ޒިކުރުތަކާ އެކު ޒައިނަބުގެ ދެ ލޯ ފެންކަޅިވެއްޖެ އެވެ. އޭނާގެ ހިތުގައިވީ ހިތާމަ ކަރުނައިގެ ސިފައިގައި ދެ ލޮލުން ދެމިގަތެވެ. ބޯމަތީގައި ފުރާޅެއްގެ ތަނަވަސްކަންވިޔަސް އޭނާ އިށީނދެ އެ އިނީ ދަރަނީގެ އަނދަވަޅެއްގަ އެވެ. ފާފައިގެ ފަސް ފުންޏެއްގަ އެވެ. ފަތިހުގެ ފުސްކަމަށް އިރުއަރައި އަލިވިޔަސް އޭނާގެ ދެ ލޮލުން ފިލައިގެން ނުދާނެ ފުސްކަމަކީ އެ ހިތްދަތިކަމެވެ.

ރައްބީގެ ރަހުމަތަށް އާދޭސްކޮށް ދެ އަތް މައްޗަށް ނަގައި ޒައިނަބަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ އެވެ.

ރާނައި ހިޔާކުރި ގޭގައި ސިމެންތި ޖަހައި ނުނިމެނީސް އެ ފާރުތަކުގައި މިހާރު އެވަނީ ރެނދުލައިފަ އެވެ. ރާވައި އުސްކުރި ޒަވާޖީ ހަޔާތުގެ ހަތަރުފާރު އެ ވަނީ ދެ މީހުންގެ ދަރިއަކު ނެތަސް ޒުވާބުން ކުރަހައި ހަޑިވެ ބައުވެފަ އެވެ. ދަރިން ނެތި ކޫރެމުން ހޫރެމުންދާ ހަޔާތުން އެ ވަނީ ރޫހު އެކުގައި މަރުވެފަ އެވެ.

ކަރުނައިން ތެމިފައިވީ ދެ ލޯ ފޮހެލުމަށް ފަހު ބޮލުން ދަމައިގަތް ނަމާދުފޮށާ މުސައްލަކުނަލަށް ލައި އޮޅާލައިގެން ޒައިނަބު ތެދުވިގަތެވެ.

އެކުގައި ދިރިއުޅެން ނިންމި ފިރިމީހާ އެ އޮތީ އަދިވެސް ނިދައި މަރުވެފަ އެވެ. ފަތިސްވަންދެން ޖުވާކުޅެން އޮވެފައި މިހާރު އެ އޮތީ ގުގުރީގައި ވާ ޖަހާލައިގެންނެވެ. އޭނާގެ ހަތަރެސްފައިގައި ވަނީ ޖުވާގެ ވާ ޖަހައިފަ އެވެ. ދަރަނީގެ ހިލިހިލާ ޖަހައިފަ އެވެ. އެހެން އޮތްވައި މަރުވިޔަސް ވަޅުނުލެވޭނެކަން ކަށަވަރުވާ ވަރަށް އޭނާގެ ހަތަރެސްފައި ވަނީ ބަނދެވިފަ އެވެ.

ޒައިނަބުގެ ދިރިއުޅުމުން ރޫހު ދެމިގެން އެ ދަނީ ގެއެއް ފަޅުވެ ވީރާނާވަމުންދާ އުސޫލުންނެވެ.

ނިދައި މަރުވެފައި އޮތް ފިރިމީހާއާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ޒައިނަބު ގޮސް އެރީ ހިނގާ ބޫޓަށެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ ނަޒަރު ހިންގައިލެވުނީ ޒުވާންކަން ގެއްލި ސިފަ ބަދަލުވެ ހުތުރުވެފައިވީ އަމިއްލަ ހަށިގަނޑާއި މާޔޫސްވެފައިވީ ދިރިއުޅުމަށެވެ. ނަމަވެސް ފަތިހުގެ ފިންޏަށް ނުކުމެވުމުން އާދައިގެ މަތިން އެ ހަށްޓަށާއި ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބޭނެތީ އެ ލޯގަނޑު ކުރިމަތީގައި ހުއްޓި ހުންނާކަށް އޭނާ ބޭނުމެއް ނުވި އެވެ.

ބޭރަށް ނުކުތުމާ އެކު ވިދައި ގުގުރާލި އެވެ. ހީވީ ދުނިޔެމަތީގައި ތާޅަފިއްޔަކުން ޖަހައި މުގުރާލިހެންނެވެ. ހިމުންކޮށްލި އަޑާއެކު ފެތުރިގަތް ހިމޭންކަމުގެ ތެރެއަށް ޒައިނަބު ނުކުތީ މަޑުމަޑުންނެވެ.

އުޑުމަތި ވަނީ ކަޅުބޯވިލާތަކުން ފުރިފަ އެވެ. ރުއްގަސްތައް ހީވަނީ ދުނިޔެއިން މޮޔަވެފައިވާ ހެންނެވެ. ޒައިނަބުގެ ހަޔާތުގައި އޮތް މޫސުމް އެ އޮތީ މުޅި ދުނިޔެ މައްޗަށް ބަންޑުންވެފައި ތޯއްޗެވެ. ތިމާވެށި ހީވަނީ އޭނާ މަތިން ފޫހިވެގެން އުޅޭ ހެންނެވެ. މި ދުނިޔެއިން އޭނާ ފައްސައިލަން ބޭނުންވެގެން އުޅޭހެންނެވެ.

ނަމަވެސް ޖެހިލުންވުމެއް ނެތް ހަރު ފިޔަވަޅުތަކެއްގައި ޒައިނަބު ގެއިން ނުކުމެގެން ގޮސް ފަތިހުގެ ފުސްކަމުގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ.

ފަތިހުގެ ފިނީގައި ހިނގަމުން ގޮސް ޒައިނަބު މަޑުކޮށްލީ ރަށުގެ ފުއްޓަރުފަރާތަށް ފޫވެއްޓިފައި އޮތް މަގުގެ ކޮޅުގަ އެވެ. ހަޔާތުގެ ފިކުރުތައް ބޮލަށް ލައިގެން ނުކުމެ ރަށް ވަށައިގެން ޖަހާ ފަތިހުގެ ބުރު އޭނާ ކޮންމެ ދުވަހަކުވެސް ނިންމާލާ ތަނަށެވެ.

ރަށުގެ މި ހިސާބަކީ ޒައިނަބު އާއި އާމިރުގެ ލޯބީގެ ފިރުކޭން ފެށި ދައުރުގެ އެތައް ހަނދާނެއް ބިންވަޅުނެގިފައިވާ ހިސާބެކެވެ. ދެ މީހުންގެ ލޯބީގެ އެތައް ރަމްޒެއް އެތަނުގައިވީ ގަސްތަކާއި ރުއްތަކުގައި ކަނޑައި ނެގި ލޯބީގެ ދަރުބާރެކެވެ. ބޮޑު ނިކަގަހާއި ދޮންރުއްވަލުގައި ދެ މީހުންގެ އެތައް ވަގުތެއް ހޭދަކުރި ލޯބީގެ ދުނިޔެއެކެވެ.  

ނަމަވެސް ދެ މީހުންގެ އެ ލޯތްބަށް ހިމާޔަތާއި ހިޔާވަހިކަމާއި ފިނިކަން ހޯދައިދިން އެ ނިކަގަހާއި ރުއްތަކެއް މިއަދަކު އެތަނުގައި ނެތެވެ. އޮޔާއި ވަޔާ އެކުގައި ބިންދަމުން އެދާ ރާޅުތައް ލޯބީގެ އެ އައްސޭރި ހަލާކުކޮށް ސުންނާފަތިކޮށްލިތާ މިހާރު އެތައް އަހަރެކެވެ.

މޫސުމީ މުޑުދާރުކަން ވަނީ ރަށުގެ ގޮނޑުދޮށާ ދިމާލުން ބޮޑު ބައެއް އެކުގައި ދިރުވާލައިފަ އެވެ.

ގުދުރަތުގެ އެ ހަނގުރާމައިގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ ރަށުގެ ގޮނޑުދޮށް ފެންނަ ކޮންމެ ފަހަރަކު ޒައިނަބުގެ ހިޔާލުގައި ސިފަވެގެން އަންނަނީ އެއް އިރެއްގައި އޭނާގެ ހަޔާތަށް ފިނިކަން ގެނެސްދިން ދިރިއުޅުމުގައި މިހާރު އުފެދިފައިވާ ތޫފާންތަކާއި ކޯޅުންތަކާއި ނުތަނަވަސްކަމެވެ. ރަށުގެ ގޮނޑުދޮށުގައި އޮތް ރީތިކަން ގިރިގެން އެ ދިޔަގޮތަށް އޭނާގެ ހަޔާތުން ބިންގަނޑު ކަނޑައިގެން ގޮސް ދިރިއުޅުން ގެނބިފައި އޮތް ކަރުތާފެނެވެ.

އެ ކަރުތާފެނަށް އޭނާ ގެނބެމުންދާއިރު އެ މަންޒަރު ބަލަން ނިކަގަހެއްގެ ހިޔަލުގައި ނިދައި މަރުވެފައި އޮތް އާމިރެވެ.

އާމިރަކީ ޒައިނަބަށް ވުރެން ވިހި އަހަރު ދޮށި މީހެކެވެ. ނަމަވެސް ދެ މީހުންގެ ލޯތްބަށް އެޅުނު ހުރަހަކީ އެއްވެސް އިރެއްގައި އެ އަދަދެއް ނޫނެވެ. އެކަމަކު އާމިރު ނިސްބަތްވި އާއިލާ އާއި އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހުރި އަދަދުތަކެވެ.

ޖަވާހިރުގެ ނަން ދީފައިވީ ގެއެއްގައި އުޅެ ބޮޑުވިޔަސް އާމިރުގެ އަތުގައި އެއްވެސް ޚަޒާނާއެއް ނެތެވެ. އޭނާގެ ބައްޕަ އަކީ ދަމާކަނޑައި ފަޅުކަނބައިގެން އުޅުނު އުނގުވިޔަފާރިވެރިއެކެވެ. އާމިރު އެދުރުވީ މައިސޯބު އެނބުރެމުން ދިޔަ ގޮތަށެވެ. އެންމެފަހުން ވަގުރުކު އެޅުމާއި މީސް މީހުންގެ ދަނޑުބިންތަކުން ވައްކަންކުރުމުގެ ކުށް ސާބިތުވެ އޭނާ އަރުވާލި ހިސާބަކީ އެއްވެސް އުޅުމެއް ނެތް އެ ދިރިއުޅުމުގައި އޭނާ ހާސިލުކުރި ފުރަތަމަ އަދަދެވެ.

އޭރު އޭނާ އުޅެނީ މީހަކާ އިނދެގެންނެވެ. އަލަތު އެ ކައިވެނީގައި ދަރިއަކު ނެތެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް ނިމިގެން އެނބުރި ދާން ބެލިއިރު އަންހެނުން އިނީ ބަލިވެ އެވެ. އެހިސާބުން ކައިވެނި ރޫޅާލާފައި، އަރުވާލި ރަށުގައި އައު ފެށުމެއް ހޯދުމަށް އާމިރު މަޑުކޮށްލީ އެއީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ އެވެ.

ދިރިއުޅުމުގެ އެ ހިތި ތަޖުރިބާ ނަގައިދިން ފިލާވަޅުތައް ދަސްކޮށްގެން އާމިރު އަމާޒުކަނޑައެޅީ ހަގީގީ އައު ފެށުމެއް ހޯދުމަށެވެ. ނަމަވެސް ދަމާކަނޑަން އުޅުނު މުސްކުޅި ބައްޕަގެ އަޖަލު ޖެހުނުއިރު ދޫކޮށްފައި ދިޔަ ތަރިކައިގެ މުއްސަނދިކަމެއް ނެތްއިރު އުނގަންނައި ދިން އިލްމަކާއި ހިލްމެއް ވެސް އާމިރު ފަކީރުގެ ކިބައިގައި ނެތެވެ.

އެހެންކަމުން އޭނާގެ އެ އައު ފެށުން ފަށަން ޖެހުނީ އެންމެ ގަދަ ކަނޑުންނެވެ. މަހަށް ފުރާ އޮޑިއަކުން ފަލިވެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ގަދަކަނޑާ ރައްޓެހިނުވެ، މަސްވެރިކަމުގެ އެޔެއް މިޔެއް ނޭނގި އުޅެނިކޮށް އޭނާ އަށް ވުރެ ހުސިޔާރު އެހެން މީހަކު އެ މަގާމު ޖަހައިގަތީ އެވެ. ބޮޑުމަސް، ކުޑަމަސް ކާލީ އެވެ.

އެއަށް ފަހު ލައިހޫރެމުން ދިޔަ ޒުވާން އެ ދިރިއުޅުން ހަރުފަތަކުން މައްޗަށް އަރައިގަތުމުގެ ދޮރު ރައްބީގެ ކުޅަދުންވަންތަކަމުން އަނެއްކާވެސް ހުޅުވިއްޖެ އެވެ. ރޭނުމުގެ މަސައްކަތުގައި އުޅުނު ތަޖުރިބާކާރަކަށް އަތްގާތްކޮށްދޭން ލިބުނު ފުރުސަތަކުންނެވެ. އެންމެ ފުރަތަމަ އާމިރު އުޅުނީ މީހަކު ގާތަޅައި ދިނީމަ އަތްގާޑިޔަލުގައި އެ ގާތައް ތަންތަނަށް އުފުލައިދޭށެވެ. އޭގެ ފަހުން ގާނެގުމާއި ގާތެޅުމުގެ މަސައްކަތުގަ އެވެ. އަދި އެންމެފަހުން ރޭނުމުގެ ހުނަރަށް ވެސް މާގިނަ ދުވަސްތަކެއް ނުވެ ފައްކާވެއްޖެ އެވެ.

ނަމަވެސް ލިބޭ އާމްދަނީ ދެކޮޅުނުޖެހޭތީ ހިތުގައި އޮތް ބުރަކަން މަސައްކަތަށް ވުރެ ބުރަވެއްޖެ އެވެ. އަދި އެންމެފަހުން އެ މީހުންނާ އެކު މަސައްކަތްކުރުން އެއަށް ވުރެ ބުރަކަމަކަށް ވެއްޖެ އެވެ. އެ ހިސާބުން އާމިރު ގަސްދުކުރީ ލިބުނު ތަޖުރިބާ އާއި ފިލާވަޅު ހިފައިގެން އަނެއްކާވެސް އައު ފެށުމަކުން ފަށާށެވެ. އެގޮތުން ރޭނުމުގެ މަސައްކަތަށް އޭނާ ދެން ނުކުތީ އަމިއްލަ ގްރޫޕެއް ހަދައިގެންނެވެ. އަދި އިސާހިސަތަކު އޭނާގެ ހުނަރާއި ދުވެލި މީހުންގެ ލޮލުގައި އަޅައިގަތެވެ.

އޭނާގެ ރޭނުމުގައިވީ ރީތިކަމާއި މަސައްކަތުގެ ދުވެލީގައިވީ ހަލުވިކަމާ އެކު އެއް ރަށުން އަނެއް ރަށަށް އޭނާ ގޮވައިގެން ގެންދާނެ މީހުން ބޮއްކުރާތަކުގައި އަންނަން ފަށައިފި އެވެ. ގުދުރަތުގެ އަޖައިބެއް ފަދައިން މީހުން އޭނާގެ މަސައްކަތަށް ތައުރީފު އެއްލަން ފަށައިފި އެވެ. ނަމަވެސް އެ ވަރުގެ ތައުރީފެއް ހައްގު އުފެއްދުމެއް އާމިރުގެ ލޮލުގައި އަޅައިގަތީ އޭނާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ރީތި ކަމުގެ އަޖާއިބަކީ ޒައިނަބު އެވެ.

ޒައިނަބު އާއި އާމިރުގެ ހަތަރުކަޅި ބައްދަލުވި ފުރަތަމަ ދުވަހަކީ ރައްޓެހި ކުދިބަޔަކާ އެކު މޫދަށް އެރި އުޅުނު ދުވަހެކެވެ. އާމިރު އޮތީ އަތިރިމަތީގައި ހެދިފައި ހުރި ބޮޑު ނިކަގަހުގެ ބުޑު ކައިރީގައި ޖައްސާލައިގެންނެވެ. މަސައްކަތުގެ ވަރުބަލިކަން ފިލުވާލަން އައިސް ކަނޑުގެ ސާފު ވައި ލިބޭ ހިޔަލެއްގައި ޖައްސާލިގޮތަށް ލޮލުފިޔަ ޖެހިފަ އެވެ.

އޭނާ ހޭލައްވާލީ މޫނުމަތީގައި އައިސް ޖެހުނު ވޮލީބޯޅަ އެކެވެ. އަންހެން ކުދިންތަކެއް ހީގަތްއަޑާ އެއްވަގުތަކަށް ބައްދަލުވި އެ އެތިފަހަރުން ސިހިގެން ގޮސް ހޭލެވުނުއިރު އޭނާއާ ދިމާލަށް ދުވެފައި އަންނަތަން ފެންނަނީ ޒުވާން އަންހެން ކުއްޖެކެވެ.

މޫދަށް އެރި ތެމިފޯވެފައިވީ އެ ޒުވާނާގެ ފަތިހަށިގަނޑުން އަރުވަމުން ދިޔަ ބެބުޅުމާއި ބަނޑިތަކުން ހީވީ ހުވަފެނަކަށް ހޭލެވުނުހެންނެވެ. ނަމަވެސް އެއީ ހުވަފެނެއްގައި ވެސް ނުފެންނާނެހާ ފުރިހަމަވި ފަތްމިންޏެކެވެ. އޭނާ ދުވެފައި އައިސް އަރައި ހަމަކޮށްލުމުން އާމިރު ހަމަ ރަނގަޅަށް ވެސް އެ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެ އެވެ.

ގަބުވެފައި ހުރެވުނު އާމިރުގެ އަތުން ވޮލީބޯޅަ ޖަހައިގެން އެނބުރި ދުއްވައިގަތްގޮތަށް އެކުވެރިންނާ އެކު އޭނާ ގޮސް ފުންމާލީ ވިލުނޫކުލައިގެ ރިވެލިން ނަށަމުން ދިޔަ މޫދަށެވެ. އެއަށް ފަހު އާމިރުގެ ލޮލުފިޔަ ޖެހޭ ގޮތެއް ނުވި އެވެ.

ޒައިނަބަކީ އައިބެއްނެތް ޅަނދޮޅު އަންހެންކުއްޖެކެވެ. މިޒާޖާއި އުޅުމުގައި އުމުރަށް ވުރެ ދޮށިވެފައި އަމިއްލަ މިނިވަން ޖައްވެއްގައި އުދުހެމުން ދިޔަ ހަލަނި ލޭކޮކާލެކެވެ. ސިފައިން ފުރިހަމަވެފައި ކުލަ އާއި އޭގެ ވަހުން ތާޒާވެފައިވީ ފިނިފެންމަލެކެވެ. މެދުމިނަށްވުރެ އިސްކޮޅުން ދިގުވެފައި ގައިގެ ކުލަ ވަނީ ޒައިތޫންޏާއި ކާކީގެ ދެމެދަށް ހުއްޓިފަ އެވެ. ބުމަގަދަވެފައި ބޮލުގެ އިސްތަށިގަނޑު އަދި އެއަށް ވުރެން މާ ގަދަ އެވެ. ޤުދުރަތުން އަންހެން ކުއްޖަކަށް ލިބޭނޭ ނިސްވާނީ ނަސީބުގެ ހުރިހާ ރަހައެއް ރޫހަށާއި ހަށިގަނޑަށް ލިބި ފުރިހަމަވެފައިވާ ޖިންސުއްލަތީފެކެވެ.

ނަމަވެސް ދެ މީހުންގެ ދެމެދުގައިވީ އަދަދުތައް ހިތަށް އަރައި ހޭލެވުނު ހަގީގަތް ހިފައިގެން އާމިރު އެނބުރި ދިޔައީ އޭނާގެ މަސައްކަތަށެވެ. ހިތް ޖަހައިގެން ގޮސް މޫދަށް ފުންމާލި އެ އަންހެން ކުއްޖާ ފަހަތުން ދުވަން ހަދައިގެން އޭނާގެ ދުވަހުގެ ކޮއްތާއި އުޖޫރަ ގެއްލިދާނެކަން އެނގޭ ހާލުގަ އެވެ. ދެ މީހުންގެ ދެމެދުގައިވީ އަދަދު ކިތަންމެ ވަރަކަށް އެއްކުރިޔަސް ލޯބީގެ އެ އިމްތިހާނުން ދުވަހަކުވެސް ފާސްނުވާނެކަން ޔަގީންވާ ހާލުގަ އެވެ.

ޒައިނަބަކީ ވާދޫ އަލިކަތީބުގެ ހަގު ދަރި އެވެ. އާމިރު ވާދޫ އަށް އައިސް އުޅެނީ އަލިކަތީބު ބުނުއްވައިގެންނެވެ. ނިދައި ކައިބޮއެ ހަދަނީ އަލިކަތީބުމެންގޭގަ އެވެ. އޭނާގެ މަސައްކަތަށް އަލިކަތީބުގެ ހިތުގައި އުފެދިފައިވާ ގަދަރު ކިތަންމެ ހާ ވެސް ބޮޑެވެ. ނަމަވެސް އަލިކަތީބާއި އާމިރުގެ ނަސަބާއި ހަސަބުގައި އޮތީ ހާސްބައިގެ ތަފާތެވެ.

އާމިރު ވާދޫ އަށް ގެނެސްފައި އެހެރީ މީހަކާ އިންނަ އުމުރަށް އެޅިފައި ހުރި، އަލިކަތީބުގެ ދޮށީ އަންހެން ދަރިފުޅު ޒުލޭހާ ދިރިއުޅޭނެ ގެއެއް ރޭނުމުގެ މަސައްކަތަށެވެ. އާމިރުގެ ފަތިފުށުގައިވީ މުޑުދާރުކަން އެނގޭ ހާލުގައި އަލިކަތީބު އެ ވަނީ ނިކަން ރަނގަޅަށް އާމިރުގެ ބަލިފައިގައިހިފައިފަ އެވެ.

އޭނާ ފަހަތުން ހިފެހެއްޓުމެއް ނެތި ދުވަމުން އަންނަ ގާނޫނީބާރުތަކަށް ލުޔެއް ހޯދައިދޭން އަލިކަތީބު އޮތީ ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް އިޝްގަކީ މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވޭނެކެވެ.

ރޭޑިއޯ އިން އިވެމުން ދިޔަ ޖޭމު ދޮންކަމަނަގެ ލަވަ ނިއްވާލުމަށް ފަހު މެންދަމުގެ ހިމޭންކަމުގައި އާމިރު އޭނާގެ ތަންމަތީގައި ޖައްސާލި އެވެ. ނަމަވެސް ނިދީގެ ކަންފުޅެއް ވެސް އޭނާގެ ދެ ލޮލުގައި ނެތެވެ. މަދިރި ހަފަނީއެއް ނޫނެވެ. ފަތްޖެހިއެނދުގައި ދެކޮޅަށް ފުރޮޅެމުން ދިޔަ ހިޔާލުތަކުގައި ޒައިނަބު ކޮށައި ނަގަނީ އެވެ.

ފުރިއުތުރިއަރަމުން ދިޔަ ހިޔާލުތަކުގެ ތެރެއަށް ގެނބެމުން ދަނިކޮށް ކޮޓަރީގެ ބޭރުން މީހެއްގެ ހިލަންވެ އާމިރު ފުންމައިގެން ތެދުވިގަތެވެ. އަތުކުރީގައި އޮތް ރިހި ކަމަރުލީ ގަޑީގެ ވަގުތު ފެނުމާ އެކު އޭނާގެ ހިތް ބާރަކަށް ތެޅިގަތެވެ.

ކޮޓަރީގެ ދޮރާ ދިމާލަށް ބަލަން އިނދެފައި ބާލީސްދަށުން ސިޓީއެއް ނަގައި ހުޅުވާލި އެވެ. އެއީ ޒައިނަބު އެންމެފަހުން އޭނާ އަށް ފޮނުވި ސިޓީ އެވެ. އޭގައި އޮތީ ވަގުތު އެކަންޏެވެ. އަދި އެ ވަގުތު ޖެހުނީކަން ޔަގީންވުމާ އެކު އާމިރު އޭނާގެ އެނދުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ.

މައިގޯތިއާ ވަކިން ދުރުގައި ހަދާފައި ހުރި ކުޑަ އެ ކޮޓަރި ތެރެއިން އާމިރު ބޭރަށް ނުކުތީ ހުސިޔާރުވެގެންނެވެ. ނަމަވެސް ކޮކާ ހަނދުވަރުގެ ތެރޭގައި މަޑުކޮށްލައިގެން ހުރި ސޫރަ ފެނުމާ އެކު އާމިރުގެ ހަތަރެސްފައިން ހަމަ ރަނގަޅަށް ވެސް ވާގިދޫވެއްޖެ އެވެ. ދެ ކަކޫ މައްޗަށް ވެއްޓި އޭނާ އަށް ރޮއިގަނެވިއްޖެ އެވެ. ކޮކާހަނދުވަރުގެ ތެރެއިން ނުކުމެގެން އައިސް ކުރިމަތީގައި މަޑުކޮށްލި އަލިކަތީބުގެ ދެ ފައިގައި ހިފައި އަޑުން އަޑު ނަގައި ހޭރިގަނެވިއްޖެ އެވެ.

ނަމަވެސް ހިތުގެ އެންމެ ފުނުގައި ވަޅުލައިގެން އުޅުނު ސިއްރާއެކު މުޅި ޒިންދަގީ އެންމެފަހުން ބަރުބާދުވީ އެވެ. އަލިކަތީބުގެ ހަގު ދަރިފުޅުގެ އިތްފަތް ފޭރެން އުޅުނުކަމުގެ ކުށުގައި އާމިރުގެ މައްޗަށް އިއްވީ ތޭރަ އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ފޮނުވާލީ ގާމާދޫ ޖަލަށެވެ.

ތޭރިތަކުގެ ތެރޭގައި ހޭދަކުރި ތޭރަ އަހަރަށް ފަހު މިނިވަންވަޔާ އެކުގައި އުދުހެމުން ގޮސް އައު ފެށުމަކަށް އެދިގެން އާމިރު ވަޒަންވެރިވީ އަނގޮޅިތީމުގަ އެވެ. ހަތަރު އަނގޮޅިއެއްގެ މެދުގައި ހުއްޓިފައިވީ ހަޔާތުގެ ދަތުރު އަނެއްކާވެސް ސުމަކުން ފަށަން ޖެހުނީ އެވެ. ބަދަލުވެފައި އޮތް ހޭޑިފޭޑި އަށް ހޭލަން މަޖުބޫރުވީ އެވެ.

ގާނަގައިގެން، ގާތަޅައިގެން ރޭނި ޒަމާނަށް އޮއްސުނުއިރާއެކު އޭނާ ފަށައިގަތީ ގައުއެޅުމުގެ މަސައްކަތުންނެވެ. ގަލަކަށް ފަހު ގަލެކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެކެވެ. އަދި އިސާހިތަކު އާމިރުގެ ނަސީބު އަނެއްކާވެސް ވައިގައި ހިފައިފި އެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ދިޔަ އޭނާގެ ދިރިއުޅުން ހަމަވައިގައި ޖެހިއްޖެ އެވެ. މާ ގިނަ އަހަރުތަކެއް ނުވެ ގެދޮރުއިމާރާތްކުރުމުގެ ބާޒާރުގައި އޭނާގެ ނަން ރަނަށް ބަދަލުވެއްޖެ އެވެ.

ރަށުގައި ފެށި ވިޔަފާރި މާލެ އާއި ހުޅުމާލޭގައި ބުރިބުރިއަށް ހިއްލަމުން ގޮސް އާމިރު މަންސޫރު މަހުޖަނެއްގެ ދަރަޖަ އަށް އުފުލިއްޖެ އެވެ. އެއީ ފަސްއެނބުރި ބެލުމެއް ނެތް ކާމިޔާބީގެ ދަތުރެކެވެ.  

ގަދަވަމުން ދިޔަ ކަނޑުގައި ހުޅިލަމުން ދިޔަ ރާޅުތަކާ ދިމާލަށް ބަލަން ހުރެފައި ޒައިނަބު ގެއާ ދިމާލަށް ހިނގައިގަތީ އޭނާގެ ހިތާމަ އަށް އަލިމަގެއް ނެތްކަމަށް ނިންމައިގެންނެވެ. އެނބުރި ގެއަށް ދިޔައިރު ވެސް ފިރިމީހާ އޮތީ ގަދަ ނިދީގަ އެވެ.

ބަދިގޭގައި ކުނިވަމުން ދިޔަ ކާ އެއްޗެހިތައް އުކާލާފައި ތެލިތާސް ދޮވެ ކުކުޅަށް ކާންދީ ހަދާފައި މެދުގޯތީގައި ކުނިކަހައި ނިމިގެން ޒައިނަބު ނުކުތީ ކައުންސިލުގެ މަސައްކަތު މީހުންނާ އެކު މަގު ކުނިކަހާށެވެ. އޭނާގެ ވެސް ރަސްމީ ވަޒީފާ އަކީ އެއީ އެވެ.

ބަނދަރުމަތީގައި ކުނިކަހައި ނިންމާލާފައި ގެއަށް އެނބުރި ދިޔައިރު ވެސް އުޑުމަތީގައި އިރުގެ އަލިކަމެއް ނެތެވެ. ފެންވަރައިގެން ނުކުތްގޮތަށް އޭނާ ވަނީ އަނެއްކާވެސް ބަދިގެ އަށެވެ. ދިރިއުޅުމުގައި އަނގަޔާއަތާ ދިމާވާނީ އަމިއްލަ މީހާގެ ގުދާރު ބިންދައިގެންކަން އަމިއްލަ ނަފުސަށް ޔަގީންވާތީ އެވެ. ކޮންމެ ދުވަހަކު ހޭލައިގެން އޭނާ ތައްޔާރުކުރާ ނާސްތާގެ އެކި ބާވަތްތައް ރަށުގެ ފިހާރަތަކަށް ލައިގެން ލިބޭ އެއްޗަކުން ދިރިއުޅުން ދެކޮޅުނުޖެހުނަސް ސަލާންޖަހައިގެން ބަނޑުފުރާނަ މުއްތިކުރާ މީހަކަށް ވާން ޒައިނަބު ބޭނުންނުވާތީ ކޮންމެ ދުވަހަކީ ވެސް ބުރަ ދުވަހެކެވެ. ކޮންމެ ދުވަހަކީ ވެސް އެކަނިމާއެކަނި ހުރިހާ ކަމަކާއިގެން އުޅެން ޖެހޭ ދުވަހެކެވެ.

ފިރިމީހާގެ އުޅުމަކީ ޖުވާކުޅުމާއި ނިދުމާއި ކެއުމެވެ. އޭނާ ބޭނުންވީމަ ބޭނުން ވަގުތަކު، ބޭނުން ގޮތަކަށް ޒައިނަބުގެ ކިބައިން އަރާމާއި ލައްޒަތު ލިބިގަތުމެވެ. އޭނާގެ މުޅި ދިރިއުޅުން ބަރޯސާވެފައި އޮތީ ޒައިނަބަށެވެ. އެއްވެސް އުޅުމެއް ނެތް އެ ދިރިއުޅުމުގައި އޭނާ ވަނީ ހަމަ ރަނގަޅަށް ވެސް ޒައިނަބުގެ ހަތަރެސްފައި ބަނދެފަ އެވެ.

ނާސްތާގެ ކެއުންތައް ތައްޔާރުކޮށް ނިމުނުތަނުން ކެރިގަނޑުގައި އައި ވާރޭ އޮއްސާލައިފި އެވެ. ވެހެމުންދިޔަ ބޯވާރެއާ އެކު ހީވަނީ ފުރާޅުގަނޑު ބޮލަށް ވައްޓާލަފާނެހެންނެވެ. ފޫވެއްޓިފައިވީ ފުރާޅުގެ އެތަން މިތަނުން ބަދިގެ އާއި ގޭތެރެއަށް ފެން އޮހޮރެން ފަށައިފި އެވެ.

ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ހުއްޓާލާފައި ޒައިނަބު ތެޅިގަތީ ގުދުރަތުގެ އެ މުސީބާތާ ކުރިމަތިލުމަށެވެ. ފޫވެއްޓިފައިވީ ފުރާޅުން ފެން އޮހޮރެމުންދިޔަ އެތަން މިތަނުގައި ބާލިދީތައް ބަހައްޓަމުން ދިޔައިރު ޒައިނަބުގެ ހިތަށް އަރައި ފައިބަމުން ދިޔައީ ގެ އަޅަން ނެގި ލޯނު ފިރިމީހާގެ ޖުވާ މޭޒުތަކަށް ތަޅައި ހުސްކުރަމުން ދިޔަ ގޮތެވެ. އޭނާ ކޮނުނު ދަރަނީގެ އަނދަވަޅަކަށް ވެއްޓި ބިކަވެފައިވީ ހަޔާތާއި މުށުތެރެއިން ބީވެގެން ގޮސް ގެއްލިފައިވީ ލޯބީގެ ތެދުވެރި ހަނދާންތަކެވެ. ހަގީގަތަށް ނުވި ހުވަފެންތަކާއި ހަސަދައިގެ އަލިފާނެވެ.

ބާލިދީތައް ފުރިގެން ބަންޑުންވަމުންދިޔައިރު ޒައިނަބުގެ ދެ ލޯ ކަރުނައިން ފުރިގެން ބަންޑުންވަނީ އެވެ. މުޅި ގޯތި ތެރޭގައި ފެންބޮޑުވެއްޖެ އެވެ. ގޭތެރެއަށް ފެންވަދެ ތަނބިކައްޓާ ހަމަ އަށް އަރައިފި އެވެ. އެކަމަކު އަދިވެސް ފިރިމީހާ އޭނާގެ ނިދިން ހޭއަރާކަށް ނުވެ އެވެ.

ކެކެމުން ދިޔަ ރުޅިގަނޑު ފަޅައިގެން ދިޔަ ވަގުތު އަތު ޖެހުނު އެއްޗެއް ހަލާކުކޮށް ސުންނާފަތިކުރަމުން ގޮސް އޭނާ އަށް ވަދެވުނީ ފިރިމީހާ ނިދާފައި އޮތް ކޮޓަރި އަށެވެ. ލެވުނު ބާރެއް ލާފައި ގޮސް ދެ އަތުން ތަޅައިގަނެވުނީ ނިދައި މަރުވެފައި އޮތް ފިރިމީހާގެ ގައިގަ އެވެ. އޭނާގެ ދެފައިގައި ހިފައި އެނދުން ދަމައި ފެންގަނޑު ތެރެއަށް ވައްޓާލެވުނުއިރު ޒައިނަބުގެ ހޭބުއްދި ހީވަނީ ފިލައިގެން ގޮސްފައިވާ ހެންނެވެ.

ފެންގަނޑު ތެރޭގައި އަނގަވަތަށް ޖެހިފައި އޮތް ފިރިމީހާއާ ދިމާލަށް ބަލަހައްޓައިގެން ޒައިނަބަށް ހުރެވުނީ ހަމަ ރަނގަޅަށް ވެސް ވާނުވާ ނޭނގިފަ އެވެ. އޭނާގެ ފުރާނައެއް ނެތްކަން ޔަގީންވުމުން ޒައިނަބު ވަގުތުން ފިނިވެ މައިތިރިވެއްޖެ އެވެ. ހަތަރެސްފައި އެކުގައި މަޑުމަޑުން ތުރުތުރު އަޅައިގަތެވެ. ގަތްބިރާ އެކު ފަހަތަށް ނެގި ފިޔަވަޅުގައި ދެ ފައިން ވާގި ދޫވެ ހުރިތަނަށް ވެއްޓި ބަޑިފަޅައިގެން ހިނގައްޖެ އެވެ.

ނަމަވެސް މުސީބާތުގެ ތާޅަފިލި ފުމެ އިއްވަމުންދާ ވަގުތެއްގައި އޭނާގެ ހިތާމައިގެ އަޑު އެހެން މީހަކާ ހަމަ އަށް ފޯރާނެ ހެއްޔެވެ؟

ކެރިގަނޑުގައި ވެހެން ފެށި ވާރޭ ހުއްޓާލީ އެ ދުވަހަށް އިރުއޮއްސި، މެންދަމުން އަލިވި ފަހުންނެވެ. ފަތިސް ނަމާދުން ފޭބިގޮތަށް ރަށުގެ ކަމާ ބެހޭ ފަރާތްތަކާއި އާންމުން ގުޅިގެން އެންމެންގެ ހާލުބަލައި ވިއްސާރައިގައި ލިބުނު ގެއްލުންތައް ބަލަން ގޭގެއަށް ޒިޔާރަތްކުރަން ފަށައިފި އެވެ.

ޒައިނަބުގެ ޚަބަރެއް ބަލަން އައީ ޖެހިގެން ހުރިގޭ ހަލީމާ އެވެ. އެއީ ރަށުކުނިކަހާ ގްރޫޕުގައި އޭނާއާ އެކު މަސައްކަތްކުރާ މީހެކެވެ.

ބަދިގެ ފަރާތުން މީހެއްގެ ހިލަމެއް ވެގެން ހަލީމާ ގޮސް އެންމެ ފުރަތަމަ ވެސް ބޯދިއްކޮށްލީ ބަދިގެ އަށެވެ. ޒައިނަބު އިނީ ބަދިގެ ތެރޭގައި ހުރި މޭޒު މައްޗަށް އަރައި ދެ ފައި ވަށްކޮށްލައިގެންނެވެ. މުޅި އިސްތަށިގަނޑު އޮތީ ހާވައި ހަޑިވެފަ އެވެ. މެންދަމުގެ ވަގުތެއް ތަސްބީހައެއް ފަދައިން ކިޔަމުން އިސްތަށިގަނޑުގައި ދެ އަތުން ހިފައި ލަކިޖަހަމުން ގެންދެ އެވެ.

އޭނާ އެހެރީ ހަމަ ރަނގަޅަށް ވެސް ދުނިޔެއިން މޮޔަވެފަ އެވެ. މިހެން ހިތަށް އަރައި ޝަހާދަތް ކިޔަމުން ހޯބޯ ލައްވަމުން ހަލީމާ ނުކުމެ ދުއްވައިގަތީ އެހީއެއް ހޯދުމަށެވެ.

ވިއްސާރައިގައި ރަށަށް ލިބުނު ގެއްލުމާ ގުޅިގެން އެންމެ ބޮޑު އެހީއެއް ހިފައިގެން އެ ރަށަށް އައި މީހަކީ މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރެވެ. ވާދޫގެ ފަސްގަނޑުގައި އޭނާގެ ފައި ޖެހުމާ އެކު އާވެގަތީ އޭނާގެ ޒުވާން ދިރިއުޅުމުގެ ތޭރަ އަހަރު ނަގާލި ހާދިސާ މަތިންނެވެ. އަދި އެ ދަންމަޅި އޭނާގެ ކަރަށް މަހާލި އަލިކަތީބާއި އޭނާގެ ހަގު އަންހެން ދަރީގެ ނުބައި ރޭވުންތައް މަތިންނެވެ. ޒައިނަބުގެ ހިތުގައި އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާ ދެކޮޅަށް ރޯކުރި ހަސަދައިގެ ހުޅުގަނޑުގެ ސަބަބުން ނެތިގެން ދިޔަ ސާފު ތެދުވެރި ލޯތްބެއް މަތިންނެވެ.

ބަޔަކަށް ހިލަމެއް ވެސް ނުވެ، ޒުލޭހާ އާއި އާމިރު ފައްކާކުރަމުން ދިޔަ ލޯތްބަށް ވިހަލައި މަރާލި ގާތިލަކީ ޒައިނަބުގެ ފުރާވަރެވެ. އާމިރަށް ދޫވި ޒައިނަބުގެ މޮޔަ ހިތެވެ. އާމިރާއެކު ބެލިހާ މޮޔަ ހުވަފެންތަކެވެ. ސިކުނޑީގައި އުފަންކުރުވި ލޯބީގެ ހިޔާލީފޮލާ އެވެ. އާމިރުގެ ހިތް ހާސިލުނުވާނެކަން ޔަގީންވުމުން ރޯވެ އަނދަންފެށި އަލިފާނެވެ. އުފެއްދި ދޮގު އިލްޒާމެވެ.

އާމިރުގެ މައްޗަށް ޒައިނަބު ކުރި ތުހުމަތު، އަލިކަތީބުގެ ބާރުގައި ސާބިތުކޮށް އޭނާ ގާމާދޫ އަށް ގެންދިޔަތާ ހަފުތާއެއް ނުވެ ޒުލޭހާ އަމިއްލަ އަށް މަރުވެއްޖެ އެވެ. އެ ހިތާމައިގެ އަސަރުގައި ސިކުނޑީގެ ނާރެއް ފަޅައިގެން ދިޔަގޮތަށް މަރުގެ ތުންފަތްމަތީގައި އޮތް ޒައިނަބުގެ މަންމަ މަރުވިތާ މާ ގިނަ ދުވަހެއް ނުވެ އަލިކަތީބުގެ ވަގުތު ވެސް ޖެހިއްޖެ އެވެ.

ހާލުގައި ޖެހުނު މީހުންގެ ހާލުބަލަމުން ގޮސް ޒައިނަބު އޮތް އެނދު ކައިރިއަށް އާމިރު މަޑުކޮށްލި އެވެ. ދެ މީހުންގެ ހަތަރު ކަޅި އަލަށް ބައްދަލުވި ދުވަހުވެސް ޒައިނަބުގެ އޮތީ މޮޔަ ހިތެކެވެ. ފުރާވަރުގައި އާމިރަށް ދޫވި އެ ހިތް މިއަދު އެ ވަނީ ދުނިޔެއިން މޮޔަވެފަ އެވެ.  

ޒިކުރުތަކާ އެކު ޒައިނަބުގެ ދެ ލޯ ވަނީ ފެންކަޅިވެފަ އެވެ. ނޫނެކެވެ. އެއީ ޒިކުރުތަކެއް ނޫނެވެ. ތަސްބީހައެއް ފަދައިން އޭނާ ގުނަމުން އެ ގެންދަނީ އާމިރަށް ފޮނުވި އެންމެ ފަހު ސިޓީގައި ލިޔުނު މެންދަމުގެ ވަގުތެވެ.