އީސާފިކުރީ ގެނައި ދުވަހުން ފެށިގެން ޑޮކްޓަރުން އޮތީ އުއްމީދު ކަނޑާލައިފައެވެ. އެކަމަކު ސިކުނޑި މަރުވެފައި އޮތް އުމުރުން 85 އަހަރުގެ އެ ބެއްޔާ މިހާރު އެ އިނީ ފެންނަފެނުމަށް އޭނާގެ އެންމެ ހަގު ދަރި އާއި އެތަނުގައި ތިބި ޑޮކްޓަރުންގެ ޓީމަށް ވުރެ ވެސް ގަދަކޮށެވެ.
އަޖާއިބަކަށް ނުވާ ނަމަ މިއީ ބޮޑުވެގެންވާ މުއުޖިޒާތެކެވެ. މުއުޖިޒާތަކަށް ނުވާ ނަމަ ކަރާމާތެކެވެ.
އެކަމަކު އެ އީސާފިކުރީ، މަރުގެ ތުންފަތްމަތިން ދަމައިގެން ގެނެސް އާރޯކޮށް، ނޫކަށިފުރައިގެ ޖޯޝުގައި ކޮޅަށް ނަގައި ބެހެއްޓީ ސައީރުގެ އާދަޔާހިލާފު ބާރު ހެއްޔެވެ؟ އާގަމަ އަރައި ހުއްޓި، އީސާފިކުރީއާ ދިމާލަށް ބަލަހައްޓައިގެން އެހެރަ ޒުވާނާ އަކީ ހަމަ އަސްލަށް ވެސް ހަރާފާއެއް ހެއްޔެވެ؟
ބޭއިހްތިޔާރުގައި، ސައީރަށް އަނެއްކާވެސް ބަލައިލެވުނީ އޭނާގެ ދެ އަތާއި އެ އަތުގައިވީ ނިޔަފަތިތަކަށެވެ. ލަފުތަކަށެވެ. ދެން އަނެއްކާވެސް ބަލައިލެވުނީ ޑޮކްޓަރުންނާއި ނަރުހުންތައް ގޮސް ވަށާލައިގެން ތިބި އެނދުގައި އިން ބައްޕައާ ދިމާލަށެވެ. އެތަނުގައި ތިބި ތަޖުރިބާކާރުންނާއި އިލްމީ ސިކުނޑިތައް ވެސް އެ ތިބީ ކިޔާނެ އެއްޗެއް ނޭނގިފައެވެ.
އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އީސާފިކުރީ އެހައި ގަދަކޮށް، އެހައި އުފަލުގައި ހުއްޓައި ފެނުނު ހަނދާނެއް ސައީރުގެ ވެސް ނެތެވެ. މީގެ ބާރަ އަހަރު ފަހަތަށް ދިޔަޔަސް މިހައި އުފާވެރި އީސާފިކުރީއެއް ނުފެންނާނެއެވެ. އެކަމަކު އޭނާ ހީވަނީ މީގެ 27 އަހަރު ކުރިން ހަ ވަނަ ދަރިފުޅު ލިބިގެން އެ ދަރިފުޅު އުރާލައިގެން އުފަލުން ނަށަމުން ދިޔަ ދުވަހުގެ ޖޯޝާއި ފޯރިއަށް ގޮސް ރުޖޫއަވެފައި އިން މީހެއް ހެންނެވެ.
އެ ބައްޕައާ ސައީރު މި ދިމާވީ ލޮލަށް ނުފެންނަތާ ބަރާބަރު ބާރަ އަހަރު ފަހުންނެވެ. އެކަމަކު އެ އަދަދު އޭނާއަކަށް މިއަދު މުހިންމެއް ނޫނެވެ. ސައީރުގެ ސިކުނޑި އުފައްދަމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. ނުވަތަ މި ހުރިހާ ސުވާލެކެވެ.
"އަހަރެން މިހާ ރުޅިއަންނަ، މިހާ ފޫހިވާ މީހެއްގެ ގާތަށް އެނބުރި އަންނަން އޮތީ ކޮން ސަބަބެއް ހެއްޔެވެ؟"
"ބަދަލުނުވެ އޮތް އަހަރެންގެ މި ހިތާއި ނަފުސާ ދެކޮޅަށް އަހަރެން ގެނެސް މިތަނުގައި ބެހެއްޓީ ކޮން ބާރެއް ހެއްޔެވެ؟"
"އަހަރެންގެ ހިތުގައި މި މުސްކުޅި މީހާއަކަށް އެއްވެސް ލޯތްބެއް ކުލުނެއް ގަދަރެއް ނުވެއެވެ."
"ދެން އަހަރެން މިތަނުގައި މިކުރަނީ ކީއް ހެއްޔެވެ؟"
"އަހަރެން ގުރުބާންކޮށް ލެއިން ލޭ އޮހޮރުވާލަން އުޅުނު މީހެއްގެ އިމަށް އެނބުރި އައުމުގައި ފޮރުވިފައިވާ މާނައަކީ ކޮބައި ހެއްޔެވެ؟"
"އަހަރެންގެ އެންމެ ޒުވާން ދުވަސްވަރުގައި އަނެއްކާވެސް މި ފުރޭތައިގެ އަޅަކަށް ބަދަލުވީ ތޯއްޗެވެ؟"
ކެކެމުން ބޮކިޖަހަމުން ދިޔަ ސިކުނޑި އުފެއްދީ ހުސް ސުވާލެވެ. އެކަމަކު ސައީރުގެ އަތުގައި އެއްވެސް ޖަވާބެއް ނެތެވެ. ބައްޕަ ގޮވައިގެން އެމްބިއުލާންސުގައި ހޮސްޕިޓަލުން ގެއަށް ދާން ދަތުރުކުރަމުންދިޔައިރު ސައީރުގެ ނަޒަރާއި ފިކުރުތައް ކުޑަދޮރުން ނުކުމެ އެނބުރެމުން ދިޔައީ ކަފަވިލާތައް ދުވަމުން ދިޔަ އުޑުމައްޗަށެވެ. އީސާފިކުރީ ބަލަހައްޓައިގެން އޮތީ އޭނާގެ އާދަޔާހިލާފު ދަރީގެ ހުއްޓިފައިވާ ހަރަކާތަށެވެ. އޭރު އެ ސޮރުގެ ކަނދުރާގެ ފަހަތަށް ޖަހާފައިވާ ޓެޓޫއެއްގެ ބައެއް އޭނާ އަށް ފެނެއެވެ. ފެންނަނީ ތިން ހަޔެކެވެ. ޓެޓޫގެ އަނެއްބައި ވަނީ ލައިގެން ހުރި ޓީޝާޓުން ނިވައުވެފައެވެ.
ވަޒީފާއެއް ނެތަސް ސައީރު މާލޭގައި ދިރިއުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އެކަނިވިޔަސް އުފަލުގައެވެ. ރައްޓެހިން ނެތަސް އުފަލުގައެވެ. އެކަނިވިޔަސް ފިނި ހިޔަލުގައެވެ. އަދި އެންމެ މުހިންމު ކަމަކަށް، ތިމާގެ އަމިއްލަ ޒަމީރުގެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައެވެ. ވަކިން ހާއްސަކޮށް، އޭނާގެ ދިރިއުޅުމަށް ވިހަލީ އެންމެންގެ ކިބައިން މިނިވަންގެ ގަދަވެ ސަލާމަތުންނެވެ. އޭނާގެ ފިޔަކޮށައި ބަންދުކުރަން މަސައްކަތްކުރި ބައްޕަގެ ކޮށިން ނުކުމެ އަމިއްލަ ނަފުސުގެ ބާރުހިނގާ ބޯހިޔާވަހިކަމެއްގައެވެ. އަބަދުވެސް އޮޅުވާލައި މަކަރު ހެދި މަންމަ ކޮށައިދިން މަގަށްވުރެ މާ ސީދާސާދާ މަގެއްގައެވެ. އަދި ކޮވިޑްގެ ސުންޕާ ބަލިމަޑުކަމުގެ ކުރިން މާ އުފަލުގައެވެ.
ސައީރުގެ ރަސްމީ ދާއިރާ އަދި ވަޒީފާގައި އޭނާ އަކީ ލިޔުންތެރިޔެކެވެ. ނޫސް މަޖައްލާތަކަށް ލިޔުނަސް ނޫސްވެރިއެއް ނޫނެވެ. އޭނާގެ އަމިއްލަ ސިފަކުރުމަކުން ނަމަ، 'އުފާވެރި ލިޔުންތެރިޔެކެވެ.' އުފާވެރި ވާހަކަތައް ކިޔުންތެރިންނަށް ގެނެސްދިން ލިޔުންތެރިޔެކެވެ. އެހެން މީހުންގެ ހިތާއި ނަފުސަށް އާރޯކަމާއި ފިނިކަމެއް ގެނެސްދިން ލިޔުންތެރިޔެކެވެ.
ނަމަވެސް އޭނާ އެންމެ ވާން ބޭނުންވީ ލިޔުންތެރިޔަކަށް ނޫނެވެ. ކުރެހުންތެރިޔަކަށެވެ. އެކަމަކު ކުރެހުމަކީ އަގީދާއާ ދުރު، އެއްވެސް އަގެއް ނެތް މަސައްކަތެކެވެ. ތަސްވީރާއި ސިފަ ކުރަހާ މީހާ އަކީ އެންމެ ބޮޑު އަބާއްޖަވެރިންގެ ތެރޭގައި ހިމެނިގެންދާނެ މީހެކެވެ. އެމީހާ ކުރަހާ ކުރެހުންތައް ވެސް އެމީހާ އަށް މަލާމާތްކުރާނެތެވެ. ޖަހަންނަމައިގެ އަލިފާނުގެ ދަރުބާރުތަކަށް އޭނާ ގެންދަން އެ ހިޔަނިތައް ވެސް ހެމުން ހެމުން އަންނާނެއެވެ. -- ރަށުތެރެއިން ބައްދަލުވި ބުއްދިވެރިން އަބަދުވެސް ދިން ނަސޭހަތަކީ މިއެވެ.
އެކަމަކު ލިޔުންތެރިކަން ވެގެންދިޔައީ ސައީރަށް ލިބިފައިވީ ހުނަރުތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހައިރާންކޮށްލި ސިފައަކަށެވެ. އަދި އެންމެން ބަލައިގަތް ސިފައެކެވެ. ވަކިން ހާއްސަކޮށް އޭނާގެ ލިޔުންތައް ގެނެސްދިން އުފާވެރިކަން ވެގެންދިޔައީ ގައުމުގައި ވެސް ތަދު އަދި އަގުބޮޑު ފިކުރީ މުދަލަކާއި ސިފައަކަށެވެ.
އެހެންކަމުން ލިޔުންތެރިއެއްގެ ގޮތުގައި ފަށައިގަތް ދަތުރުގައި އިސާހިތަކު ކުލަ ކާމިޔާބީއާ އަރައި ހަމަކުރެވިއްޖެއެވެ. އަދި އެންމެ ނޫހަކަށް ލިޔުމުގެ ބަދަލުގައި ސައީރަށް ދިޔައީ ހުރިހާ ނޫސް މަޖައްލާތަކަކުން ވެސް ފުރުސަތު ލިބެމުންނެވެ. އަދި ކާމިޔާބީގެ އެ ރިޔައު ކޮށިކުރަމުން ސައީރު ގެންދިޔައީ އުފާވެރި ވާހަކަތައް ހޯދުމަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރަމުންނެވެ.
އުފާވެރިކަމާއި މިނިވަންކަމާއި ފުރިހަމަކަން ދިރިއުޅުން ދުވަހަކުވެސް ނުދެކޭނެ ކަމަށް ގަބޫލުކޮށްގެން ހުރި ޒުވާނާ އެނބުރެމުން ދިޔައީ އެންމެ ފިނި ރޯޅީގައެވެ.
އެހެން އުޅެނިކޮށް ކުއްލިއަކަށް ވައި ބަދަލުވެއްޖެއެވެ. ދެން އައީ ކޮވިޑެވެ. މި މުސީބާތްވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުމުން އުފާވެރިކަން ޖަހައިގަނެ އެތައް ބަޔަކު ހިތާމައިގެ ކަނޑަކަށް ގަންބުވާލި ކާރިސާއަކަށެވެ. އެ ރޯގާގައި މީހުންގެ ނޭވާ ހާސްވެ ނޭވާ ކުރުވާން ފެށުމުން މީހުންގެ ތެރޭގައި އޮތް އުފާވެރިކަން އެއްކޮށް ފިލައިފިއެވެ. ހާސްވުމާއި ކަންބޮޑުވުމާއި ބިރުވެރިކަން އެންމެ އާންމު އިހުސާސްތަކަށް ބަދަލުވެއްޖެއެވެ. އުފާވެރި ޚަބަރެއް ނުލިބި އުފާވެރި ވާހަކަތައް ނިމުމަކަށް އަތުވެއްޖެއެވެ. އަދި މި ފުން ހިތާމައިން އުފާވެރި ވާހަކަ އުފައްދާނެ ގޮތެއް ސައީރަކަށް ވެސް ދެން ނޭނގުނެވެ. ނުވަތަ އޭނާ ގެނެސްދިން އުފާވެރި ވާހަކަތައް ކިޔަން ބޭނުންވި މީހަކު ވެސް ނެތެވެ. އަދި އުފާވެރި ވާހަކައެއް އޭނާއާ ހިއްސާކުރަން ބޭނުންވި މީހަކު ވެސް ނުވިއެވެ. ނުވަތަ އުފަލަކީ ކޮބައިކަން ވަކިކުރަން ނޭނގޭ ވަރަށް އެންމެންގެ ދިރިއުޅުން އޮޅުންބޮޅުންވީއެވެ.
އެ ހުރިހާ އެންމެން އެމީހުންގެ ހަޔާތުގައި އެއްކުރި ހުރިހާ އެއްޗެއް މަޑުމަޑުން ގޮސް އެ ރޯގާގެ ބިރުވެރިކަމާއި އަނދިރިކަމުގައި ތަތްވެ އެ މުސީބާތުގެ ތެރެއަށް ގެއްލެން ފަށައިފިއެވެ.
"މާއްދީ މި ދުނިޔެ އާއި އޭގެ އުފާވެރިކަމާއި ކުލަ އަކީ ހާދަ ވަގުތީ އެއްޗެކެވެ."
ވަޒީފާ ގެއްލި ސައީރުގެ އެއްވެސް ލިޔުމެއް ގަންނާނެ ބަޔަކު ނުވި ދުވަހު އޭނާގެ ހިތަށް އެރީ މިހެންނެވެ.
"އެކަމަކު އެންމެން ވެސް ދަހިވެތިވަނީ މި މާއްދީ ދުނިޔޭގެ ދަޅަތަކަށެވެ. ކޮންމެ މީހަކު ވެސް ވާން ބޭނުންވަނީ ކޮންމެވެސް ކަހަލަ ވެރިޔަކަށެވެ. ކޮންމެވެސް މާއްދީ އެއްޗެއްގެ ވެރިޔަކަށެވެ. ވިޔަފާރިއެއްގެ ވެރިޔަކަށެވެ. އަގުބޮޑު އިމާރާތެއްގެ ވެރިޔަކަށެވެ. އަގުބޮޑު ތަދު ޖަނަވާރާއި ކާރާއި ބޯޓާއި މުދަލުގެ ފައިސާވެރިޔަކަށެވެ."
"އެކަމަކު އެއީ ހަގީގީ އުފާވެރިކަމެއް ހެއްޔެވެ؟"
"މުދަލާއި މާއްދީ ތައައްސުބަކީ ހަގީގީ އުފާވެރިކަމެއް ނޫނެވެ."
"ތިމާ މީހާގެ އަމިއްލަ ނަފުސަށް ނެތް ލޯތްބަކާއި އިހުތިރާމަކާއި ގަދަރެއް ތިމާ ގެންގުޅޭ އެހެން އެއްޗަކަށް ދިނުމަކީ އުފާވެރިކަމެއް ނޫނެވެ."
"ތިމާގެ އަމިއްލަ ދިރިއުޅުމަށް ވާނެ ގޮތަކާ މެދު ވިސްނާ ފިކުރުކޮށްލަން ވަގުތު ނެތުމަކީ އުފާވެރިކަމެއް ނޫނެވެ."
"އުފާވެރިކަމަކަށް ވާން ޖެހޭނީ ތިމާގެ އަމިއްލަ ނަފުސުގެ ފުރިހަމަ ކޮންޓްރޯލާއި ބާރު ލިބުމެއް ނޫން ހެއްޔެވެ؟"
"ތިމާގެ އަޖަލު ޖެހި މި ބިންގަނޑުގެ ތެރެއަށް ދަމައިގަންނަ ހިނދު، ތިމާ އެއްކުރި މުދަލާއި ވެރިކުރި އެއްވެސް އެއްޗަކަށް ތިމާގެ ބޭނުމެއް ނުވެއެވެ. އެއިން އެއްވެސް އެއްޗެއް ތިމާ ބޭނުންވެގެނެއް ވެސް ނޫޅެއެވެ. ތިމާ ސަލާމަތްކޮށްދޭކަށް އަމުދަކުން ނޫޅޭނެތެވެ."
"އެކަމަކު ހަގީގަތަކީ މިއެއެވެ. އަބަދުވެސް ތިބާ ބޭނުންވެގެން، ތިބާގެ ފަހަތުން އައީ މަރެވެ. އަދި ތިބާއާ އެކު އަބަދުވެސް އެންމެ ގާތުގައިވީ ވެސް މަރެވެ. އަދި އަބަދުވެސް އެކުގައި ވާނީ މަރެވެ. ބަލައި އަންނާނީ ވެސް މަރެވެ. ގެންދާނީ ވެސް މަރެވެ. ތިބާ، ދޫކޮށްނުލާނީ ވެސް މަރެވެ."
"ދާއިމީ އެއްޗަކީ މި މާއްދީ ދުނިޔެއެއް ނޫނެވެ."
"މާއްދީ މި ދުނިޔެ އާއި އޭގެ އުފާވެރިކަމާއި ކުލަ އަކީ ވަގުތީ އެއްޗެކެވެ."
މި ހިޔާލުތަކުން ނުކުމެ އެމްބިއުލާންސް ތެރެއިން ނުކުތުމާ އެކު ސައީރަށް މަރުހަބާކީ އޭނާގެ ބައްޕަ ރަސްގަނޑުވަރެއްހެން ތަރައްގީކޮށް ނަލަކޮށްފައިވާ ގޭގެ ހިޔަލާއި ކުލަތަކެވެ. އެކަމަކު މި ސުވަރުގެ އަށް ވެސް ބަލައިލަބަލާށެވެ. އެތަނުގައި ހަދާފައިވާ އަގުބޮޑު ކޮޓަރިތަކުގައި ނިދާނެ ބަޔަކު ނުވަތަ ދިރިއުޅޭނެ ބަޔަކު ނެތި ހުރިގޮތަށް ހުރެގެން ވީރާނާވަނީ އެވެ.
ބައްޕަގެ މި ގެއަކީ މުސްކުޅި ބޮޑުގެއެކެވެ. އޭގެ އުމުރުން ބައި ގަރުނު މިހާރު ވެދާނެއެވެ. އެކަމަކު ރަށުގައި އަދިވެސް ނެތްވަރުގެ ރީތި ބިނާއެކެވެ. އެކަމަކު ސައީރަށް މިއީ އަދިވެސް ޖަލެކެވެ. މީގެ 13 އަހަރު ކުރިން އޭނާ ފިލައިގެން ދިޔަ އަނިޔާވެރި ޖަލެވެ. އަދި އޭނާގެ ސިކުނޑި އަށް ގަބޫލުނުކުރެވޭ ހަގީގަތަކީ މި އަނިޔާވެރި ޖަލާއި އެ ޖަލުގެ އަނިޔާވެރިޔާގެ އިސްއެހީތެރިޔެއްގެ ގޮތުގައި އެނބުރި އައިސް އަމިއްލަ މިނިވަންކަން ގުރުބާންކޮށް މި ނުބައި ޖައްބާރު މުސްކުޅި ބެއްޔާގެ އަޅެއްގެ ގޮތުގައި އޭނާ އަށް ހިދުމަތްކުރުމުގައި އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ޖެހިފައިވާ ހާލާތެވެ.
އާއިލާގައި ދެން ތިބީ ހުސް ހަރުފައިންނެވެ. އޭގެ އެއްވެސް ދަރިއަކު އެމީހުންގެ ބައްޕަ ދެކެ ލޯތްބެއް ނުވެއެވެ. ނުވަތަ ރަނގަޅުވާނީ މިހެން ބުނިއްޔާއެވެ. އީސާފިކުރީގެ އެއްވެސް ދަރިއަކު އޭނަ ދެކެ ލޯތްބެއް ނުވެއެވެ. އަދި އީސާފިކުރީ ދެކެ ލޯބިވީ މީހަކު ނުވަތަ ލޯބިވާ މީހަކު މި ފަސްގަނޑަކު، މި އުޑުދަށަކު ވެސް ނުވެއެވެ. ބަދުނަސީބު ހިތަކީ އަދި ސުންޕާ ދިރިއުޅުމަކީ މި ހަގީގަތް އެނގި ހުރެ ވެސް މި ހަގީގަތް ގަބޫލުކުރަން ބޭނުން ނުވާ މީހާއެވެ. އެ ހިތަކީ ހަމަ އީސާފިކުރީއެވެ.
އެކަމަކު ސައީރު އެނބުރި އަންނާނެކަމަށް އީސާފިކުރީގެ ހިތް އަބަދުވެސް ބުންޏެވެ. ނުބައި ހަރުފަތަކުގެ ވިހައިން އޭނާ ސަލާމަތްކޮށް އާރޯކޮށްދޭނެ ކަމަށް އޭނާގެ ހިތް އަބަދުވެސް ބުންޏެވެ. އަމިއްލަ ދެ އަތުން ކިތަންމެ އަނިޔާއެއް ދީފައިވިޔަސް އަދި އަމިއްލަ އެދުން ކިތަންމެ ބޮޑު ހިތަކަށްވިޔަސް ސައީރުގެ ހިތް އަދިވެސް ހާސިލުކުރެވޭނެ ކަމަށް އީސާފިކުރީގެ ހިތް ބުންޏެވެ. ހަރާފާގެ ކިބައިގައިވީ ހުރިހާ ބާރެއް އޭގެ އެންމެ ފުރިހަމަކަމުގައި ބޭނުންކޮށް ވެރިކުރެވޭނެ ކަމަށް އީސާފިކުރީގެ ހިތް އަދިވެސް ގަބޫލުކުރެއެވެ. އެ ހިތް މާއްދިއްޔަތުގެ ދަހިވެތިކަމުން ކަޅުވެ ހުތުރުވެފައި އޮތްވަރު ބޮޑުކަމުންނެވެ.
ޔޫނާނީ ފަންޑިތަވެރި ކަލޭގެ ކިބައިން ފެނުނު އާދަޔާހިލާފު ބާރުތައް މުށުތެރެއަށް ލުމަށް އަދިވެސް ދަހިވެތިވެފައިވާ މިންވަރު ބޮޑުކަމުންނެވެ. ނުވަތަ މިއީ އޭނާ އަށް ހާސިލުނުކުރެވުނު ބާރަށް ހިތުގައި އުފެދިފައިވާ ދަހިވެތިކަމެވެ.
އެކަމަކު އެއީ ކޮން ބާރެއް ހެއްޔެވެ؟ އަބަދުގެއަބަދަށް ދިރިދެމިހުރުމުގެ އާދަޔާހިލާފު ބާރު ހެއްޔެވެ؟ އެހެން ކަމުގައި ވަނީ ނަމަ ސައީރުގެ މި އެނބުރި އައުމުގެ މަގުސަދު ވަރަށް ސާފެވެ. އޭނާގެ ހިތާއި ނަފުސާ ދެކޮޅަށް މި އަނިޔާވެރިޔާގެ އިމަށް ގެނެސް ވެއްދީ އޭނާ އަށް ކިޔަމަންވާ ނުބައިވެގެންވީ ބާރެކެވެ.
އެކަމަކު ހަރާފާއަކަށް ވުރެން ނުބައި އެހެން ބާރެއް މި ކައުނުގައިވީ އައްޔާއި އަލިކަމުގައި ވެސް ނުވެއެވެ.



