އެކަމަކު ހަރާފާއަކަށް ވުރެން ނުބައި އެހެން ބާރެއް މި ކައުނުގައިވީ އައްޔާއި އަލިކަމުގައި ވެސް ނުވެއެވެ.
ފުރޮޅުލީ ގޮނޑިއެއްގައި ބައްޕަ ގޮވައިގެން އެތެރެއަށް ވަދެގެން ގޮސް ސައީރު ހުއްޓުނީ ގޭގެ ތަނަވަސް ސިޓިންރޫމުގައެވެ. މަންމަ އާއި ބައްޕަ އާއި އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތައިންގެ ފޮޓޯތައް (މިއީ އީސާފިކުރީ އަސޭކަރަށް ދަތުރުކުރިއިރު މަޝްހޫރު ކުރެހުންތެރިޔަކު ލައްވައި ކުރަހާފައިވާ އޮއިލް ޕެއިންޓިންތަކެއް) ފްރޭމުކޮށް ހަރުކޮށްފައިވާ ފާރުތަކާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ބައްޕަ ގޮވައިގެން އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ގޭތެރޭގައި އިތުރު އެއްވެސް ބައެއްގެ ހިލަމެއް ނުވެއެވެ. އެކަމަކު ކުޑައިރުގެ އެކި ހަނދާންތަކާއި އަސަރުން ކޮށިއަރާވަރުވެއެވެ.
ސިޓިންރޫމު ފަހަނަޅައި ގޮސް ނިދާކޮޓަރިތައް ހަދާފައިވާ ހިސާބަށް ވަދެގެން ގޮސް ސައީރު މަޑުކޮށްލީ ވަކިން އެންމެ ދުރުގައި، އެންމެ އެތެރޭގައި ހުރި ކޮޓަރީގެ ދޮރު ކައިރީގައެވެ. އެއީ މަންމަ އާއި ބައްޕަގެ ކޮޓަރިއެވެ. ފުރޮޅުލީގޮނޑީގައި ބުރަކި ޖެއްސުމަށް ފަހު ސައީރު މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެކަމަކު އެތެރެއިން ފެނުނު މަންޒަރު އޭނާ ހުއްޓުން އަރުވާލިއެވެ. އަދި އެއަށް ވުރެ އެންމެ ތަންކޮޅެއް ވެސް އެތެރެއަށް އެ ދޮރުފަތް ކޮށްޕާލާކަށް ދެން ނުކެރުނެވެ.
ކޮޓަރީގެ އެނދުމަތީގައި ޖައްސާލައިގެން އޮތް ބިޔަ ބޮޑު ފައިދިގު މަކުނު ފެނުމުން ހަތަރެސް ފައިން ހީބިހި ނަގައިގަތެވެ. ދެން ހިރިލަން ވެސް ނުކެރުނެވެ.
މީހަކު ދޮރު ހުޅުވިކަން އެނގުމާ އެކު އެ ފައިދިގުމަކުނު އެނދު މައްޗަށް ތެދުވެ އޮވެ ސައީރާ ދިމާލަށް ބަލައިލިއެވެ. އެއީ މަތިންދާބޯޓު ތެރޭގައި ކިޔަން ހުޅުވާލި ފޮތުގެ ތެރެއިން ފުންމައިގެން އައިސް ސައީރުގެ ގަޔަށް އެރި ކަހަލަ ފޮށިގަނޑުލީ ފައިދިގު މަކުނެކެވެ. އެކަމަކު އެތައް ގުނައެއް މި ސޫފި ބޮޑެވެ. ކްއީން އެނދަށް ވުރެ ވެސް ބޮޑެވެ. އަދި ފައިތައް މާ ގިނައެވެ.
އެނދުމަތީގައި ސައީރާ ދިމާލަށް ބަލަހައްޓައިގެން އޮތްއިރު އޭގެ ބޮލާއި ހަށިގަނޑު ސީލިންގުގައި ޖެހިނުޖެހި ހުރީ ކައިވަތެކެވެ. އެއީ އެކަތި އަނެކައްޗާ ޖޯޑުވަމުން ދިޔަ މާ ސިންގާ ދެ ސޫފިކަން ސައީރަށް ރޭކާލީ ދޮރުހުޅުވި ގޮތަށް ހުއްޓުން އަރައި ހުންނަތާ އިރުކޮޅެއްވީފަހުންނެވެ.
އެންމެފަހުން އެ ދެ ސޫތްޕަށް ވެސް ސައީރު ފެނިއްޖެއެވެ. އެއާއެކު ސައީރު ކުއްލިއަކަށް ދޮރު ލައްޕައި ބޭރަށް ދެމިގަތެވެ. އެއަށް ފަހު އެ ކޮޓަރީގެ ދޮރު ހުޅުވާކަށް ނުކެރުނެވެ.
ބައްޕަ ގޮވައިގެން ގޮސް ދެން ވަނީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެއީ ފުރާވަރަށް އަރައިގެން އައިއިރު ސައީރު ނިދައި އުޅުނު ކޮޓަރިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގަތުމާ އެކު ސައީރުގެ ގައިގައި ބައްދައިގަތީ އެ ހުރިހާ ހަނދާންތަކެވެ. ނަމަވެސް ކޮޓަރިތެރެ މިހާރު އެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ސައީރު ނިދި އެނދާއި ބޭނުންކުރި އަލަމާރި އާއި މޭޒާއި ގޮނޑިއެއް ވެސް މިހާރަކު ނެތެވެ. އެކަމަކު ސައީރުގެ ބައެއް ކުރެހުންތައް އަދިވެސް ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުއްޓެވެ.
ގޮނޑި އެނދާ ކައިރިކޮށްލުމުން އީސާފިކުރީ ގޮނޑިން ތެދުވެ އެނދުގައި އިށީނީ އަމިއްލައަށެވެ. އަދި ސައީރުއާ ދިމާލަށް ބަލައި ހީލުމަށް ފަހު އެނދުގައި އޮށޯތެވެ. ސައީރަކަށް އެ ހިނިތުންވުން އެއްވެސް މުހިންމެއް ނޫނެވެ.
ފުރޮޅުލީ ގޮނޑި ދަމައިގެން ބޭރަށް ނުކުތުމަށް ސައީރު ހިނގައިގަތެވެ. ދެން އަނެއްކާވެސް ލޮލުގައި އަޅައިގަތީ އޭނާގެ ކުރެހުންތަކެވެ. މީގެ އެތައް އަހަރެއް ކުރިން އޭނާ ކުރަހައި ކުލަޖައްސާފައިވާ ތަސްވީރެވެ. އޭގެ ތެރެއިން ވެސް ވަރަށް ހާއްސަ ދެ ކުރެހުމެކެވެ.
ގޮނޑިން އަތް ދޫކޮށްލާފައި ގޮސް ސައީރު އެ ކުރެހުންތަކާ ދިމާލުގައި ހުއްޓި އެއަށް ވަދެ ގެއްލުނެވެ. އޭނާގެ އެންމެ ބޮޑު ޝައުގުވެރިކަމެއް ލިބުނު ކުރެހުމުގައި ފެންނަނީ ހަ ބުރީގެ އުސް އިމާރާތެއްގައި އަލިފާން ރޯވެފައިވާ މަންޒަރެވެ. އަލިފާން ރޯވެފައި ވަނީ ހަ ވަނަ ބުރީގައެވެ. އަދި އެ އަލިފާންގަނޑު ތެރޭގައި މަޑުކޮށްލައިގެން ހުންނަތަން ފެންނަނީ ކަޅު ހިޔަންޏެކެވެ. އެ އިމާރާތުގެ ކުލަ އާއި ސިފައިން ހީވަނީ އެއީ މާލޭގައި ސައީރު ދިރިއުޅުނު އެޕާޓްމަންޓްހެންނެވެ.
ސަމާލުކަން ދަމައިގަތް އަނެއް ކުރެހުމުގައި ފެންނަނީ ކުޑަކުޑަ އާއިލާއެކެވެ. ދިގު ކެހެރިލީ ތިން ބުޅަލުގެ އާއިލާއެކެވެ. މަންމަ ބުޅަލަކާއި ބައްޕަ ބުޅަލަކާއި އެމީހުންގެ ހަމައެކަނި ދަރިއެވެ. އެންމެންގެ ވެސް ބޮލުން ވަނީ ދަޅުފަޅައިފައެވެ. އެއީ ސައީރު އޭނާގެ އަމާ އާއި ބަފާގެ ނަން ދީގެން ގޭގައި އިހާނެތިކޮށް ހިތައި ގެންގުޅުނު ދަޅުފެޅި ޒާތުގެ ބުޅާތަކެކެވެ.
އެ ވައްތަރުގެ ބުޅާތައް ވަކި އުމުރަކަށް އެޅުމުން އިންސާނުންނަށް ފަހުމްވާނޭހެން ވާހަކަ ދައްކާނެ ކަމަށް ސައީރަށް އޭގެ ދެ ބުޅާ ދިން އެކުވެރިޔާ އޭނާގެ ގާތުގައި ބުނެފައިވެއެވެ. އަދި އެކުވެރިޔާ ގެންގުޅުނު ދަޅުފެޅި އަންހެން ބުޅާ އޭނާއާ ރީތި ދިވެހި ބަހުން ވާހަކަ ދައްކަނިކޮށް ސައީރަށް ފެނިފައި ވެސް އެބަހުއްޓެވެ.
ސައީރު ގެންގުޅުނު ދެ ބުޅަލުގެ ތެރެއިން 'މަރީނާ' މަރުވީއެވެ. ހިތްހުއްޓިގެން ކަމަށް ސައީރު ބުންޏަސް އެއީ ހުސް ދޮގެވެ. އެ ބުޅަލަށް އޭނާ ހެދި ނެހެދި ގޮތެއް އެންމެ ރަނގަޅަށް އެނގޭނީ 'އީސަ' އަށެވެ. އެކަމަކު ވާހަކަ ދައްކާ އުމުރަކަށް އީސަ ވެސް އަދި ނާރައެވެ. އަނެއްކޮޅުން އީސަ މިހާރުވީ ތަނެއް އަދި ހާލެއް ވެސް އެނގޭ މީހަކު ނެތެވެ.
ކޮންމެއަކަސް މި ކުރެހުންތަކާ ދިމާލަށް ބަލަހައްޓައިގެން ހުރެ ގެނބެމުން ދިޔަ ފިކުރުގެ ކަނޑުގައި ދެމެންފެށި ބާނިތަކުން ބޮލަށް އެނބުރުންގަނޑެއް އަރައިގަތުމުން ސައީރު ނުކުތީ ބޭރަށެވެ. ރޯކޮށްލި ސިނގިރޭޓު ހުސްކޮށް ފެންޑާއިން ނުކުމެ މެދުގޯތީގެ ބަގީޗާ ގަސްތަކުގެ ތެރެއަށް ނުކުމެ އަނެއް ސިނގިރޭޓް ރޯކޮށްލިތަނުން މީހަކު ސަލާންގޮވާލި އަޑުއިވިއްޖެއެވެ.
އެނބުރި ބަލައިލިއިރު ގޯތިތެރޭގައި ހުއްޓި ހެވި ދިއްލިފައި ހުރީ ދެބައިއުމުރުން މައްޗަށް ގޮސްފައިވާ އަންހެނެކެވެ.
"ތިޔައީ ސައީރުތޯ؟"
އެމީހާ ހިނިތުންގެ އެކުވެރި ރާގަކުން އަހާލިއެވެ. އެކަމަކު ސައީރު އެއްވެސް ޖަވާބެއް ނުދިނެވެ. ނުވަތަ ކިޔާނެ އެއްޗެއް ބޮލާއި ދުލަށް ނައީއެވެ. ނުވަތަ އެއީ އަބަދުވެސް އޭނާގެ ގޮތެވެ. އެ އަންހެން މީހާއާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ދަމާލީ އަތުގައި އޮތް ސިނގިރޭޓެވެ.
"އަޅުގަނޑު މިއީ މި ގޭގެ ކައްކާ މީހާ. ޒުހުރާ"
"ބައްޕަ ބަލިވެގެން ހޮސްޕިޓަލަށް ގެންދަންދެން ވެސް ކައްކައި ގޭގައި ޖެހުނު ހުރިހާ ކަމެއް ކުރީ އަޅުގަނޑު"
"ދައްތަ ބުނެފައި އޮތީ ސައީރާއި ބައްޕަ އަށް ކައްކައިދޭން ދައްޗޭ. އެހެންވެ މި އައީ."
ދެން ވެސް ކިޔާނެ އެއްޗެއް ސައީރަކަށް ނޭނގުނެވެ. ނުވަތަ އަނގައިން ބުނަން ވެސް ބޭނުން ނުވަނީއެވެ. އެކަމަކު ޝައްކެއްގެ މަތީގައި ހުރެފައި މިފަހަރު ހިނިތުންވެ ބޯޖަހާލިއެވެ. އެއާއެކު އެ އަންހެން މީހާ ވެސް އަދަބުވެރިކަމާ އެކު ސައީރުއާ ދިމާލަށް ހިނިތުންވެ ބޯޖަހާލައި އެތަން ދޫކޮށް ގޭތެރެއަށް ވަދެގެން ގޮސް ގެއްލިއްޖެއެވެ.
"ކޮން ދައްތައެއް ހެއްޔެވެ؟"
"ފަރީހާއްތަ ހެއްޔެވެ؟"
ގޭތެރެއަށް ވަދެގެން ގޮސް ގެއްލުނު އަންހެން މީހާއާ ދިމާލަށް ބަލަން ހުރެފައި ސައީރުގެ ހިތަށް އެއީ މިހެންނެވެ. އެހެންވީމަ ގޭގައި ކައްކާ މީހާ މިއީ ފަރީހާއްތަގެ ޖާސޫސެކެވެ. ކިތަންމެ މީރުކޮށް ކެއްކިޔަސް އެ ނޫން ދެ ވަނަ އެހެން ގޮތަކަށް ސައީރަށް ވިސްނޭނެތޯއެވެ؟
ފަރީހާއްތަ އަކީ ފަރީހާއެވެ. ސައީރުގެ އެންމެ ދޮށީ ދައްތައެވެ. އޭނާގެ ދޮންތައެވެ. ދޮންއަމަޔަކަށްވުރެން ނުބައި އެއްކަހަލަ ދޮންތައެވެ.
"ދޮންތާ ކަލޭ ތި ރާވަނީ ކޮން ރޭވުމެއް ހެއްޔެވެ؟"
"މިފަހަރު ތިޔަ އުޅެނީ ކާކަށް ވިހަލާން ހެއްޔެވެ؟"
ބޮއެ ހުސްކޮށްލި ސިނގިރޭޓު ކަނިގަނޑު އެއްލާލަފައި ސައީރު ހިނގައިގަތީ ފެންޑާއާ ދިމާލަށެވެ. ދޮރު ހުޅުވާލިތަނުން ބޭރަށް ފުންމައިގެން އައީ ބޮޑު ފައިދިގުމަކުނެކެވެ. އެއީ މަންމަގެ ކޮޓަރީގައި އޮތް ފޮށިލީ ފައިދިގު އަންހެން މަކުނާ ޖޯޑުވާން އޮތް ފިރިހެން ފައިދިގުމަކުނެވެ. އޭތި ފެނުމުން ސައީރު ބިރުން އެކަމަކު ހުސިޔާރުވެ އެއް ފަރާތަކަށް ޖެހި އެއަށް ތަން ދައްކާލިއެވެ. އެއާއެކު ފެންޑާ ތެރެއިން ދެމިގެން ގޮސް މެދުގޯއްޗަށް ނުކުމެ އަށް ފައިގެ ބާރުގައި ކުއްލިއަކަށް ދުއްވައިގަތެވެ.
ސައީރު ވަނީ އެތެރެއަށެވެ. އޭރު މަންމަގެ ކޮޓަރީގެ ދޮރު ހުރީ ހިސާބަކަށް ހުޅުވައިފައެވެ. ސައީރު ގޮސް ކޮޓަރީގެ ބޭރުގައި މަޑުކޮށް ވަރަށް ސިއްރުން ބޯދިއްކޮށް އެތެރެ ބަލައިލިއެވެ.
ކޮޓަރީގެ އެނދުމަތީގައި މަންމަ އޮތީ އުނުއޮރިޔާމުންނެވެ. ފެނުނު އެ މަންޒަރާ އެކު ސިހިގެން ގޮސް ސައީރު ބިއްގަނޑުން ނިވައުވެގަތެވެ. އަދި ބަދިގެ ތެރެއިން ނުކުމެގެން އައި ޒުހުރާ ފެނުމާއެކު ގަދަކަމުން ހިންދިރުވާލައި ނޭވާލައި ހަމަޖެހިގަތެވެ. ނުވަތަ ހަމަޖެހިލަން ތެޅިގަތެވެ.
ހުޅުވާފައި ހުރި ކޮޓަރީގެ ދޮރާއި ބިއްދޮށުގައި ހުއްޓިހުރި ސައީރުގެ މޫނުމަތީގައިވީ ހާސްކަން ކިތަންމެ ރަނގަޅަށް ފެނުނަސް އެއިން އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް ހަދައިގެން ހުރެ ޒުހުރާ ދިޔަގޮތަށް ނުކުމެގެން ދިޔައީ ބޭރަށެވެ.
ޒުހުރާ ނުކުމެގެން ދިޔައީކަން ޔަގީންވާހާއިރުކޮށްލުމަށް ފަހު ސައީރު އަނެއްކާވެސް ހިންދިރުވާލިއެވެ. އަދި ފާރުކައިރިން މަންމަގެ ކޮޓަރީގެ ހުޅުވިފައިވާ ދޮރާ ދިމާލަށް މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް އަނެއްކާވެސް ބޯދިއްކޮށް ވަގުވަގަށް އެތެރެ ބަލައިލިއެވެ.
މަރީނާ އޮތީ އަދިވެސް އެނދުމަތީގައެވެ. އަދިވެސް އުނުއޮރިޔާމުންނެވެ.
ކަޅި ވެސް ޖަހާނުލައި އެ މަންޒަރު ބަލަން ހުރެފައި ސައީރު ވަނީ އެތެރެއަށެވެ. އަދި މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އެ އަޑު މަރީނާ އަށް އިވުނެވެ. އެކަމަކު އޭނާ އެ އޮތީ އެއްވެސް އަޑެއް ނީވޭ ކަމަށް ހެދިގެންނެވެ. ސައީރު އަދި އެއަށް ވުރެ އެތެރެއަށް ވަންނަން ދެން މަޑުކޮށްލައިގެންނެވެ. – ފައިދިގުމަކުނު އޭގެ ޝިކާރަ އަށް އިންތިޒާރުކޮށް ކެތްކޮށްލައިގެން އޮންނަ ގޮތަށެވެ.



