"މަރީނާ މަރާލީ ސީދާ މަގޭ މި ދެ އަތުންނެވެ."

ސައީރަށް މަރީނާ އަބަދުވެސް ފެނުނީ ފައިދިގުމަކުނެއްގެ ސިފައިގައެވެ. ފައިދިގުމަކުނެއްގެ އުޅުމާއި މަކަރުވެރި ސިފަތަކެވެ. އަދި ސައީރަށް އަބަދުވެސް ގަބޫލުކުރެވުނީ ފައިދިގުމަކުނު އޭގެ އާއިލާ ހަލާކުކޮށް ނައްތާލާ ގޮތަށް މަރީނާ ވެސް އޭނާގެ އާއިލާ ހަލާކުކޮށް ނައްތާލާނެ ކަމަށެވެ. ހިތުގެ އެންމެ އަޑިން އެކަން ގަބޫލުކުރެވުނު ހިނދު އާހިރުގައި ކަންތައް ވެ ނިމިގެން ދިޔައީ ވެސް އެހެންނެވެ.

ބައްޕަ ނޫން އެހެން މީހަކު މަންމަގެ ކޮޓަރިއަށް ވައްދާތަން ސައީރަށް ފެނުން ވެގެން ދިޔައީ އޭނާގެ އެ ބިރުވެރި ހުވަފެން ހަގީގަތަށްވި ދުވަހެވެ. އެކަމަކު މަންމަގެ އެ ކޮޓަރިއަށް ވެއްދީ ހަމައެކަނި ހިލޭ ފިރިހެނުންނެއް ވެސް ނޫނެވެ. އެ ދާން މުޑުދާރުކުރީ ހިލޭ ފިރިހެނުންނާއި ހަލާލުނެތް މީހުން ވެސް ގޮވައިގެން ގޮހެވެ.

މަރީނާގެ އެ މުޑުދާރު ކޮޓަރީގައި ރުހާފަކީ ވެސް ވަލުތެރެއިން ނުކުމެގެން އައިސް ކޮޓަރިއަށް ވަން ފައިދިގުމަކުނާ އެއްވަރުގެ ސޫތްޕެއްކަން ސައީރަށް އެނގުނުއިރު އެ މަޅީގައި އޭނާ ވެސް ޖައްސައިފިއެވެ. ހަތަރެސްފައިގައި ވާތައް އޮޅައި ހިރިނުލެވެވޭ ވަރަށް ބަނދެލައިފިއެވެ. އެކަމަކު އެކަންވީ ރުހާފުގެ ހިތުގައި ސައީރަށް އިތުރު ހަސަދައެއް އުފެއްދި ކަމަކަށެވެ. ރުހާފަށް އަބަދުވެސް ދިން މަގާމާއި އަރާމު އޭނާގެ އަތުން ގެއްލިދާނެ ކަމުގެ ބިރަކަށް ނޫނެވެ. އެކަމަކު ސައީރަކީ އޭނާގެ އަސްލު ކޮއްކޮއެއް ނޫންކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. އެއީ މަރީނާގެ ކޮޓަރިއަށް ވަލުތެރެއިން އައިސް ވަން އެހެން ޖަނަވާރަކާ އެކުގައި ފައިދާކުރުވި ހަރާން އައުލާދެއްކަން ވަރަށް ރަނގަޅަށް އެނގޭތީއެވެ.

"ސައީރަށް މަންމަގެ އުނގާއި ބައްޕަގެ ހިޔާ ހަލާލެއް ނޫނެވެ"

ރުހާފަށް އަބަދުވެސް އެންމެ ހާއްސަވި މީހަކީ މަރީނާއެވެ. އަދި އެ މަންމައާ އެކު ސައީރަށް ނުފެންނަ މަންޒަރާއި އިހުސާސްތައް އެންމެ ފުރަތަމަ ތަޖުރިބާކުރި މީހަކީ ވެސް ރުހާފެވެ. އަނެއްކޮޅުން ރުހާފު އެ މަންމަ ބަލައިގަތީ އޭނާގެ ކިބައިގައިވީ ނޭއްދާރު ވިޔާނުދާ އުޅުމާ ވެސް އެކުގައެވެ. އެ އުނި ސިފަތަކާ އެކުގައި ވެސް ރުހާފަށް އަބަދުވެސް އެންމެ ކަމުދިޔަ މީހަކަށްވީ މަންމައެވެ. އެ މަންމަޔާ ދެކޮޅުވެރި ހިޔާލެއް ދުވަހަކުވެސް އޭނާގެ ބޮލު ތެރޭގައި އުފަންނުވި ސަބަބަކީ އެއީއެވެ. ނުވަތަ މަންމަ އެ ވަރަށް ހާއްސަވީ ބައްޕަގެ ލޯތްބާއި އަޅާލުމާއި ސަމާލުކަން ސައީރަށް ލިބުނު ވަރަށް އޭނާ އަށް ދުވަހަކުވެސް ނުލިބުމުން ކަމަށް ވެސް ވެދާނެއެވެ.

ދެން ތިބި އެހެން ދަރިންތައް އެކަމާ ފޫހިވެގެން އެމީހުންގެ ފޮށިތަންމަތި ބަނދެގެން، އެކަކު ފަހަތުން އަނެކަކު ގެއިން ނުކުމެގެން ދިޔައިރު ވެސް ރުހާފު ބޭނުންވީ މަންމަގެ އުނގުތެރޭގައި އޮންނާށެވެ. އެކަމަކު އަރާމުގެ އެ ދާނުން ހޭލަން އެންމެފަހުން އޭނާ އަށް ވެސް މަޖުބޫރުވީއެވެ. ބައްޕަ އަށް ވީގޮތަށް މަންމަ ވެސް އެންމެފަހުން ބަދަލުވާން ފެށީމައެވެ. ރުހާފަށްވުރެ މާ ގާތަށް އެންމެފަހުން ސައީރު ގެންދަން ފެށި ހިސާބުންނެވެ.

އިންތިހާ އަށް ލޯބިވީ މަންމަގެ އެ ނިންމުން ރުހާފުގެ ހިތުގައި ޖެހުނީ ބޭވަފާތެރި ތޫނު ކަށްޓެއްގެ ގޮތުގައެވެ. އެ ހިތް ކުދިކުދިވެ އެތިއެތިކޮޅުތަކަށް ބުރައިގެން ދިޔައީއެވެ. އެކަމަކު މަންމަ ބޭޒާރުކޮށްލަން ދެން ވެސް ބޭނުމެއް ނުވިއެވެ. ނަމަވެސް އެ ހިޔަލުން ނުކުމެގެން ދިޔައީއެވެ. ދުވަހަކުވެސް އެނބުރި ނާންނަން ވައުދުވެގެންނެވެ.

ނަމަވެސް އޭގެ މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އެނބުރި އަންނަން ޖެހުނީ ދޫކޮށްފައި ދިޔަ ހިޔަލަށެވެ. އެކަމަކު އެންމެ އަރާމުދިން ހިޔަލެއް އޭރަކު ނެތެވެ. އެއީ ލޯބިވީ މަންމަގެ ހަށިގަނޑު ކަށިކެޔޮވަލުން ފެނުނު ދުވަހެވެ. އެ ޚަބަރު ލިބުމުން އެންމެ ފުރަތަމަ ރުހާފު ހީކުރީ އެއީ ބައްޕަގެ އަނިޔާވެރި ކަމެއް ކަމަށެވެ. މަންމަގެ މުޑުދާރުކަން ބޭޒާރުވެ ބައްޕަގެ އަނިޔާވެރިކަން އިސްކޮށް ލޭ އޮހޮރުވާލީ ކަމަށެވެ. ވަކިން ހާއްސަކޮށް ރުހާފުގެ އެ ތުހުމަތުގެ އިނގިލި ބައްޕަ އަށް އަމާޒުވީ މަންމަ އަނބުރާ ގެނައުމުގެ ބާރު ލިބިހުރެމެ އެކަން އޭނާ ނުކުރުމުންނެވެ.

ހަރާފާއިންގެ ތެރެއިން އީސާފިކުރީ އަކީ އާދަޔާހިލާފު ބާރެއް ލިބިފައިވީ ފަރާތެކެވެ. ބައްޕަގެ އެ އާދަޔާހިލާފު ބާރު އެންމެ ގާތުން ދުށް އެކަކަކީ ވެސް ރުހާފެވެ. – ދުނިޔެ އަށް އުފަންވީއިރު މަރުވެފައި އޮތް އެންމެ ހަގު ކުއްޖާ އަލުން ދިރުވައި ފުރާނަ އެޅުވި ބާރަކީ އީސާފިކުރީއެވެ. ސައީރު ދެކެ ރުހާފު އެވަރަށް ރުޅި އަންނަ އަނެއް ސަބަބަކީ ވެސް މިއެވެ. – ހުރާފާއަކަށް ނުވެ އޭނާ ހުރާފާއަކަށް ހަދަން ބައްޕަ އަބަދުވެސް ބޭނުންވީތީއެވެ.

އެހެންކަމުން އެ ބައްޕަ، މަންމަ ސަލާމަތްނުކުރުމުން އެކަންވީ ރޯވެފައިވީ ހުޅުގަނޑު ފަޅައިގެން ދިޔަ ސަބަބަކަށެވެ. އަދި ބައްޕަގެ ހިތުގައި ސައީރަށް ދިން ހާއްސަކަމާއި ލޯބި ވެގެންދިޔައީ ދުވަހަކުވެސް ރުހާފަށް ހައްލުކުރަން ނޭނގުނު ގުޅުމަކަށެވެ.

"އެއީ ހަރާން އައުލާދެއްކަން ކަލެއަށް ނޭނގެނީ ހެއްޔެވެ؟"

"ހަރާން އައުލާދަކަށްޓައި އަމިއްލަ ލޭގެ ގުޅުން ވެސް ކަނޑާލީ ހެއްޔެވެ؟"

"ހަރާފާ ދަރިންނަކީ އަހަރެމެންނެވެ. ކަލޭގެ ލެޔަކީ އަހަރެމެންނެވެ."

"އެއީ ހަރާން އައުލާދެކެވެ."

އެކަމަކު ގަދަބާރުން ވެސް އީސާފިކުރީ ބޭނުންވީ އެންމެ ފަހުރުވެރި ހަރާފާއަކަށް ސައީރު ހަދާށެވެ. އެހެން ދަރިންގެ ކިބައިން ނުފެނުނު އެތައް ސިފައެއް އޭނާގެ ކިބައިން ފާޅުވީތީއެވެ. ޔޫނާނީ އިލްމާއި ފަންޑިތަ ސިހުރުގެ ކަޅު ފޮތުގައި ލިޔެފައިވީ އެތައް ސިފައެއް ސައީރުގެ ކިބައިން އޭނާ އަށް ފެނުނީމައެވެ. ހަރާފާއިންގެ ތެރެއިން ވެސް އަރައިހުރި މަތިވެރިވެގެންވީ ހަރާފާއެއްގެ ސިފަ ސައީރުގެ ކިބައިން އީސާފިކުރީ އަށް ފެނުނީމައެވެ. އަމިއްލަ ދަރިއެއް ނޫންކަން އެނގުނު ދުވަހު ވެސް އެ ހިތް ބަދަލުނުވީ އެހެންވެގެންނެވެ.

ސައީރު މި ބިމަށް އައި ގޮތާއި ފޮނުވުނު ސަބަބު އީސާފިކުރީ އަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ނުވަތަ އަމިއްލަ ދަރިއަކަށް ނުވިޔަސް އެ ހުރިހާ ޒިންމާއެއް ބޮލުއަޅައިގެން އުޅެން އޭނާ ރުހުނީ ވަކި ސަބަބަކަށް ތަބާވުމަށެވެ.

އެކަމަކު އޭނާ އަށް ވެސް ނޭނގުނީ ރަހުމްކުޑަ ގޮތަކަށް މަރީނާގެ ފުރާނަ ޖަހައިގަތް މީހެކެވެ. ފަހަރެއްގައި އެ އަނިޔާވެރިޔަކީ މަރީނާގެ ކޮޓަރިއަށް ވަގުވަގަށް ވަދެ އުޅުނު ހިލޭ ފިރިހެނުންގެ ތެރެއިން މީހެކެވެ. ނުވަތަ އެ ގާތިލަކީ މަރީނާގެ ބަނޑުގައި ސައީރުގަރުބަގެންނެވި ނުބައިވެގެންވީ ބާރެވެ. ސައީރުގެ ލެޔާ ގުޅިފައިވާ އާދަޔާހިލާފު ބާރެވެ. ނުވަތަ އޭނާގެ ބޮލަށްއަރައި މުޅި ހަށިގަނޑުގެ ބާރާއި އިހުތިޔާރާއި އިހުސާސްތަކަށް މަޑުމަޑުން ސަވާރުވަމުން އަންނަ އާދަޔާހިލާފު ބާރެވެ. – އީސާފިކުރީ ވެސް ކިޔަމަންކުރުވި އާދަޔާހިލާފު ބާރެވެ.

"މަންމަގެ ގާތިލަކީ މި ދެ އަތެވެ."

"ބައްޕަގެ ގާތިލަކީ ވެސް މި ދެ އަތެވެ."

ސައީރަށް އަނެއްކާވެސް ބޭއިހުތިޔާރުގައި ބަލައިލެވުނީ އޭނާގެ ދެ އަތަށެވެ. ނިޔަފަތިތަކުގައި ހެދިފައިވާ ލައްތަކަށެވެ.

"އެކަމަކު މިއީ ކޮން ނުބައި ކަމެއްގެ އަލާމާތެއް ހެއްޔެވެ؟"

އެ ސުވާލަކަށް ސައީރުގެ އަތުގައި އަދިވެސް ޖަވާބެއް ނެތެވެ. އޭނާގެ އިމަށް ހާޒިރުވެ، ކޮޓަރީގެ ކަނެއްގައި މަޑުކޮށްލައިގެން އެ ތިބަ ފަސް ބެއިންގެ އަތުގައި ވެސް އެއްވެސް ޖަވާބެއް ނެތެވެ. އެހެން ނޫނަސް އެމީހުންގެ މާ ބޮޑު ޝައުގުވެރިކަމެއް އަދި ހަމްދަރުދީއެއް ވެސް ސައީރުގެ ހާލާތަކަށް ނެތެވެ. އަމުދަކުން އީސާފިކުރީގެ މަރުގެ ފަހަތުގައިވީ ސިއްރެއް ހޯދުމަކަށް ވެސް މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.

އެ ފަސް ބެއިން އަނެއްކާވެސް ގެނެސް ބައްޕަގެ މި ހިޔަލަށް ވެއްދީ މާއްދީ ދަހިވެތިކަމާއި ތައައްސުބެވެ. ތަރިކަމުދަލެވެ. މާލިއްޔަތެވެ. ނުވަތަ އެމީހުން އައިސް އެ ތިބީ އީސާފިކުރީގެ މުދައުވެރިކަމަށް ސައީރުގެ އެއްވެސް ހައްގެއް، ބާރެއް ނެތް ވާހަކަ ދުނިޔެ އަށް ސާބިތުކޮށްދޭށެވެ. ކޮއްކޮއަކަށް ނުވެ އެމީހުންގެ ހިޔަލުގައި އަބަދުވެސް އެމީހުންނަށް ވުރެން ހާއްސަވި ކޮއްކޮގެ ކިބައިން ބަދަލު ހިފުމަށެވެ. ހަރާފާއަކަށް ނުވެ އަބަދުވެސް ހަރާފާއެއްގެ ދަރައިޖައި ބައްޕަގެ ޝައުގުވެރިކަން ހޯދި ކޮއްކޮގެ އަސްލު ސިފަ އާއި ސިއްރުތައް ބޭޒާރުކޮށްލުމަށެވެ.

އެކަމަކު އެމީހުން ވެސް ތިބީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. މަންމަގެ މަރަށް ފަހު ބައްޕަގެ މި ގޭގައި ސައީރަށް ހާއްސަވި މަގާމާއި ބާރުތައް ދޫކޮށްލާފައި ބައްޕަ އަށް ވެސް ފިލައިގެން އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތުންނެވެ. އަދި ބައްޕަގެ ޒަފުތުވެރިކަމާއި މުދައުވެރިކަމަށް ފުރަގަސްދީފައި ދިޔަ މީހަކު އެންމެފަހުން އަނެއްކާވެސް ހަމަ އެ އިމަށް އެނބުރި އައީތީއެވެ. ސައީރުގެ މި އެނބުރި އައުމަކީ ރުހާފާއި އޭނާގެ ހަގަށް ދެން ތިބި އެއްވެސް ބެއަކު ބޭނުންވި އެނބުރި އައުމެއް ނޫނެވެ.

ނަމަވެސް ސައީރު އެންމެ ފުރަތަމަ ހީކުރީ އޭނާ މި ގެއަށް އަނބުރާ ގެނުވި ބާރަކީ އެމީހުން ކަމަށެވެ. އަބަދުވެސް ބައްޕަގެ މުއްފަތުން ކައިގެން ބަނޑުފުރާލައިގެން ތިއްބަސް އެ މީހާ މަރުގެ ތުންފަތްމައްޗަށް ވެއްޓުމުން އެހީގެ އަތެއް ވެސް ދިއްކޮށްލަން ބޭނުންނުވި ފަސް ދަރިންގެ އަމިއްލައެދުމާއި ހުލްގެއް ނެތް ވިއާނުދާ ދިރިއުޅުން ކަމަށެވެ.

އެކަމަކު ސައީރަކަށް އެމީހުން ނުގުޅައެވެ. އަމުދަކުން މެސެޖެއް ވެސް ނުކުރެއެވެ. ބައްޕަ އަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓުކުރި ޚަބަރު އެމީހުން ތިބީ ހިތުން ސައީރަށް ސިއްރު ވެސްކޮށްގެންނެވެ. ސައީރަށް އެ ޚަބަރު ލިބުނު ގޮތެއް އެމީހުންނަކަށް ނުވެސް އެނގެއެވެ. އަދި ވަކިން ހާއްސަކޮށް ސައީރުގެ ހިތް ބަދަލުވި ގޮތެވެ. ޚުދު ސައީރަށް ވެސް ނޭނގޭ އަސްލަކީ އެއެވެ.

އެކަމަކު ވަންހަނާވެގެންވީ، ގޮތް ނޭނގޭ ބާރަކުން އެ ވަނީ އެންމެފަހުން އީސާފިކުރީގެ ހަ ދަރިން އަލުން އެއްތަންކޮށްފައެވެ. އެނދުގައި އޮތް ސައީރުއާ ވަކިން، އޭނާއާ ދުރުގައި، ކޮޓަރީގެ ކުޑަދޮރު ކައިރީގައި ސައްލާއެއްގައި ތިބި ފަސް ބެއިން އެކުގައި އެނބުރި ބަލައިލީ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ނަރުސް އަންހެން ކުއްޖާއާ ދިމާލަށެވެ. އެއީ ސައީރު ގެއަށް ބަދަލުކުރި ފަހުން އޭނާގެ ފަރުވާގެ ހުރިހާ ކަމަކާ ހަވާލު އިސްކޮށް ހަރަކާތްތެރިވާ ނަރުހެވެ.

އޭނާ ގޮސް ސައީރު ކައިރިއަށް މަޑުކޮށްލުމުން އެ މަންޒަރު ބަލަން ތިބެފައި ރުހާފު އާއި އޭނާގެ ކޮއްކޮމެން ކުއްލިއަކަށް ބަދަލުވީ ނާގަހަރުފަތަކަކަށެވެ. އަދި ބިންމަތިން ދެމިގެން ގޮސް އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެ މަންޒަރު ބަލަން ދެ ލޯ ބޮޑުކޮށްގެން އޮތް ސައީރަށް ދެން ފެނުނީ ޑޮކްޓަރަކާއި އިތުރު ނަރުހަކު އެތެރެއަށް ވަދެގެން އައިތަނެވެ.

އޭގެ ހަފުތާއެއްހާ ފަހުން ފަސް ބެއިންނާ އަނެއްކާވެސް ބައްދަލުވީ ކޯޓުންނެވެ. އަނގައިން ވެސް ނުބުންޏެވެ. ހީވެސް ނުލައެވެ. އަދި ދުވަހަކުވެސް އޭނާ އަށް ހެވެއް އެދުނު ބައެއް ނޫނެވެ. މިއަދު ވެސް އައިސް އެ ތިބީ އެއްވެސް ހެވެއް އެދިގެނެއް ނޫނެވެ. ބައްޕަގެ ވަސިއްޔަތުގައި އެމީހުންނަށް ކަނޑައަޅާފައިވާ މިންވަރަށް ދަހިވެތިވެގެންނެވެ.

މަންމަ އާއި ބައްޕަގެ ކޮޓަރި ތެރެއިން ސައީރަށް ފެނުނު ސިއްކަޖެހި ސިޓީ އަކީ ތަރިކައިގެ ވަސިއްޔަތެވެ. އެ ސިޓީ މިހާރު އެ އޮތީ އިސް ގާޒީގެ އަތްޕުޅުގައެވެ.

އީސާފިކުރީގެ އެންމެ ދޮށީ ފަސް ދަރިން މާލުންކަނޑައި ބާކީކޮށް އޭނާގެ ނަމުގައިވީ ހުރިހާ ބިމަކާއި މުދަލަކާއި ވިޔަފާރިއަކާއި ފައިސާއެއް ހިބައިން ދީފައި އޮތީ ސައީރަށެވެ. އޭނާގެ އަސްލު ދަރިއަކަށް ދުވަހަކުވެސް ނުވި އެކަމަކު އަބަދުވެސް އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަނެވުނު އައުލާދަށެވެ. ހިތްފުރޭ ކަހަލަ ސިފަ އަކާއި ހިތްރުހޭ ކަހަލަ އުޅުމެއް އަދި އެންމެ ދެކެން ބޭނުންވި ބާރުތަކެއްގެ ވެރިޔަކަށް ދުވަހަކުވެސް ނުވި އައުލާދަށެވެ. އަދި އެ މުދައުވެރިކަމާއި އެ ބައްޕަގެ އާރާބާރަށް އެއްވެސް ޝައުގުވެރިކަމެއް ނެތް، ހިތުގައި އެއްވެސް ލޯތްބެއް ނެތް ހަމައެކަނި އައުލާދަށެވެ.

ތަލިން ކުޅު ހިކި އަނެއް ފަސް ބެއިންނަށް ތިބެވުނީ ކިޔާނެ އެއްޗެއް ނޭނގި ހަނދާނެ ގޮތެއް ނޭނގިފައެވެ. އެމީހުންނަށް ދުވަހަކުވެސް ޖަވާބު ނުލިބުނު ސުވާލަށް އަނެއްކާވެސް އިތުރުވީ ސުވާލެކެވެ.

ފަސް ބެއިންނަށް އެކުގައި ބަލައިލެވުނީ ސައީރުގެ މޫނަށެވެ. އޭނާ އިނީ އިސްޖަހާލައިގެންނެވެ. އެ ފަސް ބެއިންގެ މޫނުމަތީގައިވީ ކުލަ އާއި ހިތުގައި އަނދަމުންދާ އަލިފާންގަނޑު ލޮލަށް ނުފެނުނަސް އެ ހުރިހާ އިހުސާސެއްގެ ދިލަ ހޫނުން ފިހޭހާ ގާތުގައެވެ. އެކަމަކު އެއީ އެމީހުންގެ އެންމެ ފަހު ބައްދަލުވުމެވެ. – އެމީހުން އައީ ވެސް ރުހިގެނެއް ނޫނެވެ. އަދި ދިޔައީ ވެސް ރުހިގެނެއް ނޫނެވެ. ހަސަދައިން ފޯވެ، ނުބައި ރޭވުންތައް ރާވަމުން ގޮށްގޮށަށް ފުމެމުންނެވެ.

ސައީރު އަނެއްކާވެސް އެނބުރި ދިޔައީ އޭނާގެ ބައްޕަގެ ގެއަށެވެ. އެކަމަކު މިހާރު އެއީ އޭނާގެ އަމިއްލަ ގެއެކެވެ. އަމިއްލަ ބިމެވެ. ބައްޕަގެ ކަންނެލި ދޯނިތަކާއި ދެ ފިހާރަ ވެސް އޭނާއަށެވެ. ގެސްޓުހައުސް އާއި ރެސްޓޯރަންޓް ވެސް އޭނާއަށެވެ. އަދި އެ މާލުވެރިކަމުގެ ތެރޭގައި ހިތަކަށްބިތަކަށްތެޅުނަސް އެކަމަށް އެއްޗެއް ބުނާނެ މީހަކު ވެސް މިހާރަކު ނެތެވެ.

"އެކަމަކު މިއީ އަހަރެން ދުވަހަކުވެސް ބޭނުންވި މުދައުވެރިކަމެއް ނޫނެވެ"

"ބައްޕަގެ މި ހުރިހާ މުދާވެރިކަމެއް އަހަންނަށް ލިބުމުގެ ހިކުމަތަކީ ކޮބައި ހެއްޔެވެ؟"

"މިއީ އަހަރެންގެ ނަސީބު ހެއްޔެވެ؟"

"ނުވަތަ ބަދުނަސީބެއްގެ ފެށުން ހެއްޔެވެ؟"

"ނުބައިވެގެންވީ ސުންޕާވެރިކަމެއް ހެއްޔެވެ؟"

ހުވަފެނެއްގައި ސައީރަށް އެންމެ ފުރަތަމަ ފެންނަން ފެށީ ހަ ބެއިން، ސަންދޯކެއް ހިފައިގެންދާ މަންޒަރެވެ. ސަންދޯކުން އޮހޮރެމުން ދިޔަ ލެއިން ތަތްތެޅިފައިވީ ހާލުގައެވެ. އެ ސަންދޯއް ހިފައިގެން ގޮސް އެމީހުން އެއްލައިލަނީ ސައީރު ކޮންނަމުން ދިޔަ ވަޅުގަނޑަކަށެވެ. އެއީ ޚަޒާނާއެއް ވަޅުލެވިފައިވާ ބިމެކެވެ.

ސަންދޯއް އެ ވަޅުގަނޑުގެ ތެރެއަށް އެއްލައިލުމުން ޚަޒާނާ އެއާ އެކުގައި ގެއްލުނީއެވެ. އަދި އެ ހުވަފެނުން ކޮންމެ ފަހަރަކުވެސް ހޭލެވެނީ އެ ޚަޒާނާގައި އަތްނުލެވި އަދި ސަންދޯކުގައި އޮތް ގަބުރެއްގެ މޫނު ވެސް ނުފެނިއެވެ. އެކަމަކު އީސާފިކުރީގެ މަރަށް ސާޅީސްވީއިރު ސައީރު ބަދަލުވެފައި އެ ވަނީ އައްޑޫއަތޮޅުގައި ވެސް ނެތް ވަރުގެ ބޮޑު ފައިސާވެރިޔަކަށެވެ. މުދައުވެރިޔަކަށެވެ.

"އެއީ ބައްޕަގެ ގަބުރު ހެއްޔެވެ؟"

"މި ގެއަކީ އަހަރެންގެ ޚަޒާނާ ހެއްޔެވެ؟"

މީގެ ދެ ތިން މަސް ކުރިން އޭނާ އަކީ ބައްޕަގެ މި ހުރިހާ ތަނަވަސްކަމެއްގައި ކޮޅުފައިން ޖަހާފައި ގޮސް އެކަނިމާއެކަނި މާލޭގައި ކުއްޔަށް ދިރިއުޅެމުން ދިޔަ ޒުވާނެކެވެ. ރައްޓެހި ރަހުމަތްތެރިޔަކު ނެތް، އަމިއްލަ ގެއެއް ގެދޮރެއް އަދި ވަޒީފާއެއް ވެސް ނެތް މީހެކެވެ.

ނަމަވެސް މިއަދު ސައީރުގެ އަތުގައި ނެތީ ކޯއްޗެއް ހެއްޔެވެ؟ އަދިވެސް އެންމެ ބޭނުންވީ ޖަވާބެވެ.

"މި ހުރިހާ މުދާވެރިކަމެއް މަށަށް ހިތަކަށް ލިބުމުގެ ހިކުމަތަކީ ކޮބައި ހެއްޔެވެ؟"

ސައީރު ސިނގިރޭޓެއް ތުނބުގައި ޖަހައި ރޯކޮށްލިއެވެ. އޭނާ މަޑުކޮށްލައިގެން ހުރީ މެދުގޯތީގައި ހެދިފައި ހުރި ޖަމްބުގަހެއްގެ ހިޔަލުގައެވެ. އެ ގޯތީގައި މިހާރު ގެއެއް ނެތެވެ. އީސާފިކުރީގެ މުސްކުޅި ގެ އެ ވަނީ ބިމާ ހަމަކޮށްލެވިފައެވެ. ބައްޕަގެ މުސްކުޅި ގެ ތަޅާލީ ހިތަށް ފިނިކަމެއް ހޯދަންވެގެންނެވެ. ހިތަށް ފިނިކަމެއް ލިބޭނެ ކަމަށް ހީކޮށެވެ. އެކަމަކު ޖަމްބުގަހުގެ އެ ފިނި ހިޔަލުގައި ވެސް ހިތަށް އަދިވެސް ވަނީ ތުރާލެކެވެ.

ތަޅައި ބިމާހަމަކޮށްލި ގެ ކުދިކުދިކޮށްލައިގެން ޕިކަޕުތަކަށް ބަރުކޮށްލައިގެން ގެންގޮސް ނިމިއްޖެއެވެ. އެތަން ސާފުކޮށް ބިންގަނޑު ކޮންނަމުން އެ ދަނީ އެ ބިމުގައި އައު ގެއެއް އެޅުމަކަށް ނޫނެވެ. ހުވަފެނުގައި ސައީރަށް އަބަދުވެސް ފެނުނު ޚަޒާނާގެ ބިމަކީ ބައްޕަގެ މި ގޯތި ކަމަށް އޭނާ އެންމެފަހުން ގަބޫލުކުރެވިގެންނެވެ. އޭނާ އަށް ޖަވާބު ނުލިބުނު ސުވާލުތަކުގެ ހުރިހާ ޖަވާބެއް ވަޅުލެވި ފޮރުވިފައިވާ ބިމަކީ މިއީ ކަމަށް އޭނާ އަށް އެންމެފަހުން ގަބޫލުކުރެވިގެންނެވެ.

ބޮމުން ގެންދިޔަ ސިނގިރޭޓު އެއްލާލާފައި ހަރު ފިޔަވަޅުތަކެއް ޖަހަމުން ސައީރު ގޯތިތެރެއާ ދިމާލަށް ދުއްވައިގަތީ އެތަން ކޮންނަން ތިބި މީހުންތައް ހަޅޭފަޅޭޖަހައިގަތުމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނާއަޅައި ގޮވަން ފެށުމުންނެވެ. ހީވަނީ ބިންގަނޑު ތެރެއިން ބިރެއް ފައުޅުވެގެން އުޅޭހެންނެވެ.  

ވަޅުގަނޑު ތެރެއިން ފެނުނު މަންޒަރާއެކު ސައީރު ވެސް އެރީ ހުއްޓުމެވެ. ރަތްދަކަ އަވީގެ ދޯދިތަކާ އެކު ވަޅުގަނޑު ތެރެއިން އުފައްދަމުން އަރުވަމުން ދިޔަ ދަޅައިގައި ޖެހި އެންމެން ވެސް ހުއްޓުން އަރާފައި ތިބިގޮތަށެވެ. އެއަށް ފަހު ސައީރަށް ވެސް ހުރެވުނީ ކިޔާނެއް އެއްޗެއް ނޭނގިފައެވެ. ހަދާނެ ގޮތެއް ވެސް ނޭނގިފައެވެ. ވަޅުގަނޑު ތެރެއިން އަރަމުން ދިޔަ ދަޅައަށް ހަމަ ރަނގަޅަށް ހެއްލިފައެވެ.

އެއީ ރަނުގެ ބޮޑު ހަޒާނާއެކެވެ. ރަން ފައިސާ ފޮތްޗެވެ. ގުނައި އަދަދުކުރަން ނޭނގޭ ވަރަށެވެ. ނަމަވެސް މި ހަޒާނާއާ ދިމާލަށް ދުއްވައިގަންނާކަށް ހަމަ އެކަކަށް ވެސް ނުކެރުނެވެ. ދަޅައިން ހަނާ އަޅަމުން ދިޔަޔަސް އެތަނުގައި އަދި އެހެން ބާރެއް ވެސް އޮތީމައެވެ. އެ ރަންފޮތިތަކުގެ ތެރެއިން ދެމެމުން ހިސް އަޑު ލައްވަމުން ބަނޑިބަނޑި ލައްވަމުން ދިޔަ ފަލަ ނާގަ ހަރުފައަށް ބިރުންނެވެ. އެއީ އާންމުކޮށް ފެންނަ ބިރުވެރި ހުވަފެންތަކުގައި ވެސް ސައީރަށް ނުފެންނަހާ ބޮޑު ހަރުފައެކެވެ. އަދި މިއީ އަމުދަކުން ހުވަފެނެއް ވެސް ނޫނެވެ.

ސައީރު އާއި އޭނާގެ ފަހަތުގައި ތިބި މީހުންނާ ދިމާލަށް ބަލަހައްޓައިގެން އޮވެފައި ކުއްލިއަކަށް އެނބުރިގެން ގޮސް ވަޅުގަނޑު ތެރޭގައި ހެދިފައި ހުރި ހޮރަކަށް ދެމިގަތެވެ. ހޮރު ތެރެއަށް ވަދެ ހަރުފަ ގެއްލުމުން ވެސް އެމީހުންގެ ތެރެއިން އެކަކަށް ވެސް އެ ވަޅުގަނޑަށް ފައިބާކަށް ނުކެރުނެވެ. އަދި މުޅި އެ ތަރަހައްދު ކޮނެގެން ވެސް ހަރުފަ އަލުން ލޮލަކަށް ދައްކައެއް ނުލިއެވެ.

އިރުއޮއްސުމުން ރަންފޮތިތައް ބަސްތާތަކަށް ބަރުކޮށް ޕިކަޕެއްގައި ގެންދިޔައީ އީސާ ފިކުރީގެ ވިޔަފާރި މުދަލަށް ހާއްސަ ގުދަނަކަށެވެ. އަދި މި ހުރިހާ ކަމެއް ވެސް ކުރެވުނީ ސިއްރިޔާތުގައެވެ. ހަޒާނާގެ ވާހަކަ ގޯތިން ބޭރަށް އަދި އަމުދުން ރަށު ތެރެއަށް ފެތުރިގެން ދާކަށް ވެސް ސައީރު ބޭނުމެއް ނުވިއެވެ. އެކަން ކަށަވަރުކުރީ އަލަށް ލިބުނު ތަނަވަސްކަމާއި ފައިސާ އާއި މުދަލުންނެވެ. މާއްދީ ތައައްސުބަށް ދަހިވެތިވާ މީހަކު ގަނެލުމަކީ ފެންމެޓައެއް ވަރުގެ ކަމެއް ނޫން ހެއްޔެވެ.

އެކަމަކު އެވަރުގެ ބޮޑު ހަޒާނާއެއް މީހަކު ފޮރުވާނީ ކިހިނެއް ހެއްޔެވެ؟ އަދި އެކަން ބަޔަކަށް ސިއްރު ކުރެވޭނީ ވެސް ކިހިނެތް ހެއްޔެވެ؟

ބަސްތާތަކުގައި ބަންދުކޮށް ގުދަނުގައި ފޮރުވި ހަޒާނާ އަށް ހަދާނެ ގޮތަކާ މެދު ފިކުރު ބޮޑުވެފައި ހުރި ސައީރުގެ ހިތާއި ސިކުނޑި ބިރުވެރިކަމާއި ޝައްކާއި ވަހުމުން ފުރި ބޮކިޖަހައިގަތީ ކޮންމެވެސް މީހަކު އޭނާގެ ބޯކޮޅުބަލަމުން އަންނަކަން އިހުސާސުވި ހިސާބުންނެވެ. އެކަމަކު އެއީ އޭނާ އަށް ލިބިފައިވީ މުދައުވެރިކަމާއި ބާރާއި ނުފޫޒަށް ވެސް ނުފެންނަ ޒާތެއްގެ ބާރެކެވެ.

މީހަކު އަބަދުވެސް ފަހަތުން އަންނަހެން ހީވިޔަސް އެމީހަކު އޭނާގެ ލޮލަކަށް ނުފެނެއެވެ.

މި ހުރިހާ ނުތަނަވަސްކަމެއްގެ ތެރޭގައި ފިތި ހާސްވެގަތް ހިނދު ސައީރުގެ ހަނދާނަށް އައީ ބައްޕަގެ ސިއްރުތައް ފޮރުވާފައިވީ ވަތްގަނޑުގެ ތެރެއިން ފެނުނު ކަޅުފޮތެވެ.

"އަނެއްކާ މި ހުރިހާ މުސީބާތްތަކެއްގެ އަސްލު ގުޅިފައި ވަނީ އެ ފޮތާ ހެއްޔެވެ؟"

"އަހަރެން މިއީ ކާކު ހެއްޔެވެ؟"

ސައީރަށް ބަލައިލެވުނީ އޭނާގެ ދެ އަތަށެވެ. ކަޅު ލައް ޖެހި ނިޔަފަތިތަކަށެވެ. އެއަށް ފަހު ހަރުކޮށް ހެލިގަތެވެ. އޭނާ ގޮސް ވަނީ ތަޅާލި ގެއިން ނެރެގެން ގެނައި ހުރިހާ އެއްޗެއްހެން އެތަނެއްގައި ފުނިފުންޏަށް ޖަހައި ރައްކާކޮށްފައިވީ ގުދަނަށެވެ. ފަންޑިތަ ސިހުރުގެ ކަޅުފޮތް ވެސް އެތަނުގައި އޮތްކަން ޔަގީންވާތީއެވެ.