ތެދަށް ބުނަންޏާ، އަހަންނަށް އެއް އިރެއްގައި "ރީޑިން ސްލަންޕަކުން" އަރައިގަނެވުނީ މި ފޮތުގެ ސަބަބުންނެވެ. އެ ދުވަސްވަރު ފޮތެއް ކިޔާލާނެ ހިތްވަރެއް ނެތް ނަމަވެސް، މި ފޮތް ކިޔަން ފެށުނީ ހަމައެކަނި ލިޔުންތެރިޔާ ޚާލިދު ހުސައިނީއަށް އޮތް އިންޓްރެސްޓްގެ ބޮޑުކަމުންނެވެ.
އާންމުކޮށް އަހަރެމެން ފޮތެއް މި ކިޔާލަނީ ދިރިއުޅުމުގެ ބިޒީ ކަމާއި ވަރުބަލިކަމާއި ކަންކަމުން ކުޑަކޮށް އެކަހެރިވެލާ، ބޯހަމަޖައްސާލުމުގެ ބޭނުމުގައެވެ. އެކަމަކު މި ފޮތް ކިޔާ ނިމުނުއިރު އަހަރެންވީ އެއަށް ވުރެ އިތުރަށް ވަރުބައްޔެވެ. ބޮޑަށް "ޑިޕްރެސް" އެވެ. ނަމަވެސް މިއީ އެހެން މީހުންގެ ފިޔަވަޅުމަތީގައި އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން ލިބުނު ފުރުސުތެކެވެ.
އަހަރެމެންގެ ތެރެއިން ގިނަ ދިވެހިން ދުވަހަކުވެސް ތަޖުރިބާ ކުރަން ނުޖެހޭނެ ފަދަ ނިކަމެތި، ހިތްދަތި ހާލަތްތަކުގައި އުޅޭ މީހުންގެ އިހުސާސްތައް މި ފޮތުން ދަސްވިއެވެ. މި ފޮތް ކިޔާފައިތިބި މީހުން ހަމަ ޔަގީނުންވެސް މިކަމަށް އެއްބަސްވާނެއެވެ. މިއީ އަހަރެން މޮޅުކޮށްލަން ބުނާ އެއްޗެއް ނޫނެވެ.
ޚާލިދު ހުސައިނީގެ "އަ ތައުސެންޑް ސްޕްލެންޑިޑް ސަންސް" އަކީ އޭނާގެ ފުރަތަމަ މަޝްހޫރު ފޮތް "ދަ ކައިޓް ރަނާ" އަށްވުރެ އަދި މާ ފުރިހަމައަށް، މާ އަސަރުގަދަކޮށް ލިޔެފައިވާ ވާހަކައެކެވެ. ހުސައިނީގެ ހުރިހާ ފޮތެއް ކީމީހެއްގެ ހައިސިއްޔަތުން އަހަރެންބުނާނީ ހުސައިނީއަކީ އިންސާނީ އިހުސާސްތަކާއި ކުޅެލަން ދަންނަ، ފޮތް ކިޔާމީހާގެ ހިތުގައި ބާރަށް ޖަހާލަން އެނގޭ އަޖައިބެއް ކަހަލަ ލިޔުންތެރިއެކޭވެ.
މީގެ އަހަރުތަކެއް ކުރިން ފުރަތަމަ ފަހަރަށް މި ފޮތް ކިޔާފަވެސް އަހަރެންނަށް ހަމަ ރޮވުނެވެ. ކޮވިޑް ތެރޭގައި ދެ ވަނަ ފަހަރަށް ކިޔާލުމުން އަދި އެއަށްވުރެވެސް ބޮޑުވަރު ވިއެވެ. މިއީ އަހަރެންގެ މުޅި އުމުރުގައިވެސް ކިޔުނު އެންމެ، ހަމަ އެންމެ ރީތި އެއް ވާހަކައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި މިފަދަ ފޮތަކާމެދު ދިވެހި ބަހުން ލިޔެލަން މި ފުރުސަތު ލިބުނީތީވެސް ވަރަށް އުފާކުރަމެވެ.
މި ފޮތަކީ އަފްޣާނިސްތާނުގެ ތާރީޚުގެ ތެރެއިން، ލޯތްބާއި އެކުވެރިކަމާއި ޤުރުބާނީގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އަސަރުން ފުރިގެންވާ ވާހަކައެކެވެ. މުޅި ވާހަކަ އެނބުރެނީ ދެ އަންހެނުންކަމަށްވާ މަރްޔަމް އާއި ލައިލާގެ ދިރިއުޅުމުގެ މައްޗަށެވެ. އަފްޣާނިސްތާން ހަނގުރާމައިގެ އަނދިރި ދުވަސްވަރު އެ ޤައުމުގެ އަންހެނުން އުފުލި ވޭން ވަކި މިއަށްވުރެ ސާފުކޮށް އިހުސާސްކޮށްދޭނެ އެހެން ފިކްޝަނަލް ވާހަކައެއް އޮންނާނެހެނެއް ހިޔެއްނުވެއެވެ.

ވާހަކައިގެ މެއިން ކެރެކްޓާ މަރްޔަމްއަކީ ނަހަލާލު ގުޅުމަކުން އުފަންވާ ކުއްޖެކެވެ. ކުޑައިރުއްސުރެ މުޅި އޭނާއަށް ވިސްނައިދެމުން ދިޔައީ އޭނާއަކީ މި ދުނިޔެއަށް އުފަންވާންޖެހޭ ކުއްޖެއް ނޫންކަމާއި، އޭނާއަކީ "ކުށެއް" ކަމަށެވެ. އެކަމަކު ކުޑަކުޑަ މަރްޔަމްއަށް އެކަންކަމެއް ނުވިސްނެއެވެ. އޭނާގެ އޮތީ ހަމައެކަނި ކުޑަކުޑަ އުއްމީދެކެވެ.
ސްކޫލަށް ގޮސް، މީހުންގެ ލޯތްބާއި ޤަދަރު ލިބި މީހަކަށް ވުމެވެ. އެހެންނަމަވެސް މަރިޔަމްގެ މަންމަ އަމިއްލައަށް މަރުވި ހިސާބުން، ބައްޕަގެ އަނބިންގެ މަޖުބޫރުކުރުމަށް، އުމުރުން އެންމެ 15 އަހަރުގައި މަރްޔަމްއަށް ޖެހުނީ އޭނާއަށްވުރެ މާ ދޮށީ، އަނިޔާވެރި ދެބައި އުމުރުގެ ފިރިހެނެއް ކަމަށްވާ ރަޝީދުއާ ކައިވެނިކުރާށެވެ. އެހާ ހިސާބުން މަރްޔަމްގެ އަސްލު ހުވަފެން ބަދަލުވަނީ ބިރުވެރި ހުވަފެނަކަށެވެ.
ދަރިއަކު ނުލިބުމުގެ ހިތާމައިގައި އުޅެނިކޮށް ފިރިމީހާގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ އެވެ. ނަމަވެސް އެވަރަށް ވަރަށް އަނިޔާލިބުނުއިރުވެސް މަރްޔަމް ކެތްތެރިވިއެވެ. އަދި ފަހުން އޭނާގެ ފިރިމީހާ، އުމުރުން އެންމެ 15 އަހަރުގެ ލައިލާ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ދެ ވަނަ އަނބެއްގެ ގޮތުގައި ގެނައުމުންވެސް މަރްޔަމް ސާބިތުކަމާއެކީ ހުރެއެވެ.
ލައިލާގެ ހާލަތު މަރްޔަމްއާ ތަފާތުވިނަމަވެސް، ލައިލާގެ ދިރިއުޅުންވެސް ފުރިގެންވަނީ ހިތާމައިންނެވެ. އަފްޣާނިސްތާނުގެ ބޮމުގެ ހަމަލާއެއްގައި މައިންބަފައިން މަރުވެ، ލައިލާގެ ލޯބިވެރިޔާވެސް ގެއްލި މުޅި ދިރިއުޅުން އެކީ ބަދަލުވެއެވެ. އެކަމަކު ލައިލާއަކީ ވެސް އަޖައިބެއްފަދަ ހިތްވަރުގަދަ އަންހެނެކެވެ.
މި ފޮތުގައި މި ދެ އަންހެނުންނަށް ދިމާވާ ހުރިހާ ކަމެއް އެހާ ތަފްސީލްކޮށް ކިޔާދީގެން ވާހަކައިގެ އެންމެ މުހިންމު ބައިތައް "ސޮޕްއިލް" ކޮށްލާ ހިތެއް ނެތެވެ.
މަރްޔަމް އަދި ލައިލާގެ ކޮންމެ ހިތާމައެއް، ކިޔުންތެރިޔާގެ ލޮލު ކުރިމައްޗަށް ސިފަވެގެންދާއިރު ހިތް ކުދިކުދިވެގެންދެއެވެ. މުޅި ވާހަކައިގައިވެސް އަހަރެންގެ ހިތް އެންމެ ބޮޑަށް އަތުލީ މި ދެ މީހުންގެ މެދުގައި އުފެދޭ ވަރުގަދަ ގުޅުމެވެ. މި ފޮތުގައި މި ދެ އަންހެނުންގެ މެދުގައި އޮތް ގުޅުމާއި އެކުވެރިކަމަކީ ހަޤީޤަތުގައިވެސް ހިތަށް ތަފާތު އިހުސާސެއް ގެނެސްދޭ ކަމެކެވެ.
ޖިސްމާނީ އަދި ނަފްސާނީ އަނިޔާވެރިކަން، ހަސަދަވެރިކަން، އެކުވެރިކަން، ކުލުނު، އޯގާތެރިކަން އަދި ލޯބި މިހެން ގޮސް މީގެ ކޮންމެ އިހުސާސެއް ވެސް އޭގެ އެންމެ މަތީ ދަރަޖައިގައި މި ފޮތުން މީހަކަށް އިހުސާސް ކުރެވޭނެ އެވެ. އެކަމަކު އެ ހުރިހާ އިހުސާސްތަކެއްގެ ތެރެއިންވެސް މަރިޔަމް އާއި ލައިލާ ނުކުމެގެން އަންނަނީ ހިތްވަރުގަދަ ނަމޫނާގެ ގޮތުގައެވެ.
ކުޑަކުޑަ މައުސޫމް ދެ އަންހެންކުދިން އެކި އެކި ކަންކަން ތަހަންމަލްކޮށް ހޭނެމުން ހޭނެމުން ގޮސް ހިތްވަރުގަދަ އަންހެނުންނަށް ބަދަލުވެގެންދާ މަންޒަރު މި ފޮތް ކިޔާމީހަކަށް ވަރަށް ރަނގޅަށް އިހުސާސް ކުރެވެއެވެ.

ދެން އޮތީ ޚާލިދު ހުސައިނީގެ ލިޔުންތެރިކަމުގައި ހުރި ކުޅަދާނަކަމުގެ ވާހަކައެވެ. ހުސައިނީގެ ލިޔުންތެރިކަމުގެ އުސްލޫބަކީ ސާބަސް ދޭންޖެހޭވަރުގެ ކަމެކެވެ. ލިޔުންތެރިކަމުގެ ފުރިހަމަ ކަމުން ބައެއް ފަހަރު މިއީ ހަދަހަދައިގެން މީހަކު ލިޔެފައިވާ ހިޔާލީ ވާހަކައަކަށްވުރެ ހަޤީޤީ ހާދިސާއެއްހެންވެސް ހީވެއެވެ. އެހާވެސް ސިފަކުރުން މޮޅުވެފައި ރީއްޗެވެ.
އޭނާގެ ލިޔުންތެރިކަން ސިމްޕަލްވެފައި ކުރުވިނަމަވެސް، އޭގައިވާ އިހުސާސްތަކުގެ ފުންކަމުން ކޮންމެ ޖުމްލައަކުންވެސް ފުން އަސަރުތަކެއް ކުރުވައި، ހަމަ ރޮވޭ ވަރު ވެއެވެ. ހަމައެކަނި މި ފޮތެއް ނޫނެވެ. ހުސައިނީގެ ހުރިހާ ފޮތެއްވެސް ހަމަ އެހާ ފުރިހަމައެވެ.
އަހަރެން ބުނާނީ، މިއީ ހިތްބަލި މީހުންނަށް ފަސޭހައިން ކިޔާލެވޭނެ ފޮތެއް ނޫނެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަންހެނުންނާމެދު ކަންތައް ކުރަމުންދާ އަދި ކުރީގައި ކަންތައް ކުރެވިފައިވާ އިހާނެތި ގޮތްތައް ހާމަކޮށްދޭ މީގެ އިތުރުން، މެދުއިރުމައްޗާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކާއިހެދި އެ ޤައުމުގެ ސިޔާސީ އޮއިވަރުގެ ތެރެއިން އާންމު ރައްޔިތުންގެ ދިރިއުޅުން ހަލާކުވެގެންދާ ގޮތް ކިޔާދޭ އަސަރުގަދަ ވާހަކައެކެވެ.
އުފަލާއި ހިތާމަ އާއި ރުޅިވެރިކަމާއި ބިރުވެރިކަމުގެ އިހުސާސްތައް އެކުއެކީގައި ތަޖުރިބާކުރެވޭނެ ފޮތެކެވެ. މިއީ އަފްޣާނިސްތާނުގެ ހިތާމަވެރި ތާރީޚުގެ ތެރެއަށްވެސް ވަދެވޭނެ އެންމެ އަސަރުގަދަ އެއް ފޮތެވެ.
މިހާރުން މިހާރަށްވެސް "އަ ތައުސެންޑް ސްޕްލެންޑިޑް ސަންސް" ކިޔަން ފަށާށެވެ. މިއީ ފޫހިނުވާނެ، އަދި މުޅި އުމުރަށް ހިތުގައި ހަނދާން ހުންނާނެހާ އަސަރުގަދަ ފޮތެކެވެ. މިއީ އަހަރެން އެކަނި ބުނާ އެއްޗެއް ނޫނެވެ. ގުޑްރީޑްސްގައި ގައި އެތައް މިލިއަން ކިޔުންތެރިންގެ ވޯޓުން 4.46 ސްޓާގެ ބޮޑު ރޭޓިންއެއް މި ފޮތަށް ލިބޭނީވެސް ގައިމު ކަމެއް ވީމާތާއެވެ.



