ހަރު ފިޔަވަޅުތަކެއްގައި ސައީރު ގޮސް ކޮޓަރިއަށް ވަންތަން ބަދިގެ ތެރޭގައި ހެލިފެލިވެ އުޅުނު ޒުހުރާ އަށް ފެނުނެވެ. ނަމަވެސް ސައީރު އުޅޭނުޅޭ ގޮތެއް ބަލަން ޒުހުރާއަކަށް ވަގުތެއް ނެތެވެ. އިރުއޮއްސުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމާލާފައި ގެއަށް ދިއުމަށް އޭނާ އުޅުނީ އަވަދިނެތިއެވެ.

ކޮޓަރި ތެރެއަށް ވަދެގެން ދިޔަ ގޮތަށް އެނދުމަތީގައި އަޅާފައި އޮތް ބަރުގޮދަޑިގަނޑު ނަގައި ސައީރު އެއްފަރާތަކަށް ކޮއްޕައި ވައްޓާލިއެވެ. އެނދުމަތީގައި އަޅާފައި އޮތް ބޯ ފިލައިގައި ހެދިފައި ހުރި ލޯވަޅެއްގެ ތެރެއިން އެވަގުތު ނުކުތީ ގޮށްމުށެއް ވަރަށް ބޮޑުވެފައި އޮތް ފައިދިގުމަކުނެކެވެ. އޭގެ ބުރަކައްޓަށް އަރައި ތިބި ދަރިންގެ އަދަދު ގުނައި އަދަދުކުރަން އުނދަގުލެވެ. ފައިތައް ހުޅުވައި ސައީރާ ދިމާލަށް ބަލަހައްޓައިގެން އޮވެފައި ދަރިންފަތި ގޮވައިގެން ފިލަން ދުއްވައިގަތެވެ. ނަމަވެސް ބިންމަތީގައި ޖެހުނުއިރަށް ސައީރު ފުންމައިގެން ގޮސް ފައިން އަރައި، އަރައިގެން ހުރި ބޫޓުގެ ލެދަރު ހަންގަނޑުގެ ބާރުގައި އެ ސޫތްޕާއި އޭގެ ދަރިންތައް ޗިސްކޮށް އޮލަ ނަޖިސްގަނޑަކަށް ހަދާލިއެވެ.

އެއްފަރާތަށް ވައްޓާލާފައި އޮތް ގޮދަޑީގައި ހިފަން އެނބުރިގަތް ވަގުތު ސައީރުގެ ލޮލުގައި އަޅައިގަތީ އެނދުގެ ތަންދޮށަށް ވާހެން ހަދާފައިވާ ވަތްގަނޑެކެވެ. ނަމަވެސް އޭގައި ހުރީ ތަޅުލައިފައެވެ. އެކަމަކު އެނދުމަތީގައި އަޅާފައި އެ އޮތް ފިލާ ހަލާކުކޮށްލައިފި ނަމަ ވަތްގަނޑު ތެރޭގައި ހުރި އެއްޗެހިތައް ވަރަށް ފަސޭހައިން އަތުޖެހޭނެއެވެ.

"މިއީ ކޮން މޮޔައެއްގެ ތިޖޫރީއެއް ހެއްޔެވެ؟"   

މޮހޮރު ޖަހައި އެނދުމަތީގައި ހަރުކޮށްފައި އޮތް ފިލާގަނޑުގައި ދަގަނޑު ދަތިގަނޑެއް އަޅުވައި ސައީރު އެ ފިލާގަނޑުގެ ކަނަކުން ފެލައި އިރާލިއެވެ. މަޅުތައް ފެންނަވަރަށެވެ. އެއަށް ފަހު އަނެއް ދިމާލެއްގައި ދަތިގަނޑު އަޅުވައި ހިފާލުމާ އެކު ފިލާގަނޑު އެއްކޮށް ދޫވެއްޖެއެވެ. އެކަމަކު މަޅުގެ ގޮތުގައި އަޅާފައިވާ ފިލާބުރިތަކުގެ އަޑިން ފެންނަން ހުރި ވަތްގަނޑު ދެން ވެސް އަތުގައި ޖެހޭ ގޮތެއް ނުވިއެވެ. އޭގެ ތެރޭގައި ހުރި އެއްޗެއް ފެންނަވަރެއް ވެސް ނުވިއެވެ.

އެ ވަތްގަނޑު އެތަނުން ދަމައިގަނެވުނުއިރު އެނދު އޮތީ އެއްކޮށް ރޫޅި ހަލާކުވެފައެވެ. އެކަމަކު ސައީރުގެ އެއްވެސް ފަރުވާލެއް ނެތެވެ. އެ މުޑުދާރު އެނދު މިހާރު އެ އޮތީ އޭނާ ބޭނުންވެގެން އުޅުނު ގޮތަށެވެ.

ވަތްގަނޑު ހަލާކުކޮށް ހުޅުވައިލުމުން އެންމެ ފުރަތަމަ ވެސް އޭގެ ތެރެއިން ފެނުނީ ދޮންވެ ރަންކުލަ އަރާފައިވާ ކުންނާރުތަކެއްހެން ހީވާ މުތްތަކެކެވެ. އެތެރޭގައި އަޅާފައި އޮތް ރަތްތަގައްލާ ފޮތިގަނޑެއްގެ މަތީގައި ނަށައި ކޮޅުކޮޅަށް ދުވަމުން ނަށަމުން ގޮސް އެންމެފަހުން ހުއްޓުނީ އެއްތަނަކަށެވެ. އެ މުތްތަކުގައި އޮފުކަމަކާއި ބެބުޅުމެއްވެއެވެ. އެއީ ނާގުހަރުފައިގެ މުތްތަކެވެ. އޭގެ ހަ މުތެވެ. އެއްކަލަ ފަޅު ގިފިލި ތެރެއިން އީސާފިކުރީ ހޮވި ހަރުފަ މުތްތަކެވެ.

"އެހެންކަމުގައި ވަނީ ނަމަ މިއީ ބައްޕަގެ ސިއްރުތައް ވަޅުލާފައިވާ ފޮއްޓެކެވެ."

"އެކަމަކު މީހެއްގެ ސިއްރުތައް އެމީހެއްގެ އިޒުނައާ ނުލައި ހާވައި ބަލަން ހެޔޮވާނެ ހެއްޔެވެ؟"

ރަތްތަގައްލާ ފޮތިގަނޑާއެކު މުތްތައް ނަގައި އެ ފޮތިގަނޑުގެ ތެރޭގައި މުތްތައް ފޮރުވައި ސައީރު ލީ ޖީބަށެވެ. އެއަށް ފަހު ދެން ނެގީ އެ ވަތްގަނޑުގެ ދެ ވަނަ ފިލައެވެ. އެއީ ބައި ބަޔަށް ބަހައިގެން ފަރުމާކޮށްފައިވާ ވަތްގަނޑެކެވެ. އެގޮތަށް ތިން ބަޔަކަށް އެ ވަތްގަނޑު ބެހިގެންވެއެވެ.

އެންމެ މަތީގައި ހުރި ހަރުފަ މުތްތަކެވެ. ދެ ވަނަ އަށް އޮތް ފިލާ ނަގައި ސައީރު އެތެރެއަށް ބޯދިއްކޮށްލުމުން ފެނުނީ ހައިވަރަކު ފިލާ ބަނޑޭރިގަނޑުގައި ލައި ކަނޑައިނެގި ކުރެހުން އަޅާފައިވާ ކަޅުކުލައިގެ ފޮތެވެ. އެންމެ ވައްތަރީ އަކުރު ބޮޑު، ބޮޑު ހަތިމަކާއެވެ. އެކަމަކު ބޭރުގައި އަޅާފައިވާ ކުރެހުންތަކުން ސިފަވެގެން އަންނަނީ ހަ ދަޅު ފެޅި، މޮށްގަނޑުޖެހި ދިގުކެހެރިލީ ސިފަ ހުތުރު ހައިވާނެކެވެ. 

ބިންމަތީގައި ރަނގަޅަށް ހަމަޖެހިލައި ސައީރު އެ ފޮތް ނަގައި ހުޅުވާލިއެވެ. އެއީ ދިވެސްއަކުރުން ލިޔެފައިވާ، އޭގެ ގަނޑުތައް ތުނި ފިލާތަކެއްހެން ހީވާ ފޮތެކެވެ. ވާތުން ކަނާތަށް އެ ގަނޑުތަކުގައި ލިޔެފައިވާ އެއްޗެއް ސައީރަކަށް ފަހުމެއް ނުވެއެވެ. އެކަމަކު ގަނޑުތައް އުކަމުން ދިޔަ ވަރަކަށް ދެން ފެންނަން ފެށި ކުރެހުންތަކުން އޭނާ އަށް ކޮންމެވެސް ކަހަލަ މާނައެއް ދޭހަވާން ފެށިއެވެ.

ދެން ފެންނަން ފެށީ އޭނާގެ އަތުގެ ނިޔަފަތިތަކުގައި އުފެދިފައިވާ ލައްތަކުން ހެދިފައިވާ ކުރެހުންތަކާ އެއްގޮތް ކުރެހުންތަކެކެވެ. އެ ކުރެހުންތަކުން ފެންނަ އަތުގެ އިނގިލިތަކުގައި ވެސް ހެދިފައި ވަނީ ސައީރުގެ ނިޔަފަތިތަކުގައި ހެދިފައިވާ ކަހަލަ ލަފުތަކެކެވެ. އަދި ދިގުކެހެރި ފަޅައި ހުތުރުވެފައިވާ ދެ އަތެވެ.

އެ ކުރެހުންތަކާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ސައީރު ކުއްލިއަކަށް އެ ފޮތް ލައްޕާލިއެވެ. އަދި ބޭރުގަނޑުގައި ކަނޑައިނަގައި ކުރެހުން އަޅާފައިވާ ދަޅުފެޅި ހައިވާނުގެ ދެ ލޮލާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި އެ ފޮތް ބިންމަތީގައި ބޭއްވުމަށް ފަހު އަނެއްކާވެސް ވަތްގަނޑާ ދިމާލަށް ގުދުވެ އޭނާ ނެގީ އޭގެ އަނެއް ފިލާގަނޑެވެ. އެބައި ހުޅުވާލުމުން ފެނުނީ ބަންދުކޮށްފައި އޮތް ސިޓީ އުރައެކެވެ. އެއީ އީސާފިކުރީގެ ސިއްކަޖަހައި ބަންދުކޮށްފައި އޮތް ހުދުކުލައިގެ ބޮޑު ސިޓީއުރައެކެވެ.

ސިޓީއުރަ ނަގައި ކަނޑާލަން ފަރިވެލި ވަގުތު ގޭތެރެއިން އިވުނީ އަންހެނަކު ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑެވެ. ރުއިމުގެ އެ އަޑުފަށްގަނޑާއެކު ސައީރު ތެދުވެ ތެޅެމުންފޮޅެމުން އެ ދިމާލަށް ހަރުކޮށް ހެލިގަތެވެ. ބައްޕަގެ ސިއްކަ ޖެހި ސިޓީއުރަ ފަށްޖަހައި ލައިގެން ހުރި ޖިންސުގެ ފަހަތު ޖީބަކަށް ކޮށްޕާލިއެވެ.

އަންހެނަކު ރޮމުން އެ ގެންދަނީ ބައްޕަ ބައްވާފައި އޮތް ސައީރުގެ ކޮޓަރި ތެރެއިންނެވެ. އެ ކޮޓަރީގެ ދޮރު ހުރީ ތަންމިނަށް ހުޅުވައިފައެވެ. ރޮއި ހަޅޭލައްވަމުން ގެންދިޔައީ ބަދިގެ ތެރޭގައި މީގެ އިރުގަނޑެއް ކުރިން ކައްކަން އުޅުނު ޒުހުރާއެވެ. ކޮޓަރީގެ ދޮރުމަތީގައި ހުއްޓި ހުރެ އޭނާ ރޮމުންދިޔައިރު ހީވަނީ ކޮޓަރި ތެރެއިން ބިރެއް ފެނިގެން ހަދާނެ ގޮތް ހުސްވެގެން އުޅޭހެންނެވެ.

ކުރު ފިޔަވަޅުތަކެއްގައި ސައީރު ގޮސް އެތެރެއަށް ވަންއިރު އޭނާގެ ބައްޕަ އޮތީ އެނދުކައިރިއަށް ވެއްޓިފައެވެ. ހޮޑާއި ލެއިން ތަތްތެޅި މަރަށް ތެޅެނީއެވެ. ކުރިމަތީގައި ހުރި ޒުހުރާ ކޮށްޕާލާފައި ފުންމައިގެން ގޮސް ޖެހުނު ގޮތަށް ސައީރު ވެސް އޭނާގެ ބައްޕަ ކައިރިއަށް ވެއްޓިއްޖެއެވެ. ހޮޑާއި ލެޔަށް އަރައި ކަހާލައިގެންނެވެ. އެވަގުތު ހިސް އަޑު ގޮށްވަމުން އެނދުގެ އަނެއް ފަޅިން ފުންމައިގެން އައިސް އެނދު މައްޗަށް އެރީ ކަޅުކުލައިގެ ބޮޑު ސިންގާ ނާގުހަރުފައެކެވެ. އޭތީގެ ފަހަތުން ހަމަ އެވަރުގެ އިތުރު ހަތަރު ހަރުފަ ބިންމަތިން ދެމިގެން އައިސް އެނދު މައްޗަށް އަރި ސައީރުއާ ދިމާކޮށްލިއެވެ.

"މިއީ އަސްލެއް ނޫނެވެ."

"މިއީ ހަމައެކަނި އަހަރެންގެ ލޯ މައްޗަށް ފައުޅުވާ ބިރެކެވެ."

"އެއްވެސް އަސްލެއް ނެތް ބިރުވެރި ހުވަފެނެކެވެ."

ސައީރުގެ ހިތަށް އެރީ މިހެންނެވެ. އޭނާ ހީކުރީ އެއީ ހަމަ އަސްލަށް ވެސް އެއްވެސް އަސްލެއް ނެތް ބިލާހެއް ކަމަށެވެ. އެކަމަކު ހަރުފަތައް އެނދު މައްޗަށް އަރައި ސައީރު އާއި އޭނާގެ ބައްޕައާ ދިމާކޮށްލި މަންޒަރު ފެނުމުން ޒުހުރާ އެތަން ދޫކޮށް ދުއްވައިގަތީ ބޯޖެހިތާ ނަގޫ ޖަހައި، ފުރާނަ ދެ އަތްމައްޗަށް ލައިގެންނެވެ.

ޒުހުރާ ގޮސް ގެއްލުމުން ސައީރު އަނެއްކާވެސް އެނބުރުނީ އެނދުމަތިން ދެމެމުން އޭނާއާ ދިމާލަށް އައި ހަރުފަތަކަށެވެ. އެއާއެކު ކުޑައިރުގެ އެންމެ ބިރުވެރި ހަނދާންތައް އޭނާ ވަށަލައި ނޭވާހާސްކޮށްގަތެވެ. އެ ހަރުފަތަކުގެ ކިބައިން ސަލާމަތްވުމަށް ތެޅިގަނެވުނެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ބައްޕަގެ އެ އަތުގައި ހިފައި ކޮޓަރިން ބޭރަށް ނެރެން ދަމައިގަތެވެ. އެވަގުތު ސައީރުގެ ލޮލުގައި އަޅައިގަތީ އޭނާ ލައިގެން ހުރި ޖިންސުގެ ކުރިމަތީ ޖީބު ތެރެއަށްލައި ފޮރުވި ރަތްތަގައްލާ ފޮތިގަނޑު ގަދަ ރަތްކުލައަކުން ދިއްލި ޖީބު ތެރެއިން އޭގެ އަލިގަދަ ދޯދިތައް ނުކުމެފައިވީތަނެވެ.

ބައްޕަގެ އަތުން އަތް ދޫކޮށްލިއެވެ. އެއަށް ފަހު ޖީބުތެރެއިން އޭނާ ނެގީ ފަލައުއިން ވިޔެފައި އޮތް ރުމާލެއްހެން ހީވާ އެ ފޮތިގަނޑެވެ. ދިއްލިފައި ވަނީ ފޮތިގަނޑެއް ނޫނެވެ. ގަދަ އަލިން ދިއްލިފައި އެ ވަނީ ފޮތިގަނޑު ތެރޭގައިވީ ހަރުފަމުތްތަކެވެ. އެ އައްޔާއި މަންޒަރު ފެނުމުން އެނދުމަތީގައި ތިބި ހަރުފަތަކަށް ތަންކޮޅެއް ވެސް ކުރިއަށް ޖެހިލާކަށް ދެނެއް ނުކެރުނެވެ.

އެވަގުތު ފޮތިގަނޑު ތެރެއިން އެ މުތްތައް ނަގައި ސައީރު މުށުތެރެއަށް ލިއެވެ. އޭނާގެ ކަނާތަށެވެ. އެއާއެކު ދެން ހީވީ އެ މުތްތަކުގެ ތެރެއިން އަލިގަނޑެއް ފަޅައިގެން ދިޔަހެންނެވެ. ދިއްލި ހުދުގަދަ އަލިގަނޑާއެކު އެ މުތްތައް ހިމުން ޒާތެއްގެ ވެއްޔަކަށް ބަދަލުވެ ދިރޭ ރަހަހެން މުށުތެރޭގައި ދެމިގަތެވެ. ސައީރު މަޑުމަޑުން އެ މުށް ހުޅުވާލިއިރު އެ ހިމުން އެތިކޮޅުތަކަށް އިނގިލިތަކުގެ ކުރިއަށް ވަދެ ގެއްލިއްޖެއެވެ. އަދި އެއާއެކު އެ އަތުގެ އިނގިލިތައް ގަދަރަތްކުލައިން ދިއްލި ރަންކުލައިގެ ވިދުވަރަކާއެކު ދޯދިތަކެއް އިނގިލިތަކުގެ ކުރިން ނުކުމެއްޖެއެވެ.

ނާގުހަރުފަތައް ބިރުން އެތަން ދޫކޮށް ކުޑަދޮރާ ދިމާލަށް ދުއްވައިގަތެވެ. އަދި އެ ބިޔަ ހަރުފަތައް އެތަނުން ގެއްލެން ހިނދުކޮޅެއް ވެސް ނުނެގިއެވެ.

ސިއްސައިގެން ގޮސް ހޭލެވުނުއިރު ސައީރު އޮތީ ހޮސްޕިޓަލްގެ އެނދެއްގައެވެ. އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ފޯނާ ކުޅެން އިނީ ޒުހުރާއެވެ. އޭނާގެ މޫނުމަތީގައި ކަންބޮޑުވުމެއް ނެތެވެ. އޭގެ އެއްވެސް އަލާމާތެއް ވެސް ނެތެވެ.

"އެހެންވީމަ މިއީ ހުވަފެނެކެވެ."

"ނޫނެކެވެ. އެއީ ހުވަފެނެކެވެ."

ސައީރު ފުންމައިގެން ތެދުވުމުން ޒުހުރާ ދިޔައީ ސިހިގެންނެވެ. އޭނާ އަވަސްއަވަހަށް ފޯނު އަތްދަބަސް ތެރެއަށް ލައި ގޮނޑިން ތެދުވިއްޖެއެވެ. އަދި ވީގޮތް ވަރަށް ކުރުކޮށް ކިޔައިދިނެވެ.

ކައްކައި ނިމިގެން ޒުހުރާ ގެއަށް ދިޔައިރު ވެސް ސައީރު އާއި އީސާފިކުރީ ތިބީ ކޮޓަރި ތެރޭގައެވެ. އީސާފިކުރީ ތުނބުން ރީތި ރާގެއް ފުމެން އޮތްއިރު ސައީރު އިނީ އެނދުކައިރީގައި ގޮނޑިއެއް އަޅައިގެން ވަރަށް ބޯފޮތެއް ކިޔާށެވެ.

އޭގެ ދެ ތިން ގަޑިއިރު ފަހުން އިރުއޮއްސި އަނދިރިވެއްޖެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރަން ޒުހުރާ ގެއަށް އެނބުރި ދިޔައިރު މުޅި ގެ އޮތީ އަނދިރިކަމެއްގެ ތެރެއަށް ދަމައިގެންފައެވެ. ފަހަރަކު ބޮއްކެއް ދިއްލަމުން އެތެރެއަށް ވަދެގެން ދަނިކޮށް އޭނާ އަށް ދެން ފެނުނީ ސައީރު އާއި އީސާފިކުރީ ކޮޓަރި ތެރެއަށް ވެއްޓިފައި ތިއްބައެވެ. ވަގުތުން އެމްބިއުލާންސަކަށް ގުޅައިގެން ދެ މީހުން ވެސް ދެން ގެންދިޔައީ ހޮސްޕިޓަލަށެވެ.

"ބައްޕަގެ ހާލު ވަރަށް ވެސް ގޯހެވެ."

"އަދިވެސް ހެޔެއް ނާރައެވެ."

"މިހާރު އޮތީ ވެސް އައިސީޔޫގައެވެ."

"ވެންޓިލޭޓަރުގައެވެ."

ޒުހުރާ އެ ވާހަކަތައް ކިޔައިދިނުމުން ސައީރު ބޭނުންވީ އެނދުން ތެދުވެ ބައްޕަ ހޯދަން ދުއްވައިގަންނާށެވެ. ޒުހުރާ ދެއްކި އެއްވެސް ވާހަކައެއް ގަބޫލުކުރަން ބޭނުމެއް ނުވިއެވެ. އެކަމަކު ދެ ފަޔަކު އަދިވެސް ބާރެއް ނެތެވެ. ގައިން ވަރު ދޫވެ ލޯ މައްޗަށް އަނެއްކާވެސް ފުސްވެގަތެވެ. ދެންވީ ގޮތެއް ސައީރަކަށް ނޭނގުނެވެ.

އޭނާ އަށް ހޭލެވުނީ އޭގެ ބަރާބަރު ހަ ދުވަސް ފަހުންނެވެ. އީސާފިކުރީ މަރުވެގެން ވަޅުލިތާ ތިން ދުވަސް ފަހުންނެވެ. ހޭލެވުނުއިރު ސައީރު މިފަހަރު އޮތީ އޭނާގެ ބައްޕަގެ ގޭގައެވެ. އޭނާގެ އަމިއްލަ ކޮޓަރީގައެވެ. ހޭވެރިކަންވެ ލޯ ހުޅުވައިލުމުން އެންމެ ފުރަތަމަ ފެނުނީ ފުސް މަންޒަރެކެވެ. އޭރު އެނދު ވަށާލައިގެން އެތަނުގައި ބަޔަކު ތިބިހެން ހީވެއެވެ. އެމީހުން ފެންނަނީ ހިޔަނިތަކެއްގެ ސިފައިގައެވެ. ނުވަތަ ދިރޭ ހަރުފަތަކެއްގެ ސިފައިގައެވެ. 

ދެ ލޯ އަތުން ފޮހެލައި ސައީރު ރަނގަޅަށް އެ ދެ ލޯ ހުޅުވާލިއެވެ. މަންޒަރު މިހާރު އެއްކޮށް ސާފެވެ. ކޮޓަރި ތެރޭގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ނުބައި ޒާތަކަށް ހިނިއައިސް އެ ތިބީ އޭނާގެ އެއްބަނޑުއެއްބަފާ ފަސް ބެއިންނެވެ. އެމީހުން ފެނުމުން ސައީރު ބިރުން ތެޅިގަތެވެ. ވަކިން ހާއްސަކޮށް އެތަނުން ދޮންބެ ފެނުމުން މޭގަނޑުއަގަޔަށް އައެވެ.

"އަހަރެމެން މިއީ ހުސް ހަރާފާއިންނެވެ."

"އެކަމަކު ކަލޭ ތިޔައީ ކާކު ހެއްޔެވެ؟"

"ކަލޭ ތިޔައީ ބައްޕަގެ އައުލާދެއް ވެސް ނޫނެވެ."

އެނދު ކައިރިއަށް އައިސް ދޮންބެ އެތަނުގައި އިށީނެވެ. އަދި ސައީރުގެ ފިނިވެފައިވާ ދެ އަތް ނަގައި އޭނާގެ ނިޔަފަތިތަކުގައިވީ ލައްތަކާ ދިމާލަށް ނިކަން ރަނގަޅަށް ބަލައިލިއެވެ. ބިރުން ސައީރު ކުއްލިއަކަށް ދެ އަތް ދަމައިގަތެވެ.

"އާނއެކެވެ. އަހަރެން މިއީ ކާކު ހެއްޔެވެ؟"

"އަދި ކަލޭމެން ތިއީ ކޮން ބައެއް ހެއްޔެވެ؟"

މިއީ ހުވަފެނެއް ނޫންކަން ސައީރަށް މިހާރު ޔަގީނެވެ.