ސަންދޯއް ކޮނޑަށްލައިގެން ހިނގައިގަތުމާއެކު އެއިން ލޭ އޮހޮރިގަތެވެ. ވަކަ ސުތުލީގެ ކުނަލާއި އަކަ ގޮޅިއަށް ގަތާފައިވާ ރޯނުތަކުގެ ތެރެއިން އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ހުދުފޭލީގައި ތިބި ހަ ބެއިން ވެސް ލެއިން ކަޅިކޮށްލައިފިއެވެ. އެމީހުންގެ އުޅަނބޮށިތަކުން ވެސް ވަރުވަރަށް ތިކިތަޅައިގަތެވެ.
އޮހޮރެމުން ދިޔަ ލެއިން ބިންމަތީގައި ކުރަހަމުންދިޔައީ ހަރުފަ ރޮނގުތަކެކެވެ. އެއީ ހިމޭން ހުދު ދޮންވެލީގެ ހަނި ދިގު މަގެކެވެ. ސަންދޯއް ހިފައިގެން ގޮސް ސަރާސަރު މަގުގެކޮޅުން ގެއްލުމާއެކު ވެލިގަނޑުގައި ރާޅުބާނިތަކެއް އުފެދިގަތެވެ. ހީވަނީ ލެއިން ކުރެހުން އެޅިފައިވާ ރޮނގުތައް ދިރޭ ހަރުފަތަކަކަށް މަޑުމަޑުން ބަދަލުވަމުން ދިޔަހެންނެވެ.
ސައީރު އޮތީ އަދިވެސް އޭނާ ކޮންނަމުން ދިޔަ ވަޅުގަނޑުގެ ތެރޭގައެވެ. ރައްދަކައަވިން ބުރާންތިވެ، ހައިން ހާންތިވެ ވެއްޓެން ގާތްވެފައިވިޔަސް އެ ވަޅުގަނޑު ދޫކޮށްލާފައި މައްޗަށް އަރަން އޭނާ އަދިވެސް ބޭނުމެއް ނޫނެވެ. އިސްކޮޅަށް ވުރެ ފުނަށް ކޮނެފައިވާ އެ ކަށްވަޅުގެ ތެރެއިން ވިދައިބަބުޅަމުން ދިޔަ އެއްޗެއްގެ އަވާގައި ޖެހި ހަތަރެސްފަޔާއި ހިތާއި ބޯ އެ ބެބުޅުމުގައި އަޝޯހުކޮށް މޮޔަކޮށްލާފައިވުމުންނެވެ.
ވިދުންގަނޑު ގަދަވެ، ވެލިގަނޑު ތޮރުފާލާފައި ނުކުމެފައިވީ ރަން ދޯދިތަކާ ދިމާލަށް ގުދުވެ، އާގަމަވެ އޮތުމަށް ފަހު ސައީރު އަނެއްކާވެސް ދެ އަތަށް ފަކީރާ ހެޔޮވަރުކޮށްލިއެވެ. އެ ދެ އަތުގެ ނިޔަފަތިތައް ވަނީ ކަޅުވެފައެވެ. އޭރު ކިޔެވެލީގެ އަޑާއި ފިޔަވަޅުތަކެއްގެ އަޑު ފަހަތުން އިވެއެވެ. ބޯހިއްލައި އެނބުރި ބަލައިލުމުން ދުރުން ފެންނަނީ ސަންދޯކެއް ކޮނޑަށްލައިގެން އަންނަ ބައެކެވެ.
ސައީރު ތެޅިގަތެވެ. ދެ އަތަށް ހެޔޮވަރުކޮށްލި ފަކީރާއިން ޖަހައި، ވިދައިބަބުޅަމުން ދިޔަ ވެލިގަނޑު ކޮނެގަތެވެ. އެއާއެކު ހޮރުހޮރުތަކުން ކުއްލިއަކަށް ފަލަ ހަރުފަތަކެއް ނުކުމެ އޭނާގެ ދެފައިގައި އޮޅައި ބާރުކޮށްގަތެވެ. ދެ ފަޔަށް ވާންކޮށްލުމާއެކު ދެން ހީވީ ފުން އަނދިރިކަމެއްގެ ތެރެއަށް އޭނާ ޖަހައިގެން ގެންދިޔަހެންނެވެ.
ސައީރު އަނެއްކާވެސް ތެޅިގަތެވެ. ކުރިއަށް ވުރެ ވެސް ބާރަށެވެ. އަދި ވެއްޓިގެން ގޮސް ޖެހުނީ އެއަށްވުރެ ބާރަށެވެ. ބޮލަށް އެރި ތަދުގަނޑާއެކު ދެ ލޯ ހުޅުވައި ބަލައިލުމުން އެންމެ ފުރަތަމަ ވެސް ފެނުނީ ކޮޓަރީގެ ސީލިންގުގައި ހުއްޓިފައި ހުރި ފަންކާއެވެ. ހިރަފުހުން ހަޑިވެ ދަބަރު ހިލައި ބައުވެފައިވާ އެ ފަންކާގަނޑު ފެނުމާއެކު ކަށްބިމުން ހޭލެވި ހަމަބިމަށް ވެއްޓުނީކަން ސައީރަށް ޔަގީންވިއެވެ.
އެވަގުތު ފުންމައިގެން އައިސް އޭނާގެ ބަނޑުމައްޗަށް އަރައި ހަމަޖެހިލީ އީސައެވެ. ދިގުކެހެރިލީ ކުޑަވަރެއްގެ ހައިވާނެކެވެ. ސައީރު ގޭގައި އޭނާ ގެންގުޅޭ ފާރިސީ ބުޅަލެކެވެ. ގަދަ ކަޅުކުލައިގެ ދިގު ކެހެރީގައި ދޫލައި ފަރިވެލުމަށް ފަހު ސައީރު ދިއްކޮށްލި އަތުގެ އިނގިލިތަކުގައި ވެސް ދޫލައި އޮމާންކޮށް ނިދީގެ އަސަރު އެ ހަތަރެސްފައިން ދަމައިގަތެވެ. އެއަށް ފަހު އީސަގެ ރަން ރީނދޫ ކުލައިގެ ދެ ލޮލުގައިވީ ޖާދޫ އާއި ބާރުގައި ސައީރު އޮތްތަނުން ނެގިއެވެ.
އަތުގެ އިނގިލިތަކުގެ ނިޔަފަތިތަކުން އައިބުކަމެއް އޭނާ އަށް ފާހަގަވީ އީސަގެ ތައްޓަށް ކާ އެއްޗެހިތައް އޮއްސައިލި ވަގުތެވެ. އެއީ ކަޅުކުލައިގެ ކުދި މާތަކެއްހެން ހީވާ ތިކިތަކެކެވެ. އެކި އިނގިލިތަކުގައި އެކި ވަރަށެވެ. އެކި ވަރުވަރުގެ އެވެ. ހީވަނީ ގަލަމަކުން ދެލި ބުރައިގެން ގޮސް ފޭދި ހެދިފައިވާ ތިކިތަކެއް ހެންނެވެ.
އެ ތިކިތަކަށް ގެއްލި ހުއްޓައި އީސަގެ ތަށި ފުރިގެން ބަންޑުންވިކަން ސައީރަށް އިހުސާސުވީއިރު ބިން މައްޗަށް ވެސް ކާ އެއްޗެހި އެޅިއްޖެއެވެ. ބިން މައްޗަށް އެޅުނު އެތިކޮޅު ހުސްކޮށްލުމަށް ފަހު އީސަގޮސް ޖައްސާލީ އެ ސޮރަށް ހާއްސަ އިމުގައި ވެރިމީހާ ގޮސް ބެހެއްޓި ރަންތަށިން ބަނޑުފުރައިލުމަށެވެ.
ފެންވަރައިގެން ނުކުތްއިރު ވެސް ސައީރުގެ އަތުގެ އިނގިލިތަކުން ކަޅުކުލައިގެ އެ ތިކިތަކެއް ފިލުވަލެއް ނުލެވުނެވެ. އެކަމަކު ފައިގެ އެއްވެސް އިނގިއްޔެއްގައި އެފަދަ އެއްވެސް އަސަރެއް ނެތެވެ.
ކަރަށް ހެޔޮވަރުކޮށްލި ކަޅުނޫކުލައިގެ ޓައީން އަތް ދޫކޮށްލުމަށް ފަހު ލޯގަނޑުކުރިމަތީގައި ހުއްޓިހުރެ ސައީރަށް އަނެއްކާވެސް ބަލައިލެވުނީ އަތުގެ ނިޔަފަތިތަކަށެވެ. ނިކަން ގަދަ އަށް ދޮންނަން މަސައްކަތްކުރުމުން އެ ލައްތަކުގެ ކުލަ މިހާރު ހީވަނީ ހިސާބަކަށް މަޑުވެފައި ހުރިހެންނެވެ.
ބަލަން ނުހުރެ ބޯރީތިކޮށްލައިގެން ސައީރު ފޭބީ އޭނާގެ އެޕާޓްމަންޓުން ތިރިއަށެވެ. ލިފްޓެއް ނެތް އެޕާޓްމަންޓްގެ ހަ ވަނަ ބުރިން ތިރިއަށެވެ. ގޭގެ ބޭރު ދޮރު ހުޅުވާލާފައި ދެން ނުކުތީ ހަނި ގޯޅިގަނޑަކަށެވެ. ގެތަކުން ބޭރަށް ނެރެފައިވާ ކުނި ކޮތަޅުތަކާ އެކު ފުނިޖެހި މުޑުދާރުވެފައިވާ ހަނި ގޯޅިގަނޑެކެވެ. ސައީރުގެ ފިޔަވަޅުތަކާ އެކު ބުޅާގަނޑެއް އެކުނިތަކުގެ ތެރެއިން ފުންމައިގެން ނުކުމެ ބޯޖެހިތާ ނަގޫޖަހާފައި ގޮސް މަގަށް ނުކުމެ ކޮންކްރީޓުގެ ޖަންގައްޔަށް ގެއްލުނެވެ. އެވަގުތު ސައީރުގެ ލޮލުގައި އަޅައިގަތީ ފުޅައަޅާފައިވީ ކުނިކޮތަޅެއްގެ ތެރެއިން ދެމިގެން ކުއްލިއަކަށް ނުކުތް ނަންނުގައްޗެކެވެ. އެ ސޫތްޕާ ހަތަރުކަޅިހަމަވި ވަގުތު ގަޔަށް އެރި ހީގަނޑަކާއެކު ސައީރު ހުއްޓުން އަރުވާލިއެވެ.
ނަންނުގައްޗަކަސް އެއީ ކުރިން ދުވަހަކުވެސް ނުދެކޭ ކުލަ އަކާއި މިނަކާއި ސިފައިން ކުރެހުން އެޅި ސޫތްޕެކެވެ. ސައީރު އަޅައިގެން ހުރި ޓައީގެ ކަޅުނޫކުލައެވެ. އެ ޓައީއާ އެއްވަރަކަށް ފަލަވެފައި އޭގެ ދެ ގުނަ އަށް ދިގެވެ. އަދި އޭގައި ހެދިފައިވާ ކުރެހުންތައް އެންމެ ވައްތަރީ ސައީރުގެ ދެ އަތުގެ އިނގިލިތަކުގައި ޖަހާފައިވީ ލައްތަކާ އެވެ. އެކަމަކު އެއީ ހުދުކުލައިގެ ލައްތަކެކެވެ.
"އަނެއްކާ މިއީ ކޮން މުސީބާތެއްގެ އަލާމާތްތަކެއް ހެއްޔެވެ؟"
ބިރުން ފަހަތަށް ނަގައިލެވުނު ފިޔަވަޅާއެކު ސައީރުގެ ހިތަށް އެރީ މިހެންނެވެ. ހަރުފައެއްގެ ސިފައަށް ބޮޑުވެފައި އޮތް ނަންނުގަތި އޭރު މަޑުމަޑުން ކުރިއަށް ދެމެމުން ގޮސް ގޯޅިގަނޑުން ބޭރަށް ނުކުމެ އެންމެ ކައިރިން ޖެހުނު ކާނުގަނޑުގެ ތެރެއަށް ދެމިގަންނަނީއެވެ.
ސައީރު ގޯޅިގަނޑުން ބޭރަށް ނުކުތީ އެކާނުގަނޑު ތެރެއިން އެ ސޫފި ނުނިކުންނާނެކަން ޔަގީންކުރުމަށް ފަހުއެވެ. ނުވަތަ ދެންމެ އެ ފެނުނު މަންޒަރަކީ ހަގީގަތެއް ނޫންކަން އޭނާގެ އަމިއްލަ ޒަމީރަށް ގަބޫލުކުރެވޭހާ އިރު އެ ފިޔަވަޅުމަތީގައި ހުއްޓި ހުރުމަށް ފަހުއެވެ.
ގޯޅިގަނޑުން ނުކުތް ގޮތަށް ފުންމައިގެން ގޮސް އޭނާ އެރީ ކަޅުކުލައިގެ ޖީއެން ސައިކަލަށެވެ. އޭގެ ފަހަތު ނަންބޯޑުގެ ވާތްފަރާތު ކަން ވަނީ ބިންދައިގެން ގޮސްފައެވެ. އެ ކަނެއް ނެތެވެ. އަދި ތިން ހައެއްގެ އަގުބޮޑު ނަލަ ނަންބޯޑުގައި އެއްވެސް ނަލަ ކަމެއް ވެސް ނެތެވެ.
ސައިކަލުގެ ފަހަތު ހަންފަޅައިގެން ގޮސްފައިހުރިކަން ސައީރަށް ރޭކާލީ ހިސާބަކަށް ދެވުނު ފަހުންނެވެ. ސައިކަލުން ފޭބިގޮތަށް މޫނުކުނިވެއްޖެއެވެ. ޕާކިން ޒޯނަކަށް ސައިކަލް ޖަހާލުމަށް ފަހު އަވަސްއަވަހަށް ގޮސް އޭނާ ދެން ނުކުތީ މަޖީދީމަގަށެވެ. ޓެކްސީއަކަށް އަތް ނަގައިގެން ހުރެ އަތުކުރީގައި އޮތް ރިހި ކަމަރުލީ ގަޑިއަށް ބަލައިލެވުނެވެ. މިހާރު ވެސް މާ ލަސްވެއްޖެއެވެ.
ފޯނު ރިންގުވެގަތެވެ. އެ ގުޅަނީ ލޭންޑްލައިނަކުންނެވެ. އެކަމަކު އެއީ އޮފީސް ނަމްބަރެއް ނޫނެވެ. ހީވަނީ ރަށު ނަމްބަރެއް ހެންނެވެ. ނަގާނެ ކަމެއް ނެތެވެ. އެހެން ނޫނަސް އެ ކޯލަކަށް ވަގުތެއް ވެސް ނެތެވެ.
ފޯނު ބިޒީކޮށް ޖީބަށްލިތަނުން ސައީރަށް ޓެކްސީއެއް ލިބިއްޖެއެވެ. އެކަމަކު ޖޮބް އިންޓަވިއު އިން އޭނާ މިފަހަރު ވެސް ފާސްވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އެންމެ ފުރަތަމަ ކަމަކަށް، ގަޑިއަށް ތަނަކަށް ނުދެވޭ މީހަކަށް ބަޔަކު ދޭނީ ކޮން ވަޒީފާއެއް ހެއްޔެވެ؟ ތިމާ މިއީ މާ މޮޅު މީހެއް ކަމަށް އަމިއްލަ އަށް ގަބޫލުކުރެވުނަސް ތިމާގެ ހިދުމަތް ބޭނުންވެގެން އުޅެނީ ކާކު ހެއްޔެވެ؟ އަދަބެއް ސަދަބެއް އަހުލާގެއް ނެތް މީހަކީ އަބަދުވެސް އެކަނިވެރިއެކެވެ. ތިޔަ ފޯނަކަށް ވެސް ގުޅާނެ މީހަކު ނެތެވެ.
ކޮވިޑް ތެރޭގައި ވަޒީފާ ގެއްލުނީއެވެ. ހުރި ވިޔަނުދާ ނޭއްދާރު ދިރިއުޅުމާ ހެދި އެންމެފަހުން އެކުވެރިން ގެއްލުނީއެވެ.
އަގުބޮޑު ފޯނާއި އަތުކުރި ގަޑި އާއި ސައިކަލުގައި ކީއްކުރާ ނަލަ ނަމްބަރު ބޯޑެއް ހެއްޔެވެ؟ މާއްދީ ތައައްސުބަށް ގޮސް ގެއްލޭ މީހާ އަކީ އަބަދުވެސް ބަދުނަސީބުވެރިއެކެވެ. އަބާއްޖަވެރިއެކެވެ. އެމީހެއްގެ ދިރިއުޅުމަކީ ކެއްސެކެވެ. ބައްޕަ ދިން އޭގެ އެއްވެސް ނަސޭހަތެއް ދުވަހަކުވެސް ސައީރަކަށް މުހިންމެއް ނުވިއެވެ.
ޖޮބް އިންޓަވިއު ނިންމާލާފައި ނުކުމެ ސިނގިރޭޓެއް ނަގައި ތުނބުގައި ޖަހައި ލައިޓަރު އަޅައި ރޯކޮށްލި ވަގުތު ސައީރުގެ ލޮލުގައި އަނެއްކާވެސް އަޅައިގަތީ އޭނާގެ ނިޔަފަތިތަކުގައި ހެދިފައިވީ ލައްތަކެވެ.
"މިއީ ކޮން އާފާތެއްގެ އަލާމާތެއް ހެއްޔެވެ؟"
ކަޅު ލައް ޖެހި ނިޔަފަތިތަކާ ދިމާލަށް ބަލަން ހުރެފައި ސިނގިރޭޓު ރޯކޮށް ސައީރު ދުންގަނޑެއް އަރުވާލިއެވެ. އެވަގުތު އަނެއްކާވެސް ފޯނު ރިންގުވެގަތެވެ.
ސިނގިރޭޓަށް ދަމައި ދުންގަނޑެއް ބޯލުމަށް ފަހު ޖީބުގައި އޮތް އައިފޯނު ނަގައި ބަލައިލިއެވެ. ކާކުގެ ކޯލެއްކަން އެނގުމުން ކޮށިއަރައިގަތެވެ. އުޅޭ ހާލެއް ބަލައިލަން ދުވަހަކުވެސް ނުގުޅާ މީހަކު ގުޅުމުން ކޮށިއަރައިފާނެއެވެ. އަދި އަރައިގަތް ކޮށިގަނޑުން ނުނެއްޓި، ދެ ހިޔާލެއްގެ ދެމެދުގައި ތެޅެމުން ދަނިކޮށް އެ ކޯލު މިސްވީއެވެ.
އެއަށް ފަހު އަނެއްކާވެސް ހަމަ އެ ނަމްބަރުން ގުޅަން ފަށައިފިއެވެ. އެއީ ސައީރުގެ އެންމެ ދޮށީ ބޭބެއެވެ. ދުވަހަކުވެސް ހާލު ބަލައިލަން ގުޅި މީހެއް ނޫނެވެ.
"ދެން މިއޮތް ފީކަޅާ ދުވަހު މިހާ ފީކަޅާ މީހަކު މަށަށް މި ގުޅަނީ ކީއްކުރަން ހެއްޔެވެ؟"
"މަށެއް ނޫޅެމެވެ."
ފޯނު ބިޒީކޮށްލުމަށް ފަހު ޖީބަށްލީތަނުން އަނެއްކާވެސް ރިންގުވެގަތެވެ.
"މިފަހަރު ކާކު ހެއްޔެވެ؟"
ދޮންތައެވެ. ދޮންއަމަޔަކަށް ވުރެން ވެސް ނުބައި ނުލަފާ އަންހެނެކެވެ.
"މާތްކަލާކޯއެވެ. މި އެންމެނަށް ވެގެން މި އުޅެނީ ކީއް ހެއްޔެވެ؟"
'މަގޭ ދުވަސް މިއަށް ވުރެން ދެން އިތުރަށް ދުވަހަކުވެސް ގޯސްވެދާނެ ހެއްޔެވެ؟"
ދޮންތަގެ ފޯނެއް ވެސް ސައީރު ނުނެގިއެވެ. އެކަމަކު ދެން ވެސް އޭނާގެ އައިފޯނަކަށް ނޭވާ ނުލެވުނެވެ. ޒަމާން މޮޅުވެ ކިތަންމެ އޮމާންވެފައިވިޔަސް އަމިއްލަ އާއިލާގައި އެފަދަ އޮމާން އަމާންކަމެއް ދުވަހަކުވެސް ނެތީމަ ވާނީ މިހެންނެވެ. އާއިލާގައި ދޮށްޓަށް ތިބިއްޔާ ތިބިހާ ބަޔަކު ފުލުފުލުގައި އޭނާ އަށް ގުޅަން ފަށައިފިއެވެ. މަންމަ ދުނިޔޭގައި ނެތްކަން އަދި ނަސީބެކެވެ.
"ބަލަ މެސެޖެއްކޮށްލަންވީ ނޫންހެއްޔެވެ؟"
"މެސެޖަކުން ނުބުނެވޭ ވަރަށް ވުރެ ބޮޑު ކޮން ވާހަކައެއް ހެއްޔެވެ؟"
އެކަމަކު އެއްވެސް މީހަކު އެ މެސެޖެއް ނުކުރިއެވެ. އެހެން ނޫނަސް، 'ފެމިލީ ވައިބާ ގްރޫޕް' ގައި ދިރިނޫޅޭ މީހަކަށް ފެންނާނީ ވެސް ކޮން މެސެޖެއް ހެއްޔެވެ؟
އަނެއްކާވެސް އެންމެން ގުޅަން ފަށައިފިއެވެ. އެކަމަކު މިފަހަރަކު ބުރު ހަމަނުވަނީސް ފޯނު ނިވިއްޖެއެވެ.
"ނަސީބެކެވެ."
ސައީރުގެ ހިތަށް އެރީ މިހެންނެވެ. އެއަށް ފަހު އަނެއްކާވެސް ނިކަން ގަދަ އަށް ސިނގިރޭޓަށް ދަމާލިއެވެ. ދުމާއި ދުންފަތުގެ ދިލައިން ހީވީ އަރުތެރެ އަށް ވިރުވައި އެޅިހެންނެވެ. އަދި ކުރިއަށް އަޅައިލި ފިޔަވަޅާއެކު ދެން ހީވީ ބިންގަނޑު ތެރެޔަށް އޭނާ ދަމައިގަތް ހެނެވެ. މަގުމަތީގައި އަތުރާފައި ހުރި ކޮންކްރީޓުގެ ހަރު ގާތަކާއި ހިލަ އާއި ވެލީގެ ތެރެއިން ދަމައި ކޫއްތަމުން ހަތަރެސްފައިން ހަންމަށަމުން ލޭ ކޮށަމުން ގެންގޮސް ގުޅައަކަށް އެއްލައިލެވުނީ އެއްކަހަލަ ކަށްވަޅު ތެރެއަށެވެ.
"އަހަންނަށް މި ހުވަފެނެއް އަބަދު މި ފެންނަނީ ކީއްވެގެން ހެއްޔެވެ؟"
"ނުވަތަ މިއީ އަމުދަކުން ހުވަފެނެއް ހެއްޔެވެ؟"



