އީސަ އަކީ އެއްވެސް އިރަކު އުފަލުގައި އުޅުނު ބުޅަލެއް ނޫނެވެ. އަރާމުގެ ވާހަކަ ރަނގަޅުވާނީ ނުވެސް ދެއްކިއްޔާއެވެ. ރަންކުލަ ޖެއްސި ޕުލާސްޓިކު ތަށިގަނޑެއްގައި ކެޔަސް އަދި ބޯހިޔާވަހިކަމެއް ލިބިފައިވިޔަސް އެފަކީރު ވާނީ ޔަގީނަށް ވެސް އެންމެ ބަދުނަސީބު، އެންމެ ހިތްދަތި ދިރިއުޅުމެއް ތަހައްމަލުކުރި އެއް ބުޅަލަށެވެ. ފާރިސީކަރައިގެ ޝެހެންޝާހެއްގެ ފުރިހަމަކަމާއި ޗާރާކަން ލިބިފައިވިޔަސް އެއީ އަސްލު ބުޅަލެއް ވެސް ނޫނެވެ. އަދި 'އީސާ' އޭ ކިޔައި އެ ސޮރަށް ނަން ހަރުކޮށްފައިވީ ސަބަބު ވެސް ވަރަށް ސާފެއެވެ. އެވެސް ރޯ ފުރައްސާރައެކެވެ.

ސައީރު ގޮސް 'އީސަ' ގެ ބެލެނިވެރިކަމާ ހަވާލުވީއިރު އެ ސޮރަށް ވާނީ އެންމެ ދެ ހަފުތާއެވެ. އީސަ އަކީ އޭނާގެ އާދަޔާހިލާފު އަމާ، ދަޅުފެޅި، ދިގު ކެހެރިލީ ހައިވާނެއް، އެއްފަހަރާ ވިހެއި ބާރަ ދަރިންގެ ތެރެއިން ބާރަ ވަނަ ގޮލައެވެ. އެބުރުގައި ވިހެއި ކުދިންގެ ތެރޭގައި އޮތް ހަމައެކަނި 'ކަޅު ކުއްޖާ' ވެސްމެއެވެ. ދެން ތިބީ ހުސް، މަންމަ ކަހަލަ 'ދޮންދަރިން' ނެވެ. އެބުރުގައި ސަލާމަތްވީ އޭގެ ތެރެއިން ތިން ވަރަކަށް ދޮންކުދިންނާއި މި ކަޅު ކަޅު އީސައެވެ.

ދެން މި އޮތީ އެހެން ވާހަކައެކެވެ.

އީސާފިކުރީ އަކީ މުޅި އައްޑު އަތޮޅުގައި ވެސް ހުރި އެންމެ ހަން ކަޅު މީހާއެވެ. ބުނެވޭ ގޮތުގައި އޭނާ އަކީ ބަބުރުކަރައިގެ ސީދާ ނަސްލަކުން އައިސް މި ދިވެހި ރާއްޖޭގެ ރަށެއް ކަމުގައިވާ ފެރިދޫގައި ވަޒަންވެރިވެ އާބާދުވި ބަބުރު އާއިލާއެއްގެ ޖީލަކާއި ނަސްލަކަށް ނިސްބަތްވާ މީހެކެވެ. ޔަތީމު ކުއްޖެއްގެ ގޮތުގައި ވަނިކޮށް އައްޑޫ އަތޮޅަށް އޭނާ ގެންދިޔައީ ފަންޑިތަ ބޭސްވެރިކަމުގައި އުތުރުގެ ރަށްތަކަށް ދަތުރުކޮށް އުޅުނު އައްޑޫގެ މަޝްހޫރު ޔޫނާނީ ބޭސްވެރިއެކެވެ.

މި އައްޑޫ ބެއްޔާ އޭނާ ގެންގުޅުނީ ޔޫރަޕުގެ ދޮންމީހުން ވެސް ބަބުރުކަރައިން ބަބުރުން ހައްޔަރުކޮށް، ވަގަށްނަގައި، ރަހީނުކޮށް ގަނެ ވިއްކައި އުޅުނު އަޅެއްގެ ދަރަޖައިގައެވެ. އެކަމަކުވެސް އީސާފިކުރީގެ ހަން ވަރަށް ވެސް ބޮލެވެ. ޔޫނާނީބޭސްވެރިޔާގެ އެ ވިޔަނުދާ ހުރިހާ އަމަލަކާއި ދިން ހުރިހާ އަދަބަކަށް ވެސް ކެތްތެރިވެ ކިޔަމަންވީއެވެ. އެ ޔޫނާނީ ބޭސްވެރިޔާގެ އަޖަލު ވެސް އައިސް ޖެހޭނެކަން އެނގޭތީ އާއި އެއަށްފަހު ދެން ފެށޭނީ އީސާފިކުރީގެ ވަގުތާއި ޒަމާންކަން އެ ޒަމީރަށް އެނގޭ ހާލުގައެވެ.

ލޯބޯކޮށިވެ މުސްކުޅި ބަލީގައި މަޝްހޫރު އެ ޔޫނާނީބޭސްވެރިޔާ ނިމިގެންދިޔައިރު އަރިހުގައި ދަރިއެއް، އަންބެއް އަދި ތިމާގެ މީހަކު ވެސް ނެތެވެ. ފަންޑިތަ ސިހުރުގެ ދަތުރުތަކުން އެ ބެއްޔާ އެއްކުރި ހުރިހައި މުދައުވެރިކަމެއް ހިފައިގެން ފިލީ އެއްކަލަ އީސާފިކުރީއެވެ. ނުވަތަ އަޖަލު ޖެހެނީކަން ކަށަވަރުވުމުން ދަރިއެއްގެ ދަރަޖައިގައި އީސާފިކުރީ އަށް ޔޫނާނީބޭސްވެރިޔާގެ އެ ހުރިހާ މުއްސަނދިކަމެއް ހިބަކޮށް ދިނީއެވެ.

އީސާފިކުރީ މުއްސަނދިވި ގޮތުގެ މި ވާހަކަ އައްޑޫ މީހުން އެތައް ގޮތަކަށް ކިޔައިދެއެވެ.

ކޮންމެއަކަސް ޔޫނާނީ ބޭސްވެރިޔާގެ މަރަށް ފަހު އީސާފިކުރީ އެންމެންގެ ލޮލަށް ގެއްލުނީއެވެ. ގާތްގަނޑަކަށް ދިހަ ބާރަ ވަރަކަށް އަހަރު ފަހުން އޭނާ އެނބުރި އައްޑޫ އަށް ގޮސް ހިތަދޫ އިން ގޯތި ކަނޑައި އެ ރަށުގައި އަލުން ވަޒަންވެރިވީ އިހުނަށްވުރެ ވެސް ބޮޑު ފައިސާވެރިއެއްގެ ގޮތުގައެވެ.

ބޭރުބޯޓު ދަތުރުކުރަން ގޮސް އެއްކުރި މުދަލާއި ފައިސާއިން ގެ އަޅައި ވިޔަފާރި ފަށައި ދެން އޭނާ ބޭނުންވީ ރަށުގައި ހުރި އެންމެ ދޮން ކުއްޖާއާ އިންނާށެވެ. ސައްކެޔޮގޭ މަރީނާ އޭރު ހުރީ މަލެއްހެން ފަރިވެ ފޮޅިފައެވެ. އަދި މި މަރީނާވީ ހަމައެކަނި ހިތަދޫގައި ހުރި އެންމެ ދޮން، އެންމެ ރީތި އަންހެން ކުއްޖާއަކަށް ވެސް ނޫނެވެ. މުޅި އައްޑޫ އަތޮޅުގައިވެސް ނެތްވަރުގެ ރީތި ފަންމިންޏަކަށެވެ.

މިހައި ހިސާބުން ދެން މި ޖެހެނީ ގޮސް ބުރެކެވެ.

އެކުވެރިޔަކު ގެންގުޅުނު އާދަޔާހިލާފު ބުޅަލެއް ބާރަ ދަރިން ވިހައިގެން އޮތް ޚަބަރު ލިބުމުން ސައީރު ގޮސް އެތަނުގައި އޮތް އެންމެ ކަޅުބުޅާގަނޑުގެ ބެލެނިވެރިކަމާ ހަވާލުވެ އެސޮރަށް 'އީސަ' ގެ ނަން ދިނީ އެއްގޮތަކަށް ވެސް ބައްޕަ އީސާފިކުރީގެ މަތިން ހަނދާންވާތީކީއެއް ނޫނެވެ. އަދި އެ ދަޅުފެޅި އަމާގެ ބަނޑު ދޮށުގައި އޮތް އެންމެ ދޮން އެންމެ ނަލަ ދިޔެ ދެ ވަނަ ދަރިއެއްގެ ގޮތުގައި ސިއްކަ ޖަހައި އެ ދޮންފުއްގަނޑަށް މަންމަ 'މަރީނާ' ގެ ނަމުން ނަންކީކީ ވެސް، ހަމަ އެއްގޮތަކަށް ވެސް އަމާ މަތިން ވާ ހަނދާނަކުންނެއް ނޫނެވެ. – އެމީހުން މަތިންވާ ފޫއްސަކަށެވެ.

އީސާފިކުރީ އާއި މަރީނާ އަކީ މި ދުނިޔެ މަތީގައި ސައީރު އެންމެ ފޫހިވާ، އެންމެ ރުޅިއަންނަ ދެ މީހުންނަށްވީމައެވެ.

"މާތްކަލާކޯއެވެ."

"މިއީ ކޮން ފަދަ ނުބައި އާދަމުގެ ދަރިއެއް ހެއްޔެވެ؟"

"ބަނޑުއަޅައިވިހެއި އަމާ އާއި ބަލައިބޮޑުކޮށް ބަނޑުފުރާނަމުއްތިކޮށްދިން ބަފާ އަށް ދަރިއެއްގެ ހިތުގައި އެވަރުގެ ހުތުރު ނަފުރަތެއް އުފެއްދީ އަނެއްކާ ކޮން ސަބަބެއް ހެއްޔެވެ؟"

** ** ** **

އީސާފިކުރީ އަދިވެސް އެ އޮތީ ހޮސްޕިޓަލްގެ އެނދުގައެވެ. ތިން ހަޔެއްގައެވެ. ހިކި އަނަރޫފަވެ މޯޅިވަމުންދާ އޭނާގެ ބަލި ނިކަމެތި ހަށިގަނޑުގެ ތެރެއަށް ވަދެ ހާލިހަދައި ބިސްއަޅައިގެން ތިބި ހަރުފަތައް ހޮރުހޮރުތަކުން ބޯދިއްކޮށް ބަލަހައްޓައިގެން ތިބީ ސައީރަށެވެ. ދަންވަރުގެ މި ހިމޭންކަމާއި ވޯޑްތެރެއަށް ފެތުރިފައިވާ ފިނި ފުސްކަމުގެ ތެރޭގައި ވެސް އޭނާ އެ އިނީ ދެ ލޯ ބޮޑުކޮށް، ކަޅި ވެސް ޖަހާނުލައި ބައްޕައާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަމަކު އެ ލޮލާއި ބޮލުގައިވީ ފިކުރުތަކުގައި ދެމެމުންދަނީ ލޯތްބާއި ކުލުނުގެ އޯގާވެރިކަމެއް ނޫންކަން އީސާފިކުރީގެ ކަންފަތާއި ނޭފަތާއި އަނގަތެރެއިން ބޭރަށް ނުކުމެ، ބޯދިއްކޮށް އޭނާގެ އެންމެ ހަގު ދަރިއަށް ބަލަހައްޓައިގެން އެތިބަ ހަރުފަތަކަށް ވެސް ޔަގީނެވެ.

ދަންވަރުގެ މި ނާމާން ވަގުތުގައި، މި ފަޅު ހޮސްޕިޓަލުގެ ފުސް ފިނިކަމުގެ ތެރޭގައި ސައީރުގެ ބޮލަށް ސަވާރުވެގެން މި އުޅެނީ އަނެއްކާ ކޮންކަހަލަ ނުބައި ބާރެއް ހެއްޔެވެ؟

ހަރުފަތައް ކުއްލިއަކަށް ހޮރުތަކަށް ވަދެ ގެއްލިއްޖެއެވެ. ހިޔަންޏެއްހެން ހީވާ މީހަކު ސައީރުގެ ފަހަތުން މި އެނދާ ދިމާލަށް އަންނަތަން ފެނިގެންނެވެ.

ވޯޑު އެކުގައި ކުއްލިއަކަށް ގަދައަލިން ދިއްލާލިއެވެ. ހުދުއަލީގެ ގަދަ ތުރާލަށް ސައީރު ފުންމައިގެން ތެދުވިއިރު ކުރިމަތިން ފެންނަން ހުރި އެނދުކައިރީގައި ހަރަކާތްތެރިވަމުން ދިޔައީ ޑިއުޓީ ނަރުހެކެވެ. ސައީރާ ދިމާލަށް އެނބުރި ބަލައި އޭނާ ހިނިތުންވެލިއެވެ. ދެން އަނެއްކާވެސް އީސާފިކުރީއާ ދިމާލަށް އެނބުރި މެޝިންތަކާ ކުޅެ ނޯޓު ނަގަން ފަށައިފިއެވެ.

އެއީ ވަރަށް ދޮން އަންހެން ނަރުހެކެވެ. އެންމެ ވައްތަރީ ސައީރުގެ މަންމަ މަރީނާއާ އެވެ. ނުވަތަ އެއީ ހަމަ އެ މަރީނާއެވެ. ސައީރުގެ އަމާ އަކީ ވެސް ނަރުހެކެވެ. ގަމުގައި އިނގިރޭސިންގެ ހަނގުރާމަ ހޮސްޕިޓަލެއްގައި ތަމްރީނުވެ މަސައްކަތްކުރި ނަރުހެކެވެ.

"އެކަމަކު މަންމަ މިތަނުގައި، މިއީ ކޮން ކަމެއް ހެއްޔެވެ؟"

މި ސުވާލު ބޮލަށް ލައިގެން ސައީރު ޖެހުނީ ކުރިއަށެވެ. އެނދުކައިރީގައި ހުއްޓި، ފުރަގަސްދީގެން ހުރި ނަރުސް މީހާއާ ދިމާލަށެވެ. އެވަގުތު ސައީރު ހުރިތަނަށް ހުއްޓުވާލީ އެ ނަރުސް މީހާގެ ފުރަގަހުން، އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައިގެ ތިރިން ނުކުމެގެން ބަނޑިބަނޑި ލަމުން އައި ހަރުފައެއްހެން ހީވާ ޒާތެއްގެ ދިރުމެކެވެ.

ފަހަތަށް ނެގި ފިޔަވަޅާއެކު ސައީރު އެއަށް ރަނގަޅަށް ބަލައިލިއެވެ. ގަބޫލުކުރަން ކިތަންމެ ބޭނުންނުވިޔަސް، ބަނޑި އަރުވަމުން ކުއްލި ކުއްލިއަށް ހަރަކާތްކުރަމުން އެ ގެންދާ އެއްޗަކީ އެ ނަރުސް އަންހެން މީހާގެ ކުރުކެހެރިލީ ނަގުލެވެ.

"ނަގޫ ފެޅި ނަރުހެކެވެ."

"ދަޅުފެޅި ޑޮކްޓަރުންނެވެ."

"އަޅުންގެ މައްޗަށް ވެރިންނެވެ."

"އަހަރެން ޖަހައިގެން މި ގެންދަނީ ކޮން ދުނިޔެއަކަށް ހެއްޔެވެ؟"

ހޮސްޕިޓަލުގެ ފިނި މާހައުލު ދޫކޮށް ބޭރަށް ނުކުމެ ސައީރު ސިނގިރޭޓެއް ރޯކޮށް ނިކަން ގަދަ އަށް ދަމައި ދުންގަނޑެއް އަރުވާލިއެވެ. ތާރު އެޅި ފުޅާ މަގުގެ އަނެއް ފަޅީގައި ސަފަކަށް އެތުރިގެން ހަ މީހަކު ހަމައެގޮތަށް ސިނގިރޭޓު ބޯން ތިއްބެވެ. މައިންނާއި ބަފައިންނާއި އަނބިދަރިން ނުވަތަ ލޯބިވާ ތިމާގެ ކޮންމެވެސް މީހަކު ހޮސްޕިޓަލުގައި ބައިތިއްބައިގެން، ހަމަނިދި ނަގާލައި ރޭގަނޑުގެ އަރާމު ގުރުބާންކޮށްލައިގެން ތިބި މީހުންނެވެ.

"އެކަމަކު އަހަރެން މިއީ ކީއްކުރާ މީހެއް ހެއްޔެވެ؟"

"އަހަރެން މިތަނުގައި މިކުރަނީ ކީއް ހެއްޔެވެ"

"އަހަރެންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟"

"ނުވަތަ މިތަނަށް އަހަރެން ގެނެވުމުގެ މާނަ އަކީ ކޮބައި ހެއްޔެވެ؟"

"އަހަންނަށްޓަކައި މިތަނުގައި ވަނީ ކޮން އެއްޗެއް ހެއްޔެވެ؟"

ސައީރު އޭނާގެ ސިނގިރޭޓު ބޮމުން، ދުން އަރުވަމުން ގޮސް ވަނީ ހޮސްޕިޓަލުގެ އަނެއް ފަޅީގައި އޮތް ގަބުރުސްތާނަށެވެ. އެއީ އޭނާގެ އަމާ ވަޅުލައިފައިވާ ބިމެވެ. އަމާގެ އެ މަހާނަ ސައީރަށް ފެނުނީ ގަބުރުސްތާނުގެ އެކި ކޮޅުކޮޅަށް ގޮސް ހާވައި ބަލަނިކޮށެވެ. ކިތަންމެ ލޯބިވާ މީހަކަށް ވެސް އެމީހެއްގެ އަމާގެ މަހާނަ ގެއްލިދާނެއެވެ. އެއީ އަދި މައްސަލައެއް ނޫނެވެ.

މަންމަގެ މަހާނަ ކައިރިއަށް ގޮސް ސައީރު ހުއްޓުނުއިރު އެތަނުގައި ހުދުކުލައިގެ ބުޅަލެއް ނިދާފައި އޮތެވެ. އަންހެން ބުޅަލެކެވެ. މީހެއްގެ ހިލަންވެގެން މަޑުމަޑުން ދެ ލޯ ހުޅުވައި ބަލައިލިއިރު ދެ ދަޅުފެޅި ބިޔަ އިންސާނަކު ކުރިމަތިން ފެނުމުން އެ ބުޅާ ފުންމައިގެން ގޮސް ދުރުގައި ހުރި ގަސްތަކެއްގެ ތެރެއަށް ވަދެ ގެއްލުނެވެ. އަދި ދިއްލިފައިވާ ދެ ލޮލުން ސައީރާ ދިމާލަށް ބަލަން އެ އަނދިރި ގަސްތަކުގެ ތެރޭގައި އޮވެފައި މަޑުމަޑުން އެ ކަނުއަނދިރިކަމުގެ ތެރެއަށް ގެއްލިއްޖެއެވެ.

މަރީނާގެ މަހާނަ ކައިރިއަށް ތިރިވެ ސައީރު އެތަނުގައި އުޑަފައިން އިށީނެވެ. ހިރިގަލުގެ ކުރެހުން އެޅި ކަށްގާ ވަނީ މެދުން ބިންދައިގެން ގޮސް ވެއްޓިފައެވެ. ހީވަނީ މަހާނަގަލާ އިދިކީލި ފިކުރުގެ ބަޔަކު ދީފައިވާ ގެއްލުމެއް ހެންނެވެ. މައު އަޅައި ފޯދިފައިވާ ގަނދަކޯޅީގެ ތިރި ގަސްތައް ކައިރީގައި ހެދިފައިވެއެވެ. އޭގެ ޒަވިވަސްގަނޑުން މުޅިތަން ވަނީ އެއްވަސްކޮށްލައިފައެވެ. އޭރު މަހާނަމަތިން ބަރަވެލި ދުވަމުންދާތަން ސައީރަށް ފެނެއެވެ. އެއީ ސުންޕާކަމެއްގެ އަލާމާތެކެވެ. އެއްޗެހި ބެހުމުގައި ހަމައިން އެއްކިބާވެގެން ކަންކުޅަ މީހުންނާއި ބޭއިންސާފުން ކަންކޮށް އޮޅުވައި މަކަރު ހަދައި އުޅުނު މީހުން މަރުވެ ދިއުމުން އެމީހުންގެ މަހާނައަށް އަންނަ ސުންޕާވެރިކަމެކެވެ.

ސައީރު ކޮޅަށް ތެދުވެ ލައިގެން ހުރި ޖިންސުގަނޑު ތިރިކޮށް އަމާގެ މަހާނަ މައްޗަށް ކުޑަކަމުދިއުމަށް ފަހު ޖިންސުގަނޑު އަރުވައި ހެޔޮވަރުކުރަމުން ގޮސް ގަބުރުސްތާނުން ނުކުމެއްޖެއެވެ. ގަސްތަކުގެ ތެރޭގައި ފިލައި އޮތް ހުދުކުލައިގެ ބުޅާގަނޑު އެނބުރި އައިސް މަރީނާގެ ކަށްގަލުގެ ހޫނުގައި ޖައްސައި ހަމަޖެހިލިއެވެ. ނަޖިސްތެރޭގައި ފެތުރިގަތެވެ. އަދި ޝިކާރަކޮށްގެން ގެނައި ފަލަ ނަންނުގަތި އެކުގައި ދިރުވާލިއެވެ.

ޖޫން މަހެއްގެ ހަ ވަނަ އަށްވީ ހުކުރުވިލޭރެއެއްގައި އީސާފިކުރީގެ ދެމަފިރިންނަށް މީގެ 27 އަހަރު ކުރިން ލިބުނު ސައީރަކީ މާތްރަސްކަލާނގެ އެދެމަފިރިންނަށް ދެއްވި ހަ ކުދިންގެ ތެރެއިން ދެ މީހުން ވެސް އެންމެ ލޯބިވި އައުލާދެވެ. އެންމެ ހަގު ދަރިއަށް އޭނާ ވުމަކުންނެއް ނޫނެވެ. އެކަމަކު އެ ސޮރު މި ދުނިޔެ އަށް ލީ ފުރަތަމަ ނޭވާގައި ވެސް ހާއްސަކަމެއްވީމައެވެ. ބަނޑުގައި ގަރުބަކުރެއްވި ދުވަހުން ފެށިގެން އެކުގައި ހޭދަކުރި ނުވަ މަހާއި ނުވަ ދުވަސް ތެރޭގައި ވެސް މަރީނާ އާއި އީސާފިކުރީ އަށް ސައީރުގެ އާދަޔާހިލާފުކަން ކޮންމެ ދުވަހަކުވެސް އިހުސާސުކުރެވި ލޮލަށް ފެނިފައިވާތީއެވެ. އަދި އެ އިހުސާސްތަކަކީ އެމީހުންނަށް ލިބުނު އަނެއް ފަސް ދަރިންނާ އެކު ދުވަހަކުވެސް ކުރެވިފައިވާ ތަޖުރިބާތަކެއް ވެސް ނޫނެވެ.

އެންމެ ހަގަސް، ސައީރުވީ އީސާފިކުރީގެ ދެމަފިރިންގެ އެންމެ އާދަޔާހިލާފު ދަރިއަށެވެ. އުފަންވިއިރު ބަރުދަނުގައި ހަތަރު ކިލޯ ހުއްޓެވެ. ވިހެއިއިރު ނޭވާއެއް ނެތެވެ. އޮތީ މަރުވެފައެވެ. އެކަމަކު މަރެއް ނުވެއެވެ. މަރަށް ތެޅިގަތީ އެގޮތަށް އޮންނަތާ އެތައް އިރެއްވީފަހުންނެވެ. ކަފުންކޮށް ވަޅުލަން ތައްޔާރުކޮށްފައި ވަނިކޮށެވެ. ތެޅިގަތީ ނޭވާ ހާސްވެ ނޭވާ ނުލެވިގެންނެވެ. ނުވަތަ އަލުން ފުރާނަ އެޅުއްވުމާއެކުގައެވެ. އެ ދުވަހު އޭނާ ވަރަށް ގަދަ އަށް ރުއިއެވެ. އެކަމަކު އެ ދުވަހަށް ފަހު އެ ދެ ލޮލުން ކަރުނަ ހިލުނުތަން ދުށް އިންސާނަކު މި އުޑު ދަށަކު ނެތެވެ. އޭނާގެ ރުއިމުގެ އަޑު އެހި މީހަކު ނުމެވެތެވެ.

ސައީރުގެ ހެދިބޮޑުވުން ވެސް އެހެން ކުދިންނާ މުޅިން ތަފާތެވެ. ދެ އަހަރު ނުވަނީސް އޭނާ ރަނގަޅަށް ހިނގައި، ރަނގަޅަށް ބަސްކިޔައި، ފަރިތަކަމާ އެކު ކުރު ޖުމްލަ ހަދައި ވާހަކަ ދައްކަން ފަށައިފިއެވެ. މީހުންނާއެވެ. އަދި ބައެއް ފަހަރަށް އެކަނި ހުރެގެންނެވެ. ނުފެންނަ މީހުންނާ އެވެ.