހަށިގަނޑުން ފުރާނަ ނުކުމެގެންދާހިނދު އެ ޖިސްމުގައިވީ ހިތާމައިން ފުރިގެން ފޮޅޭ މަލެކެވެ. ފެނުގެ ކަންވާރުގައި ރޫހެއް ނެތި މަޑުމަޑުން ބުރުޖަހަމުން ދިޔަ ދެ މަލާ ދިމާލަށް ބަލަން އޮތް ރަދުންގެ ހިތަށް ވަނީ ނުތަނަވަސްކަމެވެ.

"މި އަޅާގެ ފުރާނަ ގެންދެވުނީތޯ އެވެ؟"

މަރުގެ އެ ހިޔާލާއި ރަހަ އުފެއްދި ނަރުގިސް މަލާއި ފެންގަނޑުގައިވީ އެ މަލުގެ ރިވެއްޔަށް ގެއްލިފައި ވަނިކޮށް ސާގީސާގެ ކަންފަތުގައި ޖެހުނީ މަޑުމަޑު އަންހެން އަޑެކެވެ. އެ އަޑުގައި ވަނީ ފަށުއި ފަންޏެއްގެ މަޑުކަމާއި ހިމޭންކަމެވެ. އަދަބުވެރި ފިނި ކަމެވެ.

"ހިތުގައިވީ އިހުސާސްތައް ފޮރުވުމަކީ ނަރުގިސްމަލުގެ އެންމެ ރީތި ސިފަ އެވެ،" އެ އަޑު ބުނެތެވެ.

ސާގީސާ އުނދަގުލުން އެނބުރި އެދިމާލަށް ބަލައިލި އެވެ. ހަށިގަނޑުގެ ހުރިހާ ކައްޓެއްގައި އަޅައިގަތް ވޭންވަރު އޭނާގެ ހަތަރެސްފައިގައި ހިފައި ބާރުކޮށްގަތެވެ.

ކޮޓަރީގެ ކަނަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން ނުކުމެގެން އައި އެ އަންހެން ކުއްޖާގެ ގައިގައި ވަނީ ފަށުއިބަޅިނދެއްގެ ފިޔަގަނޑުގުން ފައުޅުވާހާ ނަލަ ބިސްތޮށީގެ މުށި ކަމެކެވެ. އޭނާގެ ބޮޑު ދެ ލޮލުގައި ހަމަ އެއްވެސް ބިރުވެރިކަމެއް ނުވެ އެވެ. ރަސްކަލަކާ ދިމާލަށް އިސްއުފުލައިލުމުގައި އެއްވެސް ޖެހިލުމެއް ނެތެވެ.

ފިޔަވަޅު ނަގަމުން ކުރިއަށް ހިނގަމުން އޭނާ އައީ މަކުނުވަލުގައިވީ ނާޒުކުކަމާއި ބާރުގަ އެވެ. ސާގީސާ އަށް އިހުސާސުވީ މޫނާ މޫނު ޖެހޭހާ ގާތަށް އޭނާ އައިސް ތިރިވެލުމުންނެވެ.

ރަދުންގެ ނިއްކުރީގައި އަތްތިލައިގެ ބަނޑުފަށް ޖައްސާލިއެވެ.

"އަދިވެސް ހުން ވަރަށް ގަދައެވެ."

ނަމަވެސް ސާގީސާގެ ޖިސްމަށް އިހުސާސުވަމުން ދިޔައީ އެ ޒުވާން އަންހެން ކުއްޖާގެ ހަށީގައިވީ ހޫނެވެ. އޭނާ އަކީ ސާގީސާގެ ހިދުމަތަށް ސަލްސަބީލު ހަދިޔާކޮށްފައިވާ އަޅު އަންހެން ކުއްޖެކެވެ.

ހިނިތުންވުމެއް ދީފައި އެ އަންހެން ކުއްޖާ އެނބުރިގެން ދުރަށް ހިނގައިގަތެވެ. ވިރިގެން ހުސްވެ ނިވިފައިވީ އުށްބައްތިތައް އައުކޮށް ދިއްލާލުމާ އެކު އެ ޒުވާނާގެ ކޯތާފަތުން ފަށައިގެން ކަރުނދާއާ ދިމާލުން ތިރިވަމުން ދިޔަ ހިޔަނިތައް މާކަޅުވާމަހާއި އުނަގަނޑާ ދިމާލުން ތިރިއަށް ދެމެމުން ގޮސް އެ ރީތިކަމުގެ ލަދުން ފިލައިފި އެވެ. އެ މަންޒަރު ބަލަން އޮތް ސާގީސާގެ ހަށިގަނޑުގައި ވޭނުގެ ކަންފުޅެއް ވެސް މިހާރަކު ނެތެވެ.

"ނަރުގިސް މަލަކީ ފަރުވާއެކެވެ. އޭގެ ހިމޭންކަމުގައިވީ އަގުބޮޑު ފަރުވާއެކެވެ"

"މިއީ އަހަރެމެންގެ މި ހޮހޮޅައިގެ ބޭރުގައި ހެދިފައިވާ ގަބީޗާއަކުން ބިނދެގެން ގެނައި ނިބޫ މަލެކެވެ."

ކަންވާރުގެ ފެންގަނޑު ތެރޭގައި ޖެހިފިތެމުން ދިޔަ ދެ މައު ދުރުކޮށް އެ ފެންގަނޑުގެ މަތީގައި އަޅު އަންހެން ކުއްޖާ ކުދި އުށްބައްތިތަކެއް ރޯކޮށްލި އެވެ. އަދި ސާގީސާއާ ދިމާލަށް ބަލައި ހީލުމަށް ފަހު ގޮސް ތައްޔާރުކުރަން ފެށީ އޭނާގެ ރޭގަނޑުގެ ފަރިއްކޮޅެވެ.

ނަމަވެސް ހޮހޮޅައެއްގެ ތެރޭގައި ރަސްކަލެއްގެ ފަރިއްކޮޅެއް ނުވެ އެވެ. އެތަނުގައި ވަނީ ރޫސިހާބަތާއި ކަރުހަކުރެވެ.

ކާން ދީ ނިމިގެން މުޅި ގައިގައި ފެންފޮތި ބޮނޑިތާންދަމައި ދިނުމަށް ފަހު އަރާމުކުރުމަށް ވަގުތު ދީފައި އަޅު އަންހެން ކުއްޖާ އެކަހެރިވެލި އެވެ. ފަނޑުވަމުން ދިޔަ އުށްބައްތީގެ އަލިކަމަށް ބަލަން އޮތްވައި ލޮލުފިޔަ ޖެހުނުއިރެއް ނޭނގެ އެވެ. ނަމަވެސް ރޭގަނޑުގެ އެ ނިންޖަކީ ސާގީސާ އަށް ހަނދުމަހެއްގައި ލިބުނު ފުރަތަމަ އަރާމެވެ.

އޭނާގެ ގައިން މަސްކޮށައިގެން ކެއި ހުވަފެން ފަނޑުވެ ގެއްލިއްޖެ އެވެ. ހަންގަނޑު ތެރެއިން ދެމެމުން ދިޔަ ފަނިތަކުގެ ކެހުންގަނޑު ރަނގަޅުވެއްޖެ އެވެ. ބޮލު ތެރޭގައިވީ ވަހުމުތައް ސާފުވެއްޖެ އެވެ. އިނގިލިތަކުގެ ކުރީގައިވީ ފާރުގަނޑުތައް ރަނގަޅުވާން ފަށައިފިއެވެ.

ތުރާލާއި ވޭނުގެ އުދާސް ސާގީސާގެ ހަށިގަނޑު ދޫކޮށް ދާން ފަށައިފި އެވެ. ވަގުތު ހީވަނީ މުށުން ދެމިގެން ފައިބަމުން ދިޔަ ވެލީގެ ކުދި ފުއްތަކެއް ހެންނެވެ. ކިތައް ފުއްކަމެއް، ކޮން ދުވަހެއް ކަމެއް ބުނެދޭކަށް ނޭނގެ އެވެ. ކޮންމެ އައު ދުވަހެއް ވަކިކޮށް ދެމުން ދިޔައީ އަޅުއަންހެން ކުއްޖާ ގެނެސް ފެނުގެ ތެރެއަށް ލަމުން ގެންދިޔަ ނަރުގިސް މަލެވެ.

ފޫހިފިލުވައި ދިނީ ކޮންމެ ރެއަކާއި ދުވާލަކު އެ އަޅު އަންހެން ކުއްޖާ ކިޔައިދެމުން ގެންދިޔަ ފާރިސީންގެ ސޫފީ ޅެންތަކާއި ހިކުމަތްތެރި އިބްރަތްތެރި ވާހަކަތަކުންނެވެ. އެ ވާހަކަތައް އޭނާ ކިޔައި ދެމުން ގެންދިޔައީ 'ގުލިސްތާނު' ގެ ނަން ދެވިފައިވީ ފޮތަކުންނެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވީ އަތާއި އުނގާއި މޭތައް ކަޑައްތުކޮށް އޭގެ ރަތްކުލައިގެ ބަނޑޭރިގަނޑުން ކުލަ ވެއްޓި ބައުވެފައި އޮތް ފޮތެކެވެ. ނަމަވެސް އޭގައި ވަނީ ކަނޑެއްގެ ފުންކަމެވެ.

"ގުރައެއް ކާޅަކާއެކު ކޮށްޓެއްގައި ވުމުން ފޫހިވެގެން ބުންޏެވެ. މިއީ ދެން ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ ތިއީ ކިހާ ހުތުރު އެއްޗެއް ހެއްޔެވެ؟ އަދި އާދަތައް ކިހާ ހަޑި ދޫންޏެއް ހެއްޔެވެ؟"

"ކަލޭ ފެނުމުން ހެނދުނުގެ ބާއްޖަވެރިކަން ރޭގަނޑަކަށް ބަދަލުވެ އެވެ. ކަލެއާ އެކުގައިވާން ޖެހޭނީ ކަލޭގެ މުސީބާތުގައިވީ މީހެކެވެ"

"ކާޅުގެ ހިތުގައި ޖެހި، އެއްފައިގެ ވަކިތައް އަނެއް ފައިގައި ހާކަމުން ބުންޏެވެ؛ އަހަރެންގެ ގަދަރާ ލާއިގުވެގެން ވަނީ އެހެން ކާޅަކާ އެކުގައި ރަށެއްގެ އަތިރިމަތީގައި ކުނި ހޮވާށެވެ"

"ރަސްކަލެއްގެ މަޖިލީހުގައި އަޅަކު ވުމަކީ، ޖަލެއްގައި ހައްޔަރުވެފައި ހުރުމެވެ."

އެހިސާބުން އެއްލި ގަނޑާއެކު އަޅު އަންހެން ކުއްޖާ އަށް ހެވިއްޖެ އެވެ. ސާގީސާ އަށް ވެސް ހެވިއްޖެ އެވެ. އެއަށް ފަހު ދެން ކިޔައި ދިނީ ލޯބީގެ ދުނިޔޭގައިވީ ހަގީގަތެކެވެ.

"ލޯބި ރަސްކަންކުރަން ފެށުމުން، ތަގުވާގެ މުލައްދަނޑިން ބާރު ކެނޑިދެ އެވެ. އެދުންވެރިކަމުގެ ކިސަޑުގެ ތެރެއަށް ކަރާ ހަމަ އަށް ގެނބިފައިވާ ބިކަ މީހަކަށް ތާހިރުކޮށް އުޅެވޭނީ ކިހިނަކުން ހެއްޔެވެ؟"

ސާގީސާ އޮތީ ވާހަކަ ފޮތުން ކިޔައިދެމުން ދިޔަ އަޅު އަންހެން ކުއްޖާގެ ތުންފަތާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ ވިރުވައި އަޅަމުން ދިޔަ އަޑު ހީވަނީ އެ ހަށީގައި ލެވިފައިވީ ތުނި ފަށުއީގެ ތެރެއިން ދެމެމުން ފޭދެމުން ދިޔަ މާމުއިގެ ފޮދުވަރުތަކެއް ހެންނެވެ. އެ ފޮދުވަރުތައް އެކުވެ ދެމެމުންދާ މާމުއިގެ އާރަކަށް ސާގީސާ ދިޔައީ ހިފެހެއްޓުމެއް ނެތި ގެނބެމުންނެވެ.

ސާގީސާ ގަދަކަމުން އޭނާގެ ހިން ދިރުވާލި އެވެ. ތުންފަތް ވަނީ ހިކިފަ އެވެ. އެކަމަކު ކަރުހިއްކައިގެންފައި އެ އޮތީ ފެންފޮދަކަށް ނޫނެވެ.

އަޅު އަންހެނެއްގެ އަޑުގައިވީ ޖާދޫގައި ޖެހި ބާރުގަދަ ރަސްކަލަކު އެ އޮންނެވީ ހިމޭންވެ މައިތިރިވެފަ އެވެ. ހިތުގައި އުތުރިއަރަމުން ދިޔަ އިހުސާސްތައް ބޭރުކުރާކަށް ސާގީސާއަކަށް ނުކެރުނެވެ. ނުވަތަ ނަރުގިސް މަލެއް ފަދައިން އެ ހަގީގަތް ބޭރުކުރަން އެ ރަސްގެފާނު ބޭނުންނުވީ އެވެ. ހަށިގަނޑުން ދަމައި ބޭރުކުރި ސިހުރުގެ ވިހަ އަށް ވުރެ ނުބައި ރަހައަކަށް އެ ބަސްތަކާއި އިހުސާސްތައް ބަދަލުވެދާނެ ކަމުގެ ބިރަށެވެ.

ނަމަވެސް ހޮހޮޅައިގެ އަރާމާއި ފަރުވާ އަށް ފަހު ޖެހިގެން އައި ދުވަހުގެ ހަސަނާތުތަރިއާ އެކު އޭނާގެ ގުރާބުކޮޅު އިސްމިޑޫ އަށް އެނބުރި ދިއުމަށް ފުރީ ސަލްސަބީލުގެ އެ ހަދިޔާ ވެސް ގޮވައިގެންނެވެ. އެ އަޅު އަންހެން ކުއްޖާ ޖާރިޔާއެއްގެ ގޮތުގައި މިލްކުކުރައްވައިގެންނެވެ. އަދި ހޮހޮޅައިގެ ފެނުގެ ކަންވާރު ތެރޭގައި އެނބުރެމުން ދިޔަ ނަރުގިސް މަލުގެ ނަން އެ ޒުވާނާ އަށް ދީގެންނެވެ.

އައްޑޫގެ ކިއްލާ އަށް އެނބުރި ދިއުމަށް ކުރި ދަތުރު ކުރުވެފައި މާ ބޮޑަށް ވެސް ހިތްގައިމެވެ. އުފާވެރި އެވެ. އަދި އިސްމިޑޫގެ ރަސްފާލަމަށް އޮޑި ގޮސް ބަނދަރުކުރިއިރު މުޅި ސުވާދީޕާ އޮތީ ސާގީސާގެ ތަހުތަށް ވިހި އަހަރުފުރުމުގެ ކުލަގަދަ މުނާސަބާ އަށް ތައްޔާރުވެ ފަރިކޮށްފަ އެވެ. އަވައްޓެރި ތަހުތުތަކުގެ ރާޖާއިން އެމީހުންގެ ރަނިންނާއި ވަލީއަހުދުންނާއި އެކުވެރި ސައުދާގަރުންގެ އޮޑިފަހަރުތަކާ އެކު މުޅި ފަޅުގެ ފަޅުކަން އޮތީ ފިލައިފަ އެވެ. އަދި ބައްތިރީސް ދުވަހުގެ ސިއްރު ދަތުރުފުޅަކަށް ފަހު ސާގީސާ، ސިންގާސަނާ އަށް އެނބުރި ވަޑައިގަތުމުން ތަހުތަށް ވެރިވެފައިވީ ފަޅުކަން ވެސް ވަގުތުން ފިލައިފިއެވެ.

ތަހުތަށް ވިހި އަހަރު ފުރުމުގެ ހަރަކާތްތައް ޖެހިގެން އައި ދުވަހު މުޅި ސުވާދީޕާގައި ފަށައިފި އެވެ. ރަސްމީ އިއްޒަތުގެ ހަފުލާ އޮތީ އޭގެ ހަފުތާއެއް ފަހުންނެވެ. އެ ކުޅިވަރުތަކަށް ތައްޔާރުކޮށްފައި އޮތީ ހިރިގަލު ގަނޑުވަރުގެ މަޝްހޫރު ގުޅަކުޅޭ ފަސްގަނޑެވެ.

ތަހުތުގެ އަހަރީ ދުވަހަކީ ނަކްޝަތުރާ މަހުގެ ބާރަ އެވެ. އެއީ ވިއްސާރައިގެ ނަކަތްތަކުން އަނދިރިވެފައިވާ މަހެކެވެ. ނަމަވެސް ބޯ ވިއްސާރައިގެ ތެރޭގައި ތަހުތުގެ ކާމިޔާބީ ފާހަގަކުރުމަކީ އަބަދުވެސް މި ކިއްލާގެ ސަގާފަތާއި ޝަރަފާ ގުޅިފައިވާ ކަމެކެވެ.

ސާގީސާ ތަހުތަށް އިސްކުރެވުނީ ވެސް ތޫފާނެއްގެ ތެރެއިންނެވެ. އެހެންކަމުން ރަސްމީ ކުޅިވަރުތަކަށް ގުޅަކުޅޭ ފަސްގަނޑު ތައްޔާރުކުރަމުން ދިޔައިރު ހަ ފަރާތުން އައިސް ބައްދަމުން ދިޔަ ވިލާތައް ވެސް ބަދަލުވަމުން ދިޔައީ ތަހުތުގެ ކުޅިވަރު ބަލަން އެއްވަމުން ދިޔަ އިއްޒަތްތެރިންނަށެވެ.

ސާގީސާގެ ލެޔަށް ފެންބޮވައިގެންފައި ތިބި ހަރުފަތައް ތިބީ އެތެރެ ކޮއިލުގެ އެންމެ އަޑިއަށް ވަދެ ފިލައިފަ އެވެ. އުފަލުގެ ރަސްމީ ހަރަކާތްތައް ފެށުމަށް ބެރުޖަހަމުން ދިޔައިރު މުޅި ގަނޑުވަރުގެ ޖައްވުގައި ފެތުރި އުތުރިއަރަމުން ދިޔަ އެންމެ ހިތްގައިމު ވަހަކީ ދުޝްމަނުންގެ ކުރުވެފައިވީ ނޭވާގައި ދެމުން ދިޔަ ހާސްކަމެވެ.

އަދާރަސަމް ލިބާހެއްގައި ރަންފައްޓަރުބައެއް އަޅުއްވައި ކަންފަތުވޮށީގައި މުދިލައި ބުޅިއިސްތަށިގަނޑު ރުމާފަޅިކޮށްލައްވައިގެން ހުންނެވި އަނބިކަނބަލުންގެ އިހިކަނދުރާއިން އަރަމުން ދިޔަ ގޮމަކަސްތޫރީގެ ވަހަށް ވުރެ ވެސް ސާގީސާ އަށް ހާއްސަވެފައިވަނީ ހަތުރުންގެ މަރުގައިވީ ވަހެވެ.

ރަން އުޅައިން ވިދައި ބަބުޅަމުން ދިޔަ ރެހެންބާރު ކަނބާގެ އަތުގައި ހިފައިގެން ސާގީސާ ވަޑައިގެންނެވިއިރު ގުޅަކުޅޭ ފަސްގަނޑުގެ އުސްގެކޮޅުގެ ގޮނޑިތައް ވަނީ ފުރިފަ އެވެ. ފާރިސީންގެ ހަރްމޫޒާއި ޔަމަނުގެ ހަޟްރަމޫތުން ފަށައިގެން މަލާބާރާއި ސެރެންދީޕާއި އަސޭކަރައިގެ ޝާހީ ހާންދާންތަކުގެ އެކުވެރި މޫނުތަކާއި ސައުދާގަރުން އެތަނުގައި އޭރު ހާޒިރުވެ ތިއްބެވެ. ރަންފޮށިތަކާއި ރިހިފޮށިތަކުގައި ބަންދުކޮށްފައިވީ އަގުބޮޑެތި ހަދިޔާތައް ހުޅުވާލުމަށް ތައްޔާރުވެގެންނެވެ.

އެ މަޖިލީހުގައި ފެންނަން ނެތީ ފަންސަފުރަދާނައިންގެ ބޭކަލުން އެކަންޏެވެ. ނަމަވެސް އެތަނަށް ވެރިވެ އޮތް އިއްޒަތުގައި ހަމަ އެއްވެސް ފަޅުކަމެއް ނުވެއެވެ.

މަލާބާރައި ކާލީކަޓު ތަހުތުގެ ސަމޫދުރީ ރާޖާ ގެނެސް ހުޅުވާލި ރިހިފޮށިގަނޑުގެ ތެރޭގައި އޮތީ އެހަނޑައެއްގެ ދެ ބިހެވެ. އެއީ ބާޒު އާއިލާގައި އެންމެ ބޮޑުވާ އަދި އެންމެ ތޫނުފިލި ދޫނީގެ ޖޯޑެކެވެ. ބޮޑުވުމަށް ފަހު ހަނގުރާމަ މަތީ ބޮޑު ނަވަކަށް ވުރެން ބޮޑުވެފައި އަޅަކަށް ވުރެން ކިޔަމަންތެރިވެފައި އަމިއްލަ އައުލާދެއް ފަދައިން އޭގެ ވެރިމީހާ ދެކެ ލޯބިވާނެ ދޫންޏެކެވެ.

އެހަނޑައިގެ ވާހަކަތައް ރަދުންނަށް ކިޔައި ދެއްވުމަށް ފަހު މަލާބާރުގެ ރާޖާ ދެން ދައްކާލީ ރަންފޮއްޓެއްގެ ތެރޭގައި އޮތް ކަޅުކުލައިގެ ބޮޑު ބިހެކެވެ. އެ ބިސް އެންމެ ވައްތަރީ ކަނޑުއަޑީގެ ޖަންގަލިތަކުން ބެހެމުން ގޮސް ރަށްތަކުގެ ގޮނޑުދޮށްތަކަށް ލައްގާ ކަމަށް ބުނެވޭ ކަނޑުމަތީގެ ކާއްޓަކާ އެވެ. ނަމަވެސް އެއީ މަލާބާރުގެ ޖައްވުގައި އެންމެ ގަދަރުއުފުލިގެންވީ ދޫނީގެ ބިހެކެވެ. އެ ބިސްފީކޮށްފައި ނުކުންނަ ދޫންޏަށް އެމީހުން ކިޔައި އުޅެނީ ގަންޑާބެރުންޑާއެވެ. އެއީ އެތައް ހާސް ކުލައަކުން ޖަރީވެފައިވާ ދެ ބޯލީ ސާމަރާދޫންޏެކެވެ.

ހަރްމޫޒުގެ އެކުވެރި ސައުދާގަރު ގެނެސް ހަދިޔާގެ ގޮތުގައި ސާގީސާ އަށް އެރުއްވީ ފާރިސީންގެ ފަހުރާއި ބާރު ރަމްޒުކޮށްދޭ ނިސާއިއަން އާއިލާގެ ބޮޑު ދެ އަހެވެ. އެއީ ސުވަރުގޭގެ އަހޭ ކިޔުނު ވަރަށް ތަދު ވައްތަރެއްގެ އަހެކެވެ. އޭގެ ކަޅުކުލަ އާއި އަޅިކުލައިގެ ޖޯޑެކެވެ.

އަސޭކަރައިން ވަޑައިގެން ހުންނެވި ޒުވާން ވަލީއަހުދު ސާގީސާގެ ދެކަނބަލުންނަށް އެރުއްވީ ތިން ތިލައިގެ ހަންޖަރު ޖޯޑެކެވެ. އެއީ ޖަވަނީސީ ދަރިކޮޅުގެ ރަނާއި ހިރިން ޖަރީކޮށް ރޫހާނީ ބާރުތަކާ އެކު ގަތައި ފަރުމާކޮށްފައިވާ ހަނގުރާމައިގެ ހަތިޔާރެކެވެ. ނުވަތަ ނަސީބުގެ ކަނޑިކޮޅެކެވެ.

ނަމަވެސް ރަދުން އެންމެ ހިތްޕުޅާވެ ވަޑައިގަތް ހަދިޔާއަކަށްވީ އެ ވަލީއަހުދު ދެން އޭނާ އަށް އެރުއްވި ހަދިޔާ އެވެ. އެއީ މިނިކާވަގުގެ ޖޯޑެކެވެ. ދޮންރީނދޫ ކުލަ އާއި ކަޅުކުލައިގެ ކެހެރިން ރޮނގު ކުރެހުން އެޅިފައިވާ ދެ މަހުގެ ޅަ ދެ މިނިކާވަގެވެ. 

ގުޅަކުޅޭ ފަސްގަނޑުގައި އޮތީ ލޮންސީގެ ހެވިކަމާއި އޮޅުލުމުގެ ކުޅިވަރުތަކެވެ. ކަނޑިންޖެހުމާއި ކުޅިޖެހުމެވެ. މުޑިވިނުމާއި ލަޓިންތެޅުމެވެ. ތެލަބަޑި ކުޅުމެވެ. މުގުދަރު އަނބުރައި އެކޮޅުކޮޅުން ހިންގުން ވެސް އޮތެވެ. އެއަށް ފަހު އޮތީ ހާ ތެޅުވުމެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި ކިސަޑުވަމުން ދިޔަ ގުޅަކުޅޭ ފަސްގަނޑުގައި އެންމެފަހުން ދެމެން ފެށީ ލޭގެ ކޯރެކެވެ.

ކުޅިބަލަން އެއްވެ ތިބި މީހުންގެ މެދުގައި ފޯރި ހިފައިގަތީ އެހިސާބުންނެވެ. ގުޅަކުޅޭ ފަސްގަނޑު ވަށައިގެން ސަފުސަފަށް އެތުރި ތިބި ފަރުދޭސީންނާއި ދޭސީންގެ މެދުގައި ބާޖުމެރުމާއި ކުރިމަތިލުންތައް ވެސް ފެށިއްޖެ އެވެ. ބޮޑުބެރުގެ އަޑުތަކާ އެކު ވަޖިދުގެ ނެށުންތައް ފެށިއްޖެ އެވެ. އަދި ދެ ޖިންސުގެ ޖޯޑުވުންތަކާ އެކު އެ މައިދާނު ވިދައި ގުގުރަން ފަށައިފިއެވެ.

ބޯކުރަމުން ގެންދިޔަ ވާރޭގެ ތެރެއަށް މަންޖޯޅިޖަހައި ގެނބެމުން ދިޔަ ޝަހުވަތުގެ އެ މައިދާން ދޫކޮށް ސާގީސާ ދެން ވަޑައިގަތީ ބިންގަރާހުގެ އަށިގެތައް ގާއިމުކޮށްފައިވާ މައިދާނަށެވެ.

އަށިގެތަކުގެ ބިންގަރާސް އޮތީ އަލިފާނުގެ ދަންމަރުތަކުން ދިއްލައިފަ އެވެ. އެތަނުގައި ވާރެ އާއި ގުގުރީގެ އަޑެއް ނުވެ އެވެ. އެތަނުގައި އިވެމުން ދަނީ އުނދުންތަކުގައި އަނދަމުންދާ ދަރުބުރިތައް އިރައިރައިގެންދާ އަޑާއި އެ އުނދުންތަކަށް އުދާފައިވީ ތެލިތަކުގައި ފެންގަނޑު ކެކި ބޮކިޖަހަމުންދާ އަޑެވެ. އެއީ ސާރިދޯޅައެއް ވެސް އޮތްގޮތަށް އެއަށް ލެވޭވަރުގެ ބޮޑު ތެއްޔެވެ.

ސާގީސާ އެތަނަށް ވަޑައިގަތީ އަނބިކަނބަލުން ރެހެންބާރުކަނބާ ވެސް ގޮވައިގެންނެވެ. ނަމަވެސް އެތަނުގައި ވާން އުޅޭ ގޮތެއް އެ ކަނބާއަކަށް އޭރު ރޭކާވެސް ނުލަ އެވެ. ސާގީސާގެ މޫނުފުޅު މަތިން ފައުޅުވަމުން ދަނީ މީގެ ކުރިން ދުވަހަކުވެސް ދެކެފައިނުވާ ކަހަލަ ކޯފާއެއްގެ ކުލަވަރެވެ.

ހިލިހިލާގައި ޖެހި ބަޔަކު އެމީހުންގެ އަށިތަކުން ނެރެގެން ދުއްރައިން ތަޅަމުން ދަމަމުން އަންނަ އަޑު އިވިގަތީ ކުއްލިއަކަށެވެ. ފަހަތުގައި ހުރި ރެހެންކަނބާ ގޮސް ސާގީސާއާ އަރައި ހަމަކޮށްލި ވަގުތު ޖައްލާދެއްގެ މުލައްދަނޑީގެ ބާރުގައި ދަމައި ކޫއްތަމުން ގެނެސް ސާގީސާގެ ކުރިފުޅުމައްޗައް ކޮއްޕައި ވައްޓާލީ ލެއިންތަތްތެޅިފައި އޮތް ފިރިހެނެކެވެ.

އޮރިޔާންކޮށް އަނިޔާކޮށް ތަޅައި މުޅި ގައިން ލޭކޮށާލާފައި އެ އޮތީ ކަޅައިބާރުތަކުރުކަން އެނގުނު ވަގުތު ރެހެންކަނބާގެ ދެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ ދެމިގަތެވެ. އެއީ އެކަމަނާގެ ހުރި ހަމައެކަނި އެއްބަނޑުއެއްބަފާ ބޭބެ އެވެ. ދެ މީހުންނަކީ ނިބޫ ދެބެއިންނެވެ.

ދުވެފައި ގޮސް ބޭބެ އޮތްތަނަށް ވެއްޓިގަނެވުނީ ބޭއިހުތިޔާރުގަ އެވެ. އަދި ރަދުންގެ ދެފައިގައި ހިފައި އާދޭސް ދެންނެވުނީ ހިތުގައި އުފެދިފައިވީ އާއިލީ ކުލުނު ވަރުގަދަކަމުންނެވެ. 

"މަސާހިބާ އަށް އާދޭސްކޮށް ދަންނަވަމެވެ."

"މި އަޅާގެ ބޭބެ މަރުން ސަލާމަތްކުރައްވައި، މަނިއްޕުޅުގެ ދީލަތިކަމާއި އޯގާތެރިކަމުގެ ބަދަލެއް މި އަޅާގެ މައްޗަށް ޝަރުތުކުރައްވާށެވެ"

ސާގީސާގެ ހިތުގައި ފޮރުވިފައިވީ އެންމެ ޒަމާންވީ އެދުމަކީ ކޮބައިކަން އެނގޭ ހާލުގައި އެ ބުނެވެނީ ކީކޭކަން ވެސް އެނގޭ ހަމައެކަނި އިންސާނަކީ އޭނާގެ މި އަނބިކަނބަލުންނެވެ. ނަމަވެސް ކުރިމަތިވެފައިވީ ނާޒުކު ހާލަތު ބަދަލުކުރުމަށް ރެހެންކަނބާ އެ ހުށަހަޅުއްވަނީ އޭނާގެ މުޅި އުމުރުގައި ދެކޮޅުހެއްދެވި ސާގީސާގެ ހުށަހެޅުންކަން އެ ރަސްގެފާނަށް ވެސް އިސާހިތަކު ފަހުމުވެއްޖެއެވެ.

ރަސްކަލެއްގެ ކަނޑިކޮޅު ކިތަންމެ ތޫނަސް އެއިން މަޑު ފަށުވި ނުކެފޭނެކަން އެނގޭ ހާލުގައި ރެހެންކަނބާ ބަދަލުވީ އެ މަޑު ފަށުއިކޮޅަށެވެ. ދިއްކޮށް ތިރިކޮށްލީ އަމިއްލަ ކަނދުރާއެވެ.  

ބަސްހުއްޓި އިރުކޮޅެއްވީފަހުން ސާގީސާ އެތަނުން ނުކުމެގެން ދިޔައީ ކަޅައިބާރުގެ ފުރާނަ އޭނާގެ ކޮއްކޮގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނައިގެ ތެރެއަށް ދޫކުރައްވައިފަ އެވެ. އަދި ދެންތިބީން ގެންގޮސް ކެކެމުން ދިޔަ ތެލިތަކުގެ ތެރެއަށް ލުމަށް އަމުރުކުރައްވައިފައެވެ.

ރެހެންކަނބާ ފުންމައިގެން ގޮސް އޭނާގެ ބޭބެގެ ގައިގައި ބައްދައިގަތެވެ. ކަޅައިބާރުތަކުރުގެ ދުޅަވެފައިވީ ދެ ލޯ ގަދަކަމުން ހުޅުވާލައިގެން އޭނާ ބަލަމުން ގެންދިޔައީ ދުއްރައިން ތަޅަމުން ގެނެސް ތެލިތަކުގެ ތެރެއަށް އެއްލަމުން ގެންދިޔަ ފަންސަފުރަދާނައިންނަށެވެ.

އެ ފެންގަނޑު ކެކި ބޮކިޖަހައިގަތުމުން ކަޅައިބާރުތަކުރު އޭނާގެ ދެ ލޯ މަރާލި އެވެ. ޖައްލާދު ގޮސް އުނދުނުގެ ހުޅުގަނޑު ތެރެއަށް ކޮއްޕާލި ދަރުބޮނޑިގަނޑުން ތަރަތަރަޖަހައިގަތެވެ.

** ** ** **

ދެބަސްވުމުގެ ތެރޭގައި ތަރަތަރަލަމުން ދިޔަ ފަންސަފުރަދާނައިންގެ މަޖިލީހުން މިހާރު އެ އިވެނީ ކަޅައިބާރުތަކުރަށް ބައިއަތުހިފި މީހުން އެތަނުގައި އުފާފާޅުކުރާ އަޑެވެ. އެ މަޖިލީހުން ނުކުމެގެން ދިޔަ ނަރުގިސްކަނބާ ގޮސް އެ އިނީ އުސްގެކޮޅުގެ ބެލްކަނީއެއްގައި ގޮނޑިއެއް އަޅައިގެން ގުޑުގުޑާއަކުން ދުންބޮއެ އޭނާގެ ފިކުރުތައް އެ ދުމާއެކުގައި ގަނޑުވަރުގެ މިނިވަން ޖައްވުގެ ތެރެއަށް ދޫކޮށްލައިގެންނެވެ.

އެކަމަނާ އަދިވެސް އެ އިންނެވީ ކާބޮލިއަންނާރުގެ ގަދަ ރަތްކުލައިގެ ލިބާހުގަ އެވެ. ޖާރިއާއެއްގެ ގޮތުގައި ވަނިކޮށް ސާގީސާގެ ލޯބިން ކޮލިލައި ޖަރީކުރި ނަރުގިސް މައު އެ ވަނީ އެއްކޮށް މޯޅިވެފައެވެ.

ގައިމުމަގާމުކޮޅަށް ކަޅައިބާރު ވަތަބަނޑޭރި ތަކުރު އައްޔަނުކުރުމުން، ރޭވި ހުރިހާ ރޭވުމެއް އައު ފެށުމަކުން ފަށަން ޖެހުނީކަން އެނގޭ ހާލުގައި އިނދެ ނަރުގިސްކަނބާ އެ ގުޑުގުޑާގެ ނޮޅި ކަރުބުޑަށް ދަމާލި އެވެ. އަދި ބޭރުކޮށްލި ދުންގަނޑާ އެކު އަޑުގެކޮޅަށް ކަރުތެރެއިން ލައިހޭރިގަތެވެ. ބޮމުން ގެންދިޔަ ގުޑުގުޑާގަނޑު ނަގައި ކުޑަދޮރުން އަތުގެ ކޮޅަށް ހޫރާލިއެވެ.

އެ ހުރިހާ މަންޒަރެއް ބަލަން، އުސްގެކޮޅުގެ އެހެން ކޮޓަރިއެއްގެ ކިޑިކީއެއް ކައިރީގައި މަޑުކޮށްލައިގެން ހުރި ބާޖިސްކަލޯ އޭނާގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއްވީ ފަހުންނެވެ.  

ބާޖިސްކަލޯ މިފަހަރު ފަހަތަކަށް ނުޖެހުނެވެ. ފިލަން މަސައްކަތެއް ނުކުރި އެވެ. އަދި އެންމެފަހުން އެ ދެ މީހުންގެ ހަތަރުކަޅި ގޮސް ބައްދަލުވެއްޖެ އެވެ. ކޮތަރިވިލާތައް ގޮސް ރަތްވިލާތަކާ ބައްދަލުވެ ދުނިޔެމަތި ވެސް ބަދަލުވެއްޖެ އެވެ. (ނުނިމޭ)