ކޮންމެ ފޮތަކީ ހަމައެކަނި ކިޔާލާ ސަފުހާތަކެއް ނޫނެވެ. ބައެއް ފޮތްފޮތަކީ ފަހު ސަފުހާ ނިންމާލުމަށްފަހުވެސް، ހިތުގެ އެންމެ ފުންމިނުގައި އޭގެ އަސަރު ގަދަޔަށް ހިފަހައްޓާލާ އެއްޗެހިވެސްމެއެވެ. ތާރާ ވެސްޓްއޯވަރގެ "އެޑިއުކޭޓެޑް" އަކީ މަދުން ނޫނީ ނުފެންނާނެ ފަދަ މެމޮއާއެކެވެ. ފޮތް ކިޔާ ނިމުނުތާ އެތައް ދުވަހެއް ވީއިރުވެސް، މަގޭ ހިތް ދައުރުވަމުންދިޔައީ ތާރާގެ ކެރުމާއި، އޭނާގެ ހިތްދަތި ތަޖުރިބާތަކާއި، އަމިއްލަ ހަޔާތް އަލުން ހޯދަން އޭނާ ކުރި ދަތުރުގެ މައްޗަށެވެ. މިއީ ހަމައެކަނި ހަޔާތުގެ ހަނދާންތަކެއް ނޫނެވެ. މިއީ ކިޔުންތެރިޔާގެ ވިސްނުމާ ކުޅެލާ، ހިތް ރޮއްވާލާ، އަދި ހަމައެއާއެކު އުންމީދުގެ ދިގު ނޭވާއެއް ލާން މަޖުބޫރުކުރުވާ ވާހަކައެކެވެ. ތައުލީމާއި، އާއިލާ، އަދި އަމިއްލަ މިނިވަންކަމާ މެދު އަހަރެމެން ދެކޭގޮތް ބަދަލުކޮށްލާނެ ފޮތެއް ހޯދާނަމަ، "އެޑިއުކޭޓެޑް" އަކީ ދޫކޮށްލައިގެން ވާނެ ފޮތެއް ނޫނެވެ.
ތާރާ ވެސްޓްއޯވަރ އަކީ އައިޑަހޯގެ ރޫރަލް ސަރަހައްދެއްގެ ފަރުބަދަތަކުގެ ތެރޭގައި، ބޭރުގެ ދުނިޔެއާ މުޅިން ވަކިކުރެވިފައިވާ، 'މޯމަން ސަވައިވަލިސްޓް' އާއިލާއެއްގެ ހަތް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އޭނާގެ ބައްޕައަކީ ސަރުކާރާއި، މަދަރުސާތަކާއި، ބޭސްފަރުވާއާއި، ޒަމާނީ މުޖުތަމަޢުގެ ހުރިހާ މުއައްސަސާތަކަކަށް ނަފުރަތު ކުރިމީހެކެވެ. މުޅި ދުނިޔެއަކީ ފާސިދު އަދި ނުރައްކާތެރި ތަނެއް ކަމަށް ގަބޫލުކޮށް، އޭނާ ވަނީ ބޭރު ދުނިޔެއިން އޭނާގެ އާއިލާ އެކަހެރިކޮށް، ދުވަހުން ދުވަހަށް ހަރުކަށިވަމުންދިޔަ ދީނީ ފިކުރުތަކެއްގެ މަތީގައި ކުދިން ބޮޑުކޮށްފައެވެ.
އެ ފަރުބަދަމަތީގެ ދިރިއުޅުން ބިނާވެފައި އޮތީ ބިރުވެރިކަމާއި، އަދި ދުނިޔެ ނިމުމުގެ ސާއަތަށް ތައްޔާރުވުމުގެ މައްޗަށެވެ. އެ އާއިލާއިން ދިޔައީ ކާބޯތަކެތި ފޮރުވައި ގުދަންކުރަމުންނެވެ. އަދި ތާރާގެ އާއިލާ އެމީހުންގެ ބައްޕަ ހިންގި ނުރައްކާތެރި ދަގަނޑު ކުނިގުދަނުގައި މަސައްކަތްކުރަމުން، ސްކޫލްތަކާއި ސިއްހީ ފަރުވާއިން މުޅިން ދުރުހެލިވިއެވެ .ތާރާގެ ބައްޕަ ދެކޭ ގޮތުގައި ތައުލީމަކީ ނުރައްކާތެރި އުދުވާނެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ތާރާ ބޮޑުވީ އުފަންދުވަހުގެ ހެކިލިޔުމެއް ނެތި، ރަސްމީ އާބާދީގެ ތެރޭގައި ރެކޯޑުކުރެވިފައެއް ނެތިއެވެ. ދުވަހަކުވެސް ސްކޫލަކަށް ނުދެއެވެ. އަދި ޑޮކްޓަރެއްގެ މޫނެއް ނުދެކެއެވެ. ފެށުމުގައި އޭނާގެ މަންމަ ގޭގައި ކުދިންނަށް ކޮންމެވެސް ވަރަކަށް ކިޔަވައިދޭން އުޅުނު ނަމަވެސް، ފަހުން ބައްޕަގެ ހަރުކަށި ނުފޫޒުގެ ދަށުން އާއިލާގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔައެވެ.
ތާރާގެ ހަޔާތުގެ ވާހަކަ އެންމެ ބޮޑަށް ހިތްދަތިކޮށްލަނީ އޭނާ ތަހައްމަލުކުރި ޖިސްމާނީ އަދި ނަފުސާނީ އަނިޔާތަކުގެ ސަބަބުންނެވެ. އަނިޔާވެރި ބޭބެއެއްގެ ޖަފާލާލުމާއި، ހަރުކަށި ބައްޕައެއްގެ މުށްބާރުކުރުމުގެ ދަށުގައި، ބިރުވެރިކަމަކީ އާދައިގެ ހާލަތެއް ކަމަށާއި ހިމޭންވެ ހުރުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ދެކި އޭނާ އަހަރުތަކެއް ހޭދަކުރިއެވެ. މަގޭ ހިތަށް އެންމެ ބޮޑަށް އަސަރުކުރީ، މި ނުރައްކާތެރި މާހައުލުގެ ސަބަބުން ހަމައެކަނި ތާރާގެ ހަޔާތަައް ވީ ގޮތުން އެކަންޏެއް ނޫނެވެ.. އޭނާގެ މަންމައާއި އެއްބަނޑުއެއްބަފާ ކުދިންވެސް، ދުވަހަކުވެސް ބަލައިގަނެވިގެން ނުواނޭ ފަދަ އަނިޔާވެރި ކަންކަން އެއީ "އާދައިގެ" ކަންކަން ކަމަށް މަޑުމަޑުން ގަބޫލުކުރަން ފެށި ގޮތް ފެނުމުންނެވެ.
އެހެންނަމަވެސް، "އެޑިއުކޭޓެޑް" އަކީ ހަމައެކަނި ކަރުނައާއި ވޭނުގެ ވާހަކައެއް ނޫނެވެ. މިއީ އިންސާނީ ކެރުމާއި ރެޒިލިއެންސް ގެ ވާހަކައެވެ.
ޢުމުރުން 17 އަހަރުގައި، ތާރާ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކުލާސްރޫމެއްގެ ބިތްތަކުގެ ތެރެއަށް ފައި އެޅިއެވެ. އޭނާގެ ކިބައިގައި ރަސްމީ އެއްވެސް ތައުލީމެއް ނެތެވެ. އަދި އޭނާގެ ފަރުބަދައިން ބޭރުގައި އޮތް ދުނިޔެއާ މެދު އެއްވެސް ޢިލްމެއް ނެތެވެ. ނަމަވެސް، ތަފާތު މުސްތަޤުބަލެއް ބިނާކުރުމުގެ އަޒުމުގައި، އޭނާ އަމިއްލައަށް ފޮތްފޮތުން އުނގެނެން ފެށިއެވެ. ކޮލެޖް އެންޓްރެންސް އިމްތިޙާނުތަކަށް ތައްޔާރުވެ، ދުވަހަކުވެސް ލިބިދާނެ ކަމަށް ހީނުކުރާ ފަދަ ފުރުޞަތުތަކެއްގެ ފަހަތުން ދުވިއެވެ. އޭނާއަށް ޔުނިވަރސިޓީން ޖާގަ ލިބި، އާދަޔާޚިލާފު ތައުލީމީ ދަތުރެއް ފެށުނެވެ. މި މެމުއާގައި ސިފަކޮށްދީފައިވަނީ އާ މާހައުލަކަށް ހޭނުމަށް އޭނާ ކުރި ހަނގުރާމައާއި، އެކަޑެމިކް ގޮތުން ދިމާވި ގޮންޖެހުންތަކާއި، ކިޔެވުމަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް އުޅުނު ހާލުގެ އިތުރުން، އޭނާއާއި އޭނާގެ އާއިލާއާ ދެމެދު މަޑުމަޑުން އުފެދެމުންދިޔަ ވޭންދެނިވި ދުރުކަމުގެ މައްޗަށެވެ.
މި ފޮތުގެ އެންމެ ވަރުގަދަ އެއް މައުޟޫޢަކީ، އަހަރެމެން ކުޑައިރު އަށަގަންނަވާ އަގީދާތަކާއި ވިސްނުންތަކުން އަހަރެމެންގެ ހަޔާތް ބައްޓަންކުރާ ފުން މިންވަރެވެ. ގެއިން ނިކުމެގެން ދިޔަ ފަހުންވެސް، ހޮސްޕިޓަލްތަކާއި ބޭސްފަރުވާއަށް ތާރާ ބިރުގަތީ އެ ބިރުވެރިކަން ކުޑަކުޑަ އިރުއްސުރެ އޭނާގެ ސިކުނޑީގައި ބަދަލުނުކުރެވޭނޭ ފަދައިން ބިންވަޅުނެގިފާ ވާތީއެވެ. އަހަރެމެންގެ ހަޔާތް މާނަކޮށްދިން ބޯދާ ޚިޔާލުތަކުން، އެއީ ގެއްލުންހުރި އެއްޗެއްކަން އެނގޭއިރުވެސް، ވީއްލިގެން ދިއުމަކީ ކިހާ އުނދަގޫ ކަމެއްކަން މި ފޮތުން ވަރަށް ފުރިހަމައަށް ސާބިތުކޮށްދެއެވެ.
"އެޑިއުކޭޓެޑް" ޙަޤީޤީ އަގުހުރި އަދަބީ އުފެއްދުމަކަށް ހަދައިދެނީ ތާރާގެ ހުންނަ އިޚުލާސްތެރި ތެދުވެރިކަމެވެ. އޭނާ ވާހަކަ ކިޔައިދެނީ ރުޅިވެރިކަމެއް ނުވަތަ އަމިއްލަ ނަފުސަށް ހަމްދަރުދީ ހޯދުމުގެ ނަޒަރަކުން ނޫނެވެ. އޭނާ ތަހައްމަލުކުރި ހުރިހާ އަނިޔާއަކާ އެކުވެސް، އޭނާ ލިޔެފައިވަނީ އޯގާތެރިކަމާއެކުގައެވެ. އަދި އޭނާގެ އާއިލާ އެފަދަ ހާލަތަކަށް ވައްޓާލި ސަބަބުތައް (ދީނީ ހަރުކަށިކަން، ބިރުވެރިކަން، އެކަހެރިކަން، އަދި ފަރުވާނުދެވި އޮތް ނަފުސާނީ ބަލިމަޑުކަން) ދެނެގަންނަން އޭނާ 'އެމްޕަތީ' ނުވަތަ އޯގާތެރި ނަޒަރަކުން މަސައްކަތް ކުރެއެވެ. މިފަދަ ވޭންދެނިވި ވާހަކައެއް ހިތްހެޔޮކަމާއެކު ކިޔައިދިނުމުގެ ޤާބިލުކަން ހުރުމުން، މި މެމުއާގެ ބާރު މާ ގަދަވެގެންދެއެވެ.
މި ފޮތް ކިޔަމުންދިޔައިރު، މަގޭ ނަފޮސު ކޮޅުމެދު ނެތް ރުޅިވެރިކަމެއްގެ ތެރެއަށް ޣަރަގުވެ، ހިތް ރޮއްވާލާ، އަދި ނުހަނު އަސަރުކުރުވި ދަނޑިވަޅުތައް އައެވެ. މިއީ މި ޒަމާނުގައި ހިނގާފައިވާ ކަމެއްކަން ގަބޫލުކުރަންވެސް ދަތިވިއެވެ. ތާރާގެ ހަޔާތުން ގެއްލިގެންދިޔަ އަހަރުތަކަށްޓަކައި ރުޅިގަދަވިއެވެ ކިތަންމެ ފަހަރަކު ފޮތް އިތުރަށް ނުކިޔަންވެސް ހިތަށް އެރިއެވެ.. އަދި އަނިޔާގެ ތެރޭގައި ބެހެމުންދިޔަ އާއިލާގެ މެންބަރުންނަށްޓަކައި ހިތާމަކުރީމެވެ. ނަމަވެސް، މިއިގެ ހުރިހާ ކަމަކަށްވުރެ ބޮޑަށް، ތިމާގެ ނިކަމެތި ހާލަތަކީ ތިމާގެ މުސްތަޤުބަލު ކަނޑައަޅާ އެއްޗެއް ނޫންކަން ސާބިތުކޮށްދިން އެޒުވާން އަންހެންކުއްޖާގެ ސާބިތުކަމަށްޓަކައި މަގޭ ހިތް އިޙުތިރާމުން ފުރުނެވެ.. މި މެމުއާ ކިޔާއިރު ހީވަނީ ސިއްރުތަކުން ފުރިގެންވީ ހިޔާލީ ވާހަކައެއް ކިޔާ ހެންނެވެ. ނަމަވެސް، މިއީ ހަމަ ޙަޤީޤީ ޙާދިސާތަކެއްކަން އެނގޭތީ، މިއިން ކުރާ އަސަރު ހިތުން ފިލުވާލުން އުދަގުލެވެ.
ތާރާގެ މި ދަތުރުން ހަނދާންކޮށްދެނީ، ތައުލީމަކީ ހަމައެކަނި ފޮތްތަކާއި، އިމްތިޙާނުތަކާއި، ނުވަތަ ސާޓިފިކެޓްތަކެއް ނޫންކަމެވެ. އެއީ އަމިއްލައަށް ވިސްނާ ފިކުރުކުރަން ދަސްކުރުމެވެ. އަމިއްލަ އަޑެއް ހޯދުމެވެ. އަދި އަމިއްލަ ހަޔާތުގެ މަގު ޚިޔާރުކުރުމުގެ ހިތްވަރު ހުރުމެވެ.ތާރާ ތާރީޚާއި، އަދަބިއްޔާތާއި، ސިޔާސީ ޢިލްމާއި، ފަލްސަފާ އުނގެނެމުން ދިޔައިރު، އެއަށްވުރެ މާ މުހިއްމު އެހެން އެއްޗެއް އޭނާ ހޯދިއެވެ. އެއީ އަމިއްލަ ނަފުސެވެ. ތައުލީމަކީ ހަމައެކަނި ސާޓިފިކެޓެއް ނުވަތަ ޑިގްރީއެއް ހާސިލުކުރުމުގެ މަގެއް ނޫނިކަމާއި، އެއީ އަމިއްލަ ނަފުސުގެ އައިޑެންޓިޓީއާއި، މިނިވަންކަންކަން މި ފޮތް ހަނދާންކޮށްދެއެވެ.
އެންމެ އަޖާއިބު ކުރުވަނިވި ކަމަކީ، ތާރާ އޭނާގެ ރަސްމީ ތައުލީމު ފެށީ 17 އަހަރުގައެވެ.ފަހުން އޭނާ ވަނީ ބްރިގަމް ޔަންގް ޔުނިވަރސިޓީން ގްރެޖުއޭޓްވުމަށްފަހު، ގޭޓްސް ކޭމްބްރިޖް ސްކޮލަރޝިޕް ހާސިލުކޮށްފައެވެ. މި ސްކޮލަރޝިޕަކީ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ އެހީގައި ދެވޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕްގެ ދަށުން ޔުނިވަރސިޓީ އޮފް ކޭމްބްރިޖްގައި ކުރިއަށްގެންދިޔަ މަތީ ތައުލީމުގެ ޚަރަދުތައް ހަމަޖެހިގެންދިޔައެވެ. އަދި އެ ޔުނިވަރސިޓީން އޭނާ ވަނީ ތާރީޚުގެ ދާއިރާއިން އެމްފިލް އަދި ފަހުން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. މީގެއިތުރުން ހާވާރޑް ޔުނިވާސިޓީގައި ފެލޯޝިޕެއްވެސް ފުރިހަމަ ކުރިއެވެ. އޭނާގެ ހަޔާތަކީ، ދިރިއުޅުމުގެ ސްޓާޓިންގ ޕޮއިންޓަކީ އިންސާނާގެ މުސްތަޤުބަލު ކަނޑައަޅާ އެއްޗެއް ނޫންކަމުގެ ހެއްކެވެ.
ފޮތް ކިޔާ ނިންމާލުމަށްފަހު، ވަގުތުން މަގޭ ގާތް ރައްޓެހިން ގާތު މި ފޮތް ކިޔަން ބުނީމެވެ. އޭގެ ނަތީޖާ ވަރަށް ފުރިހަމައެވެ. އޭގެ ތެރެއިން ދެ ރައްޓެހިން ތާރާގެ ހަޔާތުން ލިބުނު ހިތްވަރެއްގެ ބޮޑުކަމުން، އެމީހުންގެ އަމިއްލަ ތައުލީމީ ހަޔާތް ކުރިއަށް ގެންގޮސް، އިތުރަށް ކިޔަވަން ނިންމިއެވެ. ހަޔާތްތަކަށް މިފަދަ ސީދާ އަދި މާނަވީ ބަދަލެއް ގެނައުމުގެ ބާރު ލިބިފައިވަނީ މަދު ފޮތަކަށެވެ.
"އެޑިއުކޭޓެޑް" އަކީ ހަމައެކަނި ތާރާގެ ހަޔާތުގެ ހަނދާންތަކެއް ނޫނެވެ. އެއީ އުންމީދާއި، ކެރުމާއި، އަދި ޢިލްމުގެ ސަބަބުން އިންސާނާގެ ދިރިއުޅުން ބަދަލުކޮށްލާ ބާރުގެ ވާހަކައެވެ. ކަންކަން މުސްތަހީލުކަމަށް ފެނުނަސް، ބަދަލަކީ ގެނެވިދާނެ އެއްޗެއްކަން މިއިން ހަނދާންކޮށްދެއެވެ. އަހަރެމެންގެ މާޒީއަކީ އަހަރެމެންގެ މުސްތަޤުބަލު ބަންދުކުރާ ކޮށްޓަކަށް ވެގެން ނުވާނެކަން ސާބިތުކޮށްދެއެވެ.
މިއީ ކިޔުންރެރިންގެ ހިތް ރޮއްވާލާ، ވިސްނުން ތާޒާކޮށްދީ، އަދި އިންސާނީ ރޫހުގެ ވަރުގަދަކަން ގަބޫލުކުރަން މަޖުބޫރުކުރުވާނެ ފޮތެކެވެ. މިއީ ކޮންމެ ދަރިވަރަކު މުޠާލިޢާކުރަންޖެހޭ، ކޮންމެ ބެލެނިވެރިއަކު ހިއްސާކުރަންޖެހޭ، އަދި ކޮންމެ ކިޔުންތެރިއަކުވެސް ހަޔާތުގައި އެއްފަހަރު ނަމަވެސް ތަޖުރިބާކޮށްލަންޖެހޭ ފަދަ އިންޤިލާބީ ފޮތެކެވެ.ބައެއް ފޮތްތަކަކީ އަހަރެމެން މުނިފޫހިފިލުވައިދޭ ފޮތްތަކެވެ. ބައެއް ފޮތްތަކުން މަޢުލޫމާތު ލިބެއެވެ. ނަމަވެސް، ވަރަށް މަދުން ނޫނީ ނުފެންނަ ބައެއް ފޮތްތަކަކީ އަހަރެމެންގެ ވިސްނުން މުޅިން ބަދަލުކޮށްލާ ފޮތްތަކެވެ. "އެޑިއުކޭޓެޑް" އަކީ ހަމަ އެފަދަ ފޮތެކެވެ.



